މެލޭޝިއާގެ ކުއަލަލަމްޕޫރު ފުރަބަންދުކުރުމަށް ނިންމައިފިއެވެ.
ކުއަލަލަމްޕޫރު ހިމެނޭ ރީޖަން ފުރަބަންދު ކުރުމަށް މެލެޝިއާގެ ސަރުކާރުން މިނިންމީ އެޤައުމުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވާން ފެށުމުންނެވެ.

މެލޭޝިއާގެ ސަރުކާރުން ބުނެފައިވަނީ މެލޭޝިއާ ގަޑިން މިރޭ 00:00ން ފެށިގެން މި އޮކްޓޯބަރ މަހުގެ 27ވަނަ ދުވަހާއި ހަމައަށް ކުއަލަލަމްޕޫރް ހިމެނޭ ރީޖަންގައި އިތުރު ފިޔަވަޅުތައް އަޅަން ނިންމައިފައިވާ ކަމަށެވެ. އެގޮތުން އިޖްތިމާޢީ އެއްވުންތައް މަނާ ކުރުމަށާއި، އެއްއަވަށުން އަނެއް އަވަށަށް ދަތުރު ކުރުން ވެސް މަނާ ކުރުމަށް ނިންމާފައިވާކަމަށެވެ.
ޒަރޫރީ ބޭނުންތަކާއި އެހެނިހެން ބޭނުން ތަކުގައިވެސް ގެއިން ނުކުތުމުގެ ހުއްދަ ދިނުމަށް ނިންމާފައިވަނީ ކޮންމެ ގޭބިސީއަކުން ދެމީހުންނަށެވެ. ނަމަވެސް ވަޒީފާތަކަށް ދާމީހުންނަށް ވަޒީފާތަކަށް ދިއުމުގެ ހުއްދަ އޮންނާނެ ކަމަށެވެ. ނަމަވެސް ވަޒީފާއަށް ދާފަރާތްތަކުން މަގުމައްޗަށް ނުކުންނައިރު އެކަމުގެ ހުއްދަ އެމީހެއްގެ އަތުގައި އޮންނަށް ޖެހޭނެ ކަމަށެވެ.
ފުރަބަންދު ކުރަން ނިންމި ނަމަވެސް އިޤްތިޞާދީ މަސައްކަތްތަށް ނުހުއްޓުވާނެ ކަމަށް މެލޭޝިއާގެ ސަރުކާރުން ބުނެއެވެ.
އެންމެ ފުރަތަމަ އެޤައުމުން ކޮވިޑް-19 ފެނުމާއި އެކުވެސް އެޤައުމުގައި ވަރުގަދަ ފިޔަވަޅުތަކެއް އެޅިއެވެ. ނަމަވެސް ކޮވިޑް-19 ފެތުރޭ މިންވަރު ދަށް ވާން ފެށުމުން ލުއިތަކެއް ދީ ވަރަށް ބޮޑަށް ލުއިތަކެއް ދީ ދޫކޮށްލިއެވެ. ނަމަވެސް ފާއިތުވި ދެދުވަހު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޢަދަދު ވަނީ އިތުރުވެފައެވެ. ހޯމަ ދުވަހު 563މީހުން ފައްސިވިއެވެ. މިއީ މިހާތަނަށް ދެވަނައަށް އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ.
މެލޭޝިއާ އިން މިހާތަނަށް 16220 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. ނަމަވެސް ގިނަ މީހުން ބަލިން ރަނގަޅުވުމުން މިހާރު ބަލި ޖެހިފައި ތިބީ 5039 މީހުންނެވެ. ކޮވިޑް-19 ޖެހިގެން މިހަފްތާގައި މެލޭޝިއާ އިން ދެމީހަކު މަރުވެފައި ވެއެވެ. ކޮވިޑް-19 ޖެހިގެން އެގައުމުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 159 އަށް އަރާފައެވެ.