ސީ. އެން. އެން. އިން ޚަބަރުދީފައިވާ ގޮތުގައި ހޫތީންނާ ދެކޮޅަށް ޓޮމާހައުކު މިސައިލު ބޭނުންކޮށްގެން ޔަމަނުގެ 14 ވަރަކަށް އަމާޒަށް އެމެރިކާއިން އިތުރު ޙަމަލާތަކެއް ދީފިކަމަށް އެމެރިކާގެ އޮފިޝަލުން ހާމަކޮށްފިއެވެ.
އެއް އޮފިޝަލަކު ބުނެފައިވާ ގޮތުގައި ބައެއް ޙަމަލާ ދިނުމުގައި ބޭނުންކުރީ ޔޫ. އެސް. އެސް. ފްލޮރިޑާއެވެ. އަދި ބައެއް ޙަމަލާތައް ދިނީ ގައިޑެޑް މިސައިލް ސަބްމެރިން އަކުންނެވެ.ފަލަސްތީން އާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމަ ކޮންމެ ވަގުތެއްގައިވެސް އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަން މިވަނީ އާންމުވެފައެވެ.
މިދަނޑިވަޅުގައި މިއީ އެމެރިކާ އާއި އިނގިރޭސި ވިލާތާއި އަދި މަދު ބައިވެރިން ތަކެއް ހިމެނޭ ކޯލިޝަނުން އެންމެ ފަހުން ދިން ޙަމަލާއެވެ. މިޙަމަލާތައް ދީފައިމިވަނީ އެމެރިކާގެ އެމް. ވީ. ގެންކޯ ޕިކާޑީ ކިޔާ ބޯޓަކަށް ގަލްފު އޮފް އަދަނުގައި ޔަމަނުގެ ހޫތީން ޖަމާޢަތުން ޙަމަލާތަކެއް ދިނުމުގެ ކުޑައިރުކޮޅެއް ފަހުންނެވެ.
އެމެރިކާއިން ބުނެފައިވަނީ ޔަމަނުން ފޮނުވާލި ހަމަލާއަކީ ފެން ބަޑިއެއް ކަމަށެވެ. އޭތި ވެއްޓުނީވެސް ބޯޓާ މާދުރަށެވެ. އެ ޙަމަލާގައި ބޯޓަށް މާބޮޑު ގެއްލުމެއްލިބި އަދި އެއްވެސްމީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ. އެކަމަކު އިންޑިއާގެ ނޭވީން މައުލޫމާތު ދީފައިވާ ގޮތުގައި ޙަމަލާތައް ބޯޓަށް އެރުމުގެ ސަބަބުން ބޯޓުގައި މަސައްކަތްކުރާ 22 މީހުން ( އޭގެ ތެރޭގައި އިންޑިއާގެ އަށެއްކަމީހުންވެސް ހިމެނޭ ) އިންޑިއާ ކަނޑުގެ ސިފައިންގެ އުޅަދަކަށް ގަލްފް އޮފް އަދަނުގެ ތެރޭން ނަގާފައިވާ ކަމަށެވެ.
މިދިޔަ ހޯމަދުވަހުވެސް އެމެރިކާއާއި ގުޅުން ހުރި ބޯޓަކަށް ޔަމަނުން އެންޓި-ޝިޕް ބެލިސްޓިކް މިސައިލުން ވަނީ ޙަމަލާ ދީފައެވެ. މިއީ ނޮވެމްބަރުމަހު މެދު ތެރޭގައި ޔަމަނުގެ ހޫތީން ޙަމަލާތައް ފެށުމަށްފަހު ދިން ފުރަތަމަ ކާމިޔާބު ޙަމަލާއެވެ.
އެމެރިކާއިން ހާމަކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ ހަމާސް އާއި އިސްރާއީލުގެ ހަނގުރާމަ އިތުރު ސަރަހައްދު ތަކަކަށް ދެމިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުން އެމެރިކާއިން ޔަމަނަށް ދެމުން ގެންދާ ޙަމަލާތައް އޮންނާނީ ވަކި ހުދޫދަކުން ބޭރު ނުވާނެ ގޮތަކަށް ރާވާފައި ކަމަށެވެ.
މިހާރުވެސް އިރާގާއި ސީރިއާގައި ތިބި އެމެރިކާގެ ސިފައިންނަށް ގިނަ ޙަމަލާތަކެއް އަންނަނީ ކުރިމަތި ވަމުންނެވެ. ޕެންޓަގަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ޕެޓް ރައިޑަރ ބުނެފައިވާގޮތުގައި ފަލަސްތީން އާއި އިސްރާއީލުގެ ހަނގުރާމައާއި ބެހޭގޮތުން އެއްވެސް އެއްޗެއް ބުނާކަށް މިހާރަކު ނޭގެއެވެ. އަހަރެމެންވެސް މިގެންދަނީ ހަނގުރާމައިގެ ޙާލަތު ވަރަށް ގާތުން ދިރާސާ ކުރަމުން ކަމަށެވެ.
ޔަމަނުގެ ޙަމަލާތައް އައިސްފައިމިވަނީ އެމެރިކާއިން ޔަމަނުގެ ހޫތީންނަކީ ޓެރަރިސްޓް ޖަމާއަތެއް ކަމުގައި އަލުން ކަނޑައަޅާފައި ވަނިކޮށެވެ. އަދި ހޫތީންގެ ޙަމަލާތަކަކީ ހުރިހާގޮތަކުންވެސް ޓެރަރިސްޓް ޙަމަލާތަކެއް ކަމަށެވެ.އިންސާނިއްޔަތަށް ބޭނުންވާ މުދާ ފޯރުކޮށްދިނުމުގެ މަގު ބަންދުކުރަމުން ގެންދާތީއެވެ.
ހައިރާންވެ އަންތަރީސްވާން ޖެހެނީ ހަމަ އެލޮލުން ބަލާފާ އެ ދުލުން އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ޙަމަލާތައް ޓެރަރިޒަމްގެ ތެރެއަށް ނުވަންނަ ކަމަށް ބުނާތީއެވެ. އަދި ފަލަސްތީނު ފަނާކުރުމަށް އެމެރިކާއިން އިސްރާޢީލު ބޭނުންވާ ހުރިހާ ހަތިޔާރަކާއި ފައިސްއެއް ދާއިރު އެމރިކާއަކީ ޓެރެރިޒަމްއަށް ވާގިވެރިވާ ގައުމަކަށް ނުވާކަމެވެ!
އެމެރިކާއިން މިދިޔަ ހަފުތާގައި ބުނެފައިވަނީ އެމެރިކާގެ ޙަމަލާތަކާއި ގުޅިގެން ޔަމަނުން ރެޑް ސީ ގައި ދެމުން ގެންދާ ޙަމަލާތައް ފެންވެގެން ދާނެކަމަށެވެ. އެމެރިކާގެ އޮފިޝަލަކު ސީ. އެން. އެން. އަށް މޢުުލޫމާތު ދީފައިވާ ގޮތުގައި ޔަމަނުންޙަމަލާ ދިނުމުގެ ގާބިލުކަން މިހާރުވެސްވާނީ ތިންބައިކުޅަ އެއްބައި ބިމާ ހަމަކޮށްލެވިފައި ކަމަށެވެ. އެކަމަކު އަންގާރަ ދުވަހު ޔަމަނުން ފޮނުވާލި ޙަމަލާތަކުން ކަންތައް އޮތީ އެބުނާގޮތަށް ނޫންކަން އެނގިގެން ދިޔައެވެ.