ޑޮނާލްޑް ޓްރަމްޕްގެ ދެކަނބަލުން ކޯވިޑް19 އަށް ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ފަސްޓް ލޭޑީ މެލައިނާ ކޯވިޑް19 އަށް ފައްސިވެއްޖެއެވެ. މިކަން ޓްރަމްޕް ވަނީ އޭނާގެ ޓްވިޓަރ އެކައުންޓްގައި ހާމަކޮށްފައެވެ. ޓްރަމްޕްގެ ޓްވީޓްގައި ބުނެފައިވަނީ ދެކަނބަލުން އެކީ މިކަމާއި ކުރިމަތިލައި، މިކަމުން ސަލާމަތްވާނޭ ކަމަށެވެ. އަދި މެލައިނާ ބުނެފައިވާ ގޮތުގައި އެދެމީހުން ގޭގައި އެކެހެރިވެފައި ތިބީ ހިތްހަމަޖެހިގެންނެވެ.

މިބަލީގައި އެމެރިކާއިން ދެލައްކައަށް ވުރެން ގިނަ މީހުން މަރުވެފައިވާއިރު، ޓްރަމްޕް ދަނީ މިއީ މާ ނުރައްކާތެރި ނޫންކަމެއް ކަމަށް ރައްޔިތުންނަށް ދައްކާ، އެޤައުމުގައި ކޯވިޑާއި ދެކޮޅަށް އަޅާ ފިޔަވަޅުތައް މަދުކުރުމަށް މަސައްކަތްކުރަމުންނެވެ.

ޓަރަމްޕް ފައްސިވީކަން މިއަދު ހާމަކޮށްފައިވާއިރު، އޭގެ ކުރިން އޭނާ ވަނީ އޭނާގެ ގާތުގައި އުޅޭ މީހެެއް ކަމުގައިވާ ހިކް ކޯވިޑަށް ފައްސިވީ ކަމާއި، ޓްރަމްގެ ދެކަނބަލުންގެ ސާމްޕަލް ނަގައިފާ ކަން ހާމަކޮށްފައެވެ. ހިކް އަކީ ޓްރަމްޕްގެ ކެމްޕޭން ދަތުރުތަކުގައިވެސް އެއްކޮށް އުޅުނު ފަރާތެކެވެ.

ސްޓެންފޯޑް ޔުނިވާސިޓީގެ ޑޮކްޓަރ ޖޭސޮން ވެންގް މިކަމާއި ބެހޭގޮތުން ބުނެފައިވަނީ އެކި މީހުންގެ ހަށިގަނޑުން ވައިރަހަށް އިޖާބަދެނީ އެކިގޮތަށް ކަމަށެވެ. ނަމަވެސް އާއްމުކޮށް އުމުރުން ދުވަސްވީ ފަރާތްތަކަށް ބަލީގެ ރިސްކް ބޮޑުކަމަށް ޖޭސޮން ބުނެފައިވެއެވެ. ޓަރަމްޕްގެ އުމުރުން 74 އަހަރުވެފައިވާ އިރު، އޭނާއަށް ބަލީގެ ރިސްކް ވަރަށް ބޮޑަށް އެބައޮތެވެ. ރިޕޯޓްތައް ބުނާގޮތުގައި ޓްރަމްޕަކީ އާއްމުކޮށް ކަސްރަތު ކޮށް އުޅޭ ފަރާތެއްވެސް ނޫނެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ބާކީ 33 ދުވަސް:

ޓްރަމްޕް ކޯވިޑް19 އަށް ފައްސިވެފައިވާއިރު، އޭނާ ކުރިމަތިލާފައިވާ އެޤައުމުގެ ރިޔާސީ އިންތިޚާބަށް 33 ދުވަހަށް ވަނީ ވެފައެވެ. ޓްރަމްޕަކީ ކޯވިޑްގެ މިހާލަތުގައިވެސް އެތައްހާސް ބަޔަކު އެއްކޮށްގެން ކެމްޕޭން ރެލީތައް ބާއްވާ، ކޯވިޑަށް ”މަލާމަތް“ ކުރަމުންދާ ފަރާތެކެވެ. ކޯވިޑްއަކީ ނުރައްކާތެރި ވައިރަހެއް ނޫންކަމަށް އޭނާ ދައްކަނީވެސް އޭނާގެ ސިޔާސީ މަންފާއަށް ޓަކައެވެ. ޓްރަމްގެ ވާދަވެރިޔާ ޖޮއެ ބިޑެންދަނީ އެޤައުމުގައި ބާއްވާ ޕޯލްތަކުގައިވެސް ޓްރަމްޕްގެ މައްޗައް ކުރި ހޯދަމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި ވައިޓްހައުސްއިންވަނީ ޓަރަމްޕް ކުރިޔަށް ރޭވާފައިހުރި ހުރި ކެމްޕެއިން ހަރަކާތްތައް ކެންސަލް ކޮށްފައެވެ. އޭގެ ތެރޭގައި ފްލޮރިޑާއަށް ކުރަންއޮތް ރަސްމީ ދަތުރުވެސް ހިމެނެއެވެ. ވައިޓްހައުސްގެ ތަރުޖަމާން ޖުޑް ޑީރޭ ބުނެފައިވަނީ ރައީސް ޓްރަމްޕް ކޯވިޑަށް ހުށަހެޅުން ހުއްޓުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. ނަމަވެސް ޓްރަމްޕްވަނީ ސިއްޙީ މާހިރުންގެ ބަހާއި ދެކޮޅަށް، މާސްކް އެޅުމަކީވެސް ބޭކާރު ކަމެއްގެ ގޮތުގައި އޭނާގެ ކެމްޕޭން ރެލީތަކުގައި ބުނެފައެވެ. މިކަމާއި ގުޅިގެން މިހާރުވެސް ތާޢީދު ކުޑަވެފައިވާ ޓްރަމްޕަށް އިންތިޚާބު ކާމިޔާބުކުރުމުގެ ފުރުސަތު ކުޑަވާނޭ ކަމަަށް ސިޔާސީ މާހިރުން ދަނީ ބުނަމުންނެވެ.

ޓަރަމްޕްގެ އިތުރުން ދުނިޔޭގެ ބޮޑެތި އެތައް ޤައުމެއްގެ ރައީސުން މިބައްޔަށް ފައްސިވެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް