އެމެރިކާގެ ކަނޑުގެ ސިފައިން މެދުއިރުމަތީގެ ހަނަފަސް ބިމުގައި ވަޅުލެވިގެންދާނީތަ؟

Loading

Facebook
Twitter
WhatsApp

މިއީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ހާލަތު ވަރަށް ކައިރިން ބަލަމުންގެންދާ އަދި އެމެރިކާގެ މިލިޓްރީގެ ގާބިލުކަން ރަނގަޅަށް އެނގޭ އެމެރިކާގެ ސިޔާސީ އަދި މިލިޓްރީ ތަޖުރިބާކާރުންގެ ބަޔަކު ޓައިމް މެގަޒިންއަށް ހިއްސާކޮށްފައިވާ މިނިވަން ޚިޔާލުތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއްގެ އުސް އަލިތަކެކެވެ.

ޓައިމްސް މެގަޒިންއާއެކު ޚިޔާލު ފާޅުކުރެއްވި އެމެރިކާގެ ސިޔާސީ އަދި މިލިޓްރީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި މެދުއިރުމަތީގައި އެމެރިކާ ކަނޑު ސިފައިން ހޫތީންނާ ދެކޮޅަށް ހިންގަމުންގެންދާ ހަރާކާތްތަކަކީ ވަރަށް ރޭވުންތެރިކަމާއެކު ހިންގޭ ހަރަކާތްތަކެކެވެ. އެކަމަކު އެ ރޭވުންތަކަކީ އެއިން އެއްވެސް އެދެވޭ ނަތީޖާއަކާ ހަމަޔަށް ގެންގޮސްދޭނެ ރޭވުންތަކެއް ނޫނެވެ.

ރައީސް ބައިޑްންގެ ސަރުކާރުގެ ތަޖުރިބާ ކާރުންނާއި އަދި ބޭރުގެ މާހިރުންވެސް ބޭނުންކޮށްގެން ރާވަމުން އެ ގެންދާ ރޭވުންތަކަކީ އެމެރިކާގެ ތާރީޚުގައި މިހާތަނަށް ދެކެފައިނުވާފަދަ ބޭކާރު ރޭވުންތަކެކެވެ.             

ހޫތީންނާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެ އެތައް ބައިވަރު ބައިވެރިންނަކާއެކު ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ހާސިލުކުރެވުނު އެއްވެސް ކާމިޔާބީއެއް ނެތެވެ. މިގޮތަށް ކުރިއަށް ގެންދާނަމަ އެމެރިކާގެ ކަނޑު ސިފައިންނަށް ޖެހޭނީ އެންމެފަހުން މެދުއިރުމަތީގެ ހަނަފަސް ވެލިގަނޑުގެތެރޭގައި ވަޅުލެވޭށެވެ. އަދި ހަމައެއާއެކު ޕެސިފިކް ކަނޑު ވެސް ގެއްލިގެން ދިއުމުގެ ބިރު އޮތީ ކުރިމަތިން ފެންނާށެވެ.

ރެޑްސީގެ ހަމަލާތައް ކާމިޔާބު ނުވަނީ އެ ހަމަލާތަކަށް ކުރިން ދީފައި އޮތް ”އޮޕަރޭޝަން ޕްރޮސްޕަރިޓީ ގާރޑިއަން“ ގެ ސަބަބުންނޭ ބުނެ އެއީ ބަދު ނަސީބު ނަމަކަށް ވީމައެވެ. އެހެންވީމާ މިހާރު އެއޮތީ އެ ނަން ވެސް ”ޕޮޒިޑޯން އާރޗަރ“ އަށް ބަދަލު ކޮށްފައެވެ. ނަން ބަދަލުކުރި ފަހުން ފާއިތުވެގެން މިދާ ދެ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ޔޫއެސްއެސް އައިޒަން ހަވަރގެ ބިޔަ ޑެކުމަތިން ހޫތީންގެ އަމާޒުތަކަށް ހަމަލާދޭން އެމެރިކާގެ އެންމެ ކުޅަދާނަ ޕައިލެޓުންނާއިއެކު ނައްޓާލި ފައިޓަރ ޖެޓްތަކާއި އަދި އުދުއްސައިލި ޓޮމާހައުކް ކްރޫޒް މިސައިލް ތަކުން ނެރެވުން އެއްވެސް އެދެވޭ ނަތީޖާއެއް ނެތެވެ.

މިހާތަނަށް ހިތްހަމަޖެހޭ މިންވަރާ ގާތަކަށް ވެސް އެމެރިކާއާއި ބައިވެރިންގެ ހަމަލާތަކުން ނަތީޖާއެއް ނުނެރެވުމުން މިހާރު ގޯސްވެގެން އުޅެނީ ރޭވުނު ރޭވުންތަކާއި ކުރެވުނު ތަދުބީރުތަކެވެ. މި ސަބަބުތަކަށްޓަކައި އަލުން އެ ރޭވުންތަކައި ތަދުބީރުތައް މުތާލިއާކޮށް ގެންނަންޖެހޭ ބަދަލުތަކުގެ މަޝްވަރާތައް އެންމެ ބޮޑެތި މާހިރުންނާއެކު ކުރެވެން ފަށައިފިއެވެ. ކިތަންމެ މޮޅު ރޭވުންތަކަކާއި ތަދުބީރުތަކެއް ކުރިއަސް ހޫތީ މުޖާހިދުން ބަލި ނުކުރެވޭނެކަން ރަނގަޅަށް އެނގިތިބެ މެއެވެ. އަދި އެމެރިކާ ކަނޑުސިފައިންގެ ޕެސިފިކް ކަނޑުގެ ކާމިޔާބީތައް ވެސް ހިތުތެރޭގައި ބާއްވައިގެންނެވެ. ކޮންމެ ފަހަރަކު ޕެސިފިކް ކަނޑަށް އެމެރިކާގެ ލަޝްކަރު ފޮނުވުމުން އަތުގައި ހުރި މޮޅު ހަތިޔާރުތައް ހުސްކޮށްލާފައި ވަރުބަލިވެގެން ތިބެ އެނބުރި އައުން ނޫނީ ކުރެވުނު ކަމެއް ފެންނާކަށް ނޯވެއެވެ.

އެހެންނަމަވެސް އެތަނުގައި ފެންނަންނެތް އެވެނި ތަމްރީނެއް މިވެނި ހުރަސްތަކެއް އަހަރެމެންގެ ކާމިޔާބުކަމާއެކު ނިންމާލައިފީމޭ ބުނެއެވެ. މިވާހަކަ ލިޔާއިރު ހަނދާނަށް އަންނަނީ އަހަރެމެންގެ ތެރޭގައި ވަރަށް މަޝްހޫރުވި ޝަޚްސިއްޔަތެކެވެ. “ އެއްފަހަރު ޖެހީމާ ވެއްޓުމުން އަލުން ތެދުވެފާ ދެން ޖަހާބަލާށޭ “ އެ ބޭކަލަކު ބުނަމުންގެންދާކަމަށް ވެއެވެ. އެ ބޭކަލެއްގެ ނަން މި ލިއުމުގައި ގެންނަން ބޭނުންނުވީއެވެ.                 

އެމެރިކާގެ ކަނޑުގެ ސިފައިންގެ ބާރު ރަމްޒުކޮށްދޭ ތާޖުގެ އަގުބޮޑު ޖަވާހިރަކީ ނިއުކްލިއަރ ހަކަތައިން ދުއްވާ އެއަރކްރާފްޓް ކެރިއަރތަކެވެ. އޭގެ 5,000 ފަޅުވެރިންނާއި 90 ޖެޓް-ސްޓްރައިކް އެއަރކްރާފްޓަކީ ކަނޑުމަގުން އެއްގަމުގައި ހުރި ދުޝްމަނުންގެ އަމާޒުތަކަށް ބޭނުން ގޮތެއް ހަދާލެވިދާނެކަމުގެ ގާބިލުކަން ލިބިފައިވާ އުޅަނދުތަކެކެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި އުފެދޭ ކޮންމެ ސިޔާސީ ހަމަނުޖެހުމަކާ ގުޅިގެން އެމެރިކާ ރައީސް އެންމެ ފުރަތަމަ އެނގެން ބޭނުންވާނީ އެ އެއަރކްރާފްޓް ކެރިއަރތައް އޮތް ތަނެކެވެ. ފާއިތުވެގެން މިދާ ވިއްސަކަށް އަހަރުދުވަހު ނިރުބަވެރިކަން ނައްތާލުމުގެ ނަމުގައި ކުރެވެމުންދާ  ހަނގުރާމައިގެ މައިމަރުކަޒަކީ އެމެރިކާއިން ގަބޫލުކުރާ ގޮތުގައި މެދުއިރުމަތީގެ ސަރަހައްދެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް ކަމުގައި ބަލަމުންގެންދާ އުތުރު އެފްރިކާއާއި މެދުއިތުމައްޗާއި އަދި ސެންޓްރަލް އޭޝިޔާގައި ކޮންމެ ވަގުތެއްގައިވެސް އޭގެ އެއް އުޅަނދު އޮންނާނެއެވެ. 2020 ވަނަ އަހަރުގެ ތެރޭގައި ޕެސިފިކް ކަނޑުގެ އެކިއެކި ސަރަހައްދުތަކުގައި ބާއްވާފައި އޮންނަވަރަށް މެދުއިރުމައްޗަށް ނިއުކްލިއަރ ހަކަތައިން ދުއްވާ އެއަރކްރާފްޓް ކެރިއަރ ގެނެވުނު ކަމަށް ވެއެވެ.

އެމެރިކާއިން ޔަމަނަށް ދޭ ހަމަލާތައް ނިންމާލެވޭނެ ދުވަހެއް އެމެރިކާއަކަށް ވެސް ނޭނގޭ ކަހަލައެވެ. މިފަދަ ހާލަތު ތަކުގައި އެ އުޅަނދުފަހަރު މަރާމާތުކުރަން ވެސް ވަގުތު ނުދީ އެ އުޅަނދު ފަހަރު އެ ސަރަހައްދަކުން ނުގެންދެވިފައި ތިބެން އެބަޖެހެއެވެ. މެޑިޓެރޭނިއަން ކަނޑުގައި ބޭއްވި ތިން އެއަރކްރާފްޓް ކެރިއަރަށްވެސް ދިމާވެގެން އުޅެނީ މި ހާލަތެވެ. ޔޫއެސްއެސް ޖެރާލްޑް ފޯރޑް ކަނޑުމަތީގައި އޮންނަތާ 239 ދުވަސް ވެއްޖެއެވެ. ޔޫއެސްއެސް ހެންރީ އެސް. ޓްރޫމަން ކަނޑުމަތީ އޮންނަތާ 285 ދުވަސް ވެއްޖެއެވެ. ޔޫ އެސް އެސް އެޗް. ޑަބްލިޔޫ. ބުޝް ކަނޑުމަތީ ގައި އޮންނަތާ 257 ދުވަސް ވެއްޖެއެވެ. އެމެރިކާ ނޭވީންގެ ބަހުރުވައިގާ މިގޮތަށް އޮންނަން ޖެހުމަށްކިޔާ އުޅެނީ ޑަބަލް ބަމްޕް އެވެ.

ޔޫއެސްއެސް ޑްވައިޓް ޑީ. އައިޒަން ހަވަރ މަރާމާތުކުރުމުގެ ފުރުސަތު ނުލިބި 14 މަސްދުވަސްވާންދެން މިގޮތަށް ދެފަހަރު ޑަބަލް ބަމްޕް ކުރަންޖެހުމުގެ ސަބަބުން ލިބުނު ގެއްލުންތައް މަރާމާތުކުރަން 23 މަސްދުވަހު ބާއްވަން ޖެހުނެވެ.

މިހާރު ކަންތައް ދިމާވެފައިވާގޮތުން ދެން މެދުވެރިވެދާނެ ބޮޑު ހަނގުރާމައެއްގައި އެ އުޅަނދުފަހަރުގެ ފުރިހަމަ ބޭނުން ކުރެވިދާނެކަމާމެދު ވެސް މިހާރު ވަނީ ސުވާލު އުފެދިފައެވެ.

1982 ވަނައަހަރު ކޮންގްރެސްގައި ހެކިބަސް ދެމުން އެމެރިކާގެ އެންމެ ފާހަގކުރެވޭ މިލިޓްރީ ތަޖްރިބާކާރު އެޑްމިރަލް ހޭމަން ރިކޯވަރ ބުނެފައިވަނީ ރަޝިޔާއާއި އެކު ހަނގުރާމައަކަށް ދާންޖެހިއްޖެނަމަ އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ ބޭނުން ކުރެވޭނީ ހަމައެކަނި 48 ގަޑި އިރުގައެވެ. އޭގެފަހުން ފާއިތުވެގެން މިދާ ސާޅީސް އަހަރު ދުވަހުގެ ތެރޭގައި އެ އުޅަނދުތަކަށް އައިސްފައިވާނެ ބަދަލުތައް އަންދާޒާކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. 

                                                                 
އެޑްމިރަލް ރިކޯވަރ ގެ ބަޔާނަށްފަހު މިހާރުގެ ހާލަތަށް ރިޢާޔަތް ކުރާއިރު ފެންނަ ހަގީގަތަކީ އެންޓި-ޝިޕް މިސައިލްގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމެވެ. އެއަރކްރާފްޓަށް ފުރެންދެން ތެޔޮ އަޅައިގެން ނައްޓާލުމަށްފަހު އެންމެ 600 މޭލަށް އުދުހެވޭ އިރަށް އަނެއްކާ ތެޔޮ އަޅަން ޖެހެއެވެ. މި ހާލަތުގައި އެއަރކްރާފްޓް ކެރިއަރގެ ކޮމާންޑިން އޮފިސަރަށް އޮންނަނީ ހަމައެކަނި ދެ އިޚުތިޔާރެކެވެ. ފުރަތަމަ އިޚުތިޔާރަކީ ދުޝްމަނުންގެ މިސައިލް ނާރާ ހިސާބަށްވުރެން ދުރުގައި އޮތުމެވެ. އެކަމަކު އެހާލަތުގައި އެއީ އެއްވެސް ބޭނުމެއް އޮތް އުޅަނދަކަށް ނުވާނެއެވެ.

ދެވަނަ އިޚުތިޔާރަކީ 13 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުބޮޑު އެއަރކްރާފްޓް ކެރިއަރާއި އޭގައި ތިބި 5,000 ފަޅުވެރިންގެ ފުރާނަ އަތްމައްޗަށް ލައިގެން ތިބެ މިސައިލްގެ ރޭންޖްގެ ތެރެއަށް ވަނުމެވެ. 

          

މެދުއިރުމަތީގެ ޗާޓަށް ބަލާލާއިރު މިއީ ނުރައްކަލުން ފުރިގެންވާ ހާލަތެކެވެ. ހޯރްމޮޒް ކަނޑުއޮޅިއާއި ބާބުލް މަންދޫބް ކަނޑުއޮޅިއަކީ ބޭނުންހާ ގޮތަކަށް ބޭނުންހާއިރަކު އަނބުރާ ހޭރިޔާ ކުރެވިދާނެ ތަންތަނެއް ނޫނެވެ. އެއީ ވަދެ ނިކުތުމުގައި ވެސް ޚާއްސަ ފަރުވާތެރިކަމެއް ބަހައްޓަން ޖެހޭ ވަރަށް ހަނި ކަނޑުއޮޅި ތަކެކެވެ.              

2001 ވަނައަހަރުގެ ސެޕްޓެމްބަރ 11 ވަނަ ދުވަހުން ފެށިގެން ގައުމުތަކުގައި ހިނގާ ކޮންމެ ދެކޮޅުވެރިކަމަކާއި ދެބަސްވުމެއްގެ ތެރެއަށް އެމެރިކާގެ ކަނޑުގެ ސިފައިން ބެހިގަތުން މިއޮތީ ދެވިހިފައިފައެވެ. އެމީހުން ވަދެގެންނޫނީ އެއްވެސް ކަމެއް ހައްލު ނުކުރެވޭނެކަން ދެއްކުމުގެ ބޭނުމުގައެވެ. އެހެން އުޅެނިކޮށް ރަނގަޅު ތަޅާފޮޅުމަކާ ކުރިމަތިލާން ޖެހިއްޖެނަމަ މިހާރު އެ ގެންގުޅޭ ބާދަނގަނޑުގެ ހަގީގީ ފެންވަރު އޮޅުން ފިލާނެއެވެ. ކިތަންމެ ގިނަ މަނަވަރު ފަހަރެއް ހުރިކަމުގައި ވިޔަސް އެ އުޅަނދުފަހަރު މުސްކުޅިވެ ގައިބާރު ދެރަވީމާ އަދަދަކުން ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެއެވެ.

ފާއިތުވެގެން ދިޔަ ވިއްސަކަށް އަހަރު އެމެރިކާގެ ކަނޑުގެ ސިފައިންނަށް ލިބުނު ކާމިޔާބަކާއި ނާކާމިޔާބު އެ އޮތީ އިރާގާއި އަފްޣާނިސްތާނުން ހާމަކޮށް ފެންނާށެވެ.

އެމެރިކާގެ ލަޝްކަރުތައް ބަލިކަށިވަމުން ގޮސް ޕެންޓަގަންއަށް މިހާރު މަޖުބޫރުވެފައި އޮތީ ކަނޑު ސިފައިންގެ ލަޝްކަރުތަކުން ވެސް މިލިޓްރީ އެހެން ޑިވިޝަންތަކުގައި މީހުން ބައިވެރިކުރާށެވެ. މަޝްހޫރު ގްލޯބަލް ވޯރ އޮން ޓެރަރ ގައި ވެސް އެންމެ ފަހުން ކަނޑުގެ ސިފައިންގެ 120,000 މީހުން އެހެން ޑިވިޝަންތަކުގައި މަސައްކަތް ކޮށްދޭން ޖެހުނެވެ. އޭގެތެރެއިން ގިނަ މީހުންނަކީ މިހާރު ހަމައެކަނި ނަމެއްގައި ކަނޑުގެ ސިފައިގެ ލަޝްކަރުތަކުގެ ބައިވެރިންނެވެ. ކަނޑުގެ ސިފައިންގެ ތަމްރީނުތަކާ ދުރުގައި އެއްގަމު ސިފައިންނާއެކު ދުވަސްތައް ދިގުލައި ދިއުމުގެ ސަބަބުން މިހާރު އެތިބީ ކާޅަށް ވީ ގޮތް ވެފައެވެ. ރާދަ އަސްދޫނީގެ ހިނގުން ރީތިވެގެން އެގޮތަށް ހިނގަން މަސައްކަތްކުރުމުގެ ސަބަބުން އަމިއްލަ ހިނގުންވެސް ހަނދާން ނެތުނީއެވެ.

މިހާރު އެމެރިކާގެ ކަނޑުގެ ސިފައިންގެ ލަޝްކަރު ވެސް އޮތީ ސިފައިންގެ އަދަދު މަދުވުމުގެ ސަބަބުން ނުކުޅެދޭ ހާލަތެއްގައެވެ. 2017 ވަނަ އަހަރު ޕެސިފިކް ކަނޑުތެރޭގައި ޔޫ އެސް އެސް ފިޒްޖެރާލްޑާއި ޔޫ އެސް އެސް މެކައިން އާންމު ދަތުރުފަތުރުކުރާ ދެ ބޯޓަކާ އެކްސިޑެންޓްވެ 17 މީހުން މަރުވެގެން ދިއުމުން އެމެރިކާގެ ކަނޑުގެ ސިފައިން ނިދިޖެހިފައި ތިބި މިންވަރު އެނގި ހާމަވެގެން ދެއެވެ. މި ދެ އެކްސިޑެންޓް ގެ ތަޙްގީގުން އެނގުނީ އެމެރިކާ ކަނޑު ސިފައިންނަށް އަރާމުކުރާނެ ވަގުތާއި އަދި ރަނގަޅު ތަމްރީނު ލިބެމުން ނުދާކަމެވެ.            

ފިޒް ޖެރާލްޑާއި މެކައިންގެ ސަލާމަތީ ކަންތައްތައް ހުރީ އެފަދަ އުޅަނދުތަކުގައި ހުރުން ލާޒިމް ކުރާ ފެންވަރާ ގާތަކަށްވެސް ނޫންކަން އެމެރިކާ ކަނޑުސިފައިންގެ ވަރަށް އިސް ބޭފުޅަކުކަމުގައިވާ ޕައުލް ކިންގްސްބަރީ ވަރަށް ސަރީހަ ބަހުން އެ ތަހުގީގަށް އޮޅުންފިލުވައިދިން ކަމަށް ވެއެވެ.

މިއަދުގެ ހާލަތުގައި ސިފައިންގެ އަދަދު މަދުވުމަށްވުރެން ބޮޑަށް ހަތިޔާރު ހުސްވަމުންދިއުމުގެ ކަންބޮޑުވުންތައް އަދި މާބޮޑެވެ.

މިއަހަރު ޖެނުއަރީން ފެށިގެން ހޫތީންނަށް ދިން 12 ހަމަލާގައި 80 ޓޮމްހައުކް ލޭންޑް އެޓޭކް މިސައިލް ބޭނުންކުރެވިއްޖެއެވެ. އެއީ އަހަރު ދުވަހުގެ ތެރޭގައި އުފެއްދޭ އަދަދުގެ ދެބައިކުޅަ އެއްބައެވެ. ޓޮމްހައުކް މިސައިލަކީ އެމެރިކާގެ ލަޝްކަރުތަކަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ހަތިޔާރެވެ. ކުޅޭ ކުޅޭގޮތަކަށް އެ ހަތިޔާރުގެ ބޭނުމެއް ނުކުރެވޭނެއެވެ. ޕެސިފިކް ކަނޑުގައި ޗައިނާއާއެކު ދެކޮޅުވެރިކަމެއްގައި ކުރިމަތިލާން ޖެހިއްޖެނަމަ ޓޮމްހައުކް މިސައިލަށްވުރެން ވަކިން ބޮޑަށް ބޭނުންވާނެ އެހެން ހަތިޔާރެއް ނެތެވެ.

ޗައިނާއާއެކު ދެކޮޅުވެރިކަމުގެ ކުރިމަތިލުމަކަށް ދާން ޖެހިއްޖެނަމަ އެމެރިކާގެ ބާރުގެ ދަށުގައި އެކަށީގެންވާ މިންވަރަށް ހަތިޔާރު އެބަ ހުއްޓެކޭ ނުބުނެވޭނެއެވެ. މިހާރު އަތުގައި ހުރި ހަތިޔާރު ވެސް އެ ދަނީ މެދުއިރުމަތީގައި ސުމާރެއް ނެތި ބޭނުންކުރެވެމުންނެވެ.

2001 ވަނައަހަރު ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހާ ހަމަޔަށް ދުނިޔޭގެ ސުޕްރޕަވަރަކީ އެމެރިކާއެވެ. ޗައިނާއިން އެމެރިކާއާއި ވާދަކުރުމާ ކައިރިއަށް ވެސް ނާދެވޭނެއެވެ. އެމެރިކާގެ މިލިޓްރީގައި ޗައިނާއަށްވުރެ 100 މަނަވަރު އިތުރުވެފައި ޗައިނާގައި އެންމެ އެއަރކްރާފްޓް ކެރިއަރެއް ވެސް ނެތެވެ. ޗައިނާގައި އޮތީ ހަމައެކަނި ޑީސަލުން ދުއްވާ ވިއްސަކަށް ސަބްމެރީނެވެ.

އޭގެ ވިއްސަކަށް އަހަރުފަހުން މިއަދު އެމެރިކާ މިލިޓްރީގެ ލޮލުގެ ކުރިތީގައި ތަމްސީލުވެގެންދަނީ މުޅިން ތަފާތު މަންޒަރެކެވެ.

ދުނިޔޭގެ އެންމެ ބޮޑު ނޭވީއަކީ ޗައިނާއެވެ. ޓަނޭޖްގެ ގޮތުން އެމެރިކާގެ އަދަދު އިތުރު ވެދާނެއެވެ. ޗައިނާގެ ތިންވަނަ އެއަރކްރާފްޓް ކެރިއަރ ފުޖިއަން ސީ ޓްރައިއަލް މިހާރު ތައްޔާރުވަނީއެވެ. އެމެރިކާއިން އަފްޣާނިސްތާނުގައި ހަނގުރާމަކުރަމުންދިޔަ ދުވަސްވަރު ޗައިނާގައި 313 މަނަވަރު ވަނީ ކޮމިޝަން ކޮށްފައެވެ. 

ދާދިފަހުން ވޯރގޭމްސްއިން ކުރި ދިރާސާއެއްގައި ހާމަކޮށްފައިވާ ގޮތުން އެމެރިކާގެ ބާ އޮޑިފަހަރާއެކު ޗައިނާއަށް ރައްދު ދިނުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އެމެރިކާގެ ކަނޑުގެ ސިފައިންނަށް އާ އުޅަނދުފަހަރު ބަނުން އޮތީ އަދިވެސް ފަށަންވެފައެވެ. ދެކެވެނީ ހުސް ވާހަކަތަކެކެވެ. އުޅަނދުފަހަރު ބަނުމަކީ އެއްދުވަހަކުން ދެ ދުވަހަކުން ކުރެވޭނެ ކަމެއް ނޫނެވެ. ގެއްލިދާ ދުވަސްތަކާއި ގެއްލިގެންދާ ފުރުސަތުތައް އަލުން ނުހޯދޭނެއެވެ. އެމެރިކާއަށް ލިބިފައިވާ ޖާސޫސީ މައުލޫމާތަށް ބުރަވެ ތިބެ ބަލާއިރު ޗައިނާއިން ކަނޑު ސިފައިންގެ އުޅަނދުފަހަރު ބަނުން އެމެރިކާއަށްވުރެ 200 ގިނައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ މިދުވަސްވަރު އެމެރިކާ ކަނޑު ސިފައިން ކުރުން އެންމެ އައުލާ ވެގެންވާ ކަމަކީ ނޭފަތުކުރި ރެޑްސީގެ ލޮނުގަނޑުގެ އަޑިއަށް ދިއުމުގެ ކުރިން ހިކިފަސްތަނެއް ހޯދުމެވެ. އެހެންނޫނީ ދެން ފެންނާނީ މެދުއިރުމަތީގެ ހަނަފަސް ވެލިގަނޑު ތެރެއަށް ލަޝްކަރުތައް ގެނބިފައި ވަނިކޮށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް