އަންނަ ހަފްތާއިން ފެށިގެން މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް އަށެއްގެ ދަރިވަރުންގެ ކިޔެވުން ފެށުމަށް ހަމަޖެހިއްޖެއެވެ.
ކޮވިޑް-19އާއި ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް8ގެ ދަރިވަރުންގެ ކިޔެވުން މެދުކަނޑާލައިފައި އޮތުމަށް ފަހު މިފެށޭ ހަފްތާގައި އަނެއްކާވެސް ގްރޭޑް 8ގެ ދަރިވަރުން ސްކޫލަށް ދާން ފެށުމަށް ހަމަޖެހުފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ އިޢްލާނު ކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ކޮވިޑް-19 އިގެ މިހާރުގެ ހާލަތަށް ބެލުމަށްފަހު އެޗްޕީއޭގެ ލަފާގެ މަތިން މާލެ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް އަށެއް އަދި ހަތެއްގެ ދަރިވަރުންގެ ކިޔެވުން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެގޮތުން އަންނަ ހަފްތާގެ ހޯމަ ދުވަހު ގްރޭޑް އަށެއްގެ ކިޔެވުން ފެށުމަށް ނިންމާފައިވާއިރު މި މަހުގެ 25 ވަނަ ދުވަހު ގްރޭޑް ހަތެއްހެ ކިޔެވުން ވެސް ފެށުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ގްރޭޑް ހަތަކާއި އަށެއްގެ ކިޔެވުން ފެށުމަށް ނިންމާފައިވާއިރު، މި މަހު ހަތަރު ވަނަ ދުވަހު މާލެ ސިޓީގެ ސްކޫލްތަކުގެ ޘާނަވީ އަދި މަތީޘާނަވީގެ ކިޔެވުން ވަނީ ފަށާފަ އެވެ.
ކޮވިޑް-19 ފެތުރޭތީ އޮންލައިންކޮށް ކިޔެވުން ކުރިއަށްގެން ދާތާ މިހާރު ވަނީ މަހެކަށްވުރެ ގިނަ ދުވަސް ވެފަ އެވެ.
މިދިޔަ ޖުލައި މަހު މާލޭގައި ގްރޭޑް ނުވަޔަކުން މަތީގެ ދަރިވަރުން ސްކޫލްތަކަށް ގޮސް ކިޔަވަން ފެށި ނަމަވެސް ކޮވިޑް-19 ފެތުރުން އިތުރުވެ ނުރައްކާ ބޮޑުވުމުން ސްކޫލްތަށް ބަންދުކުރިއެވެ. އޭރުވެސް ކްލާސްތަކުގައި ކިޔަވައިދެމުން ގެންދިޔައީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް އަޅައިގެންނެވެ. އެގޮތުން މާސްކު އެޅުމާއި އަތް ދޮވުމާއި އަދި ޤަވާއިދުން ކްލާސްތައް ދިޔައީ ޑިސްއިންފެކްޓް ކުރަމުންނެވެ.
ކޮވިޑް-19އާއި ގުޅިގެން އެންމެ ފުރަތަމަ ސްކޫލްތައް ބަންދުކުރީ މި އަހަރުގެ މާޗް މަހު އެވެ. އޭގެ ފަހުން ޓެލެކިލާސް އަދި އޮންލައިން ކްލާސްތައް ދިޔައީ ކުރިއަށް ގެންދަމުންނެވެ.