ޔާމިންގެ އެކައުންޓު ފްރީޒް ކުރީ ގޯސްކޮށް: ސްޕްރީމް ކޯޓު

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްޤައްޔޫމްގެ ބޭންކް އެކައުންޓު ފްރީޒްކުރަން ކޯޓު ޢަމުރު ނެރުނީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ރައީސް ޔާމީންގެ 8 އެކައުންޓެއް ފްރީޒް ކުރުމުގެ އަމުރެއް މިދިޔަ އަހަރު ކުރީކޮޅު ކްރިމިނަލް ކޯޓުން ނެރުނީ އެމްއެމްޕީއާރްސީގެ ޙިޔާނާތާއި ގުޅިގެން ދަޢުލަތަށް ލިބެންޖެހޭ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ބުނެ، އެފަދަ ޢަމުރަކަށް ފުލުހުން އެދުމުންނެވެ. އެ ޢަމުރުގައި ބުނެފައިވަނީ އެ ފައިސާ ނުހިފަހައްޓައިފިނަމަ އެއިން އެމަނިކުފާނު މާލީ މަންފަޢައެއް ހޯދުމުގެ ފުރުސަތު އޮތް ކަމަށާއި ދަޢުލަތަށް ގެއްލުންވެދާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އެޢަމުރު ހައިކޯޓުގައި ވަނީ އިސްތިޢުނާފު ކޮށްފައެވެ. އަދި އެމައްސަލަ އިސްތިޢުނާފު ކުރުމުން ހައިކޯޓުން ވަނީ އެޢަމުރު ބާތިލް ކޮށްފައެވެ. ހައިކޯޓުން ޢަމުރު ބާތިލް ކުރުމުން ދަޢުލަތުން ހައިކޯޓުގެ ޙުކުމް ސްޕްރީމްކޯޓުގައި އިސްތިޢުނާފް ކުރިއެވެ.

މިއަދު އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ޙުކުމްގައިވަނީ ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރީ ޤާނޫނާއި ޚިލާފަށް ކަމަށެވެ.

ރައީސް ޔާމީންގެ އެކައުންޓް ފްރީޒް ކުރުމުގެ ޢަމުރަކަށް ދަޢުލަތުން އެދިފައިވަނީ ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ 72 ވަނަ މާއްދާގައި ބުނާ މޮނިޓަރިންގެ ޢަމުރެއް ނެތިކަމަށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެއެވެ. ނަމަވެސް ދައުލަތުން ވިދާޅުވަނީ، ފްރީޒް ކުރުމުގެ ޢަމުރު ނެރުނީ އެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ބ)ގައި ވާ އިސްތިސްނާ ޙާލަތެއް ބޭނުންކޮށްގެން ކަމަށެވެ. ނަމަވެސް ހައިކޯޓުން ކަނޑައަޅާފައި ވަނީ އެއީ އިސްތިސްނާ ޙާލަތެއް ނޫން ކަމަށެވެ.

ނަމަވެސް ސުޕްރީމްކޯޓުގެ ޙުކުމްގައި ވަނީ އެ މައްސަލައިގައި އެކައުންޓު ފްރީޒް ކުރުމުގެ ޢަމުރަކަށް އެދެން ޖެހޭނީ މަނީ ލޯންޑަރިންގެ ޤާނޫނުގެ ދަށުން ކަމަށެވެ.

މަނީ ލޯންޑަރިންގެ ޤާނޫނުގެ ދަށުން ފްރީޒް ކުރެވޭނީ ދަޢުލަތަށް ނެގިދާނެ ކަމަށް ބެލެވޭ ފައިސާއެވެ. އެ ފައިސާއަކީ ދަޢުލަތަށް ނެގިދާނެ ފައިސާއެއްކަން ސާބިތުކޮށްދިނުމަކީ އެ މަރުޙަލާގައި ލާޒިމު ކަމެއް ނޫން ކަމަށްވެސް އެޢަމުރުގައި ވެއެވެ. އެ ފައިސާއަކީ ދަޢުލަތަށް ނެގިދާނެ ފައިސާ ކަމަށް ޤަބޫލު ކުރެވޭ ސަބަބެއް ނުވަތަ ސަބަބުތަކެއް ފަނޑިޔާރުންނަށް ދެއްކުމުން ފުދޭނެ ކަމަށްވެސް ޙުކުމުގައި ވެއެވެ.

ފްރީޒް ކުރުމުގެ ޢަމުރަކަށް އެދޭ އިރު، ދަޢުލަތަށް ނަގަން އެދޭ ފައިސާ ނޫނީ މުދާ ބަޔާން ކޮށް އެނގެން ޖެހޭނެ ކަމަށް ޙުކުމުގައިވެ އެވެ. އަދި އެއީ ފައިސާ ކަމުގައިވާނަމަ، އެ ފައިސާގެ އަންދާޒާ ކުރެވޭ ޢަދަދެއް ފަނޑިޔާރަށް ހުށަހަޅަން ޖެހޭނެ ކަމާއި، އަންދާޒާ ކުރާ ޢަދަދަށްވުރެ ގިނައިން އެކައުންޓުގައި ފައިސާ ހުރި ނަމަ ފްރީޒް ކުރާނީ އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން ކުށާއި ގުޅިފައިވާ ކަމަށް ބެލެވޭ ފައިސާ ކަމަށްވެސް ޙުކުމުގައި ވެއެވެ.

އޭގެ އިތުރުން، އަމުރަށް އެދޭ އިރު އެ އަމުރަށް އެދެނީ ކޮން ގާނޫނެއްގެ ދަށުންކަން ބަޔާން ކުރަންވާނެ ކަމަށާއި، ފަނޑިޔާރުން ޢަމުރު ނެރޭއިރުވެސް، އެ އަމުރެއް ނެރެނީ ކޮން ގާނޫނެއްގެ ދަށުންކަން ބަޔާން ކުރަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ. އަދި ޤާނޫނުގައި ލާޒިމު ކުރާ ކަންކަން އެ މައްސަލައެއްގައި ފުރިހަމަވޭތޯ ނުވަތަ ނޫންތޯ ބަޔާން ކުރަން ވާނެ ކަމަށް ޙުކުމުގައި އެވެ.

ފުލުހުންގެ ތަހުޤީގަކީ ރައީސް ޔާމީންއާއި އޭސީސީއާއެކު ހެދި އެސްކްރޯ އެކައުންޓަށް އެމަނިކުފާނުގެ ބީއެމްއެލްގެ އެކައުންޓަކުން އެއް މިލިއަން ޑޮލަރު ޖަމާކުރުމުގެ މުޢާމަލާތަކާއި ގުޅޭ ތަހުޤީގެއްކަން ޙުކުމުގައި ފާހަގަ ކުރި އެވެ. ނަމަވެސް، އެސްކްރޯ އެކައުންޓް ފްރީޒްކުރުމުގެ ޢަމުރަކަށް އެދުމުގެ ބަދަލުގައި ރައީސް ޔާމީންގެ އެހެން 8 އެކައުންޓު ފްރީޒް ކުރަން ހުށަހަޅި އިރު، އެ އެ އެކައުންޓުތަކުގައިވާ ފައިސާއާ އެސްކްރޯ އެކައުންޓުގެ މުޢާމަލާތާއި ގުޅެނީ ކިހިނެއް ކަމެއްވެސް ފުލުހުންނަށް އެ މައްސަލައިގައި ހައިކޯޓުގައިވެސް ސުޕްރީމް ކޯޓުގައިވެސް ބުނެދެވިފައި ނުވާކަމަށް މިއަދު ސުޕްރީމްކޯޓުން ކުރި ޙުކުމުގައިވެ އެވެ. އަދި އެ އެކައުންޓުތަކުގައި އެމްއެމްޕީއާރްސީގެ ފައިސާ ހުރިކަންވެސް ބުނެދެވިފައި ނުވާ ކަމަށްވެސް ޙުކުމުގައި ވެއެވެ.

”ވީމާ މި ސަބަބުތަކަށް ޓަކައި މޯލްޑިވްސް އިސްލާމިކް ބޭންކުގައިވާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ 8 އެކައުންޓް ފްރީޒްކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ ޢަމުރު ނެރެފައި ވަނީ ޤާނޫނާއި އެއްގޮތަށްކަން އަހުރެންނަކަށް ނުފެނުނު،“ ޙުކުމް އިއްވަމުން ފަނޑިޔާރު ހުސްނުއްސުޢޫދު ވިދާޅުވި އެވެ.

ފަނޑިޔާރު ސުޢޫދުގެ ރަޢުޔަށް ފަނޑިޔާރު އަޒްމިރަދާ ޒާހިރާއި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުހައްމަދު ތާއީދު ކުރެއްވި އެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރީ ޤާނޫނާ ޙިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމެވިޔަސް މިހާރުވެސް އެކައުންޓުތައް ހުރީ ފްރީޒް ނުކޮށް ދޫކޮށްލައިފަ އެވެ. ފްރީޒްކޮށްފައި ހުރީ ހަމައެކަނި ގއ. ވޮޑަމުލާގެ އެއް މިލިއަން ޑޮލަރު ޖަމާވި އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓެވެ.

ރައީސް ޔާމީން މިހާރު ހުންނެވީ މާފުށީ ޖަލުގަ އެވެ. އެއީ ގއ. ވޮޑަމުލާ ދޫކޮށްގެން ދަޢުލަތަށް ލިބެން ޖެހޭ ފައިސާ ލޯންޑްކުރި މައްސަލަ ސާބިތުވެ އިއްވި ފަސް އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށެވެ. އެ މައްސަލައިގެ އިތުރުން، މަނީ ލޯންޑަރިންގެ އިތުރު ދަޢުވާ ތަކެއްވެސް މިހާރުވަނީ އެމަނިކުފާނުގެ މައްޗަށް އުފުލައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް