އީރާނުން އިސްރާއީލަށް ދިން ޙަމަލާ އެވަރަށްވެސްފޭލިކޮށްލެވުނީ އެމެރިކާއަށް އެހީތެރިވެ ދިން މެދުއިރުމަތީގެ ބައިވެރިންގެ މަދަދާއި އެކުގައިކަން ބައިޑްން ސަރުކާރުން ހާމަކޮށްފިއެވެ.
މި އެއްބައިވުންތަކަށް ކިހާދުވަހަކު ދެމިއޮންނާނެކަން ޔަގީން ވާނީ އިސްރާއީލުން އީރާނަށް ދޭ ރައްދު ޙަމަލާއެއްގެ ފެންވަރުގެ މައްޗަށެވެ. އީރާނުގެ ޙަމަލާގައި ބައިވެރިވި ޖޯރޑަން އާއި އެމިރޭޓްސް އަދި ސަޢޫދީ އެރޭބިޔާގެ ރައްޔިތުންތިބީ އެ ގައުމުތަކުގެ ވެރިންނާއި އެކުގައި ކަމަށް ބުނެވޭކަށް ނެތެވެ.
އަލް ގުދުސް ސެންޓަރ ފޯރ ޕޮލިޓިކަލް ސްޓަޑީޒްގެ ޑިރެކްޓަރ އުރައިބް އަލް ރަންތާވީ ވިދާޅުވެފައިވަނީ ބުނެވިދިޔަ އަރަބި ގައުމުތައް މިހާރު އޮތީ ވަރަށް ކްރިޓިކަލް ޙާލަތެއްގައެވެ.
މެދުއިރުމަތީގެ މިއަދުގެ ޙާލަތުގައި އެ ގައުމުތަކުން އަދި ވަކިން ޚާއްސަކޮށް ޖޯރޑްން އިން އެމެރިކާ ނުރުހޭ ގޮތަކަށް އެހެންފަރާތަކަށް ބުރަވުމަކީ އުދަނގޫ ކަމެކެވެ. ޖިއޯ ޕޮލިޓިކަލް ނަޒަރިއްޔާތުން ބަލާއިރު އިސްރާއީލާއި އީރާނަކީމެދުއިރުމަތީގެ ހުރިހާ ދެކޮޅުވެރިކަމުގެ އަސްލުކަމުގައި ބަލައެވެ.
އެހެންވީމާ ވަކިފަރާތަކަށް ބުރަވުން ޖޯރޑްން އަށް ވަރަށް އުދަނގޫ ވާނެއެވެ. މިހާރުވެސް އިގްތިސާދީ ގޮތުންނާއި ސިޔާސީގޮތުން ޖޯރޑްން އޮތީ އިސްރާއީލާއި އެމެރިކާއާއި ދުރު ވެވޭ ޙާލަތެއް ގައެއް ނޫނެވެ. ރަސްގެފާނުގެ ރަސްކަމުގެ ސަލާމަތްލިބިދޭ މަދަދުގާރަކީ އެދެބައިމީހުންނެވެ.
ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކާރބީ ހޯމަދުވަހު އެމް އެސް އެން ބީ ސީ އަށް ކިޔާދީފައިވަނީ އެމެރިކާއާއި އިނގިރޭސި ވިލާތާއި އިސްރާއީލް އަދި ޖޯރޑްންގެ ބައިވެރިވުމާއި އެކު އީރާނުން ދިން ޙަމަލާތައް ފޭލިކޮށްލުމަކީ މި ސަރަޙައްދުގައި އީރާނާއި އިސްރާއީލުގެ މަގާމު ދެނެގަތުމުގައި ލިބުނު ވަރަށްބޮޑު ކާމިޔާބީއެކެވެ. އޭނާ ބުނިގޮތުގައި ޙަގީގަތުގައި ފެނިގެން މިދިޔައީ އީރާނު އަދިވެސް ބޮޑަށް ސަރަހައްދުގައި އެކަހެރިވެގެން ދިޔަ ތަނެވެ.
އެމެރިކާއިން މިގޮތަށް ވާހަކަތައް ހާމަކުރަމުން ގެންދިޔަ ކަމުގައިވިޔަސް މެދުއިރުމަތީގެ އެ ގައުމުތަކުން ފެންނަނީ ހަމަހިމޭނުން ތިބޭ ތަނެވެ. މިދިޔަ ހޯމަ ދުވަހު ޖޯރޑްންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ޖޯރޑްންގެ ރަސްމީ ޓީ ވީ ގައި ވިދާޅު ވެފައިވަނީ ޖޯރޑްންއިން އެ ގައުމުގެ ވައިގެ ސަރަހައްދު އެއީ އިސްރާއީލުން ކަމަށް ވިޔަސް ދިފާއު ކުރާނެ ކަމަށެވެ.
މިއީ މިހާތަނަށް ޖޯރޑްންގެ ރަސްމީ ފަރާތަކުން މީޑިއާއަށް ދީފައިވާ ހަމައެކަނި ބަޔާނެވެ. ޖޯރޑްން އިން އިސްރާއީލަށް މަދަދު ކުރުމުގެ އަސްލު އެނގިގެންދާނީ އިސްރާއީލުން އީރާނާއި ހަނގުރާމައެއް ފެށިގެންދިއުމުންނެވެ.
އީރާނުދިން ޙަމަލާގައި އިސްރާއީލަށް މަދަދު ފޯރުކޮށްދީ އެ ޙަމަލާތައް ފޭލިކޮށްލުމުގައި އެހީތެރިވެ ދިން 3 އަރަބި ގައުމުތަކުގެ ތެރެއިން ޖޯރޑްން އަކީ އިސްރާއީލާއެކު ބޯޑަރ ޙިއްސާކުރާ ހަމައެކަނި ގައުމެވެ.
މެދުއިރުމަތީގައި މިހާރު އެއްފަރާތަށް ޖެހެމުންދާ ގައުމުތަކަށް ބަލާއިރު އެމެރިކާގެ ބައިވެރިންގެ ގޮތުގައި އީރާނާއި ގުޅޭ ޖަސޫސީ މަޢުލޫމާތުތައް ފޯރުކޮށް ދިނުމުގައި ބައިވެރި ވެފައިވަނީ ސަޢޫދީ އެރޭބިޔާއާއި އެމިރޭޓްސް ކަމަށް ވޯލްސްޓްރީޓް ޖާނަލުން ބުނެފައި ވެއެވެ.
މީގެ 4 އަހަރުކުރިން އެމިރޭޓްސް އިން ވަނީ އިސްރާއީލާއެކު ސިޔާސީ ގުޅުން ގާއިމް ކޮށްފައެވެ.
މިދިޔަ އަހަރު އޮކްޓޯބަރ 7 ވަނަ ދުވަހު ޙަމާސް އިން އިސްރާއީލަށް ކުއްލިއަކަށް އަރައިގަތް އިރު ސަޢޫދީ އެރޭބިޔާއިން އޮތީ އިސްރާއީލާއެކު ސިޔާސީ ގުޅުން ގާއިމް ކުރުމުގެ މަގުމަތީ ގައެވެ.
ތެލުގެ މުއްސަދިކަން ލިބިފައިވީނަމަވެސް ސަޢޫދީ އެރޭބިޔާއާއި އެމިރޭޓްސް އަކީ ހުޅަނގުގެ މަދަދަށް ވަރަށްބޮޑަށް ބަރޯސާ ވަމުން ގެންދާ 2 ގައުމު ކަމަށް އިންޓަރނޭޝަނަލް ކްރައިސިސް ގްރޫޕުގެ އިސް މުޙައްލިލް ތަހާނީ މުސްތަފާ ވަނީ ވިދާޅުވެފާވެއެވެ. އޭނާ ވިދާޅުވެފައިވަނީ ސަޢޫދީ އެރޭބިޔާއިން ބޭނުންވަނީ އެމެރިކާއާއި އެކު ސެކިއުރިޓީ ޕެކްޓެއް ގާއިމް ކުރާށެވެ. އަދި އެމެރިކާގެ ރުހުމުގެ ލިސްޓްގައި ހިމެނިފާއޮތުމަށް ސަޢޫދީ އެރޭބިޔާއިން ބޭނުން ވެއެވެ.
ޖޯރޑްން އިން ވަނީ 2021 ވަނަ އަހަރު އެމެރިކާއާއި އެކު ދިފާއީ އެއްބަސް ވުމަކަށް އައިސް ފައެވެ. އެ އެއްބަސް ވުމުގައިވާ ފަދައިން ޖޯރޑްންގެ އެއްގަމާއި ވައިގެ އެންމެހާސަރަޙައްދުތައް އެމެރިކާއިން މިނިވަން ކަމާއިއެކު ބޭނުން ކުރެވިދާނެއެވެ.
އެހެންނަމަވެސް އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމަ ހުއްޓާލާފައި ސުލްޙަވެރި ކަމާއެކު މައްސަލަ ޙައްލުކުރަން އެންމެ ގިނައިން ގޮވާލަމުންގެންދާ އަރަބި ގައުމަކީވެސްޖޯރޑްން އެވެ.
އަދި އިޙްތިޖާޖު ކުރުމުގެ ގޮތުން އިސްރާއީލުގައި ހުންނަ ޖޯރޑްންގެ ސަފީރު އަނބުރާ ގެނައި ހަމައެކަނި އަރަބި ގައުމަކީވެސް ޖޯރޑްން އެވެ. އިސްރާޢީލަށް މަދަދުދެމުން ގެންދިޔަނަމަވެސް ގައްޒާއަށް އިންސާނީ އެހީފޯރުކޮށްދިނުމުގައި އެންމެ އިސްދައުރެއްވެސް އަދާކުރަމުންގެންދާ ގައުމަކީވެސް ޖޯރޑްން އެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ދެބައިކުޅަ އެއްބައި ދިރިއުޅެމުން ގެންދަނީ ޖޯރޑްން ގައެވެ. އެކަމަކު އަރަބި ގައުމަކުން އިސްރާއީލާއެކު އެންމެ ފުރަތަމަ ސިޔާސީ ގުޅުން އުފެއްދީވެސް ޖޯރޑްން އިންނެވެ. ޖޯރޑްންގެ ބިމުގެ ވަށައިގެން ތިބީ އެމެރިކާ އިނގިރޭސި ވިލާތް އަދި ފަރަންސޭސި ވިލާތުގެ މިލިޓްރީ ބޭސްތަކެވެ. އެ ގައުމުތަކުގެ މަދަދާއި އެހީ އާއި ނުލައި ޖޯރޑްންގެ ރައްޔިތުންނަށް ކާންބޯން ދެވޭނެގޮތެއްވެސް ނޯންނާނެ މިންވަރަށް އެގައުމު އޮތީ އެ ކުށްފާރުންގެ އަތްދަށުވެފައެވެ.
އިންޓަރނޭޝަނަލް ކްރައިސިސް ގްރޫޕުގެ އިސް މުޙައްލިލު ތަހާނީ މުސްތަފާ ވިދާޅުވަނީ ފަލަސްތީނުގެ ރެފިއުޖީން ގެންނަން ޖޯރޑްން އިން ބޭނުން ވިޔަސް އޭރުންޖޯރޑްނައަކީ ޑި ފެކްޓޯ ފަލަސްތީނަކަށް ވެދާނެ ކަމުގެ ބިރު ދައްކައިގެން އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގެ ކަނާތު ފިޔައިގެ މެމެބަރުންގެ ކޮށްޕުންތަކާހުރެ ޖޯރޑްންއަށް އެކަން ކުރެވޭކަށްވެސް ނެތެވެ.
ތެދުތެދަށް ބުނާނަމަ ކުރިން ބުނެވުނު ތިން ގައުމަކީ އިސްރާއީލުގެ ފައިސަލާ ތަންފީޒުކުރުމަށް ޓަކައި ޖޯރޑްން ވަށާލައިގެނ ތިބި ގައުމުތަކެކެވެ.
ބައެއް މިނިވަން ފިކުރުގެ ބޭފުޅުންގެ ފާޑުކިއުންތަކުގައި ޖޯރޑްންގެ މިއަދުގެ ޙާލަތަށް ބުރަވެ ތިބެ ހާމަކުރަމުންގެންދަނީ ޖޯރޑްންގެ ޝާހީ އާއިލާއަކީ ޖޯރޑްއަށް ނިސްބަތްކުރެވޭ ބައެއްވެސް ނޫން ކަމަށާއި އެއީ ޙަގީގަތުގައި އެއީ އެއްޒަމާނެއްގައި މިހާރު މިކިޔާ ސަޢޫދީ އެރޭބިޔާގެ މީހުންކަމަށެވެ.
ގްރޭޓަރ އެރޭބިއާ (ޙިޖާޒް) ބައްރު ދެވަނަ ބޮޑުހަނގުރާމައިގެ ކާމިޔާބީގެ ފަހުން އިނގިރޭސީންގެ ބާރުގެ ދަށަށް ގެނައުމުގައި އޭރުގެ ބާރުގަދަ ތުރުކީގެ އުސްމާނީ ދައުލަތާއިދެކޮޅަށް ޖޯރޑްންގެ މިހާރުގެ ޝާޙީ އާއިލާއިންވެސް އިނގިރޭސިންނަށް ފުރިހަމަ އެއްބާރުލުން ދީފައިވެއެވެ.
ހަމަ އެހެންމެ ސަޢޫދީ ޢާރަބިޔާގެ މިހާރުގެ ރަސްކަމުގެ ޢާއިލާވެސް އެ ބަޣާވާތުގައިވަނީ ފުރިހަމަޔަށް ބައިވެރިވެފައެވެ.އެ ”ވަފާތެރިކަމައްޓަކައި“ އެރޭބިޔާ އިނގިރާސިން ފޮތިފޮތިކޮށްލުމުގެ ތެރޭގައި އޭރު އިނގިރޭސި ވިލާތުގައި އިނގިރޭސި ރައްޔިތުންގެ ގޮތުގައި ދިރިއުޅެމުން ގެންދިޔަ އެ އާއިލާއަށްވެސް ޖޯރޑްންގެ ނަމުގައި އިސްތާޢީލުގެ ބަނޑުދަށުނެ ތަންކޮޅެއް ދިނީއެވެ.
ޖޯރޑްންގެ ރައްޔިތުންގެ ޝުޢޫރުތައް ހުރި ގޮތުން މުސްތަގްބަލްގައި “ މިއީ ކަލޭ މެންނާ ގުޅުން ހުރި ބިމެއް ނޫނޭ ކަލޭމެންގެ ގައުމު އިނގިރޭސި ވިލަތަށް ދާށޭ “ ގޮވުމަކީވެސް ނުފެންނާނެ ދުވަހެކޭ ނުބުނެވޭނެކަމަށް ބެލޭކަށް ނެތެވެ. މިހާރުވެސް ޖޯރޑްންގެ މަގުތަކުގައި ރަސްގެފާނުގެ ޢާއިލާޔާއި ދެކޮޅަށް އެއްވުންތައް ބާއްވަމުން ގެންދެއެވެ.
އަލް ގުދުސް ސެންޓަރުގެ ރަންތާވީ ދެކޭގޮތުގައި އެމެރިކާގެ ޙަރަކާތްތަކުގައި ޖޯރޑްން އިން ބައިވެރިވުމާއި ފަލަސްރީނުގެ ހަނގުރާމައިގާ ސަރުކާރުގެ ސިޔާސަތަށް އެގަމުގެ ރައްޔިތުން އިންތިހާއަށް ނުރުހުން ފާޅުކުރަމުން ގެންދާއިރު މިހާރު ފެންނަމުން ދަނީ ރައްޔިތުންނާއި ސަރުކާރާއި ދެމެދު ކުރިއްސުރެން އުފެދިފައިވާ ދެބަސްވުންތައް މާބޮޑަށް ފުޅާ ވަމުންދާ މަންޒަރެވެ.
ވޯޝިންގްޓަން އިންސްޓިޓިއުޓް ފޯރ ނިއަރ އީސްޓުގެ ސީނިއަރ ފެލޯ ޣައިސް އަލް އުމާރީ ދެކޭގޮތުގައި މިއިން ކޮންމެ ކަމެއްގައިވެސް ބައިނަލް އަގްވާމީ މީޑިއާތަކުން ދޭތެރެ ޖައްސަން ބޭނުންކުރާ ފިތުނަވެރި އުކުޅަކީ ސުންނީ އާއި ޝިޔާއީ މަޒްހަބުގެ ތަފާތެވެ.
މިހާރުގެ ޚަބަރުތަކުގައިވެސް ރަތް އަކުރުން ފާހަކަ ކުރަމުން ގެންދަނީ މެދުއިރުމަތީގެ މަސްރަޙް ހަމަޔަކަށް ނޭޅިގެން އުޅެނީ ސަޢޫދީ އެރޭބިޔާއާއި އެމިރެޓްސް އަދި ޖޯރޑްން ފަދަ ސުންނީ ގައުމުތަކާއި ޝިޔާއީ އީރާނުގެ ސަބަބުންކަމަށެވެ. މިތާނގައި މަޒްހަބު ނުގެނަޔަސް ޚަބަރު ގެނެސްދެވިދާނެތާއެވެ.