ޔޫކްރެއިންގެ ޕާރލަމެންޓަކީ މޮޔައިންގެ ގަނޑުވަރަކަށް ވެއްޖެ - ވަކީލާ ލަރީސާ

Loading

Facebook
Twitter
WhatsApp

ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާ ފެށުނު ދުވަސްވަރު އުފެދެމުންދިޔަ ގައުމީ ރޫޙް ހަނގުރާމާގައި ވާނުވާނޭގި ދުވަސްތައް ދިގުލައިގެން ދިއުމުން ޔޫކްރެއިންގެ ރައްޔިތުންގެ ކިބައިންވެސް ނެތިދާން ފަށައިފިއެވެ.

ދެއަހަރު ދުވަސްވާންދެން އުފުލަންޖެހުނު ބުރައާއި ގެއްލުން ބޮޑުވެ އަދި ސިފައިންގެ ތެރެއިން ހުސްވެފައިވާ އިސް މަގާމުތައް ފުރާނެ މީހުން ހޯދޭނެ ގޮތެއްވެސް ނެތުމާއިއެކު ގައުމުގެ މުސްތަގްބަލާ ދޭތެރޭ ބަހުސްކުރުން ނޫން އެހެން ގޮތެއް މިހާރަކު ނެތެވެ. 

ރަޝިޔާއިން ޔޫކްރެއިންގެ ސަރަޙައްދު ތަކުގައި އެކުލަވާލައިފައިވާ ހަލައްކަ ސިފައިންގެ ބިޔަ ލަޝްކަރާ ކުރިމަތިލާނެ ސިފައިން ހޯދުމަށް މިހުސްވިމަހު ރައީސް ޒެލެންސްކީ ވަނީ އިޢިލާން ކުރައްވާފައެވެ. އެންމެ މަދުވެގެން ބައި މިލިއަން ސިފައިން ބޭނުންކަމަށް ރައީސް ޒެލެންސްކީ ވިދާޅުވިއެވެ.

އެކަމަށް ހުޅުވިފައިވާ މަގެއް ފެންނާކަށް ނެތެވެ. ހަނގުރާމަ ފެށުނު ދުވަސްތައް ފަދައިން ސިފައިންގެ ތެރެއަށް ވަންނަން ގޮވާލާއިރަށް ދުވެފާ އަންނާނެ މީހަކުމިހާރު ނެތެވެ. އޭގެ ބަދަލުގައި ފެންނަނީ ސިފައިންގެ ތެރެއަށް ވަނުމާއި ދުރަށް މީހުން ފިލަން ދުވާތަނެވެ. މިހާތަނަށް ކުރިއަށް ގެންދިޔަ ހަނގުރާމައާއި ކައުންޓަރ އޮފެންސިވްގައި ގައުމު މިއޮތީ ވަރުބަލިވެ ޙާލު ދެރަވެފައެވެ. 

މި ޙާލަތުގައި ފައިސަލާއަކާ ހަމަޔަށް ދިއުމުގެ ކުރިން ދެން ކަންތައް ކުރަންވީގޮތަކާއި ދޭތެރޭ ދެކޮޅަށް ވެސް ވާހަކަދައްކާ އަޑުއަހަން އަހަރެން ބޭނުމެވެ. ރައީސް ޒެލެންސްކީގެ ވާހަފުޅުގައި އިތުރަށް ވިދާޅުވިއެވެ. 

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ސިފައިންގެ ތެރެއަށް ވަދެވޭނެ އުމުރުވެސް ވަނީ 27 އަހަރުން 25 އަހަރަށް ކުޑަ ކޮށްފައެވެ. އެހެންނަމަވެސް ޕާރލަމެންޓުގައި ބަހުސްކުރެވުނުއިރު 36 މަސްދުވަހު ސިފައިގެ ޚިދުމަތުގައި އުޅުން މަޖުބޫރުކުރުމާއި ގާނޫނާއި ޚިލާފް ވާ ފަރާތްތަކަށް ބައެއްކަހަލަ އަދަބު ކަނޑައަޅަފައި ވެއެވެ.

މިގޮތަށް އަދަބުތައް އިތުރުކުރަމުން ގެންދިއުމަކީ ވަރަށް ނުރައްކާތެރި ކަމެއްކަމުގައި ޔޫކްރެއިންގެ އިންސާނީ ޙައްގުތަކާއި ބެހޭ އޮމްބަޑްސްމަން ޑްމިތްރޯ ލުބިނެޓްސް ގެންދަވަނީ އިންޒާރު ދެއްވަމުންނެވެ.

އޭނާ ވިދާޅުވާގޮތުގައި މިގޮތަށް ކަންތައްކުރުމުން ގާނޫނުތަކުގެ ބޭނުމެއްނެތް ކަމަށާއި ގާނޫނު އަސާސީ އަކީވެސް ހަމައެކަނި އެއްޗެކޭ ލިއެފާއޮތް ކަރުދާސްކަނޑަކަށް ވެގެން ދިޔައީ ކަމަށެވެ. ބައެއް އާންމު ރައްޔިތުން އޭ. އެފް.ޕީ. އަށް ކިޔާދިން ގޮތުގައި ސިފައިންގެ ތެރެއަށް ވަނުމުގެ ގާނޫނާ ޚިލާފްވާ މީހުންގެ މިލްކިއްޔާތު ސަރުކާރަށް ނެގުމަކީ ގަބޫލު ކުރެވޭނެ އަދަބުތަކެއް ނޫނެވެ.

އެންމެފަހުން ބަހުސް ނިމިގެންދިޔައީ ޚިޔާލު ތަފާތުވެ އިތުރަށް ދިރާސާ ކުރަން އެއްބަސް ވުމުގެ މައްޗަށެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޕާރލަމެންޓުގެ ދިފާއީ ކޮމިޓީގައި ދިފާއީ ވަޒީރު ރުސްތަމް އުމަރޯވް އާއި ސިފައިންގެ ކޮމާންޑަރ އިން ޗީފް  ވޭލަރީ ޒަލުޒްނީގެ ބެލުމުގެ ދަށުން ބަންދު ކޮޓަރީގައި ބަހުސް ކުރިއަށް ގެންދާކަމަށް އެނގިފައިވެއެވެ.                                             

ސިފައިންގެ ތެރެއަށް މީހުން ވެއްދުމާއި ބެހޭގޮތުން ކުރެވެމުންދާ ބަހުސް ތަކާމެދު މީޑިއާގައި ނުރުހުން ފާޅުކުރުން އޮތީ މިހާރު ޢާންމު ވެފައެވެ. ސަރުކާރު ހިންގާ ޕާރޓީގެ ބައެއް މެމްބަރުން މިހާރު ހުށައަޅަމުން ގެންދަނީ ހަނގުރާމައަށް ރައްޔިތުން އަތުން ޑޮނޭޝަންގެ ނަމުގައި ފައިސާ ހޯދަން ހިންގާ ޙަރަކާތުން ސިފައިންގެތެރެއަށް ވަންނަން އެއްބަސްވާ މީހުން އިސްތިސްނާ ކުރުމަކީ އެމީހުންނަށް ދެވޭ އިނާޔަތަކަށް ވާނެ ކަމަށެވެ.

ބައެއް އާންމު ރައްޔިތުން ދެކޭ ގޮތުގައި އޭގެ މާނައަކީ ޑޮނޭޝަން ދޭނެ ފައިސާނެތް މީހުންނަކީ ކުރަފިތަކަކަށްވެ އެމީހުންގެ ދަރިން ޔަތީމުންނަށް ވުމުގެ ދޮރު ތަންމިނަށް ހުޅުވާދިނީ ކަމަށެވެ. އެހެން ބައެއްމީހުން ފާޅުކުރަމުން ގެންދާ ޚިޔާލު ތަކުގައި ބުނެފައި ހުންނަނީ ހަނގުރާމައިގާ ހުރިހާ ގެއްލުމެއް އުފުލަން ޖެހެނީ ފަގީރުން ކަމަށެވެ.

ޔޫކްރެއިންގެ ކުރީގެ އިގްތިސާދީ ވަޒީރު ޓިމޯފީ މައިލޯވަނޯވް ވިދާޅުވެފައި ވަނީ މިހާރު ބަހުސްކުރެވޭ މައްސަލައިން ހަނދާން ކޮށްދެނީ ވިއެޓްނާމް ހަނގުރާމާގައިއެމެރިކާ ސަރުކާރުން ސިފައިންގެ ތެރެއަށް މީހުން ވެއްދުމަށްޓަކައި ބޭނުންކުރި އުފަންދުވަހުގެ ލޮޓްރީ ( ގުރުއަތު ނެގުމުގެ ) ނިޒާމެވެ. 

އެއީ ވަކި ތާރީޚެއްގައި އުފަންވެފައިވާ މީހުން ސިފައިންގެ ތެރެއަށް ވަނުން މަޖުބޫރު ކުރުމެވެ. މި ވާހަކައަށް ތާއީދުކުރައް ވަމުން ޔޫކްރެއިންގެ މަޝްހޫރު ގާނޫނީ ވަކީލާ ލަރީސާ ޑެނީސެންކޯ ބުނެފައިވަނީ ޔޫކްރެއިންގެ ޕާރލަމެންޓަކީ މޮޔައިންގެ ގަނޑުވަރަކަށް ވެއްޖެ ކަމަށެވެ.

ބައެއް އެހެންމީހުން ދެކޭގޮތުގައި މިއީ ގައުމީ ވާޖިބެކެވެ. ހުރިހާ ރައްޔިތުންވެސް ބައިވެރިވާން ޖެހޭނެއެވެ. އަދި މިހާރު ކުރީ ސަފުގައި ހަނގުރާމަ ކުރަމުން ގެންދާ ސިފައިން ފަހަތަށް ގެނެސް އެހެންބަޔަކު ކުރީސަފަށް ގެންދަންވެސް ޖެހޭނެއެވެ. 

އޮފީސްތަކުގައި މަސައްކަތްކުރާ ކާތިބުންނާއި އިމާރާތްތަކުގެ ފެންވައިރުކުރާ މީހުންވެސް ހަނގުރާމައިގެ މައިދާނަށް ނިކުންނަން ޖެހޭ ވަގުތު އަތުވެއްޖެކަމަށެވެ. މިއީ ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައިގެ ޙާލަތު މިހާރު ގޮސްފައިވާ ހިސާބެވެ. އަތުގާއޮތް ގަލަމާއި ފެންވައިކުރަން ގެންގުޅޭ ޑަންލޮޕް ފުޅި ހިފައިގެން ވެސް ހަނގުރާމައިގެ މައިދާނަށް ނިކުންނަން މަޖުބޫރުވީއެވެ.                                    

ޔޫކްރެއިންގައި ތިބި 850،000 އަށްލައްކަ ފަންސާސް ހާސް ސިފައިންގެ ތެރެއިން ހަނގުރާމައިގެ މައިދާނުގައި ގެއްލިފައިވަނީ ކިތައްމީހުންކަން ޔޫކްރެއިނުން ހާމައެއް ނުކުރެއެވެ. އެކަމަކު ޔޫކްރެއިންގެ މިލިޓްރީ ކައްވަޅުތައް ދަނީ މަތިމައްޗަށް ފުރެމުންނެވެ.

މިދިޔަ އަހަރު އޯގަސްޓްމަހުގެ ތެރޭގައި އެމެރިކާ ސަރުކާރުގެ އަންދާޒާއަށް ބިނާކޮށް ނިއު ޔޯކް ޓައިމްސްގައި ބުނެފައިވަނީ ހަނގުރާމައިގެ މައިދާނުގައި ޔޫކްރެއިންގެ ހަތްދިހަހާސް ސިފައިން މަރުވެފައިވާ ކަމަށާއި އެއްލައްކަ ވިހިހާސް މީހުން ޒަޚަމް ވެފައިވާ ކަމަށެވެ.     

Loading

3 Responses

  1. ފެން އެމެރިކާ ކުޑަކަކުލަށް ތިރިވޭ ބޯން އުޅުނު ބޮނޑި ތިޔޮތީ ބޮވިފަ ހަތިޔާރު އުފައްދާ މުސްލިމުން މުސްލިމުންނާއި ޖައްސާ ހަތިޔާރުން މުއްސަދިކަން އަބަދަކު ނުހޯދޭނެ

  2. ތިޔައީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖުލިސްގެ ވެސް މިއަދުގެ ޙާލަތު . ބޯހަލާކު.

  3. ހަސަންމުފީދު ކުރެއްވީ ގަދަ ކޮމެންޓެއް. ތިޔަކަހަލަ ވިސްނުންފުޅު ހިތުތެރޭގައި ނުބާއްވާ އާންމު ކުރަން ޖެހޭނެ. މާދަމާ އެހެން ބަޔަކު ތިޔަ ވިސްނުންފުޅާ ދޭތެރޭ ވިސްނާނެ. ކޮންމެކަމެއްވިޔަސް ރަނގަޅުކުރަން ފެށުމެއް ބޭނުންވާނެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް