ރައީސް ޔާމީނަށް ކުރި ހުކުމް ''ހަލާލު'' ވީތަ؟

Loading

Facebook
Twitter
WhatsApp

އެވެސް ދުވަހެކެވެ. މިވެސް ދުވަހެކެވެ. ދުނިޔޭގެ ހަގީގަތަކީ އެއްކަމެއް އަބަދު އެއްގޮތަކަށް ނޯންނާނެ ކަމެވެ. ތިމާ ކައިރީގައި ތިބޭ މީހުން ވެސް ކޮންމެވެސް ސަބަބަކާހުރެ ދޫކޮށްފައިދާނެ ކަމެވެ. ލޯބި ނަފުރަތަށް ބަދަލުވެ މިތުރުވެރިކަން ހަތުރުވެރިކަމަށް ބަދަލުވުމަކީ ދުނިޔޭގެ ގާނޫނެވެ.

ދެ ރައީސެއްގެ ދެމެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދި އޭގެފަހުން ހިނގައިދިޔަ ކަންތައްތަކަކީ ވެސް މީގެ އެއް ހެއްކެވެ.

މިދިޔަ ފަސް އަހަރުގައި ޖަލްސާތަކާއި ޓީވީ ޕްރޮގްރާމުތަކާއި ސޯޝަލްމީޑިއާގެ ޕްލެޓްފޯމުތަކާއި މާލޭގެ މަގުތަކުން އެންމެ ގިނައިން އިވުނު އެއް އަޑަކީ “ހަރާމް ހުކުމެއްގެ“ ވާހަކައެވެ. “ފްރީ ރައީސް ޔާމީން“ ގެ އަޑެވެ.

އޭރު ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕުންނާއި ސަޕޯޓަރުން ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ދިފާއުގައި އެމަނިކުފާނު ޖަލުން މިނިވަންކުރަން ގޮވާލައި އެތައް މުޒާހަރާއެއް ކުރިއެވެ. “ފްރީ ރައީސް ޔާމީން“ ލިޔެފައިވާ ހުދާއި ކަޅާއި ފިޔާތޮށި ކުލައިގެ ޓީޝާޓުތައް ލައިގެން ތިބެ ނުކުމެ ބުނަމުންދިޔައީ އެއީ ހައްގު ހުކުމެއް ނޫން ކަމަށެވެ. ޔާމީންގެ ހައްގުގައި ނުކުރާނެ ކަމެއް ނޯޯންނާނެ ކަމަށެވެ. ޔާމީން ޖަލުން ސަލާމަތްކޮށްފައި މެނުވީ ގެއަށް ނުވަންނާނެ ކަމަށެވެ.

އޭރުއްސުރެ މި އަހަރުގެ ސެޕްޓެމްބަރު 30 އާ ހަަމައަށް ދައްކަމުން އައި ބޮޑު މަންޒަރަކީ ޔާމީންގެ ފޮޓޯއެވެ. ޔާމީންގެ ތަރައްގީއެވެ. ޔާމީންގެ ތަސައްވުރެވެ. ޔާމީންގެ ފަލްސަފާއެވެ. މިއީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ދެބަސްވާނޭ ކަމެއް ނޫނެވެ.

ވިދާޅުވަމުން ގެންދެވީ ވެރިކަން ލިބިވަޑައިގެންފިނަމަ އެންމެ ފުރަތަމަ ކަމަކަށް ގާނޫނީ ތަރަހައިގެ ތެެރެއިން ރައީސް ޔާމީން މިނިވަންކުރައްވާނެ ކަމަށެވެ. އަޅުގަނޑަކީ އަބަދުވެސް ޔާމީނަށް “ލޯޔަލް މީހެއް“ ކަމަށެވެ. ތެދުފުޅެކެވެ. ކަންކަން ހިނގަން ވާނީ ގާނޫނީ އިމުގެ ތެރެއިންނެވެ. އޭގެ ހަވާސާއިން ބޭރުން އެއްވެސް ކަމެއް ނުކުރެއްވޭނެއެވެ. ކުރައްވައިގެން ވެސް ނުވާނެއެވެ.

އެހެނެއްކަމަކު ޔާމީން މިނިވަންކުރެއްވުމަށް ކުރެއްވީ ކޮންކަމެއްތޯ މިއީ މިއަދު އެމަނިކުފާނުގެ ސަޕޯޓަރުން ކުރަމުންދާ ސުވާލެވެ.

އެކަމާ ސުވާލު ދެންނެވުމުން ބަސް ހުއްޓެނީ ކީއްވެ ހެއްޔެވެ. ޖަވާބެއް ނެތީ ކީއްވެ ހެއްޔެވެ؟ ފޯނު ނުނަންގަވައި “ޕްލީޒް ކޯލް މީ“ އޭ ލިޔުއްވައި ކުރެއްވި މެސެޖަށް ރިޕްލައި ނުކުރެއްވީ ކީއްވެ ހެއްޔެވެ؟ ކަންކަމުގައި އެމަނިކުފާނުގެ މަޝްވަރާ ނުހޯއްދެވީ ކީއްވެ ހެއްޔެވެ. އެމަނިކުފާނު ދޫކޮށްލެއްވީ ކީއްވެ ހެއްޔެވެ؟ މިއީ ޔާމީން ދެކެ ލޯބިވާ ސަޕޯޓަރުންގެ މިއަދު ކުރަމުންދާ ސުވާލުތަކެވެ.

ޕީޕީއެމް ޕީއެންސީގެ ވެރިކަމެެއް އައިސްފިނަމަ ޔާމީން ވެސް ހީފުޅުކުރެއްވީ “މިތުރުންގެ ހިތަށް ދަތި ކަޅު ކޮންމެ ރެއެއްވެސް“ ފިތުރަތުގެ އުސޫލުން ފަތިހަކަށް ނިމޭނެ ކަމަށެވެ. ނަމަވެސް ޔާމީނަށް ކުރިމަތިލާން ޖެހިވަޑައިގެންނެވީ އެއަށްވުރެ ވެސް ކަޅުފޮއި ރޭތަކަކާއެވެ.

އެހެންވެ ދެ ރައީސުންގެ “ހައިޖާނުން“ އިބުރަތް ހާސިލުކުރައްވައި ކުރިއާލައި ޕީޕީއެމްއިން އިސްތިއުފާ ދެއްވުމަށްފަހު އެމަނިކުފާނު ގެންދަވަނީ އާ ސިޔާސީ ޕާޓީއެއް ވުޖޫދުކުރެއްވުމުގެ މަސައްކަތްޕުޅު ކުރައްވަމުންނެވެ.

“މިއަދު އެބޭފުޅުން ލަދުގަންނަން ޖެހޭނެ, ރައީސް ޔާމީންގެ ފޮޓޯ ބޭނުންކުރައްވައިގެން ވެރިކަމަށް ވަޑައިގެން ކަންކަން އެ ކުރައްވަނީ ވަރަށް ވެސް ހުތުރުކޮށް, އެއީ ޕީޕީއެމްގެ ފިކުރެއް, ނޫން, ޕީޕީއެމްގެ ފިކުރަކީ ނެޕޮޓިޒަމް އާ ބީރައްޓެހި ފިކުރެއް, މަޝްވަރާއާ ރައްޓެހި ފިކުރެއް.“ ރައީސް ޔާމީނަށް އިޚުލާސްތެރި ބޭފުޅަކު ވިދާޅުވިއެވެ.

ތެދެކެވެ. ގިނަ މީހުންގެ ބަހުންނަމަ އެބޭފުޅުން ރައީސް ޔާމީނު ދޫކޮށްލައްވައިފިއެވެ. ސޯޝަލްމީޑިއާގެ ޕްލެޓްފޯމުތަކުން ކުރިން އެ ފެންނަ “ފްރީ ރައީސް ޔާމީން“ އަދި “ހަރާމް ހުކުމް“ ހޭޝްޓެގެއް ވެސް މިހާރަކު ނުފެނެއެވެ. ހުކުމް “ހަލާލު“ ވީ ތޯއްޗެކެވެ!

Loading

One Response

  1. ޙުކުމް ޙަރާމެއް ނޫން. ނަމަވެސް މުޢިއްޒުމެން އަދުރޭމެން އެހެން ގޮވީ ޔާމީނުގެ ފޮޓޯއާއި ނަން ބޭނުން ކޮށްގެން ވެރިކަމާއި ހަމަޔަށް އަންނަން. މިހާރު އެމީހުނަށްވެސް ގަބޫލު ކުރެވޭނެ ޔާމީނަކީ ޖަލުގައި އޮންނަން ޖެހޭ މީހެއްކަން. ޔާމީނަކަށް ޕާޓީ ހަދައިގެންވެސް ކުރިއެއް ނުލިބޭނެ. ސަބަބަކީ ޙަރާމް ޙުކުމޭ ކިޔައިގެން އެންމެ ގަދަޔަށް ދުވި އެންމެނަށް ސިޔާސީ މަގާމް ދިނުމުން އެމީހުން ކޮޅު ބަދަލު ކޮށްފި. މުދާ ބެހި އިރު ލައްވާނުލި މީހަކު ނޫނީ މިއަދު ޔާމީނު ފަހަތަކު ނެތް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް