ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު ލިމިޓު މުރާޖައާކުރަމުންދިޔަ ނަމަވެސް މިހާތަނަށް އައު ލިމިޓެއް ބޭންކް އޮފް މޯލްޑިވްސްއިން ކަނޑައަޅާފައިނުވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލް އިން ބުނީ ބޭރު ފައިސާ ލިބުމުގައި ބޭންކަށް ދިމާވާ ދަތިތަކާ ގުޅިގެން ރުފިޔާ އެކައުންޓުތަކުން ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓުތައް މުރާޖައާ ކުރަމުން އަންނަ ކަމަށެވެ.
ހަމަ އެހެންމެ މިހާތަނަށް ބޭންކުން ވަކި ލިމިޓެއް ކަނޑައަޅާފައި ނުވާ ކަމަށާއި އަދި އާ ލިމިޓަކަށް އަމަލުކުރަން ފަށާނެ ތާރީހެއް ވެސް ކަނޑައަޅާފައި ނުވާ ކަމަށް ބީއެމްއެލް އިން ބުނެފައި ވެއެވެ.
ދިވެހި ރުފިޔާ އެކައުންޓުތަކުން ބޭރު ފައިސާގެ މުއާމަލާތްކުރުމަށް މިހާރު ކަނޑައަޅާފައިވާ ލިމިޓަކީ މަހެއްގެ މައްޗަށް ޑެބިޓް ކާޑުން 250 ޑޮލަރު އަދި ކްރެޑިޓް ކާޑުން 750 ޑޮލަރެވެ.
ބީއެމްއެލްއިން ކާޑު ލިމިޓު މުރާޖައާ ކުރަމުން އަންނަ އިރު، ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ބީއެމްއެލްގެ ކާޑް ލިމިޓް މި މަހުގެ އެކަކުން ފެށިގެން ބޮޑުކޮށްދޭން ސަރުކާރުން ނިންމި ނަމަވެސް ޑޮލަރުގެ ތާށިކަމާ ހުރެ އެ ބަދަލު ގެނެވޭގޮތް ހަމަޖެއްސިފައެއް ނުވެއެވެ.