މީގެ ފަސް އަހަރު ކުރިން އިސްލާމްވި ދެކުނު ކޮރެއާގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ، ޔޫޓިއުބަރު، ދާއުދު ކިމް ކޮރެއާގެ އިންޗިއޮން ސިޓީގައި މިސްކިތެއް އަޅަން އިއުލާންކޮށްފި އެވެ.
މިކަން ހާމަކޮށް އިންސްޓަގްރާމްގައި މި މަހުގެ 11 ވަނަ ދުވަހު ކިމް ހިއްސާކުރި ޕޯސްޓެއްގައި ވަނީ މިސްކިތަށް ގަތް ބިމާއި ކޮންޓްރެކްޓްގެ ފޮޓޯތައް ހިއްސާކޮށްފަ އެވެ.
”އެންމެ ފަހުން ތިޔަބޭފުޅުންގެ އެހީތެރިކަމާއެކު އަޅުގަނޑު އިންޗިއޮންގައި މިސްކިތެއް އެޅުމަށް ބިމެއްގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފިން. މިތަން ވަރަށް އަވަހަށް މިސްކިތަކަށް ވެގެންދާނެ.އަހަންނަކަށް ގަބޫލެއް ނުކުރެވޭ މި ދުވަސް އައިސްފި ކަމަށް“ އޭނާގެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވެއެވެ.
ކިމް ނިންމާފައި ވަނީ އެ ބިމުގައި މިސްކިތަކާއި އިސްލާމީ ޕޮޑްކާސްޓް ސްޓޫޑިއޯއެއް ހެދުމަށެވެ.
މީގެ އިތުރުން މިސްކިތް އަޅަން ކިމްއަށް މާލީ އެހީތެރިކަން ބޭނުންވާނެ ކަން ހާމަކޮށް އެހީތެރިވެދިނުމަށް ބޭނުންވާނަމަ ލާރި ހަދިޔާ ކުރާނެ ބޭންކް އެކައުންޓު އޭނާ ވަނީ ހިއްސާކޮށްފައެވެ.
ރަސްމީކޮށް ކިމް ކިޔުން-ވޫގެ ނަމުން މަޝްހޫރު ދާއޫދު ކިމް އަކީ ޖޭ ކިމްގެ ނަމުން މަޝްހޫރު ސައުތު ކޮރެއާގެ ލަވަކިޔުންތެރިއެއް، އެކްޓަރެއް އަދި ޔޫޓިއުބަރެކެވެ. 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކިމް ވަނީ ޔޫޓިއުބް ވީޑިއޯއެއް މެދުވެރިކޮށް އޭނާ އިސްލާމްވިކަން ހާމަކޮށްފައެވެ. އިސްލާމްވުމަށް ފަހު 2022 ވަނަ އަހަރު ރޯދަމަހު ކިމް ވަނީ އުމްރާކޮށްފައެވެ.