އީގަރ އެފޯ ތެދުމަގު ހޯދުމަށް ކުރި ދަތުރު

Loading

Facebook
Twitter
WhatsApp

– ނަޞާރާދީނުން އިސްލާމްދީނަށް ވަންނަ އެންމެ ގިނަ އެއްބަޔަކީ އެދީނުގެ ޢިލްމުވެރިންނެވެ. ނަމަވެސް އިސްލާމީ ދަންނަބޭކަލުން ނަޞާރާ ދީނަށް ވެންނެވި ވާހަކަ ދުވަހަކުވެސް އަޑުއެއްސެވިންތޯއެވެ؟ މިއީވެސް ޙައްޤަކީ ކޮބައިކަން ދައްކައިދޭ ދަލީލެކެވެ. –

– ޢަބްދުލްކަރީމް އީގާރ –

އަހަރެން ބޮޑުވީ ކްރިސްޓިއަނެއްގެ ގޮތުގައެވެ:

އަހަރެން އުފަންވީ 1977 ގެ ޑިސެމްބަރ މަހުގައެެވެ.އަހަރެންގެ ބައްޕައަކީ ރަށުގެ ބޮޑު ފައްޅީގެ އިސްފާދިރީއެވެ. ދާދި ކުޑައިރުއްސުރެ އަހަރެންނާއި އަހަރެންގެ ކޮއްކޮމެން ތަރުބިއްޔަތު ކުރެވެމުން އައީ ބައްޕަގެ މަގާމަށް ނުވަތަ ނުވަތަ ޤަބީލާގެ ޢިއްޒަތަށް ބުރުލެއް އަރާފަދަ ކަމެއް ކުރުމަށް ނުކެރޭފަދަ ހަރުކަށި މާޙައުލެއްގައެވެ. ނަޞާރާދީން ދޫކޮށް އެހެން ދީނަކަށް ވަނުމަކީ އޭރު ހިތަށްވެސް ނާރާފަދަ ކަމެކެވެ.

ސްކޫލް ދައުރު ނިމުމުން އަހަރެން ގުޅުނީ އަހަރެންގެ ގައުމު ކަމުގައިވާ ޕަޕުއާ ނިއުގިނީގެ އެވެލެންޖިކަލް ފައްޅިއާއެވެ. ދުވަސްގަނޑެއްފަހުން މިފިރުޤާ ދޫކޮށް ގައުމުގެ ވެރިރަށް ކަމުގައިވާ ޕޯރޓް މޯރސްބީގެ ބެޕްޓިސްޓް ފައްޅީގައި އަޅުކަން ކުރުމަށް ހުރީމެވެ. ނަމަވެސް އަހަރެންގެ ނަފްސުގައިވާ ރޫޙާނީ ކަރުހިއްކައިގަތުމަށް ކުޑަވެސް ހަމަޖެހުމެއް ނުލިބުނެވެ. ދުވަސްކޮޅަކުން ނަޞާރާ ދީނުގެ އެހެން ފިރުޤާއެއް ކަމުގައިވާ ލުދެރަން ރިނިއުވަލް ފައްޅިއާއި ގުޅިއްޖައީމެވެ. މިހެން އުޅުނު އުޅުމުގެ ތެރޭގައި ނަޞާރާދީން ފެތުރުން ނުވަތަ މިޝަނަރީކަމުގެ ރޮނގުން ޑިގްރީއެއް ނެގީމެވެ. އަދި އެއަށްފަހު ޔުނިވަރސިޓީ އޮފް ޕަޕުއާ ނިއުގިނީގެ ފައްޅީގެ އިސްފާދިރީގެ ވަޒީފާ ލިބިއްޖެއެވެ.

މިއުޒިކާއި ދެއްކުންތެރިކަމާއި ދޮގު އަޅުވެރިކަމުގެ މާޙައުލެއްގައި ފައްޅީގައި އަޅުކަންކުރުމުގެ އިމާމުކަމާއި، ކުދިން ”ބެޕްޓައިޒް“ ކުރުމާއި، ކައިވެނި ކޮށްދިނުމާއި އަދި ޖަނާޒާތައް ބާއްވައިދިނުން ފަދަ ކަންތައްތަކުގައި ދުވަސްތައް ހޭދަވަމުން ދިޔައެވެ. ނަމަވެސް އަހަރެންގެ މަންޒިލަކީ މިއީ ނޫންކަން ދިޔައީ އިޙްސާސްކުރެވެމުންނެވެ. ހިތާއި ނަފްސުގެ ގޮވުން ދިޔައީ ދުވަހެއް ދުވަހަކަށް ބާރުވަމުންނެވެ.

ތެދުމަގު ހޯދުމަށް ނިކުތުން:

އޭރު އަހަރެންނަކީ މީހުންގެ ތެރޭގައި މަޤުބޫލު ފާދިރީއެކެވެ. ކޮންމެ މަހަކު ދެފަހަރު ބޮޑު މުސާރަ ލިބެއެވެ. ފިކުރެއް ކުރަންވީ އެއްވެސްކަމެއް ނެތެވެ. ނަމަވެސް އަހަރެންގެ ނަފްސުގެ ކެކުޅުން އިތުރުވެގެންގޮސް ލޮލަށް ހަމަނިދި ނުލިބޭ ވަރަށް ހިނގައްޖެއެވެ. ތެދުމަގު ހޯދުމަށް ނިކުތުމަށް އަހަރެންނަށް މަޖުބޫރު ކުރުވައިފިއެވެ.

އިސްފާދިރީއެއްގެ މަގާމުގައި ފަސްއަހަރު އުޅުމަށްފަހު 2000 ވަނަ އަހަރު ޑިސެމްބަރ މަހުގައި އަހަރެންގެ އިސްތިޢުފާ ހުށަހެޅީމެވެ. ޒާތީ ސަބަބުތަކެއް ބަހަނާއަކަށް ދައްކަމުންނެވެ. ބޮޑު މުސާރައާއި، ފައްޅީގެ ފަރާތުން ދީފައިވާ ރީތި ގެއާއި އެތަކެއް ފައިދާތަކެއް ގެއްލިގެން ދިއުމާމެދު ހިތާމައެއް ކުރުމެއް ނެތިއެވެ. މި ފައްޅިން އިސްތިޢުފާ ދިނުމަށްފަހު އަހަރެންގެ އަރާމެއް ނެތް ފުރާނައަށް ހަމަޖެހުމެއް ލިބޭތޯ ކްރިސްޓިއަން ދީނުގެ އެހެން ފިރުޤާއެއް ކަމުގައިވާ ’އެސެމްބްލީ އޮފް ގޯޑް‘ ގެ ފައްޅިއެއްގައި އަޅުކަންކުރުމާއިގެން މަޝްޣޫލުވެއްޖައީމެވެ.

2002 ވަނަ އަހަރުގެ ޖެނުއަރީމަސް އަތުވެއްޖެއެވެ. އަހަރެންގެ ޙާލަތަކަށް ކުޑަވެސް އަރާމެއް ނުލިބުނެެވެ. މައްސަލައިގެ ޙައްލުވަނީ ނަޞާރާދީނުން ބޭރުގައިކަން އަހަރެންނަށް އިޙްސާސްކުރެވެން ފަށައިފިއެވެ. ދެން ދުވަހަކުވެސް ފައްޅިއަކަށް ނުވަންނާން އަހަރެން ޢަޒުމްކަނޑައެޅީ އެދުވަސްވަރުގައެވެ.

2002 ގެ މެއިމަހުގެ 12 ވަނަ ދުވަހު ތިންފުޅި ފެން ހިފައިގެން އަހަރެން ސަހަރުން ބޭރަށް ނުކުމެއްޖައީމެވެ. ކެއުމާއި ނުލައި ހަމައެކަނި ފެން ބޮއިގެން ހަދުވަސް ފަރުބަދައެއްގެ މަތީގައި ހޭދަކުރީމެވެ. ހަދާންވީ ގޮތަކާއި ދާންވީ ދިމާއެއް އިލްހާމު ކޮށްދެއްވުން އެދިގެންނެވެ. އަހަރެން ދުޢާކުރީމެވެ. ”އޭ އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާގެ ޙާލަތު އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އިބަރަސްކަލާނގެއެވެ. ތެދުމަގު ފެނޭތޯ އެއްފައްޅިން އަނެއްފައްޅިއަށް ދަތުރުކުރީމެވެ. ނަމަވެސް މިއަޅާއަށް މިވަނީ މަގު ބަންދުވެފައެވެ. މިއަޅާއަށް ތެދުމަގު ދައްކަވާނދޭވެ!“

މިވަގުތު ހީނުކުރާ ކަހަލަ ކަމެއް ހިނގައިފިއެވެ. އަހަރެންގެ ޚިޔާލުގެ އުދަރެހަށް އެރީ ދުރުދުރުން ފެނުނު މިސްކިތެކެވެ. ދުރުގައި ހުރި ހުދުކުލައިގެ މުންނާރެކެވެ. އަހަރެންގެ ޚިޔާލުގެ ލޯ  ފޮހެ މި މަންޒަރު ފިލުވާލުމަށް ވަރަށް މަސައްކަތްކުރީމެވެ. ނަމަވެސް މަސައްކަތް ކުރިވަރަކަށް އެމަންޒަރު ސާފުވަމުން އައި ކަހަލައެވެ. އަހަރެންގެ އަމިއްލަ ނަފްސަށް ބުނީމެވެ. ”މުސްލިމުންނަކީ ޓެރަރިސްޓުންނެވެ. ވީއިރު މިސްކިތެއް އަހަރެންގެ  ސިކުނޑިއަށް މިވަންނަނީ ކީއްވެ ހެއްޔެވެ؟ އެއީ އަހަރެންނާ އެއްވެސް ގުޅުމެއް ހުރި ދީނެއް ނޫނެވެ.“ މީޑިޔާގެ ސަބަބުން އަހަރެންގެ ހިތުގައި އިސްލާމް ދީނާއި އަދި މުސްލިމުންނާއި މެދުގައި ކުރެހިފައިވާ ކަޅު ތަޞްވީރުގެ ސަބަބުން މި ޚިޔާލުތަކާއި އަހަރެން ހަނގުރާމަކުރީމެވެ. ނަމަވެސް އެންމެ ފަހުން އަހަރެން ބަލިވެއްޖެއެވެ.

2002 ޖުލައި 5 ވީ ހުކުރު ދުވަހަކީ އަހަރެން އަލުން އާ ދުނިޔެއަކަށް އުފަންވީ ދުވަހެވެ. އެއީ އަހަރެން އިސްލާމްވީ ދުވަހެވެ. އަހަރެންގެ ހިތުގައިވާ ބިރުތަކާއި ޝައްކުތަކުން އުފެދޭ ސުވާލުތަކުގެ ޖަވާބު ހޯދުމަށްފަހުގައެވެ. ﷲ އަށް ޙަމްދު ހުއްޓެވެ. އެދުވަހު لآ اِلَهَ اِلّا اللّهُ مُحَمَّدٌ رَسُوُل اللّهِ މި ދެކަލިމަ ކިއުމާއިއެކު އަހަރެންގެ ތެޅިތެޅި އޮތް ނަފްސަށް ހިމޭންކަމާއި އަމާންކަމުގެ ލައްޒަތް ލިބިއްޖެއެވެ.

ފައިދާއާއި އެކު ގެއްލުން:

އަހަރެން ގެއަށް ދިއުމުން އަހަރެންނަށް އައިސް ފައިވާ ބަދަލު އަންހެނުންނަށް ފާހަގަކުރެވުނެވެ. ނަމަވެސް އެކަމާބެހޭ ވާހަކައެއް ނުދައްކައެވެ. އެއީ މިސްކިތުގެ އިމާމު އަހަރެންނަށް ދީފައިހުރި އިސްލާމްދީނާއި ބެހޭ ބައެއް ފޮތް ފެންނާންދެނެވެ. އޭނާ ސުވާލު ކުރުމުން ޙަޤީޤަތް ފޮރުވަން އުޅުމަކާއިނުލައި އަހަރެން އިސްލާމްވީ ވާހަކަ ބުނީމެވެ. މިއަޑު ހަމަ އިވުމާއެކު އަހަރެންގެ ހަތަރު އަހަރަށްދާ އަންހެން ދަރިފުޅުގެ އަތުގައި ހިފައި ދަމަމުން މޫނުމަތީގައި ދޮރު ލައްޕާފައި ނުކުމެގެން ހިނގައްޖެއެވެ. އިރުކޮޅެއްފަހުން އޭނާ އެނބުރި ގެއަށް އައެވެ. އަދި އަހަރެން އިސްލާމްވީ ކީއްވެގެންހޭ ކިޔައި ޒުވާބުކުރާން ފެށިއެވެ. މިޒުވާބުގެ އަޑު ގެއާއި ކައިރިން އިންވެގެން ހުރި އަންހެނުންގެ މައިންބަފައިން އުޅޭ ގެއާއި ހަމައަށްވެސް ފޯރައްޖެއެވެ. އިސާހިތަކު މައިދައިތަ އާއި ބަފައިކަލޭގެ ވެގެން އުޅޭގޮތެއް ބަލާން އަތުވެއްޖެއެވެ.

އަހަރެމެންގެ މުޖުތަމަޢުގައި އާދަކާދަ އޮންނަގޮތުން ނަޞާރާދީން ދޫކޮށް އެހެން ދީނަކަށް ވަދެއްޖެނަމަ އެމީހަކާއި ޢާއިލީ ގުޅުން ކަނޑައި، ތަޅައި އަނިޔާކޮށް، ގެދޮރާއި މުދާ ހަލާކުކޮށްލައެވެ. މިތާނގައި މިދެކެވުނު ވާހަކަތަކުން އަވަށްޓެރީންނަށްވެސް އަހަރެން އިސްލާމް ވެއްޖެކަން އެނގިއްޖެއެވެ. އަދި އެންމެން އެއްވެ ހޯބޯލަވައި ހަދާން ފަށައިފިއެވެ. ބިރުދައްކާން ފަށައިފިއެވެ. ”އުސާމާ.އުސާމާ.ޓެރަރިސްޓް“ މިފަދައިން ގޮވާން ފަށައިފިއެވެ. ގޭދޮަށަށް އެއްވި މީސްތަކުން މަދުވުމުން މައިދައިތަމެން އަލުން ގެއަށް އައިސް މިއުފެދުނު ހަމަނުޖެހުމަށްޓަކައި މާފުއެދި ރީތިކޮށް ވާހަކަދެއްކޫއެވެ. އެއީ އަހަރެން ހައްލައިލެވޭތޯއެވެ. ނަމަވެސް، އަހަރެންގެ ޢަުމަށް ބަދަލެއް ނާންނާނެކަން އެނގުމުން، ”ޖިންނި މޮޔަވެފައި ހުރި، ދޮގު އިލާހަކަށް އަޅުކަންކުރާ މީހެއްގެ ކައިރީގައި އަހަރެންގެ ދަރިފުޅު ބަހައްޓާކަށް ބޭނުމެއް ނޫނޭ“ ކިޔައި ހަޅޭލަވަމުން އަންހެނުންނާއި ދަރިފުޅު ގޮވައިގެން ހިނގައްޖެއެވެ.

އަހަރެންގެ ލޯބިލޯބި ދަރިފުޅު ދަމާ ގެންދިޔައިރު ”ބައްޕަ. ބައްޕާ. އަހަރެން ހުންނާނީ ބައްޕަ ކާރީގައޭ“ ކިޔައި ގިސްލަ ގިސްލާފައި ރުޔެވެ. މި މަންޒަރުން އަހަރެންގެ ހިތް ކުދިކުދި ވިއެވެ. ލޮލުން ކަރުނަ އޮހޮރުނެވެ. އަހަރެންގެ ކުރިމަތީގައި އޮތީ އަންހެނުންނާއި ތުއްތު ދަރިފުޅު ނުވަތަ އިސްލާމްދީން ޚިޔާރުކުމެވެ. އިސްލާމްދީން ދޫކޮށްނުލެވުނީ ހަމަކިރިޔާއެވެ.

ޖެހިގެން އައި ދުވަހު އަނެއްކާ ގޭދޮށަށް މީހުން އެއްވިއެވެ. އެމީހުންގެ ދުޝްމަނުކަން އިހުނަށްވުރެ ވަނީ ބޮޑުވެފައެވެ. އަހަރެންގެ މުދަލާއި އަދި ޖާނަށް ގެއްލުން ދޭނެކަމުގެ އިންޒާރު ދިނެވެ. ނަމަވެސް އަހަރެންގެ ގޮތުގައި ހިފެހެއްޓީމެވެ. އަހަރެންގެ ހިތަށް އެރިއެވެ. އެއްފަޅިން އަނެއްފަޅިއަށް ދަތުރުކޮށް ޙައްޤުގެ މަގު ފެނޭތޯ އަހަރެން ދަތުރުކުރީމެވެ. އިސްލާމްދީނަށް ވަދެވި ޙައްޤުގެ މަގަށް ނިކުމެވުމުން މިހާބޮޑު ދެކޮޅުވެރިކަމެއް މި ޖާހިލުން މިދައްކަނީ އިސްލާމްދީނަކީ ހަމަ ޙައްޤުގެ މަގު ކަމަށްވާތީ ކަމުގެ ހެއްކެކެވެ. އަދި ކިތަންމެ ދަތިތަކެއް ކުރިމަތިވިޔަސް މިމަގުން އެއްކިބާ ނުވުމަށް ޢަޒުމް އާކުރީމެވެ.

2020 ގެ ޖުލައި 8 ވީ ހޯމަ ދުވަހު ބައެއް ރައްޓެހިންގެ ގެއަށް ޒިޔާރަތް ކުރުމަށްފަހު އަހަރެން ގެއަށްއައީ ރޭގަނޑު 8 ޖެހިއިރުއެވެ. އޭރު ބަފާކަލޭގެވަނީ ވިއްސަކަށް މީހުންގެ ގޭންގެއް އަހަރެންނާއި ޙަމަލަދިނުމަށް ފޮނުވާފައިކަމެއް ނުދެނަހުރީމެވެ. ރޭގަނޑު 11 ޖެހިއިރު އެމީހުން ދޮރުތައް ހަލާކުކޮށްލާފައި ގެއަށް ވަދެގަތެވެ. އަދި ލަޓިތަކާއި ހިލަތަކާއި ދެންވެސް އަތުޖެހުނު ކޮންމެ އެއްޗަކުން އަހަރެންގެ ގައިގައި ތަޅާންފެށިއެވެ. އަހރެންނަށް އަމިއްލަ ދިފާޢުގައި އެއްވެސްކަމެއް ނުކުރެވުނެވެ. ދާދި އަވަހަށް ބޮލުން ފެށިގެން ފަޔާއި ހަމައަށް ލެއިން ފޯވެއްޖެއެވެ. އަހަރެން ވެއްޓުމުން އެމީހުން އަހަރެން މަތީބުރީގެ ވެރެންޑާއިން ބޭރަށް ހޫރާލިއެވެ. އަދި އެވަރުންވެސް ނުފުދިގެން އައިސް އެތާގައި އޮތް ހިލަގަނޑަކުން އަހަރެންގެ ބޮލުގައި ޖެހިއެވެ. އަހަރެންގެ ލޯމައްޗަށް އަނދިރިވެ ޚަބަރު ހުސްވިއެވެ. އަހަރެން ހޭއެރި އިރު އޮތީ ކަރަންޓު ވައިރު ގަނޑަކުން ދަމާ ބަނދެފައެވެ. އޭރުވެސް އެމީހުން އަހަރެންގެ ގެ ލޫޓުވުމާއިގެން އަވަދިނެތި އުޅެއެވެ. ފްރިޖާއި، ޓީވީ، އެނދާއި ބަދިގޭ ސާމާނުތައް ގެންދިޔައެވެ. އެމީޙުން ދިޔައިރު ޣަނީމާތައް ގޭގައި ބެހެއްޓުމަށްފަހު އަލުން އެނބުރި އައިސް އެތާ ކައިރީގައި ހުރި ފަރުބަދައެއްގެ މައްޗަށް ގެންގޮސް އަހަރެންގެ ކަންތައް މުޅިން ނިންމާލަން ސައްލާކުރި އަޑު އެހީމެވެ. އެމީހުން ދިއުމުން އަހަރެން ބަނދެފައިވާ ވާގަނޑު މޮހައިލެވޭތޯ ވަރަށް ހިތްވަރުކުރީމެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ.

އިސްލާމްވީފަހުން އަހަރެން ފުރަތަމަ ދުޢާއެއް ކުރީ އެވަގުތުއެވެ. އެމީހުން އަލުން އައުމުގެ ކުރިން ސަލާމަތް ކޮށްދެއްވުންއެދި ދުޢާކުރީމެވެ. މިދުޢާއަށްފަހު ވާގަނޑު މޮހައިލެވޭތޯ އަލުން އުޅެގަތުމުން އަހަންނަށް އެނގުނީ އެވާގަނޑު ވަނީ މޮހިފައިކަމެވެ. ބިންމަތީގައި ދެމެމުން އެތާ ކައިރީގައި ހުރި ގަސްތަކެއްގެ ނިވަލަށް ވަނީމެެވެ. އެމީހުން އައިސް އަހަރެން ނުފެނިގެން ވަރަށް ހޯދިއެވެ. ބައެއް މީހުން އަހަރެންގެ ދާދި ކައިރިއަށްވެސް އައެވެ. އެހިސާބުގެ ބިންމަތީގައި ލެއިން ފެވިފައި ހުރިކަމުގައި ވީނަމަވެސް އެމީހުންނަށް އަހަރެން ފެނުނު ކަމަކަށް ނުވިއެވެ. އެމީހުން ދިއުމުން އަހަރެން އެގޮތް މިގޮތުން ރައްޓެއްސެއްގެ ގެއަށްގޮސް އެގޭގައި ހުރީއެވެ.

ފުލުހުންނަށް މިޙަބަރު ދީގެން އިންސާފު ހޯދަން ކުރި މަސައްކަތްވީ ބޭކާރެވެ. މިހާރު އަހަރެން މިހުންނަނީ އިސްލާމީ މަރުކަޒެއްގައެވެ. އަހަރެންގެ ގެދޮރާއި ހުރިހާ މުދަލެއްވަނީ ގެއްލިފައެވެ. އަންހެނުންނާއި ތުއްތު ދަރިފުޅު ލިބޭތޯ ކޯޓުގައި ދަޢުވާ ހުށަހެޅީމެވެ.

މިހާރު މިވަނީ ލިބުނު އަނިޔާތަކުގެ ފާރު ހިކިފައެވެ. ވެދިޔަ ޙާދިޘާތަކަށް ބަލާއިރު އަހަރެންގެ އަނބިމީހާ އާއި ދަރިފުޅު، ގެއާއި ހުރިހާ މުދަލަކާއި ގެއްލިއްޖެއެވެ. ހަށިގަނޑުން އެތައް ލެއެއް އޮހޮރިއްޖެއެވެ. މުޖުތަމަޢުގައި އޮތް މަޤާމު ނެތި ހިނގައްޖެއެވެ. މިހުރިހާ ތަކެއްޗެއްގެ ބަދަލުގައި އަހަރެންނަށް ޙައްޤުގެ މަގު ލިބުނީއެވެ. އިސްލާމްދީން ލިބުނެވެ. ގެއްލުނު ހުރިހާ ތަކެއްޗަކަށްވުރެ އަހަންނަށް ލިބުނު އެންމެ އެއްޗެއްގެ އަގު މާބޮޑެވެ. މިމަގުގައި އަހަރެން ހިފަހައްޓާހުށީމެވެ. ﷲ ތައުފީޤު ދެއްވާނދޭވެ! އަހަރެންގެ އެދުމަކީ މިމާތް ދަޢުވަތު އަހަރެންގެ ގައުމުގެ މީހުންނަށް ފޯރުކޮށްދެވޭނެ ފުރުޞަތެއް ލިބުމެވެ.

އަހަރެންގެ ލޮބުވެތި މުސްލިމު އަޚުންނާއު އުޚުތުންނޭވެ! ޙައްޤުގެ މަގުން ފައިކައްސާނުލައްވާށެވެ. ދުނިޔޭގެ ބިރައި، ލަދާއި ތަދު އެއީ ތެދުމަގުން ތިބާ އެއްކިބާކޮށްލާ އެއްޗަކަށް ވިޔަ ނުދެއްވާށެވެ. ﷲގެ ތެދުމަގުގައި ގަދައަޅައި އުޅޭ މީހަކަށް ލިބޭ ކޮންމެ ގެއްލުމަކީ ޙަޤީޤަތުގައި ފައިދާއެކެވެ.

– އަލްއަޚް ޢަބްދުލްކަރީމް އިގާރ ގެ ވާހަކައިގައި ކިޔާ މީހުންނަށް އިބުރަތެއްވާކަން ކަށަވަރެވެ. ތެދުމަގު ހޯދުމަށްޓަކައި އެއްފައްޅިން އަނެއްފައްޅިއަށް ކުރި ދަތުރުން ސަލްމާނުން ފާރިސީ ރަޟިޔަﷲ ޢަންހު ހަނދާން ނުވޭތޯއެވެ؟ އިސްލާމްދީނަށްޓަކައި ތަޙައްމަލުކުރަން ޖެހުނު އަނިޔާއިން ބިލާލް އާއި ޢައްމާރު ބިން ޔާސިރު ރަޞިﷲ ޢަންހުގެ ޒިކުރާ އައުނުވޭތޯއެވެ؟-

Loading

One Response

  1. އިންޝާﷲ، މިގައުމުގައި އުޅޭ ލާދީނީ މީހުނަށްވެސް ތެދުމަގު ދައްކަވާށިއެވެ. އާމީން!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް