ފަލަސްޠީނަށްޓަކައި ރާއްޖެއިން ޔޫއެންގެ ގަތުލުއާންމު ހުއްޓުވާ, މުއާހަދާއިން ލިބިދޭ ބާރުގެ ބޭނުންކުރާނެތަ؟

Loading

Facebook
Twitter
WhatsApp

ގަތުލުއާންމާއި ދެކޮޅަށް އެކުލަވާލާފައިވާ މުއާހަދާގައި 149 ގައުމަކުން ބައިވެރިވާއިރު، ދިވެހިރާއްޖެއިން މި މުއާހަދާގައި ބައިވެރިވެ ސޮއިކޮށްފައިވަނީ 1984 ވަނަ އަހަރުގައެވެ. މި މުއާހަދާގެ ކޮންމެ ބައިވެރިއަކަށްމެ ޣައްޒާގައި މިއަދު ކުރިއަށް އެ ގެންދާ ގަތުލުއާންމު ހުއްޓާލުމަށް ގޮވާލައި، އެކުވެރި ދައުލަތަށް ރިޕޯޓު ކުރެވޭނެއެވެ. އަދި މުއާހަދާގެ އެއްވެސް ބައިވެރިޔަކު އެ ދައުވާއަށް ދެކޮޅު ހަދައިފިނަމަ، ބައިނަލްއަގުވާމީ ކޯޓުގައި އެ މައްސަލަ ބަލަންޖެހެއެވެ. އިޒްރޭލާއި، އެމެރިކާއާއި، އިނގިރޭސި ވިލާތަކީ ވެސް މި މުއާހަދާގައި ބައިވެރިވާ ގައުމުތަކަށްވީއިރު، އެމެރިކާއާއި އިނގިރޭސިވިލާތުގެ ސަރުކާރުތަކަކީ އިޒްރޭލުގެ އެންމެ ބޮޑު ވާގިވެރިންކަން ވެސް ފާހަގަކުރެވެއެވެ. 

ގަތުލުއާންމާއި ދެކޮޅަށް އެކުލަވާލި މުއާހަދާގެ 8 ވަނަ މާއްދާގައި ވަނީ، ”ގަތުލުއާންމު ހުއްޓުވުމަށާއި، މުއާހަދާގެ ތިންވަނަ މާއްދާގައި މަނާކުރާ އެފަދަ އެހެނިހެން އަމަލެއްވެސް ނައްތައިލުމަށް ގޮވައިލުމުގެ ބާރު މި މުއާހަދާގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ވެސް ލިބިގެންވާއިރު، އެކުވެރި ދައުލަތުގެ ޗާޓަރުގެ ދަށުން އެޖަމިއްޔާ ޒިންމާދާރުކުރުވައި އެކަށޭނަ ފިޔަވަޅު އެޅުމަށް ގޮވާލުމުގެ ބާރު ވެސް ލިބިގެންވެއެވެ.“

އަދި ހަމަ އެމުއާހަދާގެ 9 ވަނަ މާއްދާގައިވަނީ، ”މި މުއާހަދާގެ ބައިވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދި، މި މުއާހަދާ މާނަކުރުމުގައްޔާއި، ބޭނުންކުރުމާއި، އަމަލުކުރުމުގެ މައްޗަށް ޚިޔާލު ފުށުއަރައިފި ހާލަތެއްގައި، އަދި ގަތުލުއާންމު ހިންގާފައިވާކަމާމެދު ނުވަތަ މުއާހަދާގެ ތިންވަނަ މާއްދާގައި މަނާކުރާ އެފަދަ އެހެނިހެން އަމަލެއްވެސް ހިންގާފައިވާކަމާމެދު ދެބަސްވެއްޖެ ހާލަތެއްގައި، މައްސަލަ ހުށަހެޅި ފަރާތް ނުވަތަ މައްސަލައާ ދެކޮޅު ހެދި ފަރާތުގެ އެދުމުގެ މަތީން ބައިނަލްއަގުވާމީ އިންސާފުގެ ކޯޓަށް އެމައްސަލަ ހުށަހަޅަން ވާނެއެވެ.“

އިޒްރޭލުން ޣައްޒާގައި ހިންގަމުންދަނީ ގަތުލުއާންމެއް ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އަދި ބައިނަލްއަގުވާމީ ޤާނޫނު ދިރާސާކުރާ ގިނަ ފަރާތްތަކުން އެކަން ފާހަގަ ވެސް ކޮށްފައިވާއިރު، އިޒްރޭލުގެ ވަޒީރުންނާއި، ޖެނެރަލުންނާއި، އޮފިޝަލުން ވަނީ ފަލަސްޠީނުގެ ރައްޔިތުން ނައްތާލަންޖެހޭކަމަށް ބުނެ، މި ހަމަލާތަކަކީ އެކަން ހާސިލުކުރުމުގެ ގަސްދާއެކު ދެމުންދާ ހަމަލާތަކެއްކަން ހާމަ ވެސް ކޮށްފައެވެ. 

މުއާހަދާގެ 2 ވަނަ މާއްދާގައި ލިޔެފައިވަނީ ”ބައިނަލްއަގުވާމީ ޤާނޫނުގައި ގަތުލުއާންމު މާނަކުރަނީ، ވަކި ގައުމެއް ނުވަތަ ވަކި ނަސްލެއް ނުވަތަ ވަކި ދީނެއްގެ ބަޔަކަށް ވާތީ އެމީހުން ނައްތާލުމުގެ ގޮތުން ދެވޭ، ތިރީގައި ލިޔެފައިވާ އަނިޔާތަކަކީ ގަތުލުއާންމުގެ ތެރޭގައި ހިމެނޭ ކަންކަންކަމުގައެވެ.

(ހ) ވަކި ޖަމާޢަތަކަށް ނިސްބަތްވާ ބަޔަކު މެރުން

(ށ) ވަކި ޖަމާޢަތަކަށް ނިސްބަތްވާ ބަޔަކަށް ވާތީ، ޖިސްމާނީ ނުވަތަ ނަފްސާނީ ބޮޑެތި އަނިޔާ ދިނުން

(ނ) ވަކި ޖަމާޢަތަކަށް ނިސްބަތްވާ ބައެއްގެ ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ހުރަސްއަޅައި، ގަސްތުގައި އެމީހުން ނުވަތަ އެމީހުންގެ ބައެއް ނައްތާލުމަށް މަސައްކަތްކުރުން

(ރ) ވަކި ޖަމާޢަތަކަށް ނިސްބަތްވާ ބައެއް މާބަނޑުވުމާއި ވިހެއުމަށް ހުރަސްއެޅުމަށްޓަކައި ފިޔަވަޅުތައް އެޅުން

(ބ) ވަކި ޖަމާޢަތަކަށް ނިސްބަތްވާ މީހުންގެ ދަރީން އެކުދީން ނިސްބަތްވާ ޖަމާއަތް ފިޔަވައި އެހެން ޖަމާއަތްތަކަށް ބަދަލުކުރުން

ވީމާ، މިކަންކަމަށް ރިއާޔަތްކުރާނަމަ، އިޒްރޭލުން ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމުގެ ތެރޭގައި ހިމެނޭ ފެނާއި، ކަރަންޓާއި، ކާބޯތަކެތި ހޯދުމަށް ހުރަސް އެޅުމަކީ، އަދި ފަލަސްޠީނުގެ ރައްޔިތުން މެރުމަށްޓަކައި ބޮމުގެ ހަމަލާތައް މެދު ކެނޑުމެއްނެތި ދެމުން ދިޔުމަކީ ގަތުލުއާންމުގެ ބްރެކެޓުތެރެއަށް ވަންނަ ކަންކަން ކަމީ ޝައްކެއްނެތް ކަމެކެވެ. 

މި މުއާހަދާގެ 3 ވަނަ މާއްދާގެ ދަށުން އަދަބު ދެވެންޖެހޭ ކުށްތަކުގެ ތެރޭގައި ހިމެނެނީ، ގަތުލުއާންމާއި، ގަތުލުއާންމު ހިންގުމަށް ރޭވުމާއި، ސީދާ އަދި ނުސީދާގޮތުން ގަތުލުއާންމު ހިންގުމަށް މަގުފަހިކުރުމާއި، ގަތުލުއާންމު ހިންގުމަށް މަސައްކަތްކުރުމާއި، ހިންގާ ގަތުލުއާންމުގައި ބައިވެރިވުމެވެ. އަދި 4 ވަނަ މާއްދާގައި ލިޔެފައިވަނީ، ”ގަތުލުއާންމު ހިންގާ ފަރާތްތަކާއި މުއާހަދާގެ ތިންވަނަ މާއްދާގައި މަނާކުރާ އެފަދަ އެހެނިހެން އަމަލެއް ހިންގާ ފަރާތެއް، އެއީ ޤާނޫނީގޮތުން އައްޔަނުކުރެވިފައިތިބި ވެރިން ކަމުގައި ވީނަމަވެސް، ދައުލަތުގެ މުވައްޒަފަކު ކަމުގައިވީނަމަވެސް އަދި އާންމު ފަރުދެއް ނަމަވެސް، ކުށްވެރިކޮށް އަދަބު ދެވެންޖެހޭނެއެވެ.“

އެހެންކަމުން، އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ޣައްޒާގައި ހިންގާ ގަތުލުއާންމުގައި ބޭނުންކުރުމަށް އަސްކަރީ ހަތިޔާރާއި އެހީ ފޯރުކޮށްދެމުން ދިޔުމަކީ، މި ގަތުލުއާންމުގައި ބައިވެރިވުމެވެ. އަދި 4 ވަނަ މާއްދާގެ ބޭނުމަކަށް ވަނީ ގަތުލުއާންމުގައި ބައިވެރިވާ ވަކިވަކި ފަރާތްތައް ވެސް އެމީހުންގެ ކުށްތަކަށް ޒިންމާދާރުކުރުވުމެވެ. ވީމާ، ނަތަންޔާހޫއާއި، ބައިޑެން އާއި، ސުނަކްގެ އިތުރުން ފަލަސްޠީނުގެ ހަލާކަށް ގޮވަމުން އަންނަ ހުރިހާ މީހުންވެސް ޣައްޒާގެ ހާލަތުގެ ޒިންމާ ނަގަންޖެހޭނެއެވެ. 

https://twitter.com/SandhaanuNews/status/1724722617993540038?t=Twkskm3WB94jX_XkPZks_Q&s=19

އެހެންކަމުން، ގަތުލުއާންމު މަނާކުރާ މުއާހަދާއިން ލިބިދޭ ބާރުގެ ބޭނުންކުރުމަކީ ކުރަން އެންމެ ރަނގަޅުކަމެއް ކަމަށް ގަބޫލުކުރެވެއެވެ. ބައިނަލްއަގުވާމީ އިންސާފުގެ ކޯޓުގައި އިޒްރޭލުގެ ކުށްތައް ސާބިތުވެގެން ދިޔުމާއެކު، އެމެރިކާއާއި އިނގިރޭސިވިލާތަށް ދާޚިލީ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހި، އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމަށް ދަތިވެގެންދާނެކަމަށް ބެލެވެއެވެ. ބައިނަލްއަގުވާމީ އިންސާފުގެ ކޯޓަކީ ބައިނަލްއަގުވާމީ މުއައްސަސާތަކުގެ ތެރެއިން އެންމެ މަތީ މުއައްސަސާކަމަށްވީއިރު، އެމެރިކާއިން އެ ކޯޓުގެ ނިންމުންތައް ބަލައިގަތުމަށް މީގެކުރިން ވަނީ ދެކޮޅުހަދާފައެވެ. އެހެންނަމަވެސް، އިނގިރޭސިވިލާތުން އެ ކޯޓުގެ ނިންމުންތައް ބަލައިގަނެއެވެ. އަދި ޔޫރަޕިއަން ޔޫނިއަނުވެސް އެ ނިންމުންތައް ބަލައިގަނެއެވެ. 

ބައިނަލްއަގުވާމީ އިންސާފުގެ ކޯޓުން އިޒްރޭލުގެ މައްޗަށް ގަތުލުއާންމުގެ ދައުވާ ސާބިތުވެއްޖެނަމަ، ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން އެ ކުށް ސާބިތުކުރާކަށް ނުޖެހޭނެއެވެ. މިކަން މުހިންމު ވަނީ، އިންސާފުވެރި، މިނިވަން އައިސީޖޭއާއި ޚިލާފަށް އައިސީސީއަކީ ހުޅަނގުގެ ”ޕަޕެޓް“ މުއައްސަސާއަކަށް ވާތީއެވެ. ވީމާ، ސިޔާސީ ވެރީން ބަލައިގަންނަ ނިންމުމަކަށް ވާނީ އައިސީސީގެ ނިންމުމެވެ. 

މިފަދައިން އިޒްރޭލުގެ މައްޗަށް ބައިނަލްއަގުވާމީ މައި ކޯޓުގައި ގަތުލުއާންމުގެ ދައުވާ ސާބިތުވެއްޖެނަމަ، ހުޅަނގުގެ މީޑިއާއިން ހޮސްޕިޓަލްތަކުގައި ހަމާސްގެ ހަނގުރާމަމަތީ ބޭސްތައް ހުރިކަމަށް ބުނެ ޕްރޮޕެގެންޑާ ފެތުރުމުގެ ބަދަލުގައި ހަގީގީ މައްސަލައަށް އަލިއަޅުވައި، ޣައްޒާގައި ހިންގަމުން އަންނަ ހަމަލާތަކަށް ރިއާޔަތްކޮށް ”ގަތުލުއާންމު“ އެލަފްޒު ބޭނުންކުރަން މަޖުބޫރުވެގެންދާނެއެވެ. މީގެއިތުރުން، އައިސީޖޭގެ ނިންމުމާއެކު، ހުޅަނގުގެ ސެކިއުރިޓީ ކައުންސިލަށް މިމައްސަލަ ހުށައެޅުމުގެ ބަދަލުގައި، ހުށައެޅިގެން ދާނީ އެކުވެރި ދައުލަތުގެ ޖެނެރަލް އެސެމްބްލީއަށެވެ. 

ކަންމިހެން އޮތްއިރު، އެއްވެސް ގައުމަކުން ގަތުލުއާންމު މަނާކުރާ މުއާހަދާގެ ބާރު ބޭނުންނުކުރަނީ ކީއްވެތޯ ސުވާލު އުފެދެއެވެ. ފަލަސްޠީނަކީވެސް މި މުއާހަދާގެ 149 ބައިވެރިންގެ ތެރެއިން ބައިވެރިއަކަށްވީއިރު، އެ ގައުމުން ވެސް އެކުވެރި ދައުލަތާއި އައިސީޖޭގައި މި މައްސަލަ ހުށައަޅާފައިނުވަނީ ކީއްވެ ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބާއި މެދު ވިސްނާލުމުން ބިރުގަނެއެވެ. 

އެކުވެރި ދައުލަތުގައި ފަލަސްޠިނުގެ ގޮނޑީގައި އިންނަނީ ފަތާހް ނަމަވެސް، ގަތުލުއާންމު މަނާކުރާ މުއާހަދާގެ ބޭނުންހިފައި ކުރިއަށް ދިޔުމަށް ނިންމާނީ މަޙްމޫދް ޢައްބާސްއެވެ. އެގޮތުން، ޢައްބާސްއަށް ތާއީދުކުރަމުން ދިޔުމަކީ ގިނަބަޔަކަށް ދަތިކަމަކަށްވެފައިވަނީ، ގަތުލުއާންމު ހުއްޓުވުމަށްވުރެ ފަލަސްޠީނުގެ އެތެރޭގެ ދާޚިލީ ހަނގުރާމައެއް ހުއްޓުވުމަށް އޭނާގެ ބޮޑު ޝައުގުވެރިކަމެއް އޮތްކަމަށް ގަބޫލުކެރެވޭތީއެވެ. 

ފަލަސްޠީނުން ވެސް އެ މުއާހަދާގެ ބޭނުން ހިފުމަށް ބޭނުންނުވުމަކީ އަރަބި ގައުމުތަކަށް ދެއްކޭނެ އުޒުރެކެވެ. އަދި ޔޫރަޕިއަން ޔުނިއަންގެ ގައުމުތަކުން ބްލޮކް ޔުނެނިމިޓީގެ ފަހަތުގައި ފިލައިތިބެފާނެއެވެ. ނަމަވެސް ހަގީގަތަކީ، އިސްރާއީލުން ޝަހީދުކުރަމުން އަންނަ ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުންނާއި ކުޑަކުދީންނާއި ދޭތެރޭގައި ހަމްދަރުދީވާ އެއްވެސް ގައުމެއް ނެތެވެ. އަރަބި ގައުމުތަކުން ބޭއްވި ބޮޑު މަހާސިންތާގައި ވެސް، އިޒްރޭލާ ދެކޮޅަށް ތެލާއި ގޭހުގެ ބޮއިކޮޓެއް ފާސްކުރުމަށް އަރަބި ގައުމުތަކުން ވަނީ ނުކުޅެދިފައެވެ. މުސްލިމް ދުނިޔޭގެ ވެރިންނަށް ތިބީ ޣައްޒާގެ ގަތުލުއާންމާމެދު ކަންބޮޑުވާ ބައެއް ނޫނެވެ. އެމީހުން ވިސްނަނީ އެމީހުންގެ މަސްލަހަތަށް އެކަންޏެވެ.

 ގަތުލުއާންމު މަނާކުރާ މުއާހަދާ ހިންގުމަށް ބޭނުންވަނީ އެންމެ ގައުމެއްގެ އިސްނެގުމެވެ. އަދި އެ ގައުމެއްގެ ރައްޔިތުން އެކުގައި މަސައްކަތްކޮށް އެ ގައުމެއްގެ ސަރުކާރުގެ މައްޗަށް އެކަން ކުރުމަށް ބާރުއަޅައިފިނަމަ ކާމިޔާބުވާނެކަމަށް ގަބޫލުކުރެވެއެވެ.

އެގޮތުން، މި މައްސަލަ ހުށަހަޅާ ގައުމަކީ ދިވެހިރާއްޖެކަމުގައި ވެސް ހެދިދާނެއެވެ. ބޭނުންވަނީ ދިވެހީންގެ ހިތްވަރެކެވެ. ވީމާ، މައުލޫމާތު އުނގެނި، އޮޅުން ފިލުވައި، ދިވެހި ސަރުކާރަށް އެޅެން އޮތް އެންމެހައި ފިޔަވަޅެއް އަޅާކަން ކަށަވަރުކުރުމަށްޓަކައި ކޮންމެ ދިވެއްސަކަށްވެސް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން އެބަޖެހެއެވެ.

“ދިވެހިރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާ އެކުގައި“

ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ ފަލަސްޠީނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަލީދު އޭ. އެމް. އަބޫޢަލީ އާ ބައްދަލުކުރައްވައިފައެވެ. މިއީ ރައީސްގެ ހައިސިއްޔަތުން ފަލަސްޠީނުގެ އިސް ބޭފުޅަކާއެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ.

https://twitter.com/presidencymv/status/1725936071324873102?t=ZMeRk_DbizI87tz3BW3w7w&s=19

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ.މުޢިއްޒު ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި، އެމަނިކުފާނާއި ދިވެހި ސަރުކާރާއި އަދި ރައްޔިތުންގެ ފަރާތުން އޮންނަ ހިފެހެއްޓުމެއްނެތް ތާއީދު ހާމަކުރައްވައި، އެމަނިކުފާނާއި އަދި ދިވެހިރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާ އެކުގައިކަން ފާހަގަކުރައްވައިފައެވެ. އެމަނިކުފާނު ވަނީ މިހާރު އިޒްރާއީލުން ޣައްޒާގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ.

މީގެ އިތުރުން ރައީސް ޑރ.މުޢިއްޒު ވަނީ ފަލަސްޠީނުގެ ސަރަހައްދީ ރޮނގު 1967 ގެ ކުރީގައި އޮތްގޮތަށް، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ގައިމުވެގެން ދިއުމަށާއި، އެ ސަރަހައްދުގައި ޞުލްހައާއި ހަމަޖެހުން ގާއިމުވެގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވެސް ވިދާޅުވެފައެވެ.

ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ޣައްޒާގައާއި ފަލަސްޠީނުގެ އެހެނިހެން ސަރަހައްދުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުންނާއި، އިޒްރާއީލުން ހިންގަމުންދާ އުދުވާންތަކާ ގުޅިގެން ކުރިމަތިވެފައިވާ ނާޒުކު ހާލަތާ ބެހޭގޮތުންނާއި، އެ ހާލަތުން އަރައިގަތުމަށްޓަކައި ވަގުތުން ހަމަލާތައް ހުއްޓާލުމާއި އަދި ފަހިވާންޖެހޭ އިތުރު ކަންކަމާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވައިފައެވެ. އަދި ދެ ބޭފުޅުން ވެސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ އެއްބާރުލުމާއި އަޚުވަންތަކަމުގެ ގުޅުންތައް އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.

Loading

One Response

  1. ޝުރުޚީ ރަނގަޅުތަ؟ ފަލަސްޠީނަށްޓަކައި ރާއްޖެއިން ޔޫއެންގެ ގަތުލުއާންމު ހުއްޓުވާ މުޢާހަދާއިން ލިބިދޭ ބާރުގެ ބޭނުންކުރާނެތަ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް