ފާއިތުވެގެން މިދާ 57 އަހަރުދުވަހު އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަރައިގަނެގެން ތިބި ތިބުމާބެހޭގޮތުން ޔުނައިޓެޑް ނޭޝަންސްގެ އެންމެ މަތީ ކޯޓުގެ 15 ފަނޑިޔާރުން ހިމެނޭ ޕެނަލަކުން މިދިޔަ ހޯމަދުވަހު މައްސަލަ ބަލަން ފަށައިފިއެވެ.
އިސްރާއީލުން ގައްޒާއަށް އަރައި އެ ޝަހަރު ބިމާ ހަމަކުރަމުން ގެންދާ މި ދަނޑިވަޅުގައި އެތައް ގައުމަކުން ބައިވެރިވާނެކަމަށް ބެލެވޭ މި ޝަރީއަތުގެ އަޑުއެހުންތައް ހަ ދުވަހަށް ދެމިގެން ދާނެއެވެ.
މި ދުވަސްވަރުގައި އިސްރާއީލުން ގައްޒާ ބިމާ ހަމަކުރަމުން ގެންދާ ނަމަވެސް ދުނިޔޭގެ ކޯޓުން މިފަހަރު ބަލާނެ ކަމަށް އެނގިފައިވަނީ ހަމައެކަނި އިސްރާއީލުން ފަލަސްތީނުގެ ބިން ކަމުގައި ބެލެވޭ ހުޅަނގު އައްސޭރިއާއި ގައްޒާ އަދި އިރުމަތީ ޖެރޫސަލަމް އަށް ވެރިވެގަނެގެން އުޅުމުގެ ގާނޫނީ ހަމަތަކުގެ މައްޗަށެވެ.
އަޑުއެހުންތަކުގައި އެންމެ ފުރަތަމަ ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިފައިވާ ފަލަސްތީނުގެ ގާނޫނީ ޓީމުން މިދިޔަ ބުދަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި އެ ޓީމުގެ ވާހަކަތައް ބިނާކުރަން ގަސްދު ކޮށްފައިވަނީ މައިގަޏޑު 3 ނުކުތާއެއްގެ މައްޗަށެވެ. އެއީ އސްރާއީލުން ފަލަސްތީނުގެ ބިމަށް އަރާގަނެ އަދި ވެރިވެގަނެގެން އުޅެމުންގެންދަނީ ބައިނަލް އަގްވާމީ ގާނޫނުތަކާއި ޚިލާފަށް ކަމަށާއި އެހެން ގައުމަކަށް ނިސްބަތްކުރެވޭ ސަރަހައްދެއް އަމިއްލަ ކުރުމާއި ފަލަސްތީނުގެ އަމިއްލަ ދައުލަތެއް އުފެއްދުމުގެ ހައްގުން ގަދަބާރުގެ ބޭނުން ކޮށްގެން މަހްރޫމްކުރުމާއެކު ފަލަސްތީނު ރައްޔިތުން މައްޗަށް ކުލައާއި ނަސްލީ އިމްތިޔާޒާއި އެކު ގަދަބާރުން އަޅުވެތިކޮށްގެން އުޅުމެވެ.
“އަހަރެމެން އުންމީދު ކުރަނީ މި މައްސަލައިގާ ދުނިޔޭގެ ކޯޓުން ސަރީޙަ ހުކުމެއް ނިންމާނެ ކަމަށެވެ. މިހާރު ވެސް އެކޯޓުގައި ދެކުނު އެފްރިކާއިން ހުށަހެޅި ގަތުލު އާންމުގެ މައްސަލަގައި އެއޮތީ ގޮތެއް ނިންމުމާ ހަމައިގައެވެ. މިފަހަރު ގެ މައްސަލައިގެ ގޮފިތައް ނަސްލީ އިމްތިޔާޒާއި ބާރުގެ ބޭނުންކޮށްގެން ޣައިރު ގާނޫނީ ގޮތުން ގައުމެއް އަޅުވެތި ކުރުން އެއޮތީ ކޯޓުގެ މޭޒުމަތީ ގައެވެ.“ ފަލަސްތީނުގެ ޚާރިޖިއްޔާގެ ފަރާތުން ޔުނައިޓެޑް ނޭޝަންސް އަށް ކަނޑައަޅުއްވާފައި ހުންނަވާ އެންމެ އިސް މަންދޫބް އުމަރް އަވާދު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ ދުނިޔޭގެ ކޯޓުން ލިބިދޭނެ ކަމަށް ބެލެވޭ އެޑްވައިޒަރީ ލަފާގެ ސަބަބުން ގަދަބާރުން އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތައް މިނިވަންކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ބައިނަލް އަގްވާމީ ގާނޫނުތަކުގެ ދަށުން ހުއްޖަތާއި މަގު ފަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށެވެ. ދުނިޔޭގެ ކޯޓުން ދެއްވާ އެޑްވައިޒަރީ ލަފަޔަށް އަމަލުކުރުން މަޖުބޫރު ނުވިޔަސް ބައިނަލް އަގްވާމީ ދުނިޔޭގައި އެ ހުކުމްގެ ބުރަދަން ބޭނުން ކުރެވޭނެއެވެ. އަދި ކޯޓަށް ހުށަހެޅޭ ދައުވާތަކުގެ ސަބަބުން ބައިނަލް އަގްވާމީ ގަނޫނުގެ ދަށުން އިސްރާއީލް ބަދުނާމްވެ ލަދުގަންނަންޖެހޭނެއެވެ.
ދުނިޔޭގެ ކޯޓަށް ހުށައެޅޭ މައްސަލަތައް ނިންމުމަށް ދުވަސްތަކެއް ނަގާނެއެވެ.
އިސްރާއީލުގެ ޑިމޮކްރެސީ އިންސްޓިޓިއުޓުގެ ސީނިއަރ ފެލޯ އަދި ހީބްރޫ ޔުނިވަރސިޓީގެ ގާނޫނީ މާހިރު ޔޫވަލް ޝާނީ ދެކެވަޑައިގަންނަވާ ގޮތުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ކުރިމައްޗަށް އިސްރާއީލުން ފަލަސްތީނުގައި ހިންގާ ވަރަށް ގިނަ ޖަރީމާތަކުގެ ޝިކާޔަތާއި ކަންބޮޑުވުންތަކާއި ހިތާމަތައް ހުށައެޅިގެން ދާނެއެވެ. މިއީ އިސްރާއިލަށް އަޑުއަހަން ވަރަށް އުދަނގޫ ހުށައެޅުން ތަކަކަށް ވެގެން ދާނެއެވެ. ޝަރީއަތުގެ މަޖިލީހުގައި އިސްރާއީލުން ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތެއް ނުލިބޭނެއެވެ. އެކަމަކު މައްސަލާގައި އިސްރާއީލުން ބޭނުން ވާހަކައެއް ލިއުމުން ހުށައެޅުމުގެ ފުރުސަތު ލިބޭނެއެވެ. އަދި މި މައްސަލާގައި މިހާތަނަށް ސުލްހައިގެ އެއްބަސްވުމެއް ގާއިމް ކުރެވިފައި ނެތުމުގެ ސަބަބުން އެލިބޭ ފުރުސަތުގައި އިސްރާއީލުން ދައްކަން ބޭނުންވާ ވާހަކަތައް ލިއުމުން ހުށައެޅޭނެއެވެ.
ގަބޫލުކުރެވޭ ގޮތުގައި އޮކްޓޯބަރ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލުގެ ތެރެއަށް ވަދެގަނެ 1200 މީހުން މަރާލުމާއި 250 މީހުން ރަހީނުކުރުން އެއީ އިސްރާއީލަށް އަމިއްލަ ދިފާއުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭ ސަބަބުކަމުގައި ފަނޑިޔާރުންގެ ކުރިފުޅުމައްޗަށް ހުށައަޅައި ހަމާސްފަދަ ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ނުރައްކާ އިސްރާއީލަށް މެދުވެރި ވަމުންދާކަން ބަޔާންކުރެވިދާނެއެވެ. މިމޭރުމުން ބަހަނާ ދައްކައިގެން އިސްރާއީލު ސިފައިން ފަލަސްތީނުގެ ބިމުން ފައިބައިފިނަމަ އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުން އުދަނގޫ ވާނެކަން ކޯޓަށް އޮޅުންފިލުވައި ދެވިދާނެއެވެ.
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދޭތެރޭ ނަސްލީ އިމްތިޔާޒުގެ އަމަލުތައް ހިންގަމުން ގެންދާ ކަމަށް އެއްބަހެއް ނުވާނެއެވެ.
މިވާހަކަތަކާ ގުޅޭގޮތުން ފަލަސްތީނުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ބުނަމުންގެންދަނީ އިސްރާއީލުގެ ހަރުކަށި ގަތުލު އާންމުތަކަކީ އަމިއްލަ ގައުމާއި ރައްޔިތުންގެ ދިފާއުގައި ކުރާ ކަމަކާށްވުރެން ހުދޫދުން ބޭރުވެފައިވާ އަނިޔާވެރި ހަރަކާތްތަކެއް ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަކީ އިސްރާއީލުގެ އަމުރު ދަށުގައި އުޅެން ޖެހިފައިވާ ދެވަނަ ދަރަޖައިގެ ރައްޔިތެއް ކަމަށެވެ.
މިމައްސަލަ ދުނިޔޭގެ ކޯޓަށް ވަދެފައިވަނީ ޔުނައިޓެޑް ނޭޝަންސްގެ ޖެނެރަލް އެސެމްބްލީގެ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ދުނިޔޭގައި ހަމަޖެހުމެއް ނުގެނެވި އެންމެ ގިނަދުވަސްވެފައިވާ ކަށިކުނބުރު ޖަންގައްޔެއްގެ ސިފަ ކުރެވިފައިވާ މިމައްސަލާގައި އެޑްވައިޒަރީ ލަފައަކަށް އެދި ފޮނުވަން ފާސްކުރުމާ ގުޅިގެންނެވެ. ޖެނެރަލް އެސެމްބްލީގައި ނެގުނު ވޯޓުގައި ފަންސާސް ގައުމަކުން އެއްވެސް ކޮޅަކަށް ވޯޓުދޭކަށް ބޭނުމެއް ނުވިއެވެ.
ޖެނެރަލް އެސެމްބްލީގައި ޥޯޓަށް އެހުމުގެ ކުރިން އިސްރާއީލުގެ ސަފީރު ބުނެފައިވަނީ ޔުނައިޓެޑް ނޭޝަންސަކީ ބަނގުރޫޓުވެފައި އޮތްތަނެއްކަމަށާއި ފަލަސްތީނުގެ މައްސަލަ ޔުނައިޓެޑް ނޭޝަންސް އިން ބެލުމަކީ ސިޔާސީ ގޮތުން އެއްފަރާތަށް ޖެހިފައިއޮތް މި އޯގަނައިޒޭޝަނުން ކުރާ ދެއުޅިއެއްނުވާ ކަމެއް ކަމަށާއި އަދި އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި ތިބި ތިބުމަށް ދުނިޔޭގެ ކޯޓުން ބަހެއް ބުނުމުގެ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ ކަމަށެވެ.
ފަލަސްތީނުގެ ގާނޫނީ ވަކީލުން މައްސަލަ ޝަރީއަތަށް ހުށައެޅުމަށްފަހު ދެން ކޯޓުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިގެންދާނީ އެ މައްސަލައިގެ ތެރެއަށް ތަދައްޚުލްވެފައިވާ 51 ގައުމާއި 3 އޯގަނައިޒޭޝަނަށެވެ.
3 އޯގަނައިޒޭޝަނަކީ އަރަބް ލީގުގައި ހިމެނޭ ސްޓޭޓްތަކާއި އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޯއޮޕަޜޭޝަނާއި އަދި އެފްރިކަން ޔޫނިއަން އެވެ.
އިސްރާއީލުން އިރުމަތީ ޖެރޫސަލަމް އާއި ގައްޒާއާއި އަދި ހުޅަނގު އައްސޭރި އަތުލައިގަތީ 1967 ވަނަ އަހަރުގައި ހިނގައިދިޔަ މެދު އިރުމަތީ ހަނގުރާމައިގައެވެ. ފަލަސްތީނުގެ މިނިވަންދައުލަތެއްގައި މިތިން ސަރަހައްދު ހިމެނޭނެއެވެ. ނަމަވެސް އިސްރާއީލުން ބުނަނީ ހުޅަނގު އައްސޭރިއަކީ އިސްރާއީލުގެ ތަނެއް ކަމަށެވެ. އަދި އެ ސަރަހައްދާމެދު ގޮތެއް ނިންމަންވާނީ މަޝްވަރާކޮށްގެން ކަމަށެވެ. އެއަށްފަހު ފާއިތުވެގެންމިދާ ދުވަސްތަކުގައި އެ ސަރަހައްދުތަކުގައި އިސްރާއީލުގެ ފަސްލައްކަ މީހުނަށްވުރެން ގިނައިން ވަޒަން ކުރުވައިފިއެވެ. އަދި އިރުމަތީ ޖެރޫ ސަލަމަކީ އިސްރާއީލުގެ ވެރިކަންކުރާ ޝަހަރު ކަމުގައި ކަނޑައަޅައި އެތަނުގައި ދެލައްކަ ޔަހޫދީން ވަޒަން ކުރުވައިފިއެވެ.
ސަންދާނުގެ ގިނަ ކިއުންތެރިންނަކީ 1967 ގައި ހިނގައިދިޔަ މެދު އިތުމަތީގެ ހަނގުރާމައިގެ ޚަބަރުތައް ވަގުތުން ވަގުތަށް އަޑު އެހުމުގެ ފުރުސަތު ލިބުނު ބަޔަކަށް ނުވެދާނެތީ އެ ހަނގުރާމައިގާ އަރަބިންގެ ލަޝްކަރުތަކަށް ނާކާމިޔާބު ލިބުމުގެ މައިގަނޑު ސަބަބުކަމުގައި އެދުވަސްވަރު މެދު އިރުމަތީގައި ނެރެވުނު ނޫސްތަކުގެ ރަތް ސުރުޚީއަކަށް ވެފައިއޮތީ މިސްރު ސަރުކާރުގެ ސިފައިންގެ އެންމެ އިސް ކޮމާންޑަރު އަދި މިސްރުގެ ރައީސް ޖަމާލު އަބްދުއްނާސިރުގެ ދަނބި ދަރިކަލުން އަބްދުލް ހަކީމް އާމިރު ކުޅެމުންދިޔަ ދެފުށްކެހެރި ރޯލުގެ ސަބަބުންނެވެ. މިސްރުގެ ލަޝްކަރުތައް ތައްޔާރުވަމުންދިޔަ ގޮތުގެ މައުލޫމާތު އޭނާ ދިޔައީ ޔަހޫދީންނާއެކު ހިއްސާކުރަމުން ކަމުގައި އެ ނޫސްތަކުން ވަނީ ބުނެފައެވެ. ހަނގުރާމަ ނިމުމާއެކު ދަންޖެހިގެން އަބްދުލް ހަކީމް އާމިރު ވަނީ މަރުވެފައެވެ. އިރާގު ހަނގުރާމައިގާ މަޝްހޫރު ސައްހާފްވެސް ކަންކުރިފަދަ ގޮތަކަށެވެ. ތަފާތަކީ އޭނާއަށް އެމިރޭޓްސްއިން ރަނގަޅު ވަޒީފާއެއް ހަމަޖެހުމެވެ.
އިރުމަތީ ޖެރޫސަލަމްތެރެއިންލާފައި ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތައް ވަކިކުރަން އިސްރާއީލުން އިންފާރެއް ރާނަމުން ގެންދިއުމަކީ ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފް ކަމެއް ކަމަށާއި ވަގުތުން އެކަން ހުއްޓާލަން ދުނިޔޭގެ ކޯޓުން 2004 ވަނައަހަރު ކުރި ހުކުމަށްވެސް އިސްރާއީލުން ކަހާތަން ހިރުވާވެސް ނުލައެވެ. އިންފާރު ރާނާ ނިންމާލީއެވެ. ދުނިޔެ އޮތީ ބަލާށެވެ.