އެ މަތިވެރި ޤުރުބާނީގެ އަގަކީ މިއީ ހެއްޔެވެ؟

Loading

Facebook
Twitter
WhatsApp


އެއީ ލޮބުވެތި މަންމައެކެވެ. އެ މަންމަގެ ހުރިހާ ކުދިން ނުވަ މަހާއި ނުވަ ދުވަހު ބަނޑުގައި އުފުލާ، ވިހެއުމުގެ ގަދަ ފަދަ ވޭން ތަހައްމަލު ކުރީ ޝަކުވާއެއް ނެތިއެވެ. އެ މަންމަގެ ހަށީގައި ހުރި ފެންވަރަކުން ކުރެވުނުހާ މަސައްކަތެއް ކޮށް އެދަރިންނަށް އުފާވެރި މުސްތަޤުބަލެއް ހޯދައިދެވޭތޯ ހައްޓާއި ފުރާނައިން ޤުރުބާންވިއެވެ.

ދެވުނުހާ ލޯތްބެއް ދީގެން، ލިބުނުހާ މީރުހާ ކާއެއްޗެއް ދީގެން އެ މަންމަގެ ކުޑަ ކުޑަ ދަރިންކޮޅު ބޮޑެތިވެ ވަރުގަދަ ޒުވާނުންނަށް ވީ ދާދި އަވަހަށެވެ.

އެދަރިންކޮޅު މީހުންނާ އިނދެ މާމަ ކިޔާނެ ދަރިން ލިބުނު އިރު މަންމަގެ މޫނުގައި ރޫ ގިނަވެއްޖެއެވެ. މަންމަގެ ގައިބާރު ދެރަވެއްޖެއެވެ. އެ މަންމަގެ ހިތުގެ ފުންމިނުން ލޯބިވި ދަރިން ފެންނަލެއްވެސް މަދުވެއްޖެއެވެ. އެ ދަރިން ކައިރިއަށް އެ މަންމައަށް ޒިޔާރަތް ކުރެވޭ ވަރަށް ވުރެ އެ މައިމީހާ ބަލިވީއެވެ. އެއީ ދަރިންދެކެ އިންތިހާއަށް ލޯބިވާ މަންމައެކެވެ.

ގޭގައި އިނދެ ދިގު އިންތިޒާރު ކުރަންފެށީ ދަރިއަކު އަންނާނެ އިރަކަށެވެ. އެ މަންމަ ދެކިލަން މާމަ ދަރިއަކު ނަމަވެސްއެވެ. ދަރިފުޅަކު ޒިޔާރަތް ކުރާ ކޮންމެ ފަހަރަކު އެ މަންމަގެ މޫނުމަތި ހިނިތުންވުމުން ފޮޅިގެންދެއެވެ. 

އެދަރިފުޅަކު ނުގޮސް މަޑުކުރުމަށް އެދި އާދޭސް ކުރެއެވެ. އެހެންނަމަވެސް އެ މަންމަގެ ދަރިންގެ ވަގުތު މަދެވެ. އަނބިދަރީން ބެލުމާއި ވަޒިފާ އަދާކުރުމުގައި އެދަރިން ”ބިޒީވެއްޖެއެވެ.“

ދުވަސްތަށް ފާއިތުވަމުން ދިޔައެވެ. އެ މަންމަ ގޭގައި އިނދެ މުސްކުޅި ބަލީގެ ދުވަސްތަށް ގުނަމުން ދިޔައެވެ. މަންމައަށް ހިނގެނީ އުނދަގުލުންނެވެ. އަމިއްލައަށް ސާފުތާޙިރުވާކަށް ނޭނގެއެވެ. އަމިއްލައަށް ކާކަށް ނޭނގެއެވެ.ސިކުނޑި ސަކަރާތްވެއްޖެއެވެ. ހަމަނުޖެހޭ ވާހަކަ ދައްކާލެއް ގިނަވެއްޖެއެވެ. އެތައް ކަމެއްގެ މަތިން ހަނދާންނެތިއްޖެއެވެ.

މަންމަ ސާފުކޮށް ކާންދިނުމަކީ ބޮޑު ތަކުލީފަކަށް ވެއްޖެއެވެ. އެ ދަރިން މަންމަގެ މަތިން މުޅިން ފޫހިވެއްޖެއެވެ. އެ މަންމަގެ ގާތުގައި ހޭދަކުރާނެ ވަގުތު ހުސްވިއެވެ. އެ މަންމައާއި ވާހަކަ ދައްކާލާ ހީސަމާސަ ކޮށްލާނެ ހަމަ އެންމެ ސިކުންތެއްވެސް އެ ދަރިންނަށް ނުލިބުނީއެވެ. 

އެހެންނަމަވެސް އެދަރިން ހަނދާންނެތުނީ ވަރަށް މުހިންމުކަމެކެވެ. އެ ދަރިންނަށް ޓަކައި އެމައިމީހާ އަހަރުތަކެއް ކުރިން ވީ ޤުރުބާނީ ހަނދާނެއް ނެތުނީއެވެ. ތިން އިރު ކާންދީ، ފެންވަރުވާ ނަލަކޮށްދިން ދުވަސް މާޒީގައި ފަސްއަޅާ ފޮރުވާލީއެވެ. އެ މަންމަގެ ޙިމާޔަތުގައި ވޭތަކުރި ހުރިހާ ދުވަހެއް ހިތުން ފުހެލީއެވެ.  

އެ މައިމީހާގެ ފައިތިލަ ދަށުން މެނުވީ ސުވަރުގެ ނުވަދެވޭނެކަން ހަނދާންވެސްނައްތާލީއެވެ. ބޮޑެތިވެ ހަރު ޒުވާނުންނަށްވެ ހިތް އެދޭ ހުރިހާ ކަމެއް ޙާސިލްވުމުން އެ މަންމަގެ ބޭނުމެއް ދެން ކޮބައިހެއްޔެވެ؟ ކޮންފަދަ އިހާނެތި ކަމެއްހެއްޔެވެ؟

“ ތެޔޮފެން ލެވޭހިނދު މާބަނޑުން، ތޮޅެމުން އެދާއިރު ހިވެއޭ

  ހެޔޮކަމުގެ ތިލަފަތް ބަރުކުރާ، ހެވަކަށް މިދަރިފުޅު ވާނެއޭ 

ހެޔޮވަރުގެ އިސްކޮޅަކަށް ތިމާ، ދެމިލާއިރަށް ބުނެއަންގައޭ 

    ކެޔޮގަނޑު ކަޑާލީމާ ގަހުގެ، ދެންބޭނުމެއް ނޯނާންނެއޭ “ ސ.އ.ނ

Loading

9 Responses

Leave a Reply to އެޓް Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް