އިޒްރޭލާއި، އިޒްރޭލަށް ތާއީދުކުރާ ގައުމުތަކާއި، އިޒްރޭލުގެ މަސްލަހަތު އޮންނަ އުޅަނދުފަހަރު ފިޔަވައި ހުރިހާ ގައުމެއްގެ ބޯޓުފަހަރަށް ރައްކާތެރިކަމާއެކު ރަތްކަނޑުން ދަތުރުކުރެވޭނެކަމަށް ޔަމަނުގެ ހޫތީ މުޖާހިދުން ބުނެފިއެވެ.
ހޫތީ ޖަމާއަތަށް ނިސްބަތްވާ މުޙައްމަދު އަލްބުހެއިތީއާއި ހަވާލާދީ އިޒްވެސްޓިޔާ ނޫހުން ރިޕޯޓުކޮށްފައިވާގޮތުގައި، ރަޝިއާއާއި ޗައިނާގެ އުޅަނދުފަހަރަށް ހޫތީން ޓާގެޓުނުކުރާނެކަމުގެ ޔަގީންކަން އެޖަމާއަތުން ވަނީ ދީފައެވެ.
އަލްބުހެއިތީ ބުނެފައިވަނީ އެޖަމާއަތުގެ މަގްސަދަކީ ޔަހޫދީ އިޒްރޭލަށް އިޤްތިޞާދީ ފިއްތުންތައް އިތުރުކޮށް، ޣައްޒާ ސުންނާފަތި ކުރުމަށްޓަކައި ހިންގާ އަމަލުތަކަށް ނިމުމެއް ގެނައުން ކަމަށާއި، ބޯޓު ފަހަރު ފައްތައި، އަތުލައިގަތުން ނޫންކަމަށެވެ.
އިޒްރޭލުން ޣައްޒާގައި ހިންގަމުންގެންދާ ޤަތުލުއާންމާއި ގުޅިގެން ޔަމަނުގެ ހޫތީ ސިފައިން ވަނީ ރަތް ކަނޑު ހުރަސްކޮށް އިސްރާއީލަން ދަތުރުކުރާ ބޯޓުފަހަރާއި އިސްރާއީލުން ފުރައިގެންދާ ބޯޓުތަކަށް ހަމަލާދޭނެކަމަށާއި، މިގޮތަށް ހަމަލާދޭ އުޅަނދުތަކަކީ ކޮން ގައުމެއްގެ ކޮން ދިދައެއް ބޭނުންކުރާ އުޅަންދެއްކަން ނުބަލާނެކަން އަންގައި މީގެކުރިން އިންޒާރުދީފައެވެ.
ޔަމަނުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ތެލާއި، ކާޑުގެ ބާވަތްތަކުގެ އިތުރުން އެހެނިހެން އަސާސީ މުދާތައް އުފުލުމަށް އިސްރާއީލަށް ދަތިވެފައިވާއިރު، މުދާ އުފުލުމުގެ އަގާއި، މުދާ ރައްކާތެރިކުރުމަށް އިންޝުއަރ ކުރުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ، އިސްރާއީލުގެ އިޤްތިޞާދަށް އަންނަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. އުޅަނދުތަކުގެ ރައްކާތެރިކަމަށްޓަކައި ގިނަ ކުންފުނިތަކަކުން އެކުންފުނިތަކުގެ އުޅަނދުތައް ދަތުރުކުރާ މަގަށް ބަދަލު ގެނެސްފައިވާއިރު، ސުއޭޒް ކެނެލްއިން ދަތުރުކުރުމުގެ ބަދަލުގައި މިބޯޓުތަކުން ދަތުރުކުރަން ޖެހެނީ އެފްރިކާގެ ވަށައިގެންނެވެ.
One Response
އެމެރިކާއާއި އިނގިރޭސި ވިލާތުން ބުނަނީ ހޫތީންގެ އަމަލުތަކަކީ އިންސާނިއްޔަތާ ޚިލާފު ބޮޑުވެގެންވާ ޖަރީމާއެއް ކަމަށެވެ. އިންސާނުންނަށް ކޮންމެހެން ބޭނުންވާ ތަކެތި ފޯރުކޮށް ދިނުން މަނާ ކުރުމަކީ ބަލާގަނެވޭނެ ކަމެއް ނޫންކަމަށެވެ. އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދަނީ އަމިއްލަ ނަފުސު ދިފާއުކުރުމޯލައެވެ. މާބަނޑު އަންހެންމީހާގެ ބަނޑުއި އޮތް ދަރިފުޅު ނިކުމެ ޔަހޫދީ ސިފައިންގެ މީހާގެ ލޯ ކާލާފާނެތީއެވެ.