ކުރީ ސަރުކާރުން އާންމުކުރި ފްލެޓް ލިސްޓު ބާތިލުކޮށް، އަލުން އިއުލާން ނުކުރާނެކަމުގެ ޔަޤީންކަން މިނިސްޓްރީން ދިން: އެޗްއާރްސީއެމް

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ފަށާފައިވާ ގެދޮރުވެރިޔާ ސްކީމުން ދޫކުރި ފުލެޓުތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހުން ކަމަށް ކުރީ ސަރުކާރުން އާންމުކޮށްފައިވާ ލިސްޓު ބާތިލުކޮށް، އަލުން އިއުލާން ނުކުރާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން ދިން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެޗްއާރްސީއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި މިހެން ބުނެފައި މިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުން ކަނޑައެޅުމުގެ އިންތިޒާމުތައް ހައުސިން މިނިސްޓްރީން ކުރަމުންދާ ކަމަށް ރޭގެ ވަގުތެއްގައި ބުނެފައި ވަނިކޮށެވެ.

އެގޮތުން އެޗްއާރުސީއެމުން ބުނީ ގެދޮރުވެރިޔާ ސްކީމުގެ މައްސަލައިގައި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުންދާ މައްސަލައިގައި، ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެންދާނެ ކަމަށް ބުނެ އެޗްއާރުސީއެމަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ ކޮމިޝަނުން ބަލަމުންދަނީ އިންސާނީ ހައްޤުތަކުގެ ނަޒަރުން ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން ހިނގާފައިވާ ގޮތުގެ ތަފުސީލު ކަމަށް ބުނެފައި ވެއެވެ.

ހަމަ އެހެންމެ މިހާތަނަށް ކުރެވިފައި ހުރި މަސައްކަތްތަކުން މި މައްސަލަ ހުށަހެޅި ފަރާތްތަކުގެ ކިބައިން މައުލޫމާތު ސާފުކޮށް، ހައުސިން މިނިސްޓްރީއާއެކު ތަފާތު އެކި ފަހަރުމަތިން ބައްދަލުކޮށްފައިވާނެ ކަމަށް އެ ކޮމިޝަނުން ހާމަކުރެއެވެ.

އެޗްއާރްސީއެމުން ބުނީ މިހާތަނަށް ބޭއްވުނު ހުރިހާ ބައްދަލުވުމެއްގައި ވެސް މި މަޝްރޫޢުގެ ދަށުން ފުލެޓު ދިނުމަށް ކަނޑައަޅާފައިވާ ލިސްޓު ބާތިލުކޮށް އަލުން އިއުލާނު ނުކުރައްވާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން ދީފައިވާ ކަމަށެވެ.

އޭސީސީން ގެދޮރުވެރިޔާ ސްކީމުގެ މައްސަލައާ މެދު ގޮތްތަކެއް ކަނޑައަޅާފައި ވާތީ އެ މަޝްރޫއާ މެދު އަމަލުކުރަންވީ ގޮތުގެ ލަފަޔަކަށް، ހައުސިން މިނިސްޓްރީން އެޓާނީ ޖެނެރަލަށް އެދިފައިވާ ކަމަށްވެސް އެޗްއާރުސީއެމުން ބުނެފައި ވެއެވެ.

އެހެން ކަމުން މިކަމާއި ގުޅިގެން އިތުރަށް ސާފުކުރަން ޖެހޭ މަޢުލޫމާތުތައް ލިޔެކިޔުން ހޯދުމަށް މިހާރު އެދިފައިވާ ކަމަށް އެޗްއާރުސީއެމުން ބުނެފައި ވެއެވެ. މިގޮތުން ކަމާބެހޭ މުއައްސަސާތަކާއެކު އިތުރު ބައްދަލުވުންތައް ރޭވިފައިވާ ކަމަށްވެސް އެ ކޮމިޝަނުން ހާމަކުރެއެވެ.

މީގެ އިތުރުން ގެދޮރުވެރިޔާ ސްކީމުގެ މި މައްސަލައަކީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި މައްސަލައެއް ކަމުގައިވާތީ، މި މައްސަލަ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް އެ ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށާއި މި މައްސަލަ އެ ކޮމިޝަނުން ތަހުގީގުކޮށް ނިމުމުން، މައްސަލައާމެދު ނިންމާ ގޮތުގެ ތަފްސީލު، މައްސަލަ ހުށަހެޅި ފަރާތްތަކަށް ހިއްސާކުރެވޭނެ ކަމަށް އެޗްއާރްސީއެމުން ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް