ހަފުތާ 14 ގެ ހުރިހާ ވައުދެއްހެން ފުއްދިފައިވާ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ.މުޢިއްޒު މިހެން ވިދާޅުވީ ’ރައީސްގެ ޖަވާބު‘ ސިލްސިލާގެ ތެރެއިން މިއަދު ވައުދުތައް ފުއްދަވަމުން ގެންދަވާ މިންވަރާމެދު ރައްޔިތަކު ދެންނެވި ސުވާލަށް ދެއްވި ޖަވާބުގައެވެ.
އޭނާ ބުނީ ރައީސްކަމަށް ޑރ.މުޢިއްޒު ހޮވާފައިވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމުގެ އުންމީދާއެކު ކަމަށެވެ. އެހެންކަމުން މިހާތަނަށް މި ވައުދުގެ ކިހާ އިންސައްތައެއް ސަރުކާރުން ހާސިލުކޮށްފައިވޭތޯ އޭނާ ސުވާލު ދެންނެވިއެވެ.
ރައީސް ވިދާޅުވީ އެންމެ ފުރަތަމަ އިސްކަމެއް ދެއްވީ ސަރުކާރުގެ ހަފުތާ 14 ގެ ވައުދުތައް ފުއްދުމަށް ކަމަށާއި އެ ހުރިހާ ވައުދެއްހެން މިހާރު ފުއްދިފައިވާ ކަމަށެވެ.
ހަފުތާ 14 ގައި ހިމެނެނީ 161 ވައުދެވެ. 155 އަށްވުރެ ގިނަ ވައުދުގެ މަސައްކަތްތައް ހާސިލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ކުރިމަގަށް ކުރަން ހުރި ކަންކަން ގިނަ ކަމަށާއި އެ މަސައްކަތްތައް އެބަ ހިނގާ ކަމަށް ރައީސް ވިދާޅުވިއެވެ