އިންޑިއާއިން ދިން ރައްދަކީ މާކުރިން ރާވައިގެން ދިން ތަދުބީރީ ހަމަލާއެއް!

Loading

Facebook
Twitter
WhatsApp
Maldives India Tension news

ދިވެހި ސިޔާސީ ބައެއް ފަރާތްތަކުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ހަޖޫކިޔައި މީސްމީޑިއާގައި ވާހަކަ ދައްކާފައިވާކަމަށް ބުނެ އިންޑިއާގެ މީސްމީޑިއާ އެކައުންޓުތަކުން ދިވެހިރާއްޖެއަށް ދެމުންގެންދާ ވާޗުއަލް ހަމަލާތައް ގިނަ ބައެއްގެ ސަމާލުކަމަށްވާނީ އައިސްފައެވެ. އެހެންނަމަވެސް، އިންޑިއާގެ އެންޓި-މޯލްޑިވްސް ޕީއާރް ކެމްޕޭނު ކުރިއަށް ގެންގޮސްފައިވާގޮތުގެ ފުރިހަމަކަމުން، މިއީ މާކުރިން ރޭވިގެން ނުހަނު ވިސްނުންތެރިކަމާއެކު ކުރިއަށްގެންދެވޭ މަސައްކަތެއްކަން ގިނަ ދިވެހީންނަށް އަންދާޒާ ނުކުރެވިދާނެއެވެ. ހަގީގަތަކީ، މިއީ ދެގައުމުގެ ޑިޕްލޮމަސީއަށްވުރެ ބޮޑު މައްސަލައެއްކަމެވެ.

މައްސަލަ ފެށޭ ހިސާބަކީ، ބޮޑުވަޒީރު މޯދީއާއި އިންޑިއާ އަސްކަރީ ބާރުން ގިނަ އަހަރުތަކެއް ވާންދެން ދިވެހިރާއްޖޭގެ ދާޚިލީ އަދި ޚާރިޖީ ކަންކަން ކޮންޓްރޯލްކުރުމަށްފަހު، އެންމެ ފަހުން ރާއްޖޭގެ ބާރު ގެއްލޭ ހިސާބެވެ. އެމީހުންނަކަށް މި ހަގީގަތް ހަޖަމެއް ނުކުރެވުނެވެ. އަދި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޭޝިއާ ބައްރުގައި އިންޑިއާއާއި އެންމެ ވާދަވެރި ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅާއި ގުޅޭގޮތުން އިންޑިއާއަށްކުރެވޭނެ ކަމެއްވެސް ނެތީއެވެ.

މީގެ ޒަމާންތަކެއްކުރިން އިންޑިއާއާއި އެކުގައި އޮތް ގާތް ރަހުމަތްތެރި އަވަށްޓެރިއެއްގެ ގުޅުން މިހާރު އޮތްކަމަށް ގަބޫލުނުކުރެވޭއިރު، އިންޑިއާއަކީ އޭޝިއާގައި އޮންނަ އެމެރިކާގެ އެންމެ ގާތް އެކުވެރި ދައުލަތެވެ. އެމެރިކާއަށް މެދުއިރުމަތީގައި ސައުދީ އަރަބިއާ މުހިންމުވާ ބީދައިން އޭޝިއާގައި އިންޑިއާ މުހިންމެވެ. ދިރާސާކުރަން އެނގޭ މީހަކަށް ދޭދޭ ގައުމުތަކުގެ ސިޔާސީ ގުޅުންތަކުގެ ފަހަތުގައިވާ ކަންކަމަކީ ވަރަށް ސާފު ކަންކަމެވެ. އޭގައި އޮޅުން އަރާނެ އެއްވެސް އެއްޗެއް ނޯންނާނެއެވެ.

ކުރީގެ ސަރުކާރަށް ބިރުދައްކައިގެން، އިންޑިއާ އަސްކަރީ ސިފައިން މިގައުމުގައި ގާއިމްކުރި އިންޑިއާއިން ދިވެހިރާއްޖޭގެ މައްޗަށް އޮތް ބާރު ގެއްލުމުން، ރައްދު ދިނުމަކާއި ނުލައި އަތް އުރާލާގެން ތިބޭނެކަމަށް ގަބޫލުކުރެވޭ ހެއްޔެވެ؟ ނޫނެކެވެ. ނުތިބޭނެއެވެ. އައު ސަރުކާރެއް އައިނަމަވެސް އެތައް އަހަރުތަކެއް އިންވެސްޓްކޮށްގެން އެކުލަވާލި އަސްކަރީ ރޭވުންތައް ހުރި ހިސާބުން ހަނދާން ނައްތާލައި ކެންސަލެއް ނުކުރާނެތާއެވެ. ޔަމަނުގައި އޮތް އެމެރިކާއާއި އެއްކޮޅު ސަރުކާރު ވައްޓާލީ އެގައުމުގެ މައްޗަށް އޮތް ހުޅަނގުގެ ނުފޫޒާއިމެދު ނުރުހުންވެ ތިބި ހޫތީންނެވެ. ނަމަވެސް، އެމެރިކާއިން ހޫތީންނާއި ދެކޮޅަށް ހަނގުރާމަ އިއުލާނެއް ނުކުރެއެވެ. ހޫތީންނަށް ރައްދުދިނުމަށްޓަކައި އެމެރިކާއިން ބޭނުންކުރީ ސައުދީ އަރަބިއާއެވެ. ސައުދީ އަރަބިއާއިއިން ޖައްވާއި، ބިމާއި، ކަނޑުން ޔަމަނު ބައްދާލައި އެގައުމުގެ ރައްޔިތުން ބަނޑަށް ޖައްސާލައި، އަސާސީ ފަރުވާލިބުމުންވެސް މަހުރޫމް ކޮށްލީއެވެ. މިވަރުން ނުފުދިގެން، ހޫތީ ވެރިކަން ވައްޓާލުމަށްޓަކައި ސައުދީއިން ޔަމަނަށް ބޮންވެސް އަޅަން ފެށިއެވެ.

އެހެންކަމުން، ޔަމަނު ފަދަ ފަގީރު ގައުމެއް ކޮންޓްރޯލްކުރުމަށް އެމެރިކާ ފަދަ ދުނިޔޭގެ ބާރަކުން އެހައި ބޮޑު ފަރުވާލެއް އެބަހައްޓަނީ ކީއްވެތޯ ސުވާލު އުފެދެއެވެ.

އޭޝިއާ މިޑްލް އީސްޓް ސެންޓަރުގެ ސީނިއަރ ފެލޯ އަދި ސިޔާސީ އަދި އަސްކަރީ ސްޓްރެޓެޖިސްޓެއް ކަމަށްވާ މުއާދު މުޙައްމަދު ޒަކީ ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ މަސްރަހުގައި އެބައެއްގެ ގައުމާއި ސަރަހައްދުގައި ހަމައެކަނި އެވަގުތު ހިނގަމުންދާ ކަންކަމަށް ފަރިތަވެގެން ނުފުދޭނެކަމަށާއި، ސިޔާސީ މަސްރަހުގައި ގައުމީގޮތުންނާއި ސަރަހައްދީގޮތުން ފެންނަން އޮތް ތާރީޙުގެ އިތުރުން، އަންނަމުންދާ ބަދަލުތަކުގެ އަދާހަމަ ދަނެތިބެ، އެއަށް ފަރިތަވާން ޖެހޭނެކަމަށެވެ.

”މިސާލަކަށް، މިހާރު ހޫތީން އެތިބީ އިސްރާއީލުން ޣައްޒާގައި ހިނގާ ގަތުލުއާންމު ހުއްޓާލުމަށް ބާރުއެޅުމަށްޓަކައި އިސްރާއީލާއި އެމެރިކާގެ މަސްލަހަތު އޮންނަ އުޅަނދުތަކަށް ރަތްކަނޑު ހުރަސް ނުކުރެވޭނެހެން އެސަރަހައްދުގެ ކަނޑުތައް ބަންދުކޮށްގެން. އެމެރިކާއަށް ޔަމަނު ނުގެއްލުނުނަމަ، މިފަދަ ކަމެއް ކުރުމަށް ހޫތީންނަށް ފުރުސަތު ލިބުނީސްތޯ؟“ މުއާދު ވިދާޅުވިއެވެ.

ޗައިނާގެ ނުފޫޒު ބޮޑުވަމުން އައުމާއެކު، އޭޝިއާ ވެގެންދާނީ އެމެރިކާގެ ހަނގުރާމައިގެ އައު ޒޯނަކަށެވެ. އެމެރިކާއަށް، ޔަމަނުފަދައިން އެގައުމުން ސުންނާފަތިކުރި އެހެން ގައުމުތަކާއި ދިވެހިރާއްޖެއާއި އެއްވެސް ތަފާތެއް އޮންނާނެކަމަށް ގަބޫލެއް ނުކުރެވެއެވެ.

ލަކްޝަދީބް ޕްރޮމޯޓުކުރުމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރުގެ ކެމްޕޭނު ފާއިތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ކޮންމެ އިރަކުވެސް ކުރެވެން އޮތެވެ. އެހެންނަމަވެސް، އެކަން ކޮށްފައި އެވަނީ އިންޑިއާއަށް ރާއްޖޭގެ ކޮންޓްރޯލް ގެއްލުނު ހިސާބުންނެވެ. އަދި ރައީސް ޗައިނާއަށް ވަޑައިގަންނަވަން ތައްޔާރުވެވަޑައިގެންފައިވާ ދަނޑިވަޅުގައެވެ. އާންމުގޮތެއްގައި ދިވެހީންނަކީ ބޮޑެތި ބާރުތަކުން ގެންގުޅޭ ސިޔާސީ ކުޅިވަރުތަކުގެ ބޮޑު މަންޒަރު ބެލުމަށް މާބޮޑު ފަރުވާލެއް ބަހަށްޓާ ބައެއްކަމަށް ނުވުމާއެކު، މިކެމްޕޭނުގެ ވަގުތާއި ގުޅޭގޮތުން އެއްވެސް ފަރާތަކުން ސުވާލު އުފައްދާފައެއް ނުވެއެވެ.

ދުނިޔޭގެ ތާރީޚަށް ބަލާނަމަ، ސިޔާސީ ބްލެކްމެއިލް ބޭނުންކޮށްގެން އަވަށްޓެރި ގައުމުތަށް ކޮންޓްރޯލް ނުކުރެވޭނެކަން ޔަގީންވާ ހިސާބުން އެމީހުންގެ އިޤްތިޞާދަށް ހަމަލާދީފައިވާ ގައުމުތައް ބައިވަރެވެ. ވީމާ، އިންޑިއާފަދަ ގައުމަކުން އަވަށްޓެރިއެއްގެ ގޮތުގައި އޮތުމުގެ މާނައަކީ، ދުވަހަކުވެސް އެގައުމުން ރާއްޖެއަށް ގެއްލުމެއް ދޭން މަސައްކަތް ނުކުރާނެއެކޭ ނޫނެވެ.

ތެދެކެވެ. އިންޑިއާއާއިއެކުގައި ރަނގަޅު ޑިޕްލޮމެޓިކް ގުޅުންތަކެއް ބޭއްވުމަށް އެދޭ ދިވެހީންގެ އަދަދުވެސް މަދެއްނޫނެވެ. އެކި ފަރާތްތަކުން އިންޑިއާއާއިއެކުގައި ގިނަ ގުޅުންތަކެއް ބާއްވައެވެ. މިގޮތުން، އެއްބައެއްގެ ތިމާގެ މީހުން އިންޑިއާގައި ދިރިއުޅޭއިރު، އަނެއް ބަޔަކު އުޅެނީ އިންޑިއާ މީހުންނާއި ކައިވެނީގެ ގޮތުން ގުޅިގެންނެވެ. އަދި ގިނަ ބަޔަކު އަންނަނީ ބޭސްފަރުވާ ކުރުމަށްޓަކައި ގަވާއިދުން އިންޑިއާއަށް ދަތުރުކުރަމުންނެވެ. ކަންމިހެން ހުރިނަމަވެސް، ދަންނަންޖެހޭކަމަކީ މޯދީ ސަރުކާރުގެ ދަށުގައި މިހާރު އޮތް އިންޑިއާއަކީ ދިވެހީންނާއި ރަހުމަތްތެރި ކުރީގެ އަވަށްޓެރިޔާ ނޫންކަމެވެ.

މިއަދު އިންޑިއާގެ ވެރިކަމުގައި އޮތް ސަރުކާރުން، ބޮޑުވަޒީރު މޯދީއާއި އިދިކޮޅުވާ ހުރިހާ ފަރާތަކާއި ދެކޮޅަށް ވަނީ ފިޔަވަޅު އަޅާފައެވެ. މިގޮތުން، އޮސްޓްރޭލިއާއާއި ކެނެޑާގައި ތިބި އިދިކޮޅުގެ އެކްޓިވިސްޓުން މެރުމަށް އިންޑިއާގެ އިންޓެލިޖެންސް އެގައުމުތަކަށް ފޮނުވިއިރު، އޮސްޓްރޭލިއާއާއި ކެނެޑާގެ ސަރުކާރުންވަނީ އިންޑިއާގެ އަމަލުތައް ކުށްވެރިކޮށްފައެވެ. އިންޑިއާ ސަރުކާރުގެ މިފަދަ އަމަލުތަކުގެ ސަބަބުން އިންޑިއާއާއި ކެނެޑާގެ މެދުގައި ވަރަށް ފަހުން ޑިޕްލޮމެޓިކް ބޮޑު މައްސަލައެއް ޖެހި، ބަހުގެ ހަނގުރާމަތަކެއް ހިނގާފައިވާއިރު، އަވަށްޓެރި އިންޑިއާގެ ނުރައްކާތެރިކަން ގަބޫލުކޮށް ހަގީގަތާއި ކުރިމަތިލާން ދިވެހިރާއްޖެއަށް މިއޮތީ ޖެހިފައެވެ.

ޝައްކެއްވެސް ނެތެވެ. އިންޑިއާގެ ފަރާތުން އޮތް ނުރައްކާ ބޮޑެވެ. ރައީސް މުއިއްޒު ސަރުކާރާއި ދެކޮޅަށް އެގައުމުން ރާވާފައި އޮތް ސިޔާސީ އަދި އަސްކަރީ ރޭވުންތަކަށް އަލިއަޅުވާލާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މޯދީ ސަރުކާރުން ހަމަލާއެއް ދީފާނެކަމަށް އައު ސަރުކާރުން ހީވެސް ނުކުރެއެވެ. އަދި ބެލެވޭގޮތުގައި އިންޑިއާއިން އެދިން ހަމަލާއަށް ރައްދު ދޭނެ ގޮތެއްވެސް ގިނަ ދިވެހީންނަކަށް ނޭނގެއެވެ. އިންޑިއާގެ މިކެމްޕޭނަކީ ހަމައެކަނި އެގައުމުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހިންގާފައިވާ ކެމްޕޭނެއްކަމަށް ބައެއްފަރާތްތަކުން ގަބޫލުކުރިނަމަވެސް، އެފަރާތްތަކަކީ ބައިނަލްއަޤްވާމީ ސިޔާސަތުގެ ބޮޑުމަންޒަރު ފަހުމް ނުވާ ފަރާތްތަކެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު ހެދި އެންމެ ބޮޑު ގޯހަކީ ”އިންޑިއާ ފަސްޓް“ ޕޮލިސީއެއް ގެންގުޅުމެވެ. މީގެ ސަބަބުން ބޮޑެތި މައްސަލަތަކެއް އުފެދުނެވެ. ދިވެހިރާއްޖެ ފަދަ ގައުމަކުން އަސްކަރީ ބޮޑެތި ބާރުތަކުގެ މައްސަލަތަކުގައި ވަކިކޮޅަކަށް އެރުމަކީ ކުރުން ބުއްދިވެރި ކަމަކަށް ނުވާއިރު، ރައީސް ޞާލިޙްގެ ވެރިކަމުގެ ފަސް އަހަރުގައި އެއްވެސް ޝަރުތަކާއި ނުލައި އިންޑިއާއަށް ތާއީދު ދީގެންތިބުމުން، ބައިނަލްއަޤްވާމީ ދުނިޔޭގައި ރާއްޖެއިން ގެންގުޅުނު ވަކިކޮޅަކަށް ނުޖެހޭ ”ނިއުޓްރަލް“ ސިޔާސަތުތައް ދިޔައީ ފެނަށެވެ.

ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެ މިހާރު އޮތީ އެމެރިކާއާއި ޗައިނާގެ ކޯޅުމުގެ މެދުގައި ފިތި ތާށިވެފައެވެ. އަދި ދިވެހީންގެ ސަލާމަތާއި، ހެވާ ލާބައަކީ އިންޑިއާއަށް މުހިންމު އެއްޗެއް ނޫނެވެ. އެދޭހާގޮތަކަށް ދުނިޔޭގެ ކަންކަން ހިނގާނަމަ، ހަނގުރާމަތަކެއް ނުހިނގާނެއެވެ. ހަނގުރާމަތަކަށްފަހު ނިކަމެތީން އިތުރަށް ވަނީ ހަމަ ނިކަމެއްޗެވެ. އޭޝިއާގެ އަސްކަރީ ހަނގުރާމައަކީ ހުއްޓުވޭނެ އެއްޗެއް ނޫނެވެ. ދެރަކަމަކީ ދިވެހިރާއްޖެވެސް އެހަނގުރާމައިގެ މެދުތެރެއަށް ވަދެފައި އޮތުމެވެ. ބޯމަތިވެފައިވާ މި ހަނގުރާމައަށް ތައްޔާރުނުވާނަމަ، ގައުމު ގެއްލިދާނެއެވެ.

ވީމާ، ދިވެހި ވަކިވަކި ފަރުދުންނާއި ދެކޮޅަށް އިންޑިއާއިން އެހިންގާ މީސްމީޑިއާ ކެމްޕޭނަކީ ޑިޕްލޮމަސީއާއި ގުޅުމެއް އޮތްކަމެއް ނޫނެވެ. ކަމެއްކޮށްގެން، ރިއެކްޝަނެއް ހޯދުމަށް މަސައްކަތްކުރުމަކީ ސިޔާސީ އުކުޅެކެވެ. އަދި ރައްދުދިނުމުގައި ހެދޭ ގޯސްތަކަށް ފާރަވެރިވެ، އެގޯސްތަކުގައި ހިފައި، އެތައް ހާސް މީސްމީޑިއާ ބޮޓް އެކައުންޓުތައް ބޭނުންކޮށްގެން ރާއްޖެ ބޮއިކޮޓްކުރުމަށް މިހާރު އިންޑިއާއިން އެގެންދަނީ މަސައްކަތްކުރަމުންނެވެ.

 އިންޑިއާއިން މިފަހަރު މިސާލުދެއްކި އުކުޅަށް ސިޔާސީ މައިދާނުގައި ކިޔައި އުޅެނީ ”އެންޖިނިއަރޑް ކްރައިސިސް“ ކަމަށް ވިދާޅުވެ މުއާދު ވިދާޅުވީ، މިއީ ތާރީޚީގޮތުން އެތައް ގައުމެއްގެ ސަރުކާރުތަކުން އިޤްތިޞާދީ ގޮތުންނާއި، ސިޔާސީގޮތުންނާއި، ތަދުބީރީގޮތުން އިދިކޮޅު ފަރާތްތައް ބަލިކޮށްލުމަށް ބޭނުންކޮށްފައިވާ އުކުޅެއްކަމަށެވެ. ސ

Loading

4 Responses

  1. حسبنا الله و نعم الوكيل . އެއީ އަޅުގަނޑުމެންގެ ދުޢާ އެވެ. الله އަށް ކިޔަމަންތެރިވެ ތިބެ އެޅެންހުރި ހެޔޮ ފިޔަވަޅުތައް އަޅަމުން ދަނީނަމަ މައްސަލަތަކުގެ ތެރެއިން ނިކުމެ ހަށި ފޮޅާލެޥޭނެ މަގެއް އެ އިލާހު ދައްކަވާނެ. އެތައް ހާސް ގަރުނެއް ވަންދެން މި އުޅުނީ ހުރި ބާރުގެ ގަދަކަމުންނެއް ނޫން. މޯދީ އަކަށް ބީޖޭޕީ އަކަށް ބިރެއް ނުގަނޭ. ބިރު ގަންނަން ވީ الله އަށް. فلا تخشوهم واخشوني މަރާ އެންމެން ވެސް ބައްދަލު ކުރާނެ.

  2. ވަރަށް ބޮޑު ތެދެކެވެ. ހަބޭހަށް ނުފޫޒާއި ފައިސާ ބޭނުންކޮށްގެން ބީޖޭޕީ ރުހޭ ބުނާހާ ގޮތެއްހަދާނެ ގޮޑިކޮށްކޮ ސަރުކާރެއް ބާއްވަން ކުޅަމަސައްކަތް ފުލުން ދިޔައީއެވެ. ފުލުންދިޔައިމާ ދެން ޖެހިގަންނާނެ ގޮތްވާނީ މާކުރިންސުރެެ ރާވާފައެވެ. އެހެނީ ބީޖޭޕީ އާއި އެމްޑީޕީގެ ގުޅުމަކީ ދިވެހިންނާއި އިންޑިޔާގެ އާންމުނާއި ދުޝްމަން ކުރުމެވެ. އެގޮތުންވެސް ވެރިކަން މޯޑީ ސާހަބް ބޭނުންގޮތަކަށް ދިވެހީންގެ ރާއްޖޭގައި ދާންޖެހޭނެ ކަމަށް އޭނާ ގަބޫލުކުރެއެވެ. އެއީ ދިވެހީންގެ މައްސަލައެއް ނޫނެވެ. އެމީހަކު ބޭނުންވާ ދުނިޔެވީ ކަންތައްތައް ޙާސިލުވޭތޯ ބެލުމަކީ އޭގެ ގޮތުގައި ގޯހެއްނޫނެވެ. ގޯހަކީ ބަޔަކު ނޫނެކޭ ބުނެ އަޅުވެތި ނުވުމުން ބާރުގެ ބޭނުން ކޮށްގެން އެބަޔަކު އަޅުވެތި ކޮށްލެވޭތޯ ބެލުމެވެ.
    ދިވެހީނގެ މެޖޯރެޓީ އެގޮތް ގަބޫލެއް ނުކުރެތެވެ. ވީމާ ތި ޖެހިގަތުންވެސް ވާނީ ފޭލްއެވެ. ދިވެހީންގެ ޓެކްފައިސާއިން އާސަންދަގެ ކިހާފައިސާއެއް އިންޑިޔާއަށް އެބަދޭހެއްޔެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ އިންޑިޔާމީހުން މަހަކު 15 މިލިޔަން ޑޮލަރުވަރު އިންޑިޔާއަށް އެބަ ފޮނުވައެވެ. ވީމާ އަބަދު އިންޑިޔާ ރުއްސަން ނޫޅެވޭނެއެވެ. ދިވެހީންގެ ފަސްޓް ޕްރިއަރެޓީއަކީ ދިވެހިރާއްޖެއެވެ.

  3. ހިސާބައްވުރެ ނުބައިނުލަފަ މީހުން ތަންތާގެވެރިންނައް އައިމާ ވާންވީގޮތްމިވަނީ ހުރިހާދެރައެށް ނިކަމެތިރައްޔިތުންނައް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް