ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ކުރި 7 ދަޢުވާ ސާބިތުވެ ޖުމުލަ 20 އަހަރަށް ޖަލަށް ލުމަށާއި 2 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
އަދީބުގެ މައްޗަށް އިއްވި ހަތް ދައުވާއަށް އޭނާ އިއުތިރާފުވެވަޑައިގަތީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގަ އެވެ.

އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތާއި ގުޅިގެން ޢަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދަޢުވާއާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދެ ދަޢުވާއާއި މަނީލޯންޑަރކުރުމުގެ ދެ ދަޢުވާގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ ހިމެނޭހެން ޖުމަލް ހަތް ދަޢުވާގެ ޙުކުމް ކްރިމިނަލް ކޯޓުން ވަނީ ކޮށްފައެވެ. މިއަދު އެ މައްސަލަ ނިންމަން ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަމުން ގާޒީ ހަސަން ސައީދު ވިދާޅުވީ، އަދީބުގެ އިއުތިރާފު އެއްބަސްވުން ގަބޫލު ކުރައްވާ ކަމަށެވެ.
އެއްބަސްވުމުގައިވާ ގޮތަށް ދައުލަތުން އެދުނީ އަދީބަށް ޖުމްލަ 20 އަހަރުގެ ޖަލު ހުކުމެއް އިއްވައިދޭށެވެ. އަދި 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.
އަދީބުގެ މައްޗަށް އިއްވި ހުކުމްތައް:
- ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދައުވާ – 4 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށް
- ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދައުވާ – 2 އަހަރާއި 4 މަހާއި 24 ދުވަހަށް ޖަލަށް
- މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ – 5 އަހަރާއި 11 މަހަށް ޖަލަށްލައި 1 މިލިއަން ރުފިޔާއިން ޖޫރީމަނާ
- މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ – 5 އަހަރާއި 11 މަހަށް ޖަލަށްލައި 1 މިލިއަން ރުފިޔާއިން ޖޫރިމަނާ
- މަޤާމުގެ ނުފޫޒުން ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމުގެ ދަޢުވާ – 1 މަހާއި 15 ދުވަހަށް ޖަލަށް
- މަގާމުގެ ނުފޫޒުން ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމުގެ ދަޢުވާ – 6 މަސްދުވަހަށް ޖަލަށް
- ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދަޢުވާ – 3 މަސްދުވަހަށް ޖަލަށް
އެމް.އެމް.ޕީ.އާރް.ސީގެ ހިޔާނާތުގެ މައްސަލާގައި އަދީބަށް އެންމެ ފުރަތަމަ 30 އަށް ވުރެ ގިނަ ދައުވާ ކުރި އެވެ. ނަމަވެސް، ފަހުން އެ ދައުވާތައް އަނބުރާ ގެންދިޔައީ އެވެ.
އަދީބު ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު ޓޫރިޒަމް ސިނާއަތް ކޮޅަށްޖެހީ ރަށްތައް ތަރައްޤީކުރާނެ އިންވެސްޓަރުން ހޯދައިގެންކަމަށް އަދީބު ވިދާޅުވެފައިވާއިރު، ހުރިހާ ރަށްތަކެއްވެސް ދިނީ ބިޑުކޮށްގެންކަމަށާއި، ނަމަވެސް 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ޓޫރިޒަމަށް ރަށްތަށް ދޫކުރީ އެމް.އެމް.ޕީ.އާރު.ސީގެ މަޤްޞަދު ބަދަލުކޮށްގެންކަމާއި، އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކަށްވީ އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ރަށްތައް ދިނުންކަމަށްވެސް އަދީބުވަނީ ވިދާޅުވެފައެވެ. އެގޮތުން އެ ދެ އަހަރު ޓޫރިޒަމަށް ހުރިހާ ރަށްތަކެއް ދޫކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމަވައިގެންކަމަށް އަދީބުވަނީ ވިދާޅުވެފައިވެއެވެ.
2 Responses
ދައުލަތެއް ގޭންގުހަދައިގެން ދިރުވާލުމުން 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފާ 20 ޖަލަށް. މިގައުމުގައި ސިޔާސީ މީހުނޭކިޔައިގެން ވައްކަންކުރާމީހުނާއި ޓެރެރިޒަމްގެ ހުކުމް އައިސް ޖަލަށް ލެވޭ ސިޔާސީއޭ މިކިޔާ މީހުންނަށް އެޙުކުމްތައް ތަންފީޒުކުރާގޮތާއި ދޫކޮށްލާގޮތް ކުރީ ތާރީޚުތަކުގައި ވަރަށްވެސް ބޮޑަށް ގާތުން ވަނީ ތަޖުރިބާ ކުރެވިފައެވެ. ވެރިކަމުގައި އެއިރަކު ތިބޭބައެއް ބޭނުންވާގޮތަށް ޑީލް ހެދުމުން އެފަދަ ޖަރީމާހިންގާ ދައުލަތާއި އިދިކޮޅު ޢަމަލުހިންގާ ފަރާތްތަކަށް ދެވޭ ލުޔާއި އިނާމުފެނިއްޖެއެވެ. ވީމާ ކުރި 30 މިލިއަންގެ ޚިޔާނާތުން 2 މިލިއަން ދީފަ ބަސް އަހައިގެން ވެރިކަމުގައި އެއިރަކުތިބި ބައެއް ބުނާގޮތަށް ނޫނީ އެބައިމީހުންގެ ބަހުންނަމަ “ޑީލް” ހެދުމުން އެބޮޑުވަގަށް ގެއަށް ބަދަލުވެ ވީއައިޕީ ޓުރީޓުމަންޓު ލިބުނީއެވެ. ހެޔޮވާނީ ކިހިނެއްތޯއެވެ. އިންތިޚާބު ދުވަސްވަރު އެގޮވިހާ ބަނދިތައް ހަދާންނެތްބާއެވެ. ޔާމީހުވެސް ބަރުލަމާނީއަށް “ޑީލް” ހަދައިފިނަމަ މަޖިލީހުގެ ވޯޓަކުން ދޫކޮށްލެވި މަޢާފުވެސް މިގައުމުގައި ލިބިދާނެއެވެ. މިއީވާ ވަރަށް މަގޭ ގައުމެކެވެ. ދައުލަތުގެ ނަން ބޭނުންކޮށްގެން ސަރުކާރު ހިންގަން ރައްޔަތުން ޙަވާލުކުރާބަޔަކު މިފަދަ ބޮޑެތި ޚިޔާނާތް ދައުލަތަށް ވާކަށް ހެޔޮނުވާނެއެވެ. ދައުލަތަކީ ސަރުކާރެއްނޫނެވެ. މި ޚަބަރު ކިޔާފަ މަ ހޭބަލިވެއްޖެއެވެ. ސަހަރޯ ހީވެއްޖެއެވެ. ރައީސް ނަޝީދު ޕީޕީއެމްގައި އިންދި ފަނި އޭނާގެ ބޮސްއާއި ގޭންގައި އެކު ދައުލަތް ހުސްކޮށްފިޔޭ ބުނީވެސް ތިވޭރީންނެވެ.
މިއީ މީނާގެ 4 ވަނަ އެޕިސޯޑު. ޓަގުބޯޓު އެއީ 3 ވަނަ އެޕިސޯޑް. ޑްރާމާ ރާއްޖެ. ކޮން ޖަޒީރާ ރާއްޖެއެއް. ވަގުންގެ ހާއްޔެއް މިއީ. އެކަކުވެސް އަނެކުންގެ ވައްކަމެއް މަރެއް ނުބަލާނެ. ބަލާނީ ހަމަ އިންދާލަން ބޭނުންވާ މީހެއްގެ މައްސަލަ. އަވަސް ނިޔާކޯޓުން މައްސަލަތައްވެސް ވަރަށް އަވަސްވާނެ. ހަމަ ހުސް ލަނޑާ!