އިގުތިސާދީ ފުދުންތެރިކަން ނެތި މިނިވަންކަމުގެ ރާހަތެއް ނުކުރާނެ

Loading

Facebook
Twitter
WhatsApp

ހަނގުރާމަކޮށް ލޭ އޮހޮރުވައި އެތައްބައެއްގެ ފުރާނައިން ގުރުބާންވެގެން ގިނަ ގައުމުތަކެއް އިސްތިއުމާރީ އަޅުވެތިކަމުން ސަލާމަތްވެ މިނިވަން ދައުލަތަކަށްވުމުގެ އުފާ ލިބިގެންފައި އެބަހުއްޓެވެ. އެހެންނަމަވެސް އެ މިނިވަން އެންމެ ފުރިހަމަގޮތުގައި ނޫނަސް ފުރިހަމަ ގޮތެއްގައިވެސް ދެމެހެއްޓޭނީ އެ ގައުމެއްގެ އިގުތިސާދު ރަނގަޅަށް މެނޭޖް ކުރެވިގެންނެވެ. ގައުމަށް ލިބޭ އެއްޗަކަށްވުރެން ޚަރަދު ބޮޑުވަމުން ގޮސް ދަރަނިވެރިވެ ގައުމުގެ ރައްޔިތުން ބިކަވެ އަތާއި އަނގަޔާ ދިމާނުވާ ހާލަތަކަށް ދިއުމުން މިނިވަން ގައުމެކޭ ކިއުން ޖާއިޒު ވެގެންނެއް ނުވެއެވެ.

ބައެއް ގައުމުތަކުން މުޅިދުނިޔެ އެމީހުންގެ ބާރުގެ ދަށުގައި ބޭއްވުމަށްޓަކައި ތަފާތު ގޮތްގޮތުން މަސައްކަތްކުރަމުން ގެންދާތަން ލޮލުގެ ކުރިމަތީގައި ދަނީ ހާމަވަމުންނެވެ. އެކިއެކި ފިޔަވަޅުތައް އަޅައިގެންވެސް އެ ގައުމުތަކުން ބޭނުންވާ މަގްސަދު ގެންދަނީ ހާސިލުކުރަމުންނެވެ. ދަތިކުރުމުގެ ފިޔަވަޅުތަކާއި ހަނގުރާމައިގެ އަމާޒުތަކަކަށް ހަދައިގެންނެވެ.

މި ވޭތުވެދިޔަ 70 ވަރަކަށް އަހަރުގެ ތެރޭގައި މުޅިދުނިޔެ ބަނޑުދަށުލައިގެން އުޅެމުންގެންދަނީ އެމެރިކާއާއި އެގައުމުގެ ބައިވެރިންނެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ އިގްތިސާދީ ފުދުންތެރިކަން ހޯދަން މަސައްކަތްކުރާތަން ހަމަ ފެންނައިރަށް އެގައުމެއް ބިމާހަމަކޮށްލައިގެންނެވެ.

ގުދުރަތުގެ ނިޔާގައި މިދުނިޔޭގެ އެއްވެސް ކަމެއް ދާއިމަށް އެއްގޮތަކަށް ނޯންނާނެއެވެ. އެ ނިޔާގެ ވަގުތުޖެހުމުން ތަންފީޒުވެގެންދާނެއެވެ.

މިއަދު މިފެންނަނީ މީގެކުރިން އިގުތިސާދީ ގޮތުން މާ ބޮޑު ބާރެއް ލިބިފައި ނެތް ފަސް ގައުމަކުން އެ ގައުމުތަކުގެ އިގުތިސާދު ރަނގަޅު ބިންގަލެއްގެ މަތީގައި އިމާރާތްކޮށް ދެމެހެއްޓުމުގެ ބޭނުމުގައި އުފަންކުރުވި ކުޑަކުޑަ ޖަމާއަތަކުން ދުނިޔޭގެ ބޮޑެތި ބާރުތަކަށް ގޮންޖަހަން ނިކުތް މަންޒަރެވެ.

މީގެ 24  އަހަރުކުރިން އުފެދުނު މި ޖަމާއަތް ދާދިމިދާކަށް ދުވަހާ ޖެހެންދެން ވެސް ދުނިޔޭގެ ކަންކޮޅުތަކަށް އެނގި މަޝްހޫރު ވެފައެއް ނުވެއޭ ބުނެވިދާނެއެވެ. އެކަމަކު ޔޫކްރެއިން އާއި ރަޝިޔާގެ ހަނގުރާމައިގާ ޔޫކްރެއިނަށް ކާމިޔާބުކޮށްދިނުމުގެ ބޭނުމުގައި ދުނިޔޭގެ ބޮޑެތި ބާރުތަކުން އެ ގައުމުތަކުން ނުރުހިފާތިބި އެހެން ގައުމުތަކަށް އަޅަމުން ގެންދިޔަ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކުރަމުންގެންދިޔަ ދުއްތުރާތަކުގެ ސަބަބުން އެހެންގޮތެއް ހޯދަން އެ ގައުމުތަކަށް މަޖުބޫރު ކުރުވައިފިއެވެ. އަދި މިއަދު ދުނިޔޭގެ ބޮޑެތި މީޑިއާތަކުގައި މެދުކެނޑުމެންނެތި އެވާހަކަ ދައްކަންވެސް ފަށައިފިއެވެ.

މިދިޔަ ބުދަދުވަހު އެ ކުޑަކުޑަ ޖަމާއަތުގައި ސައޫދީ އެރޭބިޔާއިން ބައިވެރިވުމުގެ ސަބަބުން މީގެކުރިން ދުނިޔޭގެ އިގުތިސާދު އެބައެއްގެ ބަނޑުދަށަށް ލައިގެން އުޅުނު ހުޅަނގުގެ ގައުމުތަކަށް ވަރުގަދަ ބިންހެލުމެއް އައި ކަހަލައެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ކުރިން އެމިރޭޓްސްވެސް ވަނީ އެ ޖަމާއަތުގައި ބައިވެރިވެފައެވެ. ސައޫދީ އެރޭބިޔާއާއި އެމިރޭޓްސް އެ ޖަމާއަތުގައި ބައިވުން އެއީ އާދައިގެ ކަމަކަށް ނުވިއެވެ.

މީގެ ކުރިން ކުޑަކުޑަ ޖަމާއަތެއްގެ ގޮތުގައި އޮތް ބްރިކްސް އިން މިއަދު ދުނިޔޭގެ ހަކަތައިގެ ބާޒާރުގެ %47 އެޖަމާތުގެ ބާރުގެ ދަށަށް ދިޔައީއެވެ. ބާރުގަދަ އެމެރިކާއަށް ލިބިފައިވަނީ އެ ބާޒާރުން ހަމައެކަނި %2.1 އެވެ 

އިގުތިސާދީ މާހިރުން ދެކިވަޑައިގަންނަވާ ގޮތުގައި ބްރިކްސްގައި ހިމެނޭ ގައުމުތަކުން ކުރާ ބޭރުގެ ވިޔަފާރި އެ ގައުމުތަކުގެ އާންމު ފައިސާ ކުރުމަށް ބާރު އަޅަމުން ގެންދިއުމުގެ ސަބަބުން އެމެރިކާގެ އިގްތިސާދު އިތުރަށް ނިކަމެތި ވެގެންދާނެއެވެ. މިހާރުވެސް ރަޝިޔާއިން ކުރާ ބޭރުގެ ވިޔަފާރިތަކުގައި %85 ބޭނުން ކުރަމުންގެންދަނީ އެ ވިޔަފާރި ހިންގޭ ގައުމުތަކާއި އަދި ރަޝިޔާގެ ފައިސާއިންނެވެ.

ސައޫދީ އެރޭބިޔާއިން ވެސް ކުރިއަށް އޮތްތަނުގައި ތެލުގެ އަގު ގައުމުތަކުގެ ފައިސާއިން އަދާކުރުން ގަބޫލުކުރުމާބެހޭ އިންތިޒާމްތައް ހަމަޖައްސަމުންގެންދާ ކަމުގެ އިޝާރާތެއް ވަނީ ކޮށްފައެވެ. އެމިރޭޓްސް އިން މިހާރުވެސް ބައެއް ހާލަތުތަކުގައި އެ ގައުމުން ކުރާ ބޭރުގެ ބައެއް ވިޔަފާރިތަކުގެ އަގު ގެންދަނީ ޑިޖިޓަލް ދިރްހަމުން ގަބޫލުކުރަމުންނެވެ. ދާދި މިދާކަށް ދުވަހު އެމިރޭޓްސް އިން ޑިޖިޓަލް ދިރްހަމް ތައާރުފް ކުރުމަށް ބޭއްވި ބޮޑު ރަސްމިއްޔާތެއްގައި ޗައިނާއިން ގަތް 136 މިލިއަން ޑޮލަރުގެ ތެލުގެ އަގު 500 މިލިއަން ޑިޖިޓަލް ދިރްހަމުން ވަނީ ގަބޫލުކޮށްފައެވެ. އެ ރަސްމިއްޔާތުގައި އެމިރޭޓްސްގެ މަރުކަޒީ ބޭންކުގެ ގަވަރނަރ ޝައިޚް މަންސޫރު ވިދާޅުވެފައިވަނީ މިއީ ބްރިޖް ޕްލޭޓްފޯމް ބޭނުންކޮށްގެން ޗައިނާއާއެކު ޔެން އިން ނިންމާލެވުނު ވަރަށް ތާރީޚީ ނިންމުމެއް ކަމަށެވެ. އެ ރަސްމިއްޔާތުގައި މަރްކަޒީ ބޭންކުގެ އޮފިޝަލުންނާއި އަދި އެ ބޭންކުން ދަސްވެނިވަމުންގެންދާ 1056 ދަރިވަރަކު ބައިވެރި ވިއެވެ.                                     
ރަޝިޔާއާއި ޗައިނާ އަދި އީރާނުންވެސް މިހާރު އެންމެ ބޮޑު އިސްކަމެއްދީގެން ބާރުއަޅަމުން ގެންދަނީ މެމްބަރު ގައުމުތަކާއި އަދި އެނޫން އެހެން ގައުމުތަކުންވެސް ބޭރުގެ ވިޔަފާރިތަކުގައި އެމެރިކާ ޑޮލަރ އެއްފަރާތްކޮށް ގައުމުތަކުގެ އަމިއްލަ ފައިސާ ބޭނުންކުރަން އިސްކަން ދިނުމަށެވެ.

ކުރިއަށް އޮތް ތަނުގައި އިތުރު ތިރީހަކަށް ގައުމުން ބްރިކްސްގެ މެމްބަރުކަން އެދި ހުށަ އަޅާފައިވާ ކަމަށް ދެކުނު އެފްރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

އިތުރު ޚަބަރުތަކުން އެނގިފައިވާ ގޮތުގައި ބްރިކްސްގެ މެމްބަރު ގައުމުތަކުން އެމެރިކާ ޑޮލަރުގެ ބޮންޑުތަކަށްވެސް މާބޮޑު އަގެއް އޮތް ކަމަކަށް ނުދެކެއެވެ. އެމެރިކާގެ ދަރަނި 34 ޓްރިލިއަން ޑޮލަރުގެ އިންފަހަނަޅާ ދިއުމުން އޭޝިޔާގެ ބައެއް ބޮޑެތި ވިޔަފާރިތަކުން އެމެރިކާ ޑޮލަރު ފެނުނީމާ އަނެއްފަރާތައް މޫނު އަނބުރާވާހަކަ ވެސް މަލާމާތުގެ ގޮތުގައި ބައެއް މީޑިއާތަކުން ބުނެފައިވެއެވެ.

ރަޝިޔާގައި މިހާރު ކުރިއަށްދާ ބްރިކްސް ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައިވެސް އެ ޖަމާއަތުގެ އާންމު ފައިސާއެއް ތަޢާރުފް ކުރުމުގެ މުހިންކަމުގެ މައްޗަށް އީރާނުން ބާރުއަޅަމުން އެބަ ގެންދެއެވެ. ބައެއް މީޑިއާތުކުން ހާމަކޮށްފައިވާ ގޮތުގައި މިއަހަރު ފަހުކޮޅު ބޭއްވުމަށް ތާވަލް ކުރެވިފައިވާ އަހަރީ އާންމު ޖަލްސާގައި އެކަމާމެދު ގޮތެއް ނިންމުން ވަރަށް ކައިރިއެވެ.

ބައިނަލް އަގްވާމީ މީޑިއާގައި ބްރިކްސް ޖަމާއަތުން މިހާތަނަށް ހާސިލުކުރެވުނު އެންމެ ބޮޑު ކާމިޔާބީއެއްކަމުގައި ފާހަގަކޮށްފައިވަނީ ޖީ-7 ގެ ނިސްބަތުން ހަކަތައާއި ޖީޑީޕީ އާއި އަދި ޖުމްލަ ވެލްތު ބްރިކްއިން ކުރިހޯދާފައިވުމެވެ. ސައޫދީ އެރޭބިއާ ބްރިކްސްއާއި ގުޅުމާއެކު އެޖަމާއަތުގެ ޖުމުލަ ވެލްތުގެ އަގަކީ 45 ޓްރިއަން ޑޮލަރު ކަމުގައި ވެއްޖެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް