ރާއްޖޭގައި ތިިބި އިންޑިއާ ސިފައިން ބޭލުމުގެ މަޝްވަރާކުރުމަށް ދެ ގައުމުން އެކުލަވައިލައިފައިވާ ހައި ލެވެލް ކޯ ގްރޫޕުގެ ދެވަނަ ބައްދަލުވުުން މިއަދު ނިއުދިއްލީގައި ކުރިއަށް ދާނެއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއާއި އިންޑިއާއިން މަޝްވަރާކުރަން ޖެހޭ ކަންކަމާ ގުޅިގެން ދެ ގައުމުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ ހައި ލެވެލް ކޯ ގްރޫޕުގެ ދެވަނަ ބައްދަލުވުުން މިއަދު ނިއުދިއްލީގައި ކުރިއަށްދާނެ ކަމަށެވެ.
މިއީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރާއެކު މިދިޔަ އަހަރު ޑިސެމްބަރު މަހު ދުބާއީގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެ ލީޑަރުން އެއްބަސްވެވަޑައިގަތް ގޮތަށް އެކުލަވައިލައިފައިވާ ހައި ލެވެލް ކޯ ގްރޫޕުގެ ބައްދަލުވުންތަކެވެ.
މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިދިޔަ މަހު 14 ގައި ބޭއްވީ ރާއްޖޭގައެވެ.
މިއަދު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ ވަފުދުގެ ބޭފުޅުން މިހާރު ތިއްބެވީ އިންޑިއާގައެވެ. ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ބައްދަލުވުން ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް ސީދާ ގަޑިއެއް ހާމައެއް ނުކުރައްވައެވެ.
ދިވެހި ސަރުކާރުން ވަނީ މާޗު 15 ގެ ކުރިން އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އަންގައިފައެވެ.
ހަނިމާދޫގައި ތިިބި އިންޑިއާ ސިފައިން. ފޮޓޯ: ދިޔަރެސް
![]()
