ކުއްލިއަކަށް މަރުވުން އިތުރު ވަމުންދާ ސަބަބާދޭތެރޭ ސައެންސުގެ ދިރާސާ

Loading

Facebook
Twitter
WhatsApp

ކޮންމެ އިންސާނަކުވެސް ފުރިހަމަ ސިއްހަތެއްގައި ގިނަ ދުވަހު ދިރިދުނިޔޭގައި ހުރުން ބޭނުންވާނެއެވެ. ދިރިހުރުމާއި މަރުވުން އެއީ ވަގުތު ކަނޑައެޅިފައިވާ ކަންތަކެވެ. އަދި އެ ވަގުތު ހަމަ ގައިމުވެސް ނޭގޭނެއެވެ. 

އެހެންނަމަވެސް ބަލިވުމުން ބޭސްކުރަން އަންގަވާފައިވާ ފަދައިން ސަލާމަތް ސިއްހަތެއް ގައި ދިރި ހުރުމަށްޓަކައި ކުރަންވީ ކަންތައް ތަކަކާއި ނުކުރަންވީ ކަންތައްތަކެއް ހުރިކަން ގަބޫލުކޮށް އެ ސަބަބުތަކުގައިވެސް ހިފާއްޓަން ޖެހެއެވެ.           

މައުލޫމާތު ފޯރުކޮށްދިނުމަކީ ލާޒިމް ކަމެއް ކަމުގައި އިލްމުވެރިން ވިދާޅުވަމުން ގެންދަވާތީ މިފަހަރު މިގެނެސްދެނީ ދާދިފަހުން ސައެންސް ވެރިން ހާމަކޮށްފައިވާ ސިއްހީ މައުލޫމާތު ތަކެކެވެ. މިއީ ވަރަށްގިނަ މީހުންނަށް އެނގޭ މައުލޫމާތު ތަކެކޭވެސް ބުނެވިދާނެއެވެ. ސަންދާނުގެ ބޭނުމަކީ ހަނދާން ކޮށްދިނުމެވެ.                                                              

ކުއްލިއަކަށް މަރުވުމަކީ މިހާރަކަށް އައިސް ދުނިޔޭގެ ކަންކޮޅުތަކުގައި އާންމު ވަމުންދާ ނުރައްކަލެކެވެ. މި ނުރައްކާތެރި ޙާލަތުތަކުގައި އެޅިދާނެ ރައްކާތެރި ކަމުގެ ފިޔަވަޅުތައްވެސް ވަރަށް މަދު ކަމުގައި ނޫނީ ނުބުނެވޭނެއެވެ. 

މުޅި ދުނިޔޭގެ ކަންކޮޅުތަކުގެ ތަފާސްހިސާބަށް އަލި އަޅުވާލުމަކީ ފަސޭހަކަމެއް ނޫނެވެ. އެންމެފަހުގެ އެޕިޑެމިއޯލޮޖިކަލް ޑޭޓާ ތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި ހަމައެކަނި ޗައިނާގައި ހިތްހުއްޓިގެން ކުއްލިއަކަށް މީހުން މަރުވުން އަންދާޒާ ކުރެވިފައިވާ މިންވަރު ހާމަކޮށްލާނަމެވެ. 

ޗައިނާގެ ރަސްމީ އިދާރާތަކަށް ލިބިފައިވާ މައުލޫމާތު ތަކަށް ބަލާއިރު އަހަރަކު 540،000 ފަސްލައްކަ ސާޅީސްހާސް މީހުން ކުއްލިގޮތަކަށް މަރުވަމުން ދާކަން އެނގިފައިވެއެވެ. އެއީ ކޮންމެ މިނިޓަކު މީހެކެވެ. މިއީ ހަމައެކަނި ރެކޯރޑް ކުރެވިފައިވާ އަދަދެވެ. މައިގަނޑު ސަބަބަކީ ހިތްހުއްޓުމެވެ.                                                                

ހިތް ހުއްޓުމަކީ އާދައިގެ ކަމެއް ނޫނެވެ. ހިތް ހުއްޓުމަށްފަހު އެމީހާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ލިބޭ ރަނުގެ ފުރުސަތަކީ ހަމައެކަނި ހަތަރު މިނިޓެވެ.އޭގެފަހުން އެމީހާގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު ނިމުނީ ކަމަށްވެސް ބެލެވިދާނެއެވެ. 

އެއީ ހިތްހުއްޓިގެން މަރުވާމީހުންގެ ތެރެއިން ފުރާނަ ސަލާމަތްކުރެވޭ މީހުންގެ ނިސްބަތަކީ ހަމަ އެންމެ އެކެއް އިން ސައްތަ ކަމުގައި ބެލެވިފައިވާތީއެވެ. މިގޮތަށް ހިތް ހުއްޓިގެން ކުއްލިއަކަށް މަރުވާ މީހުންގެ ތެރެއިން %43 އަކީ 40 އަހަރަށްވުރެން އުމުރުގެ ގޮތުން ދަށް ޒުވާނުންނެވެ. ނަސީބު ރަނގަޅު ކަމުން ފުރާނަ ސަލާމަތް ކުރެވުނު ކަމުގައިވިޔަސް އާންމުގޮތެއްގައި އެމީހާގެ ދިރިއުޅުން އޮންނަނީ އެހެންމީހުންނަށް ބުރައަކަށްވެފައޭ ބުނަން ޖެހެއެވެ.                                                   

ކުއްލިއަކަށް މަރުވުމަކީ ކުއްލިއަކަށް މެދުވެރިވާ ކަމެކޭވެސް ނުބުނެވޭނެއެވެ. މަދުވެގެން 30 މިނިޓްގެ ވަގުތުކޮޅެއް ލިބޭނެއެވެ. ހިތް ހުއްޓުމުގެ ކުރިން ވަރަށްގިނަފަހަރު ތަފާތު އިހްސާސްތަކެއް ކުރިމަތި ކުރުވާނެއެވެ. 

އޭގެތެރޭގައި، ބަނޑުގައި ރިއްސުމާއި މޭދަށުގައި ރިއްސުން ވައަތް ފަރާތުގައި ރިއްސުން އަދި ރިއްސުމާއެކު ދާހިއްލުން މިއީ އާންމުކޮށް އެނގޭ މައުލޫމާތުތަކެކެވެ. 

މިފަދަ ހާލަތަށް ތިމާއަށް ހުށަހޮޅި ގަނެވެނީ ކިހެނެއްތޯ ދެނެގަނެ އެކަންތައް ރަނގަޅުކުރެވޭތޯ ބެލުން ވަރަށް ބޭނުމެވެ. މިކަމުގައި ދިރިއުޅުމުގެ ވައްޓަފާޅިއާއި ކެއިންބުއިން ވަރަށް މުހިން ދައުރެއް އަދާކުރެއެވެ. 

އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި އެންމެ ފުރަތަމަ ރޭގަނޑު ނުނިދާ ހުރުން ފާހަގަކޮށްފައި ވެއެވެ. މިއީ މިހާރަކަށް އައިސް ޒުވާނުންގެ ތެރޭގައި އާންމުވަމުންދާ ވަރަށް ނުރަނގަޅު އާދައެކެވެ.

ކަސްރަތު ކުރުމަކީ ހަށިގަނޑަށް ދެވޭނެ އެންމެ ރަނގަޅު އެއް ތަމްރީނެވެ. އެކަމަކު ކުއްލިއަކަށް މާގަދަޔަށް ކަސްރަތު ޖެއްސުމަކީ ހިތްހުއްޓި ކުއްލިއަކަށް މަރުވުމުގެ ފުރުސަތު ވަރަށްބޮޑަށް ހުޅުވިގެންދާ ކަމަށް ބުނެފައިވެއެވެ.

ހަމައެފަދައިން ދުންފަތާއި މަސްތުވެގަތުމަށް ބޭނުންކުރާ އެހެނިހެން ތަކެއްޗާއި ސިއްޙީގޮތުން ނުރަނގަޅު ކާނާ ކެއުމަކީވެސް ހިތްހުއްޓި ކުއްލިއަކަށް މަރުވުމުގެ ދައުވަތު ކާޑު ފޮނުވުމެވެ. ސިއްޙީގޮތުން ނުރަނގަޅު ކާނާގެ ތަފްސީލަކީ އެންމެންނަށް އެނގޭ އެއްޗެކެވެ.                                 

ކުއްލިއަކަށް ހިތް ހުއްޓިގެން މަރުވުން ސިފަކޮށް ދީފައިވަނީ ހަށިގަނޑުގެ ތެރޭގައި ފޮރުވިފާއޮތް ޓައިމް ބޮމެއްގެ ގޮތުގައެވެ. 

އެ ޓައިމް ބޮމް ގޮއްވާލުމުގެ ވަގުތު ލަސްކުރުމުގައި ދިރިއުޅުމުގެ އާދަކާދަ އިސްލާޙްކުރުމަކީ އެންމެ މުހިންމު އަދި އެންމެ ފުރަތަމަ އަޅަންވީފިޔަވަޅު ކަމުގައި ހަނދާކުރުން ހުއްޓެވެ.                        

Loading

One Response

  1. މިއީ ވަރަށް އާންމު މައުލޫމާތު ތަކެކެވެ. ހަނދާންކޮށްދިނުމަކީ އެއިން ފައިދާ ކުރާނެ ކަމެކެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި ކެއިން ބުއިމާއި ނިދުން މިއޮތީ މިސްރާބުން ކައްސާލާފައެވެ. އަލުން މިސްރާބަށް އައުމަކީ އުނދަގޫ ކަމެއްވެސް ނޫނެވެ. އެކަމަކު ހިތާމައަކީ ރަނގަޅު އާދަކާދަތައް ބީރައްޓެހި ވަމުން ދިއުމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް