ބައިލައިން ޓައިމްސްގެ ކޮލަމްނިސްޓެއްކަމަށްވާ ކޯޓްނީ ޖޭ ވާލްމަންގެ ”ދަ ސީޖޭ ވާލްމަން ޝޯވ“ ގައި ޝާއިއުކުރި ވީޑިއޯއެއްގައި ޣައްޒާގައި ހަރަކާތްތެރިވާ އިސްރާއީލުގެ ހަނގުރާމަމަތީ ސިފައިންގެތެރޭގައި އިންޑިއާ ސިފައިން ތިބިކަމަށް އޭނާ ބުނެފިއެވެ.
ފަލަސްތީނުގެ ކުޑަކުއްޖަކު ޤަތުލުކޮށްލުމަށްފަހު އެކުއްޖާ ނިދާ އެނދުގައި އިސްރާއީލުގެ އައިޑީއެފްގެ ޔުނިފޯމު އަޅައިގެންތިބި ދެ ސިފައިންގެ މީހުން ނަގާފައިވާ ތަސްވީރެއް މިފަހުން ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
އެ ތަސްވީރުގައި ވާތްފަރާތުން ފެންނަން އިންނަ މީހަކީ އިންޑިއާއަށް ނިސްބަތްވާ މީހެއްކަމަށް ބުނެ ވާލްމަން ބުނީ، އެއީ އިންޑިއާއިން އިސްރާއީލަށް ހިޖުރަކުރި އެތައް ސަތޭކަ މީހުންގެ ތެރެއިން އެންމެ މީހެއްކަމަށެވެ.
ބްނެއި މެނާޝީގެ ޔަހޫދީންގެ 200 އަށްވުރެ ގިނަ މީހުން އިސްރާއީލުގެ ސިފައިންގެ ތެރޭގައި ހިމެނޭއިރު، އޮކްޓޫބަރު 7ގެ ފަހުން ފަހުން އިންޑިއާއިން އިސްރާއީލަށް ހިޖުރަކުރި މީހުންގެ 75 މީހަކު ވަނީ އިސްރާއީލު ސިފައިންގެ ތެރޭގައި އެންލިސްޓްވެފައެވެ. އަދި ގެންދަނީ އިސްރާއީލުން ޣައްޒާގައި ދެމުންގެންދާ ހަމަލާތަކުގައި އަމަލީގޮތުން ހަރަކާތްތެރިވަމުންނެވެ.
ޣައްޒާގައި މަރާލެވުނު އެންމެ ފުރަތަމަ އައިޑީއެފް ސިފައިންގެ އޮފިސަރަކީވެސް ހަމަ މިފަދައިން އިސްރާއީލަށް ހިޖުރަކުރި އިންޑިއާ މީހެއްކަމަށްވާއިރު، ވާލްމަން ބުނެފައިވާގޮތުގައި، އިންޑިއާ ނަސްލުގެ މި ސިފައިންނަކީ ދުނިޔެ ދެކެމުންދާ އެންމެ ބޮޑު ޤަތުލުއާންމުގައި ހިއްސާވާ ބައެއްކަމަށް ވުމުގެ އިތުރުން، އިސްރާއީލުން ނަސްލު ނައްތާލުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު އެމީހުންގެންދަނީ އިންޑިއާ ސަރުކާރުގެ ސަލާމަތީ ވުޒާރާތަކާއި ހިއްސާކުރަމުންކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމެން ނަތަންޔާހޫ މީގެކުރިން ހާމަކޮށްފައިވާ ފަދައިން އިންޑިއާއަކީ އިސްރާއީލާއެކު ވަރަށް ގާތް ގުޅުމެއް ބާއްވާ ގައުމެކެވެ. ޒަމާނުއްސުރެ ދެގައުމުން އަންނަނީ އިންޓެލިޖެންސް ހިއްސާކުރަމުންނެވެ.
މުސްލިމުން މެރުމަށް އެދިއެދި ތިބި އިންޑިއާގެ ހިންދޫ ނޭޝަނަލިސްޓުން އިސްރާއީލުގެ ފަރާތުން ޣައްޒާ ހަނގުރާމައިގައި ބައިވެރިވުމަށް އެދިފައިވާކަމަށާއި، މިގޮތަށް ”ވަކި އަސްކަރިއްޔާއެއް“ ހެދޭވަރަށް މީހުން ހަނގުރާމައިގައި ބައިވެރިވާން ބޭނުންވެގެން ބުނާކަމަށް އިސްރާއީލުން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރު މިދިޔަ މަހުގެ ތެރޭގައި ބުނެ ސަމާސަކޮށްފައިވެއެވެ.
ހަނދާން ބަހައްޓަންޖެހޭކަމަކީ، ސްކޫލްތަކާއި، ހޮސްޕިޓަލްތަކައި، ރެފިއުޖީ ކޭމްޕުތައް ގޮވާލައިގެން ޣައްޒާގައި އައިޑީއެފްއިން ދެމުންގެންދާ ހަމަލާތަކާއި، ހިންގާ ހަރަކާތްތަކުގެ މައުލޫމާތު ހޯދައިގަނެގެން އިންޑިއާގެ މޯދީ ސަރުކާރުން ގެންދާނީ ކަޝްމީރު ފަދަ އިންޑިއާގެ މުސްލިމް އާބާދީތައް ބޯކޮށް އޮންނަ ސަރަހައްދުތަކުގައި އެފަދަ ޤަތުލުއާންމެއް ހެންގުމުގެ ބްލޫޕްރިންޓް ތައްޔާރުކުރަމުންކަމެވެ. މޯދީ ސަރުކާރަށް އިސްރާއީލަކީ ”ބޮޑު އިންސްޕިރޭޝަނެއް“ ކަމަށް ރިޕޯޓުކޮށްފައިވާއިރު، އިސްރާއީލުން ޣައްޒާގައި ގެންގުޅޭ އުކުޅުތައް އިންޑިއާއިން އަންނަނީ ދަސްކުރަމުންނެވެ.
ވީމާ، ގައުމުގެ ދިފާޢުގައި ކަމަށްބުނެ އިންޑިއާއިން ކަޝްމީރުގެ ރައްޔިތުންނަށް ހަމަލާދީ، އެމީހުން ނައްތާލުމަށްޓަކައި ޤަތުލުއާންމެއް ހިންގުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ކަމާއިބެހޭ މާހިރުން ގަބޫލުކުރެއެވެ.
ވާލްމަންގެ ވޯޑިއޯގައި އޭނާ އިތުރަށް ބުނީ، އިންޑިއާއިން މުސްލިމުން ނައްތާލައި، ހިންދޫން ސެޓްލްކުރުމަށް ”އިސްރާއީލް މޮޑެލް“ އެއް ބަލައިގަންނަން އެގައުމުން ތައްޔާރުވެފައިވާކަމަށް 2019 ވަނަ އަހަރު އެމެރިކާގައި ހުރި އިސްރާއީލުގެ ޑިޕްލޮމެޓެއް ބުނެފައިވާކަމަށެވެ. އަދި މިހާރު، އިސްރާއީލުން ޣައްޒާގައި ހިންގި އެއްވެސް އަމަލަކަށް ބައިނަލްއަޤްވާމީ ދުނިޔެއިން މާބޮޑު ފަރުވާލެއް ބަހައްޓާފައިނުވާތާ، ކޮށްފައިވާ ކުށްތަކަށް އަދަބެއްވެސް ދީފައިނުވުމުން ކަޝްމީރުގެ ވެރީން އަންނަނީ އެމީހުންނަށް އޮތް ބިރުގެ ބޮޑުކަމުގެ ވާހަކަތައް ދުނިޔެއާއި ހިއްސާކުރަމުންނެވެ. މުސްލިމް ބޮޑު އާބާދީއެއް އޮންނަ އެސަރަހައްދުގައި ފާއިތުވެ ދިޔަ ހަފްތާގައި އާންމުންގެ ތިން މީހަކު ހިފަހައްޓައި އިންޑިއާ ސިފައިން އަނިޔާކުރުމުން ހާމަވާކަމަކީ، ނޭއްގާނީގޮތުން އަތުލައިގަނެފައިވާ ބިމުގައި އިސްރާއީލުން ޤަތުލުއާންމެއް ހިނގުމަށްފަހު އަޅައިނުލައި ތިބެވޭނަމަ، އިންޑިއާއަށްވެސް ތިބެވިދާނެކަމަށް މޯދީ ސަރުކާރަށް ގަބޫލުކުރެވޭ ކަހަލައެވެ.
2 Responses
ކޮބާ ކުރިން އިންޑިޔާއިން އިޒުރޭލަށް މީހުންފޮނުވާ ވާހަކަ ޖެހީމާވެސް އަޅުގަޑު ލިޔެފަވާނެ ތިމީހުން ތިފޮނުވަނީ ގައްޒާގެ ހަގުރާމައަށޭ އިޒުރޭލުގެ ވަޒީފާތަކުގަތިބި ގައްޒާފެ މީހުން ބަދަލުކުރާކަށަށެއްނޫނޭ މިއސދު ތިއޮތާ ފަޅާއަރާފަ
މޯޑީގެ ދެފައި ހަމަ މުސްލިމަކަށް އަނިޔާދޭ ކޮންމެ ދިމާލެއްގައި. ކިހާބޮޑު މުސީބާތެއް ދޯ؟