ފަލަސްތީނުގެ ބިންތައް ފޭރިގަނެ ކޮންމުދުވަހަކު ހިންގަމުންދާ ގަތުލުއާންމު- 2

Loading

Facebook
Twitter
WhatsApp


https://sandhaanu.today/34912/
 އާއި ގުޅޭ…..

އެ ދިގު މާޒީގައި ފަލަސްތީނުގެ ބިމުގައި އިންސާނުންގެ ލޭ އޮހޮރުވާފައެއްނެތެވެ. ފަހުގެ ތާރީޚުގައި އެންމެ ފުރަތަމަ އެބިމުގައި ލޭ އޮހޮރުވާފައިވަނީ ސޮލީބީން އެ ބިމަށް ވެރިވެ ގަތުމުގައެވެ. ނަސާރާ ސޮލީބީންގެ ވެރިކަމުގައި ފަލަސްތީނުގެ މުސްލިމުންނާއި އަދި ފަލަސްތީނުގެ އަހުލުވެރި ނަސާރާއިންނާ ދެކޮޅަށް ހުޅަނގުގެ ބާރުތަކުން ފަލަސްތީނުގެ ބިމާއި މަސްޖިދުލް އަގްސާއަކީ ނަސާރާއިންގެ ތަންތައް ކަމުގައި ހެދުމަށް ގިނަ ހަނގުރާމަތަކެއް ހިންގިއެވެ. އޭގެފަހުން 88 އަހަރު ވަންދެން ސޮލީބީ ނަސާރާއިންގެ ރަސްކަން އެބިމުގައި ދެމިއޮތެވެ. އެއަށްފަހު ސަލާޙުއްދީން އައްޔޫބީ އެ ބިން މިނިވަންކުރެއްވީއެވެ.

1517 ވަނައަހަރުން ފެށިގެން 1917 ވަނައަހަރާ ހަމަޔަށް ( މިސްރުގެ ބާރު ހިންގި މަދު އަހަރުތަކެއްގައި މެނުވީ ) ފަލަސްތީނު އޮތީ އުސްމާނީ ދައުލަތުގެ ބާރުގެ ދަށުގައެވެ. މުޅި ތަސްވީރު ބަދަލުވެގެން ދިޔައީ 1917 ވަނައަހަރު ހިސާބުން ފެށިގެންނެވެ. 

ފުރަތަމަ ބޮޑުހަނގުރާމަ ފެށުމުގެ ކުރިން އިނގިރޭސިންނާއި ފަރަންސޭސިން ބައިވެރިވެގެން އެ ހަނގުރާމަ ނިމުމުން ފަލަސްތީނަށް ހަދާނެގޮތަކާ ބެހޭގޮތުން މަކަރުވެރި ރޭވުންތަކެއް  ރާވާފައިވެއެވެ. އަދި ތިން އެއްބަސްވުމެއްގެ ސިފައިގާ އެ ރޭވުންތައް ތަންފީޒުކުރަން އޮތީ ނިންމާފައެވެ.

މީގައި ފާހަގަކުރަން ޖެހޭ މުހިންމު ހަގީގަތަކީ އިނގިރޭސިން ނުވަތަ ފަރަންސޭސިންނަށް ވިޔަސް ފަލަސްތީނުގެ ބިމާބެހޭގޮތުން އެއްވެސް ރޭވުމެއް ރޭވުމުގެ ހައްގެއް ނުވަތަ ބާރެއް އޭރަކު ލިބިފައެއް ނެތެވެ. ފަލަސްތީނަކީ އުސްމާނީ ދައުލަތުގެ ބާރުގެ ދަށުގައި އޮތް ބިމެކެވެ. 

އެހެންނަމަވެސް އިނގިރޭސީންނާއި ފަރަންސޭސީންގެ ބާރުގަދަވީމާ “ އަޑުގަދަމީހާގެ ރުށް ގިނަވާނެއޭ ބުނާ އުސޫލުން “ އެމީހުން ބޭނުންކަމެއްޙާސިލުކުރާނެއެވެ.     

ކުރިން ބުނެފައިވާ ތިން އެއްބަސްވުމުގެ ތެރެއިން ފުރަތަމަ އެއްބަސްވުމަކީ އިނގިރޭސީންނާއި މައްކާގެ ޝަރީފް ހުސައިން ބިން އަލީ އާއި ދެމެދު ކުރެވިފައިވާ އެއްބަސްވުމެކެވެ. މައްކާގެ ޝަރީފަކީ އުސްމާނީ ދައުލަތުން އައްޔަންކޮށްފައިހުރި ބޭފުޅެކެވެ.

ސަޢޫދީ އެރޭބިޔާގެ ޙިޖާޒް ސަރަހައްދުގެ ވެރިޔަކީ އެބޭފުޅާއެވެ. ހުސައިން ބިން އަލީ އަކީ މިހާރު ހުންނެވި ޖޯރޑްންގެ ރަސްގެފާނުގެ މުނިކާފާ ފުޅެވެ. އިނގިރޭސީން އެބޭފުޅާއަށް ޔަގީން ކޮށް އަރުވާފައިވަނީ ހުޅަނގުގެ ބާރުތަކާ އެއްކޮޅަށް ފުރަތަމަ ބޮޑުހަނގުރާމައިގާ އުސްމާނީ ދައުލަތާ ދެކޮޅަށް ބައިވެރިވެ ވަޑައިގެންފިނަމަ އިރާގުން ފެށިގެން ތޫނިސްއާއި ހަމަޔަށް ( އިރާގާއި ސީރިޔާއާއި ލެބަނަންއާއި މިސްރާއި ތޫނިސް ހިމެނޭގޮތުގައި ) އެބޭފުޅާގެ ބާރުގެ ދަށަށް ގެނެސް އެ ސަރަހައްދުގެ ޚަލީފާއަކި އެބޭފުޅާ ކަމުގައި ހަދާނެ ކަމަށެވެ. 

ވެރިކަމުގެ ދަހިވެތި ކަމުގައި އިނގިރޭސީންގެ މަކަރުވެރި މަޅިފަތީގައި ފިސާރި ރަނގަޅަށް އެބޭފުޅާ ޖެހިވަޑައިގަތީއެވެ. ދެވަނަ ބޮޑު ހަނގުރާމައިގާ އެބޭފުޅާގެ ލަޝްކަރުން އެންމެ ފުރަތަމަ ހަމަލާތައް ދިނީ މާތްވެގެންވާ މަދީނާއަށެވެ.  އެންމެފަހުން ސަޢޫދީ އެރޭބިޔާގެ ( އުސްމާނީ ދައުލަތުގެ ) ބާރުތަކުން ޝަރީފް ހައްޔަރުކޮށް ސައިޕްރަސްއަށް އަރުވާލާފައި ހުއްޓާ 1931 ވަނައަހަރު ހާޓްއެޓޭކެއް ޖެހުމުން ދަރިން ކައިރިއަށް ޖޯރޑްންއަށް ގެންގޮސްދިނުމަށް އެދުމުން ޖޯރޑްއަށް ގެނެސްދިނީއެވެ. އެބޭފުޅާ އަވަހާރަވީ ދަރިންކައިރީގައި ޖޯރޑްން ގައެވެ.

މިއިން ލިބިގެންދިޔަ ފިލާވަޅަކީ އެތެރޭގެ އެއްބާރުލުން ލިބިގެންނޫނީ ހުޅަނގުގެ ބާރުގަދަ ލަޝްކަރުތަކުންވެސް އުސްމާނީ ދައުލަތުގެ ބާރު ކަނޑުވާނުލެވޭނެކަން އެމީހުންވެސް ގަބޫލުކުރަމުން ދިޔަ ކަމާއި ދުނިޔޭގެއެދުމަށް ޓަކައި ވިކިގެންދާނެ އެތެރޭގެ ލީޑަރުން އޭރުވެސް ތިބިކަމެވެ.

ދެވަނަ އެއްބަސްވުމަކީ ހަނގުރާމަ ނިމުމަށްފަހު ފަރަންސޭސިންނާއި އިނގިރޭސިން އެ ސަރަހައްދު ބައިކުރާނެ ގޮތުގެ އެއްބަސް ވުމެވެ. މިއީ މައްކާގެ ޝަރީފަށް އެނގިވަޑައި ނުގަންނަވާ ސިއްރު އެއްބަސްވުމެކެވެ. އެއީ ހަނގުރާމައަށްފަހު މެދުއިރުމަތީގެ ބިންތައް އިނގިރޭސީންނާއި ފަރަންސޭސީންގެ މެދުގައި ބަހާނެގޮތުގެ އެއްބަސް ވުމެވެ.

ތިންވަނަ އެއްބަސްވުމަކީ މައްކާގެ ޝަރީފަށް އަދި ފަރަންސޭސީންނަށްވެސް ނޭންގޭ އިނގިރޭސި ޚާރިޖީ ވަޒީރާއި ޔަހޫދީންގެ ޒަޔަނިސްޓް ފެޑެރޭޝަންގެ މަންދޫބް ލޯރޑް ބެލްފޯރއާއެކު ކުރެވުނު މުއާހަދާއެވެ. މިއީ ޔަޙޫދީންގެ ދައުލަތެއް އުފެއްދުމަށް ޔޫރަޕްގައި ދިރިއުޅެމުންގެންދިޔަ ޔަހޫދީންގެ ނަމުގައި ތިއޮޑޯރ ހާރޒލް އާއި އޭނާގެ ބައިވެރިންގެ ފިކުރުގެ މައްޗަށް ބިނާކޮށް އުފެދިގެން އައީ ހަރަކާތެވެ. 

މިކަމުގައި ދީންވެރި ޔަހޫދީންގެ އެއްބާރުލުމެއް ނުދިނެވެ. އެމީހުން ގަބޫލުކުރަމުން އަންނަ ގޮތުގައި ތައުރާތުގައި އެމީހުންނަށް ލިބޭނެކަމަށް ބުނާ ބިން ލިބުމުގެ ގާބިލު އީމާންތެރި ބަޔަކަށް ވެވުނު ދުވަހަކުން އެމީހުންނަށް އެބިން ލިބިގެންދާނެއެވެ. 

އެއީ ގަދަބާރުން ނުވަތަ މަކަރާ ހީލަތުން ހޯދަންޖެހޭ އެއްޗެއްނޫނެވެ. އެހެންނަމަވެސް ޔަހޫދީ އިލްމުވެރިންގެތެރޭގައި ވެސް މައްކާގެ ޝަރީފް ފަދައިން ދުނިޔެއަށް އެދޭ ބަޔަކު ތިބުމުގެ ސަބަބުން އޭގެތެރެއިން ބަޔަކު ތިއޮޑޯރ ހާރޒްލް ގެ ހަރަކާތުގައި ބައިވެރިއެވެ.  

މި އެއްބަސްވުމުގައިވަނީ ހަނގުރާމައިގާ ޔަހޫދީންގެ އެއްބާރުލުން ދީފިނަމަ ފަލަސްތީނުގެ ބިން ޒަޔަނިސްޓް ފެޑެރޭޝަނަށް ދޭނެ ކަމަށެވެ. އެޒަމާނުގައި ހުޅަނގުގެ ގައުމުތަކުގެ ކުރިމަތީގައި އަރަބިންނާއި މުސްލިމުންނަކީ އިންސާނުންގެ ތެރެއިން އެންމެ އާދައިގެ ގިންތިއެވެ. މިއަދުވެސް ނަސޯރާދީނުގެ ހުޅަނގުގެ ރުޅިވެރިކަމާއި ނަފްރަތު އެންމެބޮޑަށް އަމާޒުވެފައިވަނީ މުސްލިމިންނަށް ކަން އެއީ ދެބަސްނުވެވޭނެ ހަގީގަތެކެވެ. 

1900 ގެ އަހަރުތައް ފެށިގެން އައިއިރު ފަލަސްތީނުގެ ބިމުގައި ދިރިއުޅެމުން ގެންދިޔައީ ހަމައެކަނި ޔަހޫދީން 3% ރައްޔިތުންނެވެ. އެއީވެސް އަރަބިންގެ ތެރޭގައި ހިމެނޭ ޔަހޫދީންނެވެ. ދުނިޔޭގެ ތާރީޚުގައި ގައުމިއްޔަތެއް  ނެތި މިލާދީން 1900 ވަނައަހަރާ ހަމަޔަށް ދުނިޔޭގައި އުޅުނު ހަމައެކަނި އިންސާނީ ނަސްލަކީ ޔަހޫދީންނެވެ. އިސްލާމްދީނުގެ އިލްމުވެރިންވެސް ވިދާޅުވަމުންގެންދަވާ ފަދައިން އެމީހުންނަށް ގައުމިއްޔަތެއް ނުލިބި ވިއްސިވިހާލިވެފައިވާ ބަޔަކަށް ވެފައިވަނީއެވެ.

ފުރަތަމަ ބޮޑުހަނގުރާމަ ނިމުމާއެކު އިނގިރޭސީންގެ ނިންމުމާއެއްގޮތަށް ފަލަސްތީނުގެ ބިން ބައިބައިކޮށްލިއެވެ. އެތަނުގައި ވަޒަންވެރި އުޅުނުމީހުންގައިރީގައި ހޭ ވެސް އަހާނުލައެވެ. ޔަހޫދީންނަށް %55 އަރަބިންނަށް %45 އިން ސައްތައެވެ. އަރަބިންގެ ބައިގާ ހިމެނޭ ބައިތުލް މަގްދިސްގެ ސަރަހައްދަކީ ބައިނަލް އަގްވާމީ ގޮތުން ހުރިހާ ދީނަކަށް ނިސްބަތްކުރެޥެ ސަރަހައްދެކެވެ.

ޔަހޫދީންނަށް ފަލަސްތީނުގެ ބިމުން ބޮޑު ބައެއް ދިންތާ އެންމެ އަހަރު ދުވަހުގެތެރޭގައި އެމީހުންނަށް ދީފައިއޮތް 55% ގެ ބިން %80 އަށް ބޮޑުކޮށްލައިފިއެވެ. މިހާރުވެސް ޔަހޫދީން ބޭނުންކުރާ އުކުޅާ އެއްގޮތަށެވެ. އެތަނުގައި ދިރި އުޅެމުންދިޔަ އަރަބި ގަބީލާތަކަކީ ވަރަށް އަމާން ވެއްޓެއްގައި ދިރިއެޅެމުންގެންދިޔަ ބައެކެވެ. ދަނޑު ބިމުގެ ފަސްގަނޑު ޖަހަން ގެންގުޅޭ އުދެލި ނޫން ހަތިޔާރެއް އެމީހުން އަތަކު ނެތެވެ. 

އެމީހުން ބޭނުމެއްވެސް ނޫނެވެ. އެފަދަ ބައެއްގެ ތެރެއަށް ކަނޑިއާއި ބަޑިއާއި ބޮން ހިފައިގެން ބަޔަކުއައިސް ގެދޮރުތައް ސުންނާފަތި އަރުވާލީމާ ދެން ނިކުންނާނެ ނަތީޖާ ފެނިގެންދިޔައީއެވެ. 

ޔަހޫދީން އެމީހުންގެ މާސްޓަރުން ކައިރީ ބުނަމުން ގެންދިޔައީ އަހަރެމެން ވެރިވެ ގަތީ ހުސް ބިންތަކަކަށެވެ. އެއީ އެ މާސްޓަރުން ބޭނުންވި ގޮތްވެސް މެއެވެ.              

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔޭގައި ސުލްހަ މަސަލަސްކަން ކަށަވަރު ކުރުމަށްޓަކައި އުފެއްދި ޔުނައިޓެޑް ނޭޝަންސުން އަވަސްވެގަތީ އިނގިރޭސީން އިސްރާއީލަށް ދިން ފަލަސްތީނުގެ ބިމުގައި އުފެއްދި އިސްރާއީލުގެ ދައުލަތަށް ގާނޫނީ ގޮތުން ދުނިޔެ ގަބޫލުކުރާ ދައުލަތެއްގެ ބާރު ދިނުމަށެވެ.                           

ޔުނައިޓެޑް ނޭޝަންސުން ސްޓޭޓް އޮފް އިސްރާއީލަށް ދައުލަތެއްގެ ބާރު ދިނުމާއެކު ޔަހޫދީން ހިންގި ގަތުލު އާންމު ( އާންމު ބަހުރުވައިންބުނާނަމަ ފުރަތަމަ ނަޚްބާ ) ގައި ފަލަސްތީނުގެ އެތައްބަޔަކު މަރާލައި އަދި މިލިއަނަކަށްވުރެން ގިނަ މީހުން ގެދޮރުން ނެރެ ވިއްސި ވިހާލި ކޮށްލިއެވެ. ޔުނައިޓެޑް ނޭޝަންސުން ކިބުރުވެރިކަމާއެކު ހާމަކުރަމުން ގެންދާ ގޮތުގައި ދުނިޔޭގެ އެތަން މިތަނަށް ރެފިއުޖީންގެ ގޮތުގައި އެންމެ ގިނައިން ވިއްސި ވިހާލި ކޮށްލާފައިތިބީ ފަލަސްތީނުގެ ރައްޔިތުން ނެވެ. އެއީ 7 މިލިއަން މީހުން ކަމަށް އަންދާޒާ ކުރެވެއެވެ. 

މިއަދު ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ރައްޔިތުންނަށް ލިބިފައިއޮތީ ހަމައެކަނި ކުދިކުދި ބަޑަހަގެ ތަކެކެވެ. މާދަމާ އިރުއަރާއިރު އެތަންތަންވެސް ވީރާނާ ކޮށް ނުލާނެކަމެއް ނޭގެއެވެ. މެލޭގެ ކުރީގެ  ތުން ޑޮކްޓަރ މަހާތީރު މުޙައްމަދު އިއްޔެ ވިދާޅުވެފައިވާ ފަދައިން އަރަބި ލީޑަރުން އެ ތިއްބަވަނީ ދުނިޔެއިން ލިބިދާނެ ބޮޑު މަންފާއަކަށްޓަކައި ހަމަކައެކަނި ބަޔާންނެރޭށެވެ.

ވަރަށް ޚުލާސާގޮތެއްގައި މި ގެނެސްދިނީ މިއަދު ފަލަސްތީނަށާއި އަދި މުޅި އިސްލާމީ ދުނިޔެއަށް ދިމާވެފައިވާ މުސީބާތުގެ ފެށުމެވެ. މައްކާގެ ޝަރީފްގެ އަމިއްލަ އެދުމަށްޓަކައި ސައޫދީ އެރޭބިޔާގެ އެތެރޭން ހުޅަނގުގެ އިއްތިހާދަށް މަދަދު ނުކުރިނަމަ އުސްމާނީ ދައުލަތް ނިކަމެތިވެ މުސްލިމް އުންމަތް މިއަދުގެ ހާލަތަށް ވެއްޓޭކަށް ނުޖެހޭނެއެވެ. 

މައްކާގެ ޝަރީފް ފަދަ އެތައް ވެރިންނެއް އިސްލާމީ އުންމަތް ވަނީ ދެކިފާކަން ތާރީޚުގެ ސަފްހާތަކުން އެނގެއެވެ. ވެރިކަމުގެ ޖާހަށްޓަކައި މުޣައލް އެމްޕަޔަރާއި އުސްމާނީ ދައުލަތާއި މިސްރުގެ ޚިލާފަތުގައިވެސް އެތައް ހާދިސާއެއް ވަނީ ރެކޯރޑް ކުރެވިފައެވެ. 

އުސްމާނީ ދައުލަތުގެ ވެރިކަމުގައި ސައޫދީ އެރޭބިޔާގެ ފުރަތަމަ ސްޓޭޓުގެ އެންމެ ފަހުގެ ރަސްގެފާނު އަބްދު ﷲ ބިން ސައުދު އާލް ސައޫދު ކޮންސްޓެންޓިނޯޕޮލިސް ( މިހާރުގެ އިސްތަންބޫލް ) ގައި އަވަހާރަކޮށްލެވުނުކަމަށް ތާރީޚުގައި ބުނެފައިވަނީ  ރޯމަނުންނާ ބައިވެރިވެގެން ރަސްގެފާނު އަބްދު ﷲ ގެ ލަޝްކަރުން އިމާމް ހުސައިނުގެ ފާނުގެ މަގްބަރާ ހަލާކުކޮށްލުމާ ގުޅިގެން މުސްލިމުންގެ މެދުގައި އުފެދުނު ރުޅިވެރިކަމާހުރެ އަދަބު ދިނުމުގެ ގޮތުންނެވެ. އެއަށްފަހު ސައޫދީއެރޭބިޔާގެ ދެވަނަ ސްޓޭޓުގެ ( ނަޖްދު ކަރައިގެ ) ފުރަތަމަ ރަސްކަލަކަށް ވެވަޑައިގަތީ އަބްދު ﷲ ގެ ދަރިކަލުންނެވެ.       

Loading

2 Responses

  1. މާޒީގެ ތާރީކު އެނގުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. މީގެ ކުރިންވެސް ސަންދާނުގައި ތާރީޚުގެ ބައެއް އެހެން ސަފްހާތަކަށްވެސް އަލިއަޅުވާލާފައި އެބަ ހުއްޓެވެ. ނޫސްވެރިކަމުގައި އެއީ ވަރަށް މުހިންމު ކަމެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް