މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ނައިބުގެ މަގާމަށް، ގއ.ގެމަނަފުށި, ރިހްލާ، އަހުމަދު ޝާފިއު އައްޔަންކުރައްވައިފިއެވެ.
ޝާފިއު އެ މަގާމަށް އައްޔަނުކުރެއްވީ މިއަދުގެ ވަގުތެއްގައެވެ.
ޝާފިއުއަކީ މަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. އެގޮތުން މި ދާއިރާ ކުރިއެރެވުމަށް އަމިއްލަ އިސްނެންގެވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ.
ޝާފިއު އަކީ ދިވެހި މަސްވެރިންގެ ޖަމިއްޔާގެ ރައީސްގެ މަގާމް އަދާކުރެއްވި ފަރާތެކެވެ. އަދި މަސްވެރިކަމުގެ މައުލޫމާތުތައް އާއްމުންނަށް ފޯރުކޮށްދިނުމަށްޓަކައި މަސްވެރިން އެމްވީގެ ނަމުގައި އޮންލައިން ނޫހެއް ދަނީ ހިންގަމުންނެވެ.
ބިޒްނަސްގެ ދާއިރާއިން ޑިޕްލޮމާއާއި ބެޗެލާސް ޑިގްރީ ޙާސިލްކޮށްފައިވާ ޝާފިއުއަކީ ތައުލީމީ ދާއިރާއިން މާސްޓާސް ޑިގްރީ ހޯލްޑަރެއްވެސް މެއެވެ. ތައުލީމީ ދާއިރާގައި ހަތް އަހަރު ހިދުމަތްކުރެއްވިއިރު ބިޒްނަސް ލީޑިން ޓީޗަރެއްގެ ގޮތުގައި ގެމަނަފުށީ ސްކޫލަށް ދެ އަހަރު ހިދުމަތްކުރައްވާފައިވެއެވެ.
މަސްވެރިކަމުގައި އަމަލީގޮތުންވެސް މަސައްކަތްކޮށްފައިވާ ޝާފިއު ދަނީ މި ދާއިރާއަށް ޒުވާނުން ނެރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޑައިވިން އާއި ގުޅޭ ތަފާތު ތަމްރީން ޕްރޮގްރާމްތައްވެސް އޭނާ ދަނީ ހިންގަމުންނެވެ.
ނިސްޓަރުގެ ނައިބުގެ ހައިސިއްޔަތުން ޝާފިއު ހުރި މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމުގެ އަޒުމުގައެވެ. މި ދާއިރާގައި އޭނާއަަށް ލިބިފައިވާ ތަޖުރިބާތަކުގެ އެހީގައި ފައިދާހުރި ބަދަލުތަކެއް މަސްވެރިކަމުގެ ދާއިރާއަށް ގެނެވޭނެކަން ޔަޤީނެވެ
One Response
ރަނގަޅު އެޕޮއިންޓްމެންޓެއްކަމަށް އުންމީދުކުރަން