ރޭގަނޑު 10ޖަހަންދެން ވެހިކަލް ދުއްވުމުގެ ހުއްދަ ދީފި

67

ރޭގަނޑު 8ގެފަހުން ވެހިކަލް ދުއްވުން މަނާ ކޮށްފައި އޮތް އޮތުން ބާތިލް ކޮށް، ރޭގަނޑު 10ޖަހަންދެން ވެހިކަލް ދުއްވުމުގެ ހުއްދަދީފިއެވެ.

ކޮވިޑް-19 ފެތުރެމުން ދާމިންވަރު ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ރޭގަނޑު 8ގެ ފަހުން ދުއްވާ އެއްޗެހި ދުއްވުން މަނާކޮށް 10އަކުން ފަތިހު 5އަކަށް ގެއިންނުކުމެ އުޅުންވެސް އޮތީ މަނާކޮށްފައެވެ.

ހަކުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދިޔުމުން ހަރުކަށި ފުރަބަންދަކަށް ފަހު މާލެ ސަރަހައްދުގެ ފުރަބަންދަށް ޖުލައި މަހުގެ ފުރަތަމަ ދުވަހު ވަނީ ވަރަށް ބޮޑު ލުއިތަކެއް ދެއްވައިފައެވެ. ނަމަވެސް އެލުއިތަކާއި އެކު އަނެއްކާވެސް ކޮވިޑް-19 ފެތުރޭމިންވަރު ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ.

އެކަމާއި ގުޅިގެން ޖުލައި 30ވަނަ ދުވަހު އަނެއްކާވެސް ފިޔަވަޅުތަށް ހަރުކަށިކޮށް މާލެ ސަރަހައްދުގައި މާސްކު އެޅުން މަޖުބޫރުކޮށްފައިވެއެވެ. އަދި އޮގަސްޓު މަހުގެ 24ގައި ވަނީ ރޭގަނޑު 8ގެފަހުން ވެހިކަލް ދުއްވުން ވެސް މަނާ ކޮށްފައެވެ.

ވެހިކަލް ދުއްވޭ ވަގުތު އިތުރުކުރިކަން އަންގަވައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ނެރުއްވާފައިވާ އެންގުމުގައި ވަނީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަވަންދެން ފަތިހު 5:00ކުން ރޭގަނޑު 10:00އަކަށް މާލެ ސަރަހައްދުގައި ދުއްވާ އެއްޗެހި ދުއްވޭނެ ކަމަށެވެ. ރޭގަނޑު 10އަކަށް ވެހިކަލް ތަށް ދުއްވުނު ނަމަވެސް ރޭގަނޑު 10އަކުން ފަތިހު 5އަކަށް އަދިވެސް ކާފިއު ވަގުތު އޮންނާނެއެވެ.

އެންގުމުގައި ވާ ފިޔަވަޅުތައް ތަންފިޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާކަމަށް އެލިޔުމުގައި ވެއެވެ. އަދި އެ އެންގުމާއި ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އެއެންގުމުގައި ވެއެވެ.

ވެހިކަލް ދުއްވޭ ވަގުތު އިތުރުކޮށްފައި މިވަނީ އަނެއްކާވެސް ކޮވިޑްގެ ކޭސްތަށް މަދުވެފައިވާ ވަގުތެއްގައެވެ.

އަދި ކޭސްތަށް މަދުވަން ފަށައިފައިވާ މިދުވަސްވަރު ފުރަބަންދުގެ ފިޔަވަޅުތަކަށް ލުޔެއް ލިބޭނެކަމަށް ޢާންމުން ތިބީ އިންތިޒާރުގައެވެ.

1 ހިޔާލު

  1. މިވަގުތަށް މިގޮތް ބަރާބަރު. އަދިވެސް ލުއިދެއްވާ. ނަމަވެސް މިފަހަރު ރޭގަނޑު 12ގެ ފަހުން މަގުމަތީގައި މިއުޅޭ ލާހޫރޭ ގުރޫޕް ކޮންޓުރޯލް ކޮށްދެއްވާށެވެ. ޝުކުރިއްޔާ

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ