މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރަޒާކް ތަންފީޒުކުރަމުން ގެންދާ 12 އަހަރުގެ ޖަލު ހުކުމުގެ އެއްބައި އެގައުމުގެ ޕާޑަން ބޯޑުން މާފުކޮށްދީފައިވާކަން ހާމަވެއްޖެއެވެ.
ނަޖީބްގެ މައްޗަށް ހުކުމް އިއްވާފައިވަނީ މެލޭޝިއާގެ 1މެލޭޝިއާ ޑިވެލޮޕްމަންޓް ބަރހާދް (1އެމްޑީބީ) ގެ ފައިސާ އެމްބެޒްލްކުރިކަން ސާބިތުވުމާއެކު 2022 ވަނަ އަހަރުގެ ތެރޭގައެވެ.
މިގޮތުން، ނަޖީބްގެ ޖަލުހުކުމް ކުޑަކުރުމުގެ އިތުރުން، ޕާޑަން ބޯޑުން ވަނީ އޭނާ ދައުލަތަށް ދައްކަންޖެހޭ ފައިސާގެ އަދަދު 210 މިލިއަން މެލޭޝިއާ ރިންގިޓުން 50 މިލިއަން މެލޭޝިއާ ރިންގިޓަށް ދަށްކޮށްފައެވެ.
އޮގަސްޓް 2028 ގައި ނަޖީބް މިނިވަންވާނީ މިއަދަދު އެއްކޮށް ދައުލަތާއި ހަވާލުކުރުމުންކަމަށްވެސް ބޯޑުން ވަނީ ބުނެފައެވެ. އެހެންނޫންނަމަ، އިތުރު އެއް އަހަރު ބަންދުގައި ހޭދަކުރަން ޖެހޭނެކަމަށާއި، މިނިވަންވާނީ 2029 ވަނަ އަހަރުގެ ތެރޭގައިކަމަށްވެސް ވަނީ ބުނެފައެވެ.
1އެމްޑީބީ މައްސަލައަކީ މެލޭޝިއާގެ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްތަކަށް ދޫކުރެވުނު އެތައް ބިލިއަން ޑޮލަރުގެ ފައިސާ ނަޖީބް ފަދަ ގިނަ ބައެއްގެ ޖީބަށް ވަތްކަމަށް ބުނާ މައްސަލައެކެވެ. މިގޮތުން، 4.5 ބިލިއަން އެމެރިކާ ޑޮލަރު އަމިއްލަ ފަރާތްތަކުގެ ޖީބަށް ވައްދައި ގެއްލުވާލާފައިވާކަމަށް މެލޭޝިއާއިން ބުނެއެވެ.