ޤާޟީ އިބްރާހީމް ޢަލީ ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ޖޭ.އެސް.ސީން ނިންމައިފި!

63

ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޢަލީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަވައިފިއެވެ.

ޖޭއެސްސީން ބުނެފައި ވަނީ، ކްރިމިނަލް ކޯޓުގެ ޤާޒީ އިބްރާހީމް ޢަލީގެ މައްޗަށް އެ ކޮމިޝަނުން ތަޙްޤީޤުކުރި މައްސަލައަކާ ގުޅިގެން ޤާޒީ އިބްރާހީމް ޢަލީގެ މައްޗަށް ސާބިތުވި ކަންތައް ތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި، 142 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 77 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 އާއި، 1.5 އާއި، 3.1 އާއި، 3.2 އާއި، 6.1 އާއި، 6.2 އާއި، 6.4 އަދި 6.5 ވަނަ ނަންބަރާ ކަނޑައެޅިގެން ޚިލާފަށް އޭނާ ކޮށްފައިވާ ޢަމަލުތަކެއްކަމަށް ވާތީއާއި، ޤާޒީ އިބްރާހީމް ޢަލީގެ މި ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެން ނުވާފަދަ ޢަމަލުތަކެއްކަމަށް ވާތީ، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 1-32 (ހ)ގެ 4 ވަނަ ނަންބަރުގެ ދަށުން، ޤާޒީ އިބްރާހީމް ޢަލީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް  ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް ނިންމާފައިވާ ކަމަށެވެ.

ޤާޟީ އިބްރާހީމް ޢަލީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް ޖޭ.އެސް.ސީން ނިންމިއިރު، ޤާޟީ އިބްރާހީމް ޢަލީގެ އިތުރު 3 ސުލޫކީ މައްސަލައެއް އެ ކޮމިޝަނުން މިހާރުވެސް ދަނީ ތަޙްޤީޤުކުރަމުންނެވެ.

އެގޮތުން ގާޒީ އިބްރާހިމް ޢަލީ ގެ މައްޗަށް އެކޮމިޝަނުން ތުހުމަތު ކޮށްފައިވާ މައްސަލައަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް 10 މީހެއްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި، ޝަރީޢަތް ނިމެންދެން މައްސަލައިގައި ތުހުމަތު ކުރެވުނު މީހުން ބަންދުގައި ބޭތިއްބުމަށް އަމުރު ކުރުމަށްފަހު،އެމައްސަލަތަކުގައި ބަންދު މުރާޖަޢާކޮށްދިނުމަށް އެދި 23 އޮކްޓޫބަރު 2018 ގައިއާއި، 30 އޮކްޓޫބަރު 2018 ގައި އަދި 12 ނޮވެމްބަރު 2018 ގައި ކްރިމިނަލް ކޯޓަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ފޮނުވި ސިޓީތަކާ ގުޅިގެންވެސް ބަންދު މުރާޖާޢާ ކުރުމަށް އަޑުއެހުމެއް ހައިކޯޓުގެ ޙުކުމާ އެއްގޮތަށް ޤާޟީ އިބްރާހީމް ޢަލީ ތާވަލުކޮށްފައިނުވާކަން ޖޭ.އެސް.ސީގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވެއެވެ.

މި މައްސަލައިގެ، ބާވަތަށާއި، ހުށަހެޅިފައިވާ ހެއްކަށާއި ފަނޑިޔާރު މަސައްކަތުގައި ދެމިހުރެއްޖެނަމަ ޝަރުޢީދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ވ) އާ ޙަވާލާދީ، އެމާއްދާގެ (ށ) ގެދަށުން، އެމައްސަލަ ބެލި ތަޙްޤީޤު ކޮމިޓީގެ ހުށަހެޅުމާ އެއްގޮތަށް ޤާޟީ އިބްރރާހީމް ޢަލީ 60 ދުވަހަށް ވަގުތީ ގޮތުން ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށްވެސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

1 ހިޔާލު

  1. ސަރުކާރުން ޝަރުޢީ ނިޒާމަށް އަތްފޯރުމެއްނެތްކަމަށް އަޑުހަރުކޮށް ބުނެތެވެ. އެކަން މިހާރު އޮތީ އެހެންބާއެވެ. ކުރިއަށްވުރެ މާފަސޭހައިން ޕާޓީލައިނުން އެކަން ވަމުންދާކަމަށް ހަވަރުގޮވަންފަށައިފިއެވެ. އެމްޕީ ޖާބިރު ވިދާޅުވަނީ ޝަރުޢީނިޒާމު މިވަރަށް ދުވަހަކުވެސް ޚަރާބުނުވާކަމަށެވެ. އެހެނީ މަޖިލިސްގެ ރައިސް އާއި ޖޭއެސްގެ ބޮޑުމީހާއާއި އެއީ ދެ ލޯބިވެރިންކަމަށެވެ. އަދި ދެންތިބީވެސް ޕާޓީލައިނުން މަޖިލިސްގެ ސުޕަމެޖޯރިޓީއޮތް ބަޔަކު ބޭނުންގެން ޖޭއެސް އަށް ލެވިފައިތިބި ބޭފުޅުންކޮޅެއްކަމަށެވެ. މިއެންމެނަކީވެސް ހަމަ އެއްޕާޓީއެއްގެ ބޭފުޅުންކޮޅެއް ކަމަށެވެ. ވީއިތު އެބޭފުޅުން ބޭނުން ނުވާގޮތަށް ޙުކުމެއް ކޮށްފިނަމަ 24 ގަޑިއިރުން އެ ޖަޖެއް ވަޒީފާއިން އެބަ ސަސްޕެންޑުކުރެތެވެ. ދެންފަހެ އެ ޖަޖެއްގެވެސް އަނބިދަރިން ތިބެއެވެ. ކުއްޔަށްނަމަވެސް ގޭގެ ކުލިދެއްކުމާއި އިލެކްޓުރިކު ފެންބިލް ކުދިންގެ ސުކޫލު ޚަރަދުބަރަދު ކުރަންޖެހެއެވެ. އެންކަމަށްވީއިިރު އެބޭފުޅުންވެސް 24 ގަޑިއިރުތެރޭގައި އެ ވަޒީފާ ގެއްލޭނެފަދަ އިންޒާރުގަކާއި އެބޭފުޅުންގެ ބައެއް ފަނޑިޔާރުންނާއިމެދު މިދެންވުނުގޮތަށް ޢަމަލުކުރެވި ތަޖުރިބާކޮށްފަވާ ހިނދޫ ދެން ޙުކުމްކުރުމުގައި ގެންގުޅުއްވޭނީ ކޮން ދީނީ މިންގަނޑެއްތޯ ދުނިޔެވީ މިންގަނޑެއްތޯ ވަރަށްބޮޑަށް ސުވާލުއުފެދި ހާސްކަމެއްގެ ތެރަށް ފަނޑީޔާރުންތަށް މިވަނީގޮސްފައެވެ. ވީއިރު ދިވެހިރާއްޖޭގެ ޝަރުޢީނިޒާމަށް މިއައީ ނުވަތަ މާދަމަވެސް އަންނާނީ ހަމަބުއްދި ސަލާމަތުން ތިބިބަޔަކު ގަބޫލުކުރެވޭ ޢަދުލް-އިންސާފުގެ ހެޔޮބަދަލެއްތޯ ސުވާލުދެންނެވީމެވެ. އެމްޕީ ޖާބިރަށާއި ޖޭއެސްސީ އަށް ވަރަށް ހެޔޮދުޢާ ސަލާމް!

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ