އިސްރާއީލުން ޣައްޒާގައި ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ 61 އިންސައްތައަކީ އާންމު ރައްޔިތުންކަމަށް ފަލަސްތީނު-އިސްރާއީލުގެ ނޫހަކުން ޝާއިއުކުރި ދިރާސާއަކުން ދައްކައިފިއެވެ.
ހާރެޓްޒް ނޫހުގައި މި މައުލޫމާތު ޝާއިއުކޮށްފައިވަނީ އިސްރާއީލުގެ ސިފައިން ޣައްޒާގެ އުތުރުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދަނިކޮށެވެ.
ޣައްޒާ ސިޓީގެ ޝެޖައިޔާ އަވަށަށް ބޮންއެޅުމުގެ އިތުރުން، ރަފާއަށްވެސް ގެންދިޔައީ ވައިގެ ހަމަލާތައް ދެމުންނެވެ. އެހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މުޅިން ސާފެއްނޫނެވެ.
އިސްރާއީލުގެ އޯޕަން ޔުނިވާސިޓީގެ ސޯސިއޯލޮޖީ ޕްރޮފެސަރެއް ކަމަށްވާ ޔާގިލް ލެވީ ލިޔެ ޝާއިއުކުރި މި ދިރާސާގައިވަނީ 2012 ވަނައަހަރާއި 2022 ވަނަ އަހަރާއި ދެމެދު ދެވުނު ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި އާންމުންގެ އަދަދު އުޅުނީ 40 އިންސައްތައިގައި ކަމަށާއި، މިއަހަރުގެ ކުރީކޮޅު ދިން ބޮމުގެ ހަމަލާތަކަށްފަހު މި އަދަދު 33 އިންސައްތައަށް ތިރިވި ކަމަށެވެ. އެހެންނަމަވެސް، މިހާރު ކުރިއަށް މިދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި ޝަހީދުވި އާންމުގެ އަދަދު 61 އިންސައްތައަށް ވަނީ އަރާފައެވެ.
ލެވީ ބުނެފައިވާގޮތުގައި، ވަކި ސުމާރެއްނެތި އާންމުން ޤަތުލުކުރަމުން ދިޔަނަމަވެސް، އިސްރާއީލުގެ ސަލާމަތަށް އެކަމުން ކުރާ ލާބައެއް ނެތްކަމަށާއި، ގެތައް ބިމާހަމަކޮށްލައި، އެމީހުންގެ އާއިލާ ބައިބަޔަށް ގަތުލުކުރުމުން، ގާތަކުގެ ދަށުން ދެންނުކުންނަ ޣައްޒާގެ ރައްޔިތުންނަކީ އިސްރާއީލާއި ދެކޮޅަށް ބަދަލުހިފުމުގެ ރޫޙާއެކު ތެދުވާނެ ބައެއް ކަމަށެވެ. ”އެއްވެސް ސަލާމަތީ ފިޔަވަޅަކަށް އެފަދަ ރާޅެއް ނުހުއްޓުވޭނެ.“ އެނާ ބުނެފައިވެއެވެ.
ހަމަލާތައް ފެށުނީއްސުރެ އިސްރާއީލުގެ ފަހަތުގައި ހުރި އެމެރިކާއިންވެސް އަންނަނީ ޣައްޒާގައި ޝަހީދުކޮށްލެވެ އާންމުންގެ އަދަދުތައް މަދުކުރުމަށް މަސައްކަތްކުރުމަށް އިސްރާއީލަށް ގޮވާލަމުންނެވެ. ނަމަވެސް، ހަމަލާތައް ހުއްޓާލުމަކަށް އެގައުމަކުން ތާއީދެއް ނުކުރެއެވެ.