ރަތްކަނޑު ލޭގެ ކަނޑަކަށް ބަދަލުކޮށްލުމަށް އެމެރިކާއާއި އިނގިރޭސިވިލާތުން މަސައްކަތްކުރާކަމަށް ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.
އިސްރާއީލުން ޣައްޒާގައި ކުރިއަށްގެންދާ ގަތުލުއާންމުގެ މައްސަލަ ބައިންލައަޤްވާމީ އިންސާފުގެ ކޯޓު (އައިސީޖޭ) އިން ބަލަން ފެށުމާއެކު، އިންގިރޭސިވިލާތާއި އެމެރިކާއިން ޔަމަނަށް ބޮން އަޅަން ވަނީ ފަށާފައެވެ. މިކަމާއި ގުޅުވައިގެން ވާހަކަދައްކަމުން ރައީސް އުރުދުޣާން ވިދާޅުވީ މިއީ ވަރުގަދަ ބާރުތަކުން އެއަށްވުރެ ދެރަ ބާރުތަކާއި ދެކޮޅަށް ކުރާ ހަނގުރާމައެއްކަމަށާއި، އިސްރާއީލުން ޣައްޒާގައި މިކަން ދައްކަމުން ގެންދާކަމަށެވެ. އަދި އިރާނުންވެސް އެމީހުން ދިފާޢުކުރާއިރު އެމަންޒަރުވެސް ފެނިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
އުރުދުޣާން އިތުރަށް ވިދާޅުވީ، އައިސީޖޭގައި ހިނގާ މައްސަލައިން އިންސާފު ހޯދޭނެކަމަށް ގަބޫލުކުރާކަމަށާއި، ބައިނަލްއަޤްވާމީ ކޯޓުން އިސްރާއީލާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށްވެސް ގަބޫލުކުރާކަމަށެވެ.
ތުރުކީއިން ވަނީ އިސްރާއީލު ކުށްވެރިކޮށް ލިޔުމުން ބަޔާން ހުށައަޅާފައެވެ.
”އަނިޔާ ލިބޭ ފަރާތަށް ގެއްލުމެއް ނެތް. މީގައި ދެރައޮތީ ހަމައެކަނި އަނިޔާވެރިންނަށް.“ އުރުދުޣާން ވިދާޅުވެފައިވެއެވެ.