ގައުމުގެ ހުންގާނުގައި ހުރީ، ހާހަލާއި ގިރިތަކާއި ފަރުތައް ދަންނަ ކެޔޮޅެއް، އޮޑިއެއް ނުބީހޭނެ!

Loading

Facebook
Twitter
WhatsApp

ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ، ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ދޮންހަސަން ތަކުރުފާނުގެ ޚަތީބު ހުސައިން ތަކުރުފާނުގެ އަލްހާއްޖު އަބްދުއްރަހުމާން ހުސައިން ތަކުރުފާނުގެ އައިޝައިޚު ހުސައިން އަބްދުއްރަހުމާނުގެ ޑރ. މުހައްމަދު މުއިއްޒެވެ. އެ މަނިކުފާނަކީ އުތީމު ރަސް ހާންދާނަށް ނިސްބަތްވާ ބޭފުޅެކެވެ. އެއޯ ޕޯޗުގީޒުންގެ އަނިޔާވެރި އިސްތިއުމާރުގެ ވަކިތަކުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި އުތީމު ތިންބެއިންގެ ތެރެއިން ޝަހީދު އަލިތަކުރުފާނުގެ ސީދާ އައުލާދެވެ.

ޑރ. މުއިއްޒު ރާއްޖޭގެ އޮޑީގެ ހުންނާނުގައި ހިތްޕެވިއިރު، އެ އޮޑިވަނީ އެކި ދިމަދިމާއިން ފޫގޮސް ދިޔަވާން ފަށައިފައެވެ. ސަލާމަތުގެ އައްސޭރިއަށް ހޭރިޔާކުރުމަށް، ރައީސް މުއިއްޒަށް އޮތީ، ބިޔަ ކަނޑަކާއި، ރުޅިގަދަވެފައިވާ ރާޅު ބާނިތަކާއި އޮޔާ ދެކޮޅަށް ދަތުރުކުރުމެވެ. ފަޅައިގެން ގޮސްފައިވާ ރިޔަލުގެ ބާތައް އަލުން ބައްދައި ރިޔަލަށް ވައި އަޅުވައި، ފޫގޮސްފައި ހުރި ބާތަކަށް އުނގުރި ޖަހައި، ލޮނުން ފުރިފައިހުރި ވަތްތަކުން ދިޔަ ހިއްކައި، ސަލާމަތުގެ އައްްސޭރިއަށް، ދަތުރު ފެށުމެވެ. އެ ދަތުރު އިއްޔެ އެ މަނިކުފާނު އެވަނީ ރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރެއްވި ހިސާބުން ފައްޓަވާފައެވެ.

ރައީސް މުއިއްޒުގެ ދަތުރަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ އިގްތިސޯދީ ހާލަތެވެ. ރާއްޖޭގެ އިގްތިސޯދު މިއަދު މިއޮތީ ދުވަހު އަޑި ނާޅާ ވަރަށް އަޑި އަޅައިފައެވެ. މުއިއްޒުގެ ނަޒަރުންނަމަ ”ސިއްހީ ކުއްލި ފަރުވާއަށް“ ބޭނުންވެފައެވެ. ސަތޭކަ ނަވާރަ ބިލިއަނުން ރާއްޖެ މިއޮތީ ދަރާފައެވެ. އެއީ، މުޅި ރާއްޖެ ހަތަރު އަހަރު ދުވަހަށް ހިންގޭނެ ވަރުގެ އަދެދެކެވެ. ބިޔަ ބަރު ދަރަނިން ސަލާމަތްވުމަށް ރައީސަށް އޮތް ހިރާސް ބޮޑެވެ. ދަތުރުކުރަން ޖެހެނީ، އޮޔާ ދެކޮޅަށް ބާނި ގިނަ ކަނޑެއްގައެވެ. ސަމާލު ނުވެއްޖެނަމަ، މާ ކަނޑަށް އޮނޑި ފެތޭކަށް ދުވަސްތަކެއް ނުނަގާނެއެވެ. އެހެންކަމުން ރައީސަށް އޮތީ، ދަރަނިން ސަލާމަތްވުމަށް ހިތްވަރާއެކު މަސައްކަތް ކުރުމެވެ. އައު އިންވެސްޓްމެންޓްތައް ރާއްޖެ ގެނެސް ގައުމީ އުފެއްދުންތެރިކަން އިތުރުކުރުމެވެ. އެކަމަށް ރައީސްގެ އެންމެ ބޮޑު އަމާޒެއް އޮތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުކުރުމެވެ.

ރައީސް މުއިއްޒަކީ، ރާއްޖޭގެ ސަތަހަ ވަރަށް ރަނގަޅަށް ދަންނަ ބޭފުޅެކެވެ. ރާއްޖޭގެ ކަނޑުގައި ދަތުރުކުރަން ދަންނަ މާލިމީއެކެވެ. ތައުލީމީ ގާބިލް ބޭފުޅެކެވެ. ވިޝިނަރީ ބޭފުޅެކެވެ. އޭގެ އެންމެ ބޮޑު އެއް ދަލީދަލީ އެ މަނިކުފާނުގެ ގާބިލް ފަޅުވެރިންނެވެ. ރާއްޖޭގެ ތާރީހުގައިވެސް އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ހިމެނިވަޑައިގަންނަވާ ކެބިނެޓަކީ ރައީސް މުއިއްޒުގެ ކެބިނެޓެވެ. އޮތީ އިލްމާއި ހިލްމާއި ހުނަރާއި ގާބިލްކަން ތިބި ސިކުނޑި ތަކެކެވެ. މަސައްކަތް ދަންނަ އަތްތަކެކެވެ. މެޕަކާ ނުލައިވެސް ރާއްޖޭގެ ހުރިހާ ފަރަކާއި ހާހަލާއި ގިރިތައް ދަންނަ، އެތަންތަނަށް އުރުނަ ނުދީ އޮމާންކަމާއެކު ގައުމުގެ އޮޑި ގެންގޮސް، ފަސް އަހަރުގެ ރާސްތާ އަމާންކަމުގެ އައްސޭރިއަށް ބަނދަރުކޮށްދެވޭނެ ޓީމެކެވެ.

ރައީސް މުއިއްޒުގެ އަމާޒަކީ މުޅި ރާއްޖެ ތަރައްގީކުރުމެވެ. ބޯހިޔާވަހިކަމާއި މާލީ ދަތިކަމުން ސަލާމަތްވެފައިވާ ގައުމަކަށް ރާއްޖެ ހެދުމެވެ. ކުށް މަދު ދީނީ ކަންކަމަށް އަހުލުވެރި ގައުމެއް ބިނާކުރުމެވެ. ދިވެހީންގެ ރާއްޖެއެއް ހޯދައިދިނުމެވެ. ރާއްޖޭގެ ރަތް ރޮގު، ރަތް ކުލައިން ބޮޑުކޮށް ފަވާލުމެވެ.

Loading

One Response

  1. މިލިއުއްވުން ލިއުމެއްގެ ޒާތުގައި ވަރަށް ރަނގަޅެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ކިބައިގާ ހުރި ނުފިލާ އާދައެއްގެ ރަހަ ވަރަށް ގަދައެވެ. ރައީސް ޑރ. މުއިއްޒަކީ ވަރަށް ރަނގަޅު ލީޑަރަކަށްވެސް ވެދާނެއެވެ. ޑރ. މުއިއްޒު ހަވާލުވެ ވަޑައިގަތީ ގައުމަށް ޚިދުމަތްކުރެއްވާނެ ޚާދިމަކު ހޯދަން ރައްޔިތުން އިއުލާންކުރުމުން އެ އިއުލާނަށް ކުރިމަތި ލެއްވި ފަރާތްތަކުގެ ތެރެއިން ގިނަ ރައްޔިތުންގެ ރުހުން ލިބި ވަޑައިގަތުމުން އެ ޚިދުމަތް އަދާކުރެއްވުމަށެވެ. އެ ޚިދުމަތް އަދާކުރައްވަމުންގެންދަވަނީ ރައްޔިތުން ބޭނުންވާ ގޮތަށްތޯ ނުވަތަ ނޫންތޯ އެއީ މުސްތަގްބަލެވެ. އެކަން ސާބިތު ކޮށްދެއްވީމާ ތައުރީފް ކުރާނީއެވެ. އަޅުގަނޑުމެންގެ ކިބައިން ފިލުވާ ނުލެވިގެން މިއުޅެނީ ޚުޝާމަދު ކުރުމުގެ އާދަކާދައެވެ.. ވަކި ދަރިކޮޅަކަށް ނިސްބަތްވުމަކީ ކޮންމެފަހަރަކު ރަނގަޅު ނުރަނގަޅު މިނަން ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ.
    ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ޕީ. އެޗް. ޑީ. އާއި ހަމަޔަށް ކިޔަވައިގެން ތިއްބެވި ބޭފުޅުންނާއި ދީނީ އިލްމުވެރިން އެންމެ ގިނަ ގައުމެވެ. އެކަމަކު ގައުމު މިހާލަތަށް ވެއްޓިގެން ދިޔައިރު އެކަންތައް ހަމަޔަކަށް އަޅުވަން އެބޭފުޅުން ކުރެއްވި ކަމަކީ ކޮބައިތޯ ސުވާލު ކުރަމާ ހެއްޔެވެ ؟ ނުބައިކޮށް ހިނގަމުންދާ ކަންތައް ރަނގަޅުކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހުން ގޮނޑިއެއް ކޮންމެހެން ބޭނުމެއް ނުވެއެވެ. ދުނިޔެ އިސްތިއުމާރު ކޮށްގެންތިބި ބާރުތައް ބޭރުއަރުވާލީ ވަޒީރުންގެ މަޖިލީހުން ގޮނޑި ހޯދައިގެނެއް ނޫނެވެ. މިލިއުއްވުމުގައި އިޝާރާތް ކުރައްވާފައިވާ މިގައުމުގެ ބާނީ ޕޯޗުގީޒުން ތަޅާ ބޭރުކުރީ ވަޒީރުންގެ މަޖިލީހުގެ ގޮނޑި ބޭނުންކުރައްވައިގެނެއް ނޫނެވެ.
    މިއީ އަޅުގަނޑުގެ ވިސްނުމެވެ. އަޅުގަނޑު ދެކޭގޮތެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް