ދިވެހި ރައްޔިތުން ހޭލުންތެރިވާން އެބަޖެހޭ

Loading

Facebook
Twitter
WhatsApp

ދިވެހިރައްޔިތުން ހޭލުން ތެރިވެގެން މެނުވީ މިގައުމު އިސްލާޙެއް ނުވާނެއެވެ. ދިވެހި ރައްޔިތުންނަކީ ހެޔޮނުބައި ވަކިކުރަން އެނގޭ ބަޔަކަށް ނުވާނަމަ ގައުމުގެ ޙާލަތު ބަދަލެއް ނުވާނެއެވެ. އެކަން މިއަންނަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބު ނިމިގެންދާއިރު ހެޔޮވިސްނޭ ބަޔަކަށް ފެނިގެން ދާނެއެވެ.

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާފައިވާ ދާއިރާތަކުގެ ރައްޔިތުންނަށް އެބައެއްގެ ވަނަވަރު ވަރަށް ސާފުކޮށް އެނގިލައްވާނެއެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލިސްގައި ތިއްބެވި މެންބަރުންގެ އިޚުލާޞްތެރިކަމާއި ތެދުވެރިކަމާއި ޢިލްމުވެރިކަން ހުރި މިންވަރާއި އެބޭފުޅުން ގާނޫނުތައް ފަރުމާކުރަމުންދާގޮތާއި ވޯޓުދެއްވާ ގޮތް ބައްލަވަމުން ގެންދަވާ ރައްޔިތުންނަށް އެނގިލައްވާނެއެވެ.

މިގައުމު އިސްލާޙުކުރުމަށާއި ރައްޔިތުންނަށް ރަނގަޅު ގޮތް ހޯދައި ދިނުމަށް 200 އަށްވުރެ ގިނަ ގާނޫނު އެ ވަނީ އަންނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހިފައެވެ. އެހެން ކަމާއެކު ރައްޔިތުމީހާ ވޯޓުދެއްވާއިރު ބަލަންވީ ޕާޓީއަކަށް ނޫނެވެ. ކެންޑިޑޭޓުގެ ފެންވަރަށެވެ. މުޅި ގައުމަށް ފައިދާ ކުރާނީ ފެންވަރު ރަނގަޅު ތެދުވެރި އިޚުލާޞްތެރި އަދި ގާނޫނީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކޮށްފައިވާ ކެންޑިޑޭޓަކު މަޖިލީހަށް ލައިގެންނެވެ.

ރައްޔިތުންގެ މަޖިލިސް ލައިވްކޮށް ރައްޔިތުންނަށް ދައްކަމުން އަންނަތާ މިވަނީ ޒަމާންތަކެއް މާޒީއާ އެކުވެގޮސްފައެވެ. އަދި މަޖިލިސް ހިނގަމުން ދާގޮތް ގިނަބަޔަކު އަންނަނީ ބަލަމުންވެސް މެއެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންގެ ލާބަޔާ ފައިދާއަށް މަސައްކަތް ކުރާ މަޖިލީހަކަށް ހެދުމުގެ ޒިންމާވެސް އެޅިފައި ވަނީ ރައްޔިތުމީހާގެ ކޮނޑުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ދައުލަތުގެ އެންމެހައި ކަންކަމަށް ފާރަވެރި ވުމަށް ރައްޔިތުންގެ ފަރާތުން ކަނޑައަޅާ ބައެކެވެ. ޕާޓިޓަކުން ވިޕްލައިން ނެރެގެން މަޖިލިސްގެ މެންބަރުންނަށް ރިޝްވަތު ދީގެން ވޯޓުލައްވަން ޖެހޭނެ ބައެއް ނޫންކަން ރައްޔިތުންނަށް ސާފުވާން އެބަޖެހޭނޫންހެއްޔެވެ.

އަނެއްކޮޅުން އެކި ދާއިރާތަކުން މަރުކަށިކަނޑާލައިގެން މަޖިލީހަށް ނެރޭ ބައެއް މެންބަރުން މިލިއަން މިލިއަން ރުފިޔާއަށް ވިކެމުންދާ މަންޒަރުވެސް ގިނަ ރައްޔިތުންނަށް ވާނީ ފެނިލައްވާފައެވެ. އެހެން ކަމުން އެފަދަ މެންބަރުންނަކީ ގައުމުގެ ޙާލަތު ބަދަލު ކުރުމަށް ރައްޔިތުން އެދޭހިނދު މަޖިލީހަށް ވައްދަން ރަނގަޅު ބައެއްހެއްޔެވެ. ނޫނެކެވެ.

އިސްވެ މިދެންނެވި 200 އަށްވުރެ ގިނަ ގިނަ ގާނޫނު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުން ފަރުމާކުރާއިރު ރައްޔިތުންގެ ލާބަޔާ މަންފާ ޙާޞިލުވާ ގޮތަށް އެބިލްތައް ފަރުމާކުރެވޭނީ ތަޢުލީމީ ގާބިލް އިޚުލަޞްތެރި ތެދުވެރި އަމާނާތްތެރި ބޭފުޅުން މަޖިލީހަށް ހޮވައިގެންނެވެ. މިކަން ރައްޔިތުންނަށް ސާފުވާން އެބަޖެހެވެ. ގިނަފައިސާ ޚަރަދު ކޮށްގެން މަޖިލީހަށް ވަންނަ ކޮންމެ މީހަކުވެސް މަޖިލިސްގެ ތެރެއިން އެޚަރަދު ހޯދަމުންދާ މަންޒަރު ގިނަ ރައްޔިތުން ވާނީ ދެކެފައެވެ.

އެހެންކަމާއެކު ރައްޔިތުން ހޭލުންތެރިވާން އެބަޖެހޭނޫން ހެއްޔެވެ. އަލިފާނާ ފެން ވަކިކުރަން ނޭނގެންޏާ އަލިފާންގަނޑަކަށްވެސް ވެއްޓިދާނެއެވެ. ރައްޔިތުންގެ ފާރަ ވެރިން ރައްޔިތުންނަށް އަނިޔާވެރިވާން ފުރުޞަތު ދީގެން ތިބެވޭކަށެއްނެތެވެ. ޢުމުރު ނިމެނީ އެވެ. އަންނާން އޮތް ޖީލުތަކުގެ ޙައްގުތައް ރައްކާތެރި ކުރުމުގެ ޒިންމާވެސް ނަގަންޖެހޭނީ ހަމަ ރައްޔިތުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް