ވާޓިކަލް ފާމިންގެ ޕައިލެޓް ޕްރޮޖެކްޓް އިފްތިތާހުކޮށްފި

Loading

Facebook
Twitter
WhatsApp
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު

ރާއްޖޭގައި ”ވާޓިކަލް ފާމިން“ ފުޅާ ދާއިރާއެއްގައި ކުރެވިދާނެތޯ ބެލުމަށްޓަކައި ޕައިލެޓް ޕްރޮޖެކްޓް އިފްތިތާހުކޮށްފިއެވެ.

ހަނިމާދޫ އެގްރި ސެންޓަރުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ”ވާޓިކަލް ފާމިން ޕައިލެޓް ޕްރޮޖެކްޓް“ އިފްތިތާހުކޮށްދެއްވީ ދަނޑުވެރިކަމާ ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. އާއިޝަތު ރަމީލާއެވެ. މިއީ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމެނޭ ދަނޑުވެރިކަމާއި ގުޅޭ އެންމެ މުހިއްމު އެއް ވައުދެވެ.

⁠އަޖުމަ ބެލުމަށް ކުރިއަށްގެންދާ ޕައިލެޓް ޕްރޮޖެކްޓް ފެށުމަށް ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ރަމީލާ ވިދާޅުވީ، ދަނޑުވެރިކަމުގެ އާ އިޖާދީ ގޮތްތައް ރާއްޖެއަށް ތައާރަފުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. އަދި ވާޓިކަލް ފާމިންގެ މި ޕައިލެޓް ޕްރޮޖެކްޓްގެ ބޭނުމަކީ، ރާއްޖެ ފަދަ ބިން ކުޑަ ގައުމަކަށް، ވަރަށް އެކަށީގެންވާ ނިޒާމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މި ޕްރޮޖެކްޓުގެ ދަށުން މިހާރު ވަނީ ވާޓިކަލް ފާމިން ސެޓަޕްތައް އިންސްޓޯލްކޮށް، ސިސްޓަމްތަކުގައި ގަސްތައް ރުވާފައެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި ތިން ވައްތަރެއްގެ ވާޓިކަލް ހައިޑްރޮޕޯނިކްސް ސެޓަޕް ގާއިމްކުރެވޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ މިހާރުވެސް ރާއްޖޭގެ ދަނޑުވެރިންނަށް ތައާރަފްކޮށްދީފައިވާ ނިއުޓްރިއެންޓް ފިލްމް ޓެކްނިކް ބޭނުންކޮށްގެން ވާޓިކަލް A ފްރޭމް ސްޓްރަކްޗާގައި ގަސް ހައްދާ ނިޒާމު ޕައިލެޓްކުރުމާއި ޕައިން އެޕަލް ޓަވަރު ސިސްޓަމް އަދި އޭރޯޕޯނިކްސް ޓަވަރު ސިސްޓަމްތަކުގެ ޕައިލެޓް ޓެސްޓްތައް ކުރިއަށް ގެންދިއުމެވެ. މި ސިސްޓަމްތަކުގައި އެންމެ ފުރަމަ ޓެސްޓު ކުރަމުންދަނީ ފަތްތަރުކާރީގެ ބާވަތްތަކެވެ.

މި ޕައިލެޓް މަޝްރޫއުގެ ދަށުން ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި މަސައްކަތް ކުރާ މިނިސްޓްރީގެ ފަންނީ މުވައްޒަފުންގެ ޓީމުން އެއްކުރާ މައުލޫމާތުތަކުގެ އަލީގައި ރާއްޖެއަށް އެންމެ އެކަށީގެންވާ ވާޓިކަލް ސިސްޓަމްތައް ދެނެގަނެ، އެ ސިސްޓަމްތައް ދަނޑުވެރިންނަށް ތައާރަފްކޮށްދިނުމުގެ މަސައްކަތް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ކުރުމަށް ވަނީ ހަމަޖައްސާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް