ސަލާމާއި ޞަލަވާތް ލެއްވި ރަސޫލުﷲގެފާނަށް ލޯބިކުރާ މީހެއްގެ ކިބައިގައި ހުންނާނެ ޢަލާމާތްތައް

81

ތިިންވަނަ ޢަލާމަތް

އިތުރު އެކަލޭގެފާނު އަމުރުކުރެއްވި ކަންތައްތައްކޮށް، މަނާކުރެއްވި ކަންތައްތަކުން ދުރުހެލިވުން:

ލޯބިވެރިޔާ އޭނާގެ މަޙްބޫބު ބުނާގޮތަށް ކަންތައްކުރާނެކަމީ ދެމީހަކު ދެބަސްވާނެ ކަމެއްނޫނެވެ. އޭނާ އަބަދުވެސް ކޮށްއުޅެނީ އޭނާގެ ލޯބިވެރިޔާ އެދޭ ކަންތަކެވެ. އަދި އޭނާގެ ލޯބިވެރިޔާ ރުޅި އަންނަ ކަންތައްތަކާއި ދުރުހެލިވާނެއެވެ. އޭނާގެ ލޯބިވެރިޔާ ރުހޭކަންތައް ކުރުމުން، ސިފަކުރަންވެސް ނޭނގޭފަދަ މީރުކަމާއި ފޮނިކަން އޭނާއަށް އިޙްސާސްވާނެއެވެ. ހަަމައެފަދައިން ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު ދެކެ ލޯބިވާ މީހަކުވެސް އުޅޭނީ އިތުރު އެކަލޭގެފާނާއި ތަބާވެވޭތޯއެވެ. އަދި އިތުރު އެކަލޭގެފާނުގެ އަމުރުފުޅުތައް ތަންފީޛުކުރުމުގައި އަވަސްވެގަންނާށެވެ. އަދި އިތުރުއެކަލޭގެފާނު މަނާކުރެއްވި ކަންތައްތަކުން ދުރުހެލިވުމުގައިވެސް އަވަސްވެގަންނާށެވެ. މިކަންތައް ޔަޤީންކޮށްދޭ ބައެއް މިސާލުތަކުގެ ތެރޭގައި، ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނުދެކެ ލޯބިފުޅުވާ ތެދުވެރި އަޞްޙާބުބޭކަލުން ދެއްކެވި މިސާލުތައްވެއެވެ.

  • ނަމާދުގެ ރުކޫޢުގައި ތިއްބެވި ބައެއްއަންޞާރިއްޔަ ބޭކަލުން ކަޢުބަތުﷲގެފުޅަށް ކުރިމަތިލެއްވުމަށް އަވަސްވެވަޑައިގަތުން

އިމާމު ބުޚާރީ މާތްﷲ ރުއްސުންލެއްވި ބަރާއުގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. (ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު މަދީނާއަށް ވަޑައިގެންނެވުމަށްފަހު ސޯޅަ ނުވަތަ ސަތާރަ މަސްދުވަސް ވަންދެން ނަމާދުފުޅުކުރެއްވީ ބައިތުލްމަޤްދިސްއަށް ކުރިމަތި ލައްވައިގެންނެވެ. (އެކަމަކު) އިތުރު އެކަލޭގެފާނު ކަޢުބަތުﷲ ގެފުޅަށް (ނަމާދުގައި) ކުރިމަތިލެއްވުމަށް ލޯބިކުރައްވައެވެ. ދެން މާތްﷲ މިއާޔަތް ބާވައިލައްވައިފިއެވެ.

” قَدْ نَرَى تَقَلُّبَ وَجْعِكَ فِي السَّمَآء فَلَنُوَلّيَنَّكَ قِبْلَةً تَرْضَاهَا” (البقرة: 144 )

މާނައީ: “ވަޙީގެ އިންތިޒާރުގައި، އެފުއްމިފުށަށް ކަލޭެފާނު މޫނުފުޅު އަނބުރުއްވާތަން ތިމަންﷲ ދެކިވޮޑިގަންނަވަމެވެ. ފަހެ ކަލޭގެފާނު ރުހިވަޑައިގަންނަވާނޭ ޤިބްލައަކަށް، ތިމަންﷲ ކަލޭގެފާނު ކުރިމަތިކުރައްވާ ހުށީމެވެ. “ދެން އިތުރު އެކަލޭގެފާނު މޫނުފުޅު ކަޢުބަތުﷲ ގެފުޅަށް ކުރިމަތި ކުރައްވައިފިއެވެ. އަދި އިތުރު އެކަލޭގެފާނުގެ އަރިހުގައި ޢަޞްރު ނަމާދު ކުރެއްވި ބޭކަލުންގެ ތެރެއިން ބޭކަލަކު އަންޞާރިއްޔަ ބޭކަލުންގެ ޖަމާޢަތެއް، ނަމާދުގައި ތިއްބަވަނިކޮށް އެބޭކަލުންގެ އަރިހުން ވަޑައިގަންނަވަމުން، ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނުގެ އަރިހުގައި ނަމާދުކުރެއްވިކަމަށް ހެކިވެވަޑައިގެން، އެބޭކަލުންނަށް ވިދާޅުވިއެވެ. އިތުރު އެކަލޭގެފާނު ކަޢުބަތުﷲ ގެފުޅަށް ކުރިމަތިކުރެއްވިއްޖެއެވެ. މިވާހަކަ އަޑުއެއްސެވުމާއެކު އެބޭކަލުން ޢަޞްރުނަމާދުގެ ރުކޫޢުގައި ތިއްބަވައިފައި ވަގުތުން (ކަޢުބަތުﷲ ގެފުޅާ ދިމާއަށް އެނބުރިވަޑައިގެންނެވިއެވެ.)

صَحِيحُ الْبُخاري: كِتَابُ أَخْبَارِ الآحَادِ، بَابُ مَا جَاءَ فِي إجازة خبر الواحد الصدوق

ޙަދީޘް ނަންބަރު: 7252 އެވެ. ތޭރަވަނަ ބައިގެ 232 ވަނަ ޞަފްހާގައެވެ.

ލޮބުވެތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަށް އިޤްތިދާވެ ވަޑައިގަތުމުގައި، އަޞްޙާބުބޭކަލުން އަވަސްވެޑައިގަތީ ކިހާވަރަކަށް ތޯއެވެ.؟ އެބޭކަލުން އިތުރު އެކަލޭގެފާނުގެ އަރިހުން އަޑުއެއްސެވި ބަސްފުޅަކަށް ޢަމަލުކުރެއްވުމަކަށް ފަސްޖެހިވަޑައެއް ނުގަންނަވެއެވެ. އަދި ކީއްތޯއެވެ؟ ރުކޫޢުން ތެދުވެވަޑައިގަނެވެންދެންވެސް އިންތިޒާރެއް ނުކުރައްވައެވެ. ލޮބުވެތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ)ގެ މާތްމޫނުފުޅު ކުރިމަތިކުރެއްވިތަން، ކަޢުބަތުﷲ ގެފުޅަށް ކުރިމަތިލެއްވުމަށް އަވަސްވެވަޑައިގެންނެވީ، އެބޭކަލުން ރުކޫޢޫގައި ތިއްބަވާފައެވެ.

 

  • ދަތުރުފުޅެއްގައި ފައިބައިވަޑައިގެންފިނަމަ، އެއްބޭކަލެއް އަނެއް ބޭކަލަކާއި، އެކުވެ ކައިރިވެވަޑައިގަތުމަށް، ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު، ކުރެއްވި އަމުރުފުޅަށް ޢަމަލުކުރެއްވުމަށް އަޞްޙާބު ބޭކަލުން އަވަސްވެވަޑައިގަތުން

އަޞްޙާބުބޭކަލުން ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނަށް ތަބާވުމުގައި އަވަސްވެވަޑައިގަތުންހުރީ ހަމައެކަނި ނަމާދުގައެއް ނޫނެވެ. އަދި ކިއެއްތޯއެވެ؟ ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނުދެކެ ލޯބިވާތެދުވެރިން އިތުރުއެކަލޭގެފާނާއި ތަބާވުމުގައި އެހެނިހެން ކަންތައްތަކުގައިވެސް އަވަސްވެ ވަޑައިގަންނަވައެވެ. ދަތުރުމަތީގެ އަދަބުތަކާއި ބެހޭގޮތުން އިތުރު އެކަލޭގެފާނު ކުރެއްވި އަމުރުފުޅަކަށް އަޞްޙާބުބޭކަލުން ޢަމަލުކުރެއްވުމަށް އަވަސްވެ ވަޑައިގެންނެވިގޮތް އިމާމު އަބޫ ދާއޫދު، މާތްﷲ ރުއްސުންލެއްވި أَبُو ثَعْلَبَةَ الْخَشني ގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. (ދަތުރެއްގެ މަތީގައި މަޑުކޮށްފިނަމަ، ވާދީތަކަށާއި، ފަރުބަދަތަކުގެ ތެރެއަށް މީސްތަކުން ވަކިވަކިވެގެން ގޮސްއުޅޭކަމުގައި ވިއެވެ. އެކަމާއި ބެހޭގޮތުން ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން ވާދީތަކަށާއި ފަރުބަދަތަކުގެ ތެރެއަށް ވަކިވެގެންގޮސް އުޅުމަކީ ޝައިޠާނާގެ ކަމެކެވެ.” އޭގެފަހުން (ދަތުރެއްގެ މަތީގައި) މަޑުކޮށްލާ ކޮންމެ މަންޒިލެއްގައިވެސް އެބޭކަލުން، އެއްބޭކަލަކާއި އަނެއް ބޭކަލަކު އެކުވެ ކައިރިވެވަޑައިގަންނަވައެވެ. (ވަކިވަކިވެ ތަންތަނަކަށް ވަޑައެއްނުގަންނަވައެވެ.) އެބޭކަލުންގެ އިސްތަށިފުޅުތަކުގެ މަތީގައި ސާލެއް ފެތުރިކަމުގައިވިޔަސް އެހުރިހައި ބޭކަލުން އޭގެ ދަށުގައި ވާނެއެވެ ބުނެހޭވައިވެސް އެބޭކަލުން ތިއްބެވީ ކައިރިކައިރީގައެވެ.)

صحيح سنن أبي داود: كتاب الجهاد،باب مايُؤمر من انضمام العسكر

ޙަދީޘް ނަމްބަރު: 2288އެވެ. ދެވަނަ ބައިގެ 498 ވަނަ ޞަފްޙާގައެވެ.

 

  • ޙިމާރު އަހްލިއްޔާގެ މަސްކެއުން ޙަރާމްކުރެވިއްޖެކަމުގެ ޚަބަރު ލިބިވަޑައިގަތުމާއެކު އަޞްޙާބުބޭކަލުން، ކެކިކެކިހުރި މަސްތެލިތައް ބަންޑުންޖައްސަވާލެއްވުން

އަޞްޙާބުބޭކަލުން ލޯބިކުރައްވާ އެއްޗެއް އެބޭކަލުންނަށް މަނާކުރެއްވުނެވެ. ލޮބުވެތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އެކަންތައް މަނާކުރެއްވުމުން އެބޭކަލުން އެކަމާ އެއްވެސް އެއްޗެއް ވިދާޅުނުވެ، އެކަމާއި ދުރުވެވަޑައިގަތުމަށް އަވަސްވެވަޑައިގަތެވެ. އިމާމު ބުޚާރީ މާތްﷲ ރުއްސުންލެއްވި އަނަސް ބިން މާލިކު އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މީހަކު ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. (ޙިމާރު އަހްލިއްޔާގެ މަސް ކެވިއްޖެއެވެ.)

ދެން އިތުރު އެކަލޭގެފާނު ހަނު ހުންނަވައިފިއެވެ. އަދި އެމީހާ ދެވަނަ ފަހަރަށް އައިސް ދެންނެވިއެވެ. “ޙިމާރު އަހުލިއްޔާގެ މަސް ކެވިއްޖެއެވެ.”

ދެން އިތުރު އެކަލޭގެފާނު ހަނު ހުންނަވައިފިއެވެ. އަދި އެމީހާ ތިންވަނަ ފަހަރަށް އައިސް ދެންނެވިއެވެ. “ޙިމާރު އަހުލިއްޔާގެ މަސް ކައި ނިމިއްޖެއެވެ.”

ދެން އިތުރު އެކަލޭގެފާނު، މިގޮތަށް އިޢުލާނު ކުރުމަށް މީހަކަށް ވިދާޅުވިއެވެ. “ހަމަކަށަވަރުންވެސް މާތްﷲ އާއި އެކަލާނގެ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ)، ޙިމާރު އަހްލިއްޔާގެ މަސް ކެއުން ތިޔަބައިމީހުންނަށް މަނާކުރެއްވިއެވެ.”

ދެން ހަމަވަގުތުން ކެކިކެކިހުރި މަސްތެލިތައް ބަންޑުން ޖައްސަވައިފިއެވެ.)

صحيح البخاري: كتاب الغازي، باب غزوة خيبر

ޙަދީޘް ނަމްބަރު 4199އެވެ. ހަތްވަނަ ބައިގެ 267-468 ވަނަ ޞަފްޙާފައެވެ.

އެމާތް މަތިވެރި އަޞްޙާބުބޭކަލުން ފުރުޞަތެއް ހޯއްދެވުމަކަށް ނުވަތަ އިސްތިޘްނާ ކުރެއްވުމަކަށް ނުވަތަ ލުއިފަސޭހަ ކޮށްދިނުމަކަށް ވިސަނައި ފިކުރެއް ނުކުރައްވައެވެ. އެފަދަ ކަންތައްތަކަށް ވިސްނައި ފިކުރުކުރާނީ ކިހިނެއްތޯއެވެ؟ ލޯބިވާ މީހަކު އޭނާގެ ލޯބިވެރިޔާއާ ތަބާވުމަކީ، ލޯބީގެ އަޞްލުތަކުގެ ތެރެއިންވާ ކަމެއްކަމުގައި އެބޭކަލުން ދެނެވަޑައިގަންނަވައެވެ.

 

  • ބަނގުރާ ޙަރާމްކުރެއްވުމުން މަދީނާގެ މަގުތަކާއި، ގޯޅިތަކުގައި ބަނގުރާ ކޯރުހެދިގެންދެމުން

ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނުދެކެ ތެދުވެރި ލޯބިވާ މާތްޞަޙާބީން، އެބޭކަލުން ލޯބިކުރައްވާ ކަންތައްތައް މަނާކުރެއްވުމުން، އެކަމަކާ ދުރުވެވަޑައިގަތުމުން ފުއްދާލެއްވީކީ ނޫނެވެ. އެތައް އަހަރެއްގެ ކުރީއްސުރެ އެބޭކަލުންގެ ކަށީގައި ހިފާފައިހުރި ކަންތައްތައްވެސް އެބޭކަލުން ދޫކޮށްލެއްވީއެވެ. އެކަންތައްތަކަކީ އެބޭކަލުންގެ ކާބަފައިންގެ ކިބައިން ވާރުތަވެފައިވާ ކަންތައްތަކެވެ. އަޅުގަނޑުމެން މިޒަމާނުގެ ގިނަ މުސްލިމުން ކަންތައްތައް ކުރާ ފަދައިން، އެބޭކަލުންގެ އާދަކާދަތަކާއި، ކަށީގައި ހިފާފައި ހުންނަ ކަންތައްތަކުންވެސް ލޮބުވެތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަށް އުރެދިވަޑައެއްނުގަންނަވައެވެ. މިކަމަށް ދަލީލުކޮށްދޭ ދަލީލުތަކުގެ ތެރޭގައި، އިމާމު ބުޚާރީ މާތްﷲ ރުއްސުންލެއްވި އަނަސްގެފާނުގެ ކިބައިން ރިވާކުރެއްވި މިޙަދީޘްފުޅު ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަބޫ ޠަލްޙަތުގެފާނުގެ ގަނޑުވަރުގައި މީސްތަކުންނަށް ބަނގުރާ ދޭންއުޅޭ މީހެއްކަމުގައި ތިމަންކަލޭގެފާނު ވީމެވެ. ދެން ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު، ރަށުތެރޭގައި އިޢުލާނުކުރުމަށްޓަކައި މީހަކަށް އަމުރު ކުރެއްވިއެވެ. “ދަންނާށެވެ! ހަމަކަށަވަރުންވެސް ބަނގުރާ ޙަރާމްކުރެެވިއްޖެއެވެ.” މާތްﷲ ރުއްސުންލެއްވި އަނަސްގެފާނު ވިދާޅުވިއެވެ. (އަބޫޠަލްޙަތު(ރަޟިޔަﷲ ޢަންހު) ގެފާނު ތިމަންކަލޭގެފާނަށް ވިދާޅުވިއެވެ. “މިބަނގުރާތައް ބޭރަށް ނެރެ އޮއްސައިލައްވާށެވެ.” ދެން ތިމަންކަލޭގެފާނު ބަނގުރާތައް ނެރެ ބޭރަށް އޮއްސައިލެއްވީމެވެ. (މީސްތަކުން ބަނގުރާތައް ބިންމައްޗަށް އޮއްސިލެއް ގިނަކަމުން) މަދީނާގެ މަގުތަކުގައި ކޯރުހެދިގެން ބަނގުރާތައް ދެމެއެވެ.)

صحيح البخاري: كتاب الغازي، باب غزوة خيبر

ޙަދީޘް ނަމްބަރު: 2464އެވެ. ފަސްވަނަ ބައިގެ 112 ވަނަ ޞަފްޙާގައެވެ.

އެތެދުވެރި މިތުރުން ބަނގުރާތައް ބިންމައްޗަށް އޮއްސައިލުމަކީ، ސަލާމާއި ޞަލަވާތްލެއްވި ރަސޫﷲގެފާނުގެ އަމުރުފުޅަށް ޢަމަލުފުޅު ކުރެއްވުން ނޫނީނުވެއެވެ. އެހެންވެ މަދީނާގެ މަގުތަކާއި ގޯޅިތަކުގައި ބަނގުރާ ކޯރުހެދިގެން ދެމުނީއެވެ. ހާފިޡު އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ. “އެބަސްފުޅުން އިޝާރާތްކޮށްދެއްވަނީ، އެދުވަސްވަރު މުސްލިމުންގެ ގޭގޭގައިހުރި ބަނގުރާތައް ނެރެ ބޭރަށް އޮއްސައިލީކަމުގައެވެ. އެހެނީ ބަނގުރާގެ ގިނަކަމުން މަގުތަކާއި ގޯޅިތަކުގައި ބަނގުރާތައް ކޯރުހެދިގެން ދެމުނީއެވެ. ” فتح الباري

މިކަންތައްވެ ނިމިގެންދިޔައީ، މިކަމާއިމެދު އެއްވެސް ބޭކަލަކު އެއްވެސް ވާހަކައެއްވެސް ނުދައްކަވައެވެ. އިމާމު ބުޚާރީ މާތްﷲ ރުއްސުންލެއްވި އަނަސް ބިން މާލިކު ކިބައިން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “އަބޫ ޠަލްޙަތު (ރަޟިޔަﷲ ޢަންހު) ގޭގައި އެވެނި މިވެނި ބޭބޭކަލުންނަށް ބަނގުރާ ދެއްވުމަށްޓަކައި ތިމަންކަލޭގެފާނު ހުންނެވީ ކޮޅަށެވެ. އެހިނދު އެމީހަކު އައިސް ބުންޏެވެ. “ތިޔަބައިމީހުންނާއި ހަމައަށް އެޚަބަރު އަތުވެއްޖެހެއްޔެވެ؟” އެބޭކަލުން ވިދާޅުވިއެވެ. “އެއީ ކޮންޚަބަރެއްތޯއެވެ؟ އެމީހުން ބުންޏެވެ. “ބަނގުރާ ޙަރާމް ކުރެވިއްޖެއެވެ.” އެބޭކަލުން ވިދާޅުވިއެވެ. “އޭ އަނަސްގެފާނެވެ! މިހިރަ ބަނގުރާ އެތިގަނޑު އޮއްސައިލައްވާށެވެ.”

އަނަސްގެފާނު ވިދާޅުވިއެވެ. “އެމީހާ އެޚަބަރު ދިނުމުން ބަނގުރާއާއި  ބެހޭގޮތުން އެއްވެސް މީހަކު، އެއްވެސް ސުވާލެއް ނުކުރެއެވެ. އަދި ފަސްޖެހިވެސް ނުލައެވެ.”

صحيح البخاري: كتاب التفسير، باب ( إِنَّمَا الْخَمْرُ وَالْمَيْسِرُ والأَزْلاَمُ رجْسٌ مِنْ عَمَلِ الشَّيْطَانِ)

ޙަދީޘް ނަމްބަރު: 4617އެވެ. އަށްވަނަބައިގެ 277 ވަނަ ޞަފްޙާގައެވެ.

އެބޭކަލުން ބޯލަނބައި ކިޔަމަންގަތުމުގައި ހުރި ފުރިހަމަކަމާއެވެ! އެފަދަ ތެދުވެރީންނަކީ، މާތްﷲގެ މިފަދަ ބަސްފުޅުތަކުގައިވާ ތެދުވެރީންނެވެ.

” إَنَّمَا كَانَ قَوْلَ الْمُؤْمِنِيْنَ إِذَا دُعُوا إِلَى للهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَنْ يَقُولُوا سَمِعْنَا وَأَطَعْنَا وَأُولَئِكَ هُمُ الْمُفْلِحُونَ” (النور: 51)

މާނައީ: އެބައިމީހުންގެ ތެރޭގައި ޙުކުމެއް ކުރައްވައި އިންޞާފެއް ކުރެއްވުމަށްޓަކައި، މާތްﷲ އާއި އެކަލާނގެ ރަސޫލާގެ އަރިހަށް އެބައިމީހުންނަށް ގޮވައިލެވިއްޖެނަމަ، މުއުމިނުންގެ ބަހެއްކަމުގައި ވާކަން ކަށަވަރީ، ތިމަންމެން އަޑުއަހައިފީމުއެވެ. އަދި ތިމަންމެން ކިޔަމަން ވެއްޖައީމުއެވެ ބުނުމެވެ. ދިންނަވައި ނަޞީބުލިބޭ މީހުންނަކީ ހަމަ އެބައިމީހުންނެވެ.”

 

  • ނަބަވީ ޙުކުމްފުޅަށް ޢަމަލުކުރެއްވުމަށްޓަކައި، އަޞްޙާބުބޭކަލުންނާއި އެބޭކަލުންގެ ދުޝްމިނުންނާއި ދެމެދު ކުރެވޭ މުޢާހަދާތަކުގައި ވަފާތެރިވެވަޑައިގަތުން.

އަޞްޙާބު ބޭކަލުން، ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނާއި ތަބާވެވަޑައިގަތީ ހަމައެކަނި އާދައިގެ ކަންތައްތަކުގައެއް ނޫނެވެ. އަދި ކީއްތޯއެވެ. ލުއިފަސޭހަ ކަންތަކާއި، ދަތި އުނދަގޫ ކަންތަކާއި، އުފަލާއި ހިތްދަތި ކަންކަމުގައެވެ. އަދި އަމާންކަމާއި މުޞީބާތުގެ ވަގުތުގައެވެ. އަދި އެބޭކަލުންގެ ޙަޔާތުގެ ކޮންމެ ކަމަކާއި ކޮންމެ ވަގުތެއްގައިމެ އިތުރު އެކަލޭގެފާނާއި ތަބާވެވަޑައިގެންނެވިއެވެ. ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲ ގެފާނުގެ އަމުރުފުޅަށް ޢަމަލުކުރެއްވުމަށްޓަކައި، އަޞްޙާބުބޭކަލުންނާއި އެބޭކަލުންގެ ދުޝްމިނުންނާއި ދެމެދު ކުރެވޭ މުޢާހަދާތަކުގައި ވަފާތެރިވެ ވަޑައިގެންނެވުމާއިމެދު، އިމާމު އަބޫދާއުދާއި، ތިރްމިޛީ، މާތްﷲ ރުއްސުންލެއްވި ސަލީމް ބުނު ޢާމިރުގެފާނުގެ ކިބައިން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތްﷲ ރުއްސުންލެއްވި މުޢާވިޔަތާއި، ރޫމީންނާއި ދެމެދު މުޢާހަދާއެއް އޮތެވެ. މުޢާވިޔަތުގެފާނު ރޫމާއި ދިމާއަށް ދަތުރުފެއްޓެވިއެވެ. އެއީ މުޢާހަދާ ނިމިއްޖެނަމަ އެމީހުންނާއި ހަނގުރާމަ ކުރެއްވުމަށެވެ. އެވަގުތު ސަވާރުވެގެން އައި މީހަކު ގޮވައިލިއެވެ. (للهُ أَكْبَرُ للهُ أَكْبَرُ) ވަފާތެރިވާށެވެ. ބޭވަފާތެރި ނުވާށެވެ. މީސްތަކުން އެނބުރި ބަލައިލިއިރު އެއީ މާތްﷲ ރުއްސުންލެއްވި ޢަމްރު ބުނު ޢައްބާސެވެ. ދެން މުޢާވިޔަތު (ރަޟިޔަﷲ ޢަންހު)، ޢަމްރު (ރަޟިޔަﷲ ޢަންހު) އަރިހަށް މީހަކު ފޮނުވައި އެކަމާއިމެދު ސުވާލުކުރެއްވުމުން، އެކަލޭގެފާނު ޖަވާބުދެއްވިއެވެ. ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު ޙަދީޘްކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވިއެވެ. “ބަޔަކާއި ކުރެވިއްޖެ މުޢާހަދާއެއްގެ މުއްދަތު ހަމަވުމުގެ ކުރިން، އެމުޢާހަދާ ބަދަލުކޮށް އުވައިނުލާށެވެ. އަދި މުޢާހަދާ އުވައިލާފަދަ ކަމެއްވެސް ނުކުރާހުށިކަމެވެ.” (ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނުގެ މިއިރުޝާދުފުޅު އަޑުއިވުމާއިއެކު މާތްﷲ ރުއްސުންލެއްވި މުޢާވިޔަތުގެފާނު އެނބުރި ވަޑައިގެންނެވިއެވެ.)

صحيح سنن أبي داود: كتاب الجهاد، باب الإمام يكون بينه وبين العد فيسير إليه

ޙަދީޘް ނަމްބަރު: 2397އެވެ. ދެވަނަ ބައި 528 ވަނަ ޞަފްޙާގައެވެ.

صحيح سنن الترمذي: كتاب السير، باب ما جاء في الغدر

ޙަދީޘް ނަމްބަރު: 1258އެވެ. ދެވަނަ ބައިގެ 113-114 ވަނަ ޞަފްޙާގައެވެ.

 

  • ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނުގެ އަމުރުފުޅުގައި ހިފެހެއްޓެވުމަށްޓަކައި، އަޞްޙާބުބޭކަލުން، ފަށުވިފޭރާން ބޭނުންކުރެއްވުމުން ދުރުވެވަޑައިގަތުން.

އިމާމު ޠަރަބީ ރިވާކުރެއްވިއެވެ. (ޔަރުމޫކް އެވެ ކިޔާރަށަށް މުސްލިމުންގެ ލަޝްކަރެއް ދިޔައެވެ. އަދި މިލަޝްކަރު ރޫމީންގެ ކޮމާންޑަރާއި ބައްދަލުކުރަން ބޭނުންކަމަށާއި، ވާހަކަދައްކާނެ ވަގުތެއް ކަނޑައެޅުމަށް ރޫމީންނަށް އެންގިއެވެ. މުސްލިމުންގެ މިޚަބަރު، ރޫމީންގެ ކޮމާންޑަރަށް ދިއުމުން، މުސްލިމުންގެ ވަފުދު، އައިސް ބައްދަލުކޮށް ވާހަކަދެއްކުމުގެ ހުއްދަ ލިބިއްޖެއެވެ. ރޫމީންގެ ކޮމާންޑަރު – 21  (ރޫމް ރަސްގެފާނުގެ އެއްބަނޑު އެއްބަފާ އަޚް)ގެ އަރިހަށް ވަޑައިގަތީ މުސްލިމުންގެ ތެރެއިިން މާތްﷲ ރުއްސުންލެއްވި އަބޫ ޢުބައިދަތުގެފާނާއި، ޔަޒީދު ބިން އަބޫ ސުފްޔާނާއި، އަލްޙާރިޘް ބިން ހިޝާމްގެފާނާއި، ޟިރާރު ބުނު އަޒްވާރާއި އަބޫ ޖަންދަލް ބުނު ސަހްލާއިއެވެ. އެދުވަހުގައި މިކޮމާންޑަރުގެ މުޢަސްކަރުގައި ކުދި ފޭލިގޭގެ ތިރީސް ފޭލިގެއާއި، އެހެން ތިރީސް ފޭލިގެ ހުއްޓެވެ. މިހުރިހައި އެއްޗެއްވެސް ހަދާފައިވަނީ ފަށުވި ފޭރާމުންނެވެ. އިސްލާމީ ވަފުރު މިފޭލިގެތަކާއި ހަމައަށް ވަޑައިގެންފައި، އެފޭލިގެތަކަށް ވަނުމަށް، މަނާވެގެންފިއެވެ. އަދި ވިދާޅުވިއެވެ. “ފަށުވި ފޭރާމަކީ އަހަރެމެންނަށް ހުއްދަވެގެންވާ އެއްޗެއް ނޫން! އެނގިއްޖެތަ! އަހަރެމެންނާއި ވާހަކަދައްކަން ބޭރަށް އާދޭ!” ދެން ބިންމަތީގައި ފަތުރާފައިވާ ދޫލަތަކެއްގެ މައްޗަށް ރޫމީންގެ ކޮމާންޑަރު ނުކުތެވެ. މިޚަބަރު ހިރަޤުލްއާއި ހަމައަށް ދިއުމުން ވިދާޅުވިއެވެ. “މިއީ އަހަރެމެން ބަލިވުމުގެ ފެށުން ކަމުގައި އަހަރެން ނުބުނަން ހެއްޔެވެ؟ ޝާމްކަރައެއް ދެނެއް ނޯންނާނެއެވެ.” (އެބަހީ: ޝާމްކަރައިގައި ރޫމީންނަކަށް ދެނެއް ނޫޅެވޭނެއެވެ.” ނުބައި ދަރިންތަކެއްގެ ސަބަބުން ރޫމީންނަށް ހަލާކުހުއްޓެވެ.) (تاريخ الطبري ގެ ތިންވަނަ ބައިގެ 403 ވަނަ ޞަފްޙާގައެވެ.) އެހެން ރިވާޔަތެއްގައި ވެއެވެ. އިސްލާމީ ވަފުދު ވިދާޅުވިއެވެ. “ތިޔަ ފޭލިގެތަކަށް ވަނުމަކީ ތިމަންބޭކަލުންނަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ”. ދެން ރޫމީންގެ ކޮމާންޑަރު ފަށުވިދޫލައެއް ފެތުރުމަށް އަމުރުކުރެއްވިއެވެ. އިސްލާމީ ވަފުދު ވިދާޅުވިއެވެ. “އެދޫލަމަތީގައިވެސް ތިމަންބޭކަލުން ނުއިށީންނާނަމެވެ. “ދެން އިސްލާމީ ވަފުދު ހިތްހަމަޖެހޭ ތަނެއްގައި، ރޫމީންގެ ކޮމާންޑަރު ޖެހުނީ އިށީންނާށެވެ. (البدية والنهاية ގެ ހަތްވަނަބައިގެ 9-10 ވަނަ ޞަފްޙާގައެވެ.)

ސާފުސީދާ ތެދުވެރި މާތް އަޞްޙާބުބޭކަލުން، ޢަދާވާތްތެރިންނާ ކުރިމަތިލުމުގައިވެސް ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނަށް ތަބާވުމެއް ދުލެއްނުކުރައްވައެވެ. އެއީ ޢަދާވާތްތެރިންނަށް ފައިދާހުރި ކަމެއްކަމުގައިވިޔަސް މެއެވެ. އާދައިގެ ކަމަކަސް ނުވަތަ ބޮޑުވެގެންވާ ކަމަކަށް ވިޔަސްމެއެވެ. އެހެނީ ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނާއި ތަބާވުމުގައި އެބޭކަލުންނީ އެފަދަ ބައެއްކަމުގައި ނުވާނީ ކިހިނެއްތޯއެވެ. އެބޭކަލުންނީ ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނުގެ އަރިހުން މިފަދައިން އަޑުއެއްސެވި ބޭކަލުންނެވެ.

“وَجُعِلَ الذّلَّةُ وَالصَّغَارُ عَلَى مَنْ خَالَفَ أَمْرِيْ”

( މިޙަދީޘް ރިވާކުރެއްވީ އިމާމް އަޙްމަދު، މާތްﷲ އެދެބަފައިކަލުންނަށް ރުއްސުންލެއްވި ޢަބްދުﷲ ބުނު ޢަމްރުގެފާނުގެ އަރިހުންނެވެ. المسند ޙަދީޘް ނަމްބަރު: 5115 ބައްލަވާށެވެ. ހަތްވަނަ ބައިގެ 122 ވަނަ ޞަފްޙާގައެވެ. އައްޝައިޚު އަޙްމަދު މުޙައްމަދު ޝާކިރު މިޙަދީޘްގެ އިސްނާދް، އިސްނާދު ޞަހީޙް ކުރެއްވިއެވެ.)

މާނައީ: “ތިމަންކަލޭގެފާނުގެ އަމުރުފުޅަކާއި ޚިލާފުވެއްޖެ މީހާގެ މައްޗަށް ނިކަމެތިކަމާއި އިހާނެތިކަން ހުއްޓެވެ. “އެބޭކަލުން މިޙަދީޘްފުޅު އަޑުއެއްސެވީކީ ނޫނެވެ. އަދި ހިތުދަސްކުރެއްވީކީ ނޫނެވެ. އެއަށް އަދާކުރަންޖެހޭ ޙައްޤު އަދާކުރެއްވީއެވެ. އަދި އެބޭކަލުންގެ ޙަޔާތްޕުޅުގައި އެއަށް ޢަމަލުވެސް ކުރެއްވީއެވެ. އަޅުގަނޑުމެންގެ މިޒަމާނުގައި މިއުޅޭ މުސްލިމުންނަށް މިޙަޤީޤަތް ދެނެގަނެވޭނެނަމަ ކިހާރަނގަޅު ބާވައެވެ! މުސްލިމުންނަށް ނަޞްރު ލިބުމާއި، ނިކަމެތިވުމުގައި މާތްﷲ ސަބަބުތަކެއް ވަނީ ލައްވަވާފައެވެ. އެންމެ މުހިއްމު އެއްކަމަކީ، އެކަލާނގެ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަށް ތަބާވުމާއި، އެކަލޭގެފާނަށް ނުއުރެދުމެވެ. ފަހެ އެކަލޭގެފާނަށް ކިޔަމަންގަނެ ތަބާވެއްޖެ މީހަކަށް ޢިއްޒަތާއި ޝަރަފާއި ބާރުލިބިގެންވެއެވެ. އަދި އެކަލޭގެފާނަށް އުރެދިއްޖެ މީހާގެ މައްޗަށް ނިކަމެތިކަމާއި އިހާނެތިކަން ހުއްޓެވެ. މުސްލިމުން މިޙަޤީޤަތް ދެނެގަނެ، އެބައިމީހުންގެ ޙަޔާތުގައި މިކަމަކީ މުހިއްމު ކަމެއްކަމުގައި ދެނެގަންނަ ނަމަ އެބައިމީހުންނަށް ދިމާވާ ދަތި އުނދަގޫތަކުން ސަލާމަތްވުމަށް އެދެވިގެން ވެއެވެ.

 

  • ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު، ނަމާދުގައި އެކަލޭގެފާނުގެ ފައިވާންޖޯޑުކޮޅު ބޭލުއްވިތަން ފެނިވަޑައިގެން އަޞްޙާބުބޭކަލުން އެބޭކަލުންގެ ފައިވާންޖޯޑުކޮޅުތައް ބޭލުއްވުމަށް އަވަސްވެވަޑައިގަތުން:

ލޯބިވެރިއަކު އޭނާގެ ލޯބިވެރިޔާގެ އަމުރުތައް ތަންފީޒުކުރުމުގައި އެއްވެސް ފޫހިކަމެއް ނުހުރެއެވެ. އަދި ކީއްތޯއެވެ. އެލޯބިވެރިޔާގެ ކޮންމެ ޙަރަކާތަކަށް ވަރަށް ޝައުޤުވެރިކަމާއެކު ބަލަން ހުންނާނެއެވެ. އަދި މޫނާއި ލޮލަށް އަންނަ އަސަރުކުރުވަނިވި ނާޒުކު ޙަރަކާތްތަކަށް ބަލަން ހުންނާނެއެވެ. ފަހަރެއްގައި ލޯބިވެރިޔާ ހިތްރުހޭ ކަހަލަ ކަމެއް ފެނިއްޖެނަމަ އެކަމެއް ކޮށްލާނެއެވެ. ނުވަތަ ލޯބިވެރިޔާ ހިތްހަމަނުޖެހޭ ކަމެއް ފެނިއްޖެނަމަ އެކަމަކުން ދުރުވެގަންނާނެއެވެ. ލޮބުވެތި މުޞްޠަފާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ދެކެ ލޯބިވާ ތެދުވެރި އެމާތްބޭކަލުންވެސް ހަމަ އެފަދައެވެ. އިތުރު އެކަލޭގެފާނު އަމުރުކުރެއްވި ކަމެއް ކުރެއްވުމަށާއި، މަނާކުރެއްވި ކަމަކުން ދުރުވެގަތުމަށް އެބޭކަލުން ފަސްޖެހި ވަޑައެއްނުގަންނަވައެވެ. އަދި ކީއްތޯއެވެ. އިތުރު އެކަލޭގެފާނު ކުރައްވާހައި ކަމެއް އެބޭކަލުން ދިޔައީ ކުރައްވަމުންނެވެ. ޝައުޤުވެރިކަމާއެކު އިތުރު އެކަލޭގެފާނުގެ ޢަމަލުފުޅު ތަކަށް، އެބޭކަލުން ފާރަލަމުން ގެންދިޔައީ، އިތުރު އެކަލޭގެފާނަށް އިޤްތިދާވުމުގެ ގޮތުންނެވެ. އިތުރު އެކަލޭގެފާނު ކަމެއްކުރައްވާތަން އެބޭކަލުންނަށް ފެނިވަޑައިގެންފިނަމަ އެކަމެއް ކުރެއްވުމަށް އަވަސްވެ ވަޑައިގަންނަވައެވެ. އިމާމު އަބޫދާއޫދު މާތްﷲ ރުއްސުންލެއްވި އަބޫ ސަޢީދުލް ޚުދްރިއްޔުގެ ކިބައިން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު، އަޞްޙާބުބޭކަލުންނާއިގެން ނަމާދުފުޅު ކުރައްވަން ހުންނަވައި، ފައިވާންޖޯޑުކޮޅު ބާލުއްވައި އިތުރު އެކަލޭގެފާނުގެ ވާތްޕުޅު ފަރާތުގައި ބެހެއްޓެވިއެވެ. އަޞްޙާބުބޭކަލުންނަށް މިތަން ފެނިވަޑައިގަތުމާއެކު އެބޭކަލުންގެ ފައިވާންޖޯޑުކޮޅުތައް އުއްކަވާލެއްވިއެވެ. ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު ނަމާދުފުޅުން އަވަދިވެވަޑައިގެން ޙަދީޘްކުރެއްވިއެވެ. ” ތިޔަބައިމީހުން ފައިވާންތައް އުކާލީ ކީއްވެހެއްޔެވެ؟” އެބޭކަލުން ދެންނެވިއެވެ. “ކަލޭގެފާނު ފައިވާންޖޯޑުކޮޅު ބޭލުއްވިތަން ތިމަންބޭކަލުންނަށް ފެނިވަޑައިގެންނެވިއެވެ. (އެހެންވެ) ތިމަންބޭކަލުންވެސް ފައިވާންތައް ބޭލުއްވީއެވެ. ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު ޙަދީޘްކުރެއްވިއެވެ. “ޖިބްރީލުގެފާނު ތިމަންކަލޭގެފާނުގެ އަރިހަށް ވަޑައިގެން، ތިމަންކަލޭގެފާނުގެ ފައިވާންޖޯޑުކޮޅުގައި ނަޖިހެއް ހުރިވާހަކަ ވިދާޅުވިއެވެ.” އަދި ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންކުރެ މީހަކު މިސްކިތަށް އަތުވެއްޖެނަމަ، އެމީހެއްގެ ފައިވަން ބާލާހުށިކަމެވެ. ފަހެ، ފައިވާނުގައި ނަޖިހެއް ހުރެއްޖެނަމަ، ބިމުގައި އުނގުޅައިލާށެވެ. އަދި އެފައިވާނުގައި ނަމާދުކުރާހުށިކަމެވެ.”

صحيح سنن أبي داود: كتاب الصلاة في النعل

ނަންބަރު: 605އެވެ. އެއީ 127 ވަނަ ޞަފްޙާގައެވެ.

للهُ أَكْبَرُ! އިތުރު އެކަލޭގެފާނާއި އިޤްތިދާވުމުގައި އެބޭކަލުންގެ ދަހިވެތިކަމާއި އަވަސްކަމުގެ ބޮޑުކަމާއެވެ.! (رَضِيَ للهُ عَنْهُمْ وأَرْضَاهُمْ) ހައްދަވައި ބޮުކުރެއްވި މާތްﷲ އެވެ. އެބޭކަލުން އުޅުއްވި ގޮތުގައި އަޅަމެންވެސް ލައްވާނދޭވެ!

 

  • ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނުގެ ބިރުވެރި ބަސްފުޅުގެ އަޑު އަހާފައި އަތުގައިއޮތް ރަންއުޅާ ބޭލި އަންހެނާ

ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނައި ތަބާވެވަޑައިގަތީ ހަމައެކަނި ފިރިހެން ބޭފުޅުންނެއް ނޫނެވެ. އިތުރު އެކަލޭގެފާނަށް ލޯބިކުރައްވާ ތެދުވެރި އަންހެން ބޭފުޅުންވެސް ހަމައެފަދައެވެ. އިމާމު އަބޫދާއޫދުގެފާނު މާތްﷲ އެދެބަފައިކަލުންނަށް ރުއްސުންލެއްވި ޢަބްދުﷲ ބުނު ޢަމްރުގެފާނުގެ ކިބައިން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނުގެ އަރިހަށް އަންހެނަކު، އެކަނބުލޭގެ އަންހެންދަރިއާއި އެކުގައި އައެވެ. އެކަނބުލޭގެ އަންހެންދަރި އަތުގައި ރަނުން ހަދާފައިވާ، ވަރުގަދަ ދެއުޅާއޮތެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ކަނބުލޭގެ ތިޔައިން ޒަކާތްދެންހެއްޔެވެ؟” އެކަނބުލޭގެ ދެންނެވިއެވެ. “ނޫނެކެވެ.” އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.”މާތްﷲ ޤިޔާމަތްދުވަހުން، އަލިފާނުންވާ ދެއުޅާ ކަނބުލޭގެ އަތުގައި އެޅުއްވުމަށް ކަނބުލޭގެ ރުހެން ހެއްޔެވެ؟ ރާވީ ވިދާޅުވިއެވެ. (ދެން އެކަނބުލޭގެ އަތުން ދެއުޅާ ބާލައި، ސަލާމާއި ޞަލަވާތްލެއްވި ރަޞޫލުﷲގެފާނަށް ދެއްވިއެވެ. އަދި ދެންނެވިއެވެ. މިއީ މާތްﷲ އާއި އެކަލާނގެ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަށެވެ.)

صحيح داود: كتاب الزكاة، باب الكنز ما هو؟ وزكاة ا لحلي

ނަންބަރު: 1382އެވެ. އެއްވަނަބައިގެ 291ވަނަ ޞަފްޙާގައެވެ. الشيخ الأ لباني މިޙަދީޘަކީ حسن  ދަރަޖައިގެ ޙަދީޘެއްކަމުގައި ވިދާޅުވިއެވެ.

للهُ أَكْبَرُ! ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނުދެކެ ލޯބިވާ މުއުމިނު އަންހެނާ، އިތުރު އެކަލޭގެފާނުގެ އަމުރުފުޅަށް ޢަމަލުކުރެއްވުމަކަށް ފަސްޖެހިވެސް ނުލައެވެ. ދެއަތުގައި އޮތް ދެއުޅާ ވަގުތުން ބާލައި އިތުރު އެކަލޭގެފާނުގެ އަތްޕުޅަށް އެރުވީއެވެ. އެއީ މާތްﷲ އަށްޓަކައި ނެރެވުނު ޒަކާތެއްގެ ގޮތުުގައެވެ. (رَضِيَ للهُ عَنْهَا وَأَرْضَاهَا)

 

  • ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނުގެ އަމުރުފުޅަށް ޢަމަލުކުރެއްވުމުގެ ގޮތުން އަންހެންބޭފުޅުން މަގުމަތީގައި ހިންގަވާއިރު މަގުގެ އެއްފަރާތުން ހިންގެވުމުގެ ސަބަބުން އެކަނބަލުންގެ ހެދުންކޮޅުތައް މަގުގެ ފާރުތަކުގައި އަޅައިގަތުން:

ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނުގެ އަމުރުފުޅަކަށް، މުއުމިނު އަންހެން ބޭފުޅަކު އެހާ އަވަސްކަމާއެކު ޢަމަލުކުރެއްވުމަކީ، ނާދިރުކަމެއްކަމުގައި އެކަކުވެސް ނުދެކޭށެވެ. އެފަދަ މުއުމިން އަންހެން ބޭފުޅުންނަކީ، އަވަސްކަމާއެކު ލޮބުވެތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް)ގެ އަމުރުފުޅުތަކަށް ފުރިހަމައަށް ޢަމަލުކުރައްވާ ބޭކަނބަލުންނެވެ. އެކަނބަލުންގެ ސީރަތާއި ތާރިޚު ކިޔައިލި މީހަކަށް، އެކަނބަލުންގެ ޙަޤީޤަތަކީ މިއީކަން ރަނގަޅަށް އެނގޭނެއެވެ.

އިމާމު އަބޫދާއޫދު، މާތްﷲ ރުއްސުންލެއްވި އަބޫ އަސަދުލް އަންޞާރީ އަރިހުން ރިވާކުރެއްވިއެވެ. (މިސްކިތުން ބޭރުގައި މަގުގައި ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅުން އެއްވެ ހިނގާތަން ދެކެވަޑައިގެން (އަންހެން ބޭފުޅުންނަށް) ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު ޙަދީޘްކުރެއްވިއެވެ. “ފަހަތަށް ޖެހޭށެވެ. ތިޔަކަނބަލުންނަށް މަގުގެ މެދުން ހިންގެވުމުގެ ޙައްޤެއް ނުވެއެވެ. ތިޔަކަނބަލުން މަގުގެ އެއްކައިރިން ހިންގަވާށެވެ.” އެއަށްފަހު އެކަނބަލުން މަގު ހިންގަވާއިރު މަގުގެ އެއްކައިރިން ހިންގެވުމުގެ ސަބަބުން އެކަނބަލުންގެ ލިބާސްތައް މަގުގެ ފާރުތަކުގައި އަޅައިގަނެވެ.)

صحيح سنن أبيب داود: كتاب الأدب، باب في مشي النساء مع الرجل في الطريق

(ޙަދީޘް ނަންބަރު: 4392އެވެ. ތިންވަނަބައިގެ 989 ވަނަ ޞަފްޙާގައެވެ.)

އަޅުގަނޑުމެން ފިރިހެނުންނާއި އަންހެނުން މިއުޅެމުން އަންނަނީ އަޞްޙާބު ބޭކަލުންނާއި، ބޭކަނބަލުން އުޅުއްވި ގޮތަށް ހެއްޔެވެ؟ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ކޮންމެ ދުވަހަކު އޭނާގެ މަސައްކަތް ފެށުމުގައި، ލޮބުވެތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ سُنَّة ذَبَح ކުރާމީހުން ކަމުގައި ނުވޭހެއްޔެވެ؟ (އެބަހީ ހެނދުނު ތުނބުޅި ބާލާ ވާހަކައެވެ.)

މުސްލިމުންނޭ ކިޔައިގެން އުޅޭ އަންހެނުން ލޮބުވެތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ)ގެ ސުންނަތާއި ޚިލާފަށް، ބާޒާރުތަކާއި ޕާޓީތަކަށް ގޮސްއުޅޭކަމުގައި ނުވޭހެއްޔެވެ؟

 

(ނުނިމޭ)

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ