ސަރުކާރުގެ އަމާޒަކީ 'ސުޕަރ މެޖޯރިޓީ' ބޭނުންކޮށްގެން ރައްޔިތުންނަށް ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށް ދިނުން

Loading

Facebook
Twitter
WhatsApp

ސަރުކާރުގެ އަމާޒަކީ، ރައްޔިތުންގެ މަޖިލިސް އިންތިޚާބުން ލިބުނު ’ސުޕަރ މެޖޯރިޓީ‘ ބޭނުންކޮށްގެން ރައްޔިތުންނަށް އެ ބޭނުންވާ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި، އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމު ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

ހީނާ މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލު ކުރެއްވުމުގައި ނޫސްވެރިއެއް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރެއްވުމަށާއި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ގޮތުން މިއަދު ރައީސް އޮފީހުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވަނީ މި ސަރުކާރުން ’ސުޕަރ މެޖޯރިޓީ‘ ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

 އަދި ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އާމްދަނީ އިތުރުކޮށް، އިޤްތިޞާދީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މި ޤައުމަށް ތަރައްޤީ ގެނައުން ކަމުގައި ހީނާ ވިދާޅުވިއެވެ. 

މިވަގުތަށް ރައްޔިތުންގެ ކަންބޮޑުވުން އެންމެ ފާހަގަކުރެވޭ ދާއިރާއަކީ ރަމަޟާން މަހުގެ ކަރަންޓް ބިލު ބޮޑުވުންކަން ފާހަގަކުރައްވައި ހީނާ ވަނީ ފެނަކަ އޮފީހާއި ސެޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުންނާ ސުވާލުކުރެއްވުމަށް ނޫސްވެރިންނަށް ފުރުޞަތު ދެއްވާފައެވެ.

އެގޮތުން ފެނަކަ އާއި ސެޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުން ވަކިވަކީން ވަނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ކަރަންޓް ބިލުތަކުން ރައްޔިތުންނަށް ލުއި ދެއްވުމަށް ސަރުކާރުން ޑިސްކައުންޓް ދެއްވާފައިވާ ގޮތުގެ ތަފްޞީލީ މަޢުލޫމާތު ފެނަކަ އާއި ސެޓެލްކޯގެ ފަރާތުން ނޫސްވެރިންނާ ޙިއްޞާކުރެއްވިއެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވަނީ ސަރުކާރުގެ އެކި މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ހަމަ އެހެންމެ މިފަދަ ނޫސްވެރިންގެ ބައްދަލުވުމެއް މަދުވެގެން ކޮންމެ ހަފުތާއަކު އެއްފަހަރު ބޭއްވެވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ހީނާ ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް