ބޮލީވުޑްގެ ފިލްމުތަކުގައި މުސްލިމުން ދައްކުވައިދޭގޮތް ގޯހުން ގޯހަށް!

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ބޮލީވުޑް ފިލްމުތަކުގައި މުސްލިމުންނަކީ ވަފާތެރި ހެޔޮލަފާ ބައެއްގެ ގޮތުގައި ރަމްޒުކޮށްދީ މީގެކުރިން ދައްކުވައިދިން ނަމަވެސް، ހިންދޫ ގައުމީވަންތަކަމުގެ ފިކުރު އާލާވެ ފަތުރަން ފެށުމާއެކު ފިލްމުތަކުން ދައްކާ މުސްލިމް ކެރެކްޓަރތަކަކީ އޯގާތެރި ރަނގަޅު ބައެއް ނޫނެވެ.

1947 ވަނަ އަހަރު ޕާޓިޝަނަށްފަހު އުފެދިގެން އައި އިންޑީއާގައި މުސްލިމުން ފާހަގަވެފައިވަނީ ރަނގަޅު، ރަހުމަތްތެރި، އެހީތެރި ބައެއްގެ ގޮތުގައެވެ. މިނަޒަރިއްޔާތު ބޮލީވުޑްގެ ފިލްމުތަކުން ފެންނަމުންދިޔައިރު، 1970 އިގެ އަހަރުތަކުގައިވެސް ކަން އޮތީ މހަމަ މިގޮތަށެވެ. އެހެންނަމަވެސް އެތާ ވިއްސަކަށް އަހަރުދުވަހުގެ ތެރޭގައި މިފިލްމުތަކުން މުސްލިމުން ދައްކުވައިދޭ ގޮތް މިވަނީ ބަދަލުވެފައެވެ. މުސްލިމުންގެ ސިފަތައް އޮޅުވާލައި، މިހާރު މުސްލިމުން ފެނިގެންދަނީ އެންޓި-މުސްލިމް ފިކުރުތަކަށް ޖާގަދިނުމުގެ ގޮތުން އުފައްދާފައިވާ ”ޕްރޮޕަގެންޑާ ކެރެކްޓަރުތަކެއް“ގެ ގޮތުގައެވެ.

އަބްދުލް ރާސިދާއި އަކްބަރްތައް ދޫކޮށްލައި، 2023 ވަނަ އަހަރު ނެރުނު ”އެނިމަލް“ ފިލްމުން ފެނިގެންދިޔަ އަބްރާރް ހާޤީފަދަ ކެރެކްޓަރުތަކުން މިމައްސަލަ ވަރަށް ސާފުކޮށް ރަމްޒުކޮށްދެއެވެ.

ހިންދޫ-މުސްލިމް ބައިބައިވުމަށް ޖާގަދިން ބޮޑު އަނެއް ކަމަކަށްވީ 1992 ވަނަ އަހަރު އިންޑިއާގެ އަޔޯދްޔާ އަވަށުގައި ހުރި 16 ވަނަ ގަރުނުގެ އާސާރީ މިސްކިތެއްކަމަށްވާ ބަބްރީ މަސްޖިދް ތަޅައި ސުންނާފަތިކޮށްލުމެވެ. ހިންދޫން ބުނެފައިވަނީ އެއީ ހިންދޫ ކަލާންގެއެއް އުފަންވި ބިންކަމަށެވެ.

ހިންދޫތްވާ ސަޕޯޓަރުން އެއްވެސް ވިސްނުމެއްނެތި ހިންގި މި އަމަލާއެކު، ހިންދޫ ހަރުކަށި ވިސްނުމުގެ ހުޅުގަނޑި ވީ ހައްތާވެސް ބޮޑެވެ. އަދި މިހާދިސާއަށްފަހު އިންޑިއާގައި ފެތުރެންފެށި އެންޓި-މުސްލިމް ފިކުރު ދައްކުވައިދިނީ 1992 ވަނަ އަހަރުގެ ”ރޯޖާ“ ފިލްމުންނެވެ. އޭގައި ފެންނަނީ ތަމަޅަ އަންހެނެއް އިންޑިއާގެ އިންޓެލިޖެންސްގައި މަސައްކަތްކުރާ އޭނާގެ ފިރިމީހާ ހޯދުމަށް ކުރާ މަސައްކަތެވެ. އަދި ކަޝްމީރުގެ ރިބެލުންގެ ކިބައިން އޭނާ ސަލާމަތްކުރަން ކުރާ މަސައްކަތެވެ.

މުސްލިމުންނަކީ ބިރުވެރިކަން ފަތުރާ ބައެއްގެ ގޮތުގައި ރަމްޒުކޮށްދޭ ތަނަކަށް އިންޑިއާގެ ފިލްމީ ދުނިޔެ ބަދަލުވެގެންދިޔައީ މި ފިލްމަށް ފަހުގައެވެ. މިހާރުގެ ބޮލީވުޑްގައި މުސްލިމުންނަކީ ކޮންމެވެސް ފޮރުވިފައިވާ އެޖެންދާއެއް އޮންނަ، ގައުމީވަންތަ ރޫޙާއި ޚިލާފު، ”ޕާކިސްތާނަށް ސަޕޯޓުކުރާ“ ބައެއްގެ ގޮތުގައި ފާހަގުރެވޭ ބައެކެވެ. މުސްލިމް ފިރިހެނުން ދައްކުވައިދެނީ ސަލްވާރް ކަމީޒް ލައިގެންތިބެ އެމީހުންގެ އަނބީން ގައިގާ ތަޅާ، އެއްގަމު މަސް ކެޔުމަށް ލޯބިކުރާ ޖިންސީ ބައެއްގެ ގޮތުގައެވެ.

ދެން، 2014 ވަނަ އަހަރު ހިންދޫ ނޭޝަނަލިސްޓުން އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބުކުރުމަށްފަހު ބޮލީވުޑްގެ ”އިސްލާމޯފޯބިއާ“ ސިއްރުކޮށްފައެއް ނުބާއްވައެވެ. ”ދަ ކަޝްމީރް ފައިލްސް (2022)“ އާއި، ”ދަ ކެރެލާ ސްޓޯރީ (2023)“ ފަދަ އިސްލާމްދީނަކީ ބިރުވެރި ދީނެއްކަމަށް ދައްކައިދީ ޕްރޮޕެގެންޑާ ފެތުރުމަށް ތައްޔާރުކުރި ފިލްމުތަކުގެ ޓިކްޓުވެސް ވިއްކާފައިވަނީ ޓެކުހައިނުލައި އަގު ކުޑަކޮށްފައެވެ.

މި ފިލްމުތަކުން މުސްލިމުން މެރުމާއި، މުސްލިމުންނަކީ އިންސާނުންގެ ދަރަޖައަށްވުރެ ދަށު ދަރަޖައެއްގެ ބައެއްކަމަށް ދައްކުވައިދީ އެފިކުރު އިންޑިއާގެ ރައްޔިތުންގެ ހިތުގެ އެންމެ ފުނުގައި ހަރުލެއްވުމާއެކު ފިލްމުހަދާ އެއްވެސް ފަރާތަކުން މިފަދައިން މުސްލިމުން ދައްކުވައިދިނުމަށް ޖެހިލުމެއް ނުވާނެއެވެ. ޝައްކެއްވެސް ނެތެވެ. ދެން 2023 ވަނަ އަހަރު ނެރުނު ދެފިލްމަކީ ”އެނިމަލް“ އާއި ”ދުންކީ“ އެވެ. އަދި އެވެސް ޝާހްރުޚް ޚާން ކުޅެފައިވާ ފިލްމެކެވެ.

އިންޑިއާއިން މިހާރު މިސްރާބު ޖަހާފައިވަނީ ނާޒީ ޖަރުމަނުގެ ފިޔަވަޅުތަކުގެ މަތިންކަމަށްބުނެ އިންޑިއާގެ ނޫސްވެރިއަކު ބުނެފައިވަނީ، ”’ބިގް ލައި‘ ސްޓްރެޓެޖީ ބޭނުން އެކުރަނީ އެއްފަހަރާ ގިނަ ހިންދީ ދީނުގެ މީހުން މަގުފުރެއްދުމަށްޓަކައި. އެމީހުންނަށް އެދައްކުވައިދެނީ ގައުމަށް ވަމުްދާ ގޮތާއިމެދު މުސްލިމެން އެމީހުންނަށް ނަފްރަތުކުރާކަމަށް.“

ބޮލީވުޑްގެ ހާލަތު ރަމްޒުކޮށްދެނީ ހިންދޫތްވާ ސަރުކާރުގެ އިންޑިއާގެ ސިޔާސީ ހާލަތުވެސްމެއެވެ. އަދި ބޮލީވުޑްގެ އެންޓި-އިސްލާމް ފިކުރުތަކަށް ރައްދުދޭ ފަރާތްތަށްވެސް މަދެއްނޫންކަން ފާހަގަ ކުރެވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް