މިނިވަންކަމާއި ސިޔާދަތީ ''ރަތް ރޮނގު'' ދަމައިލާނީ ފިސާރި ފަލަކޮށް: ރައީސް

Loading

Facebook
Twitter
WhatsApp

ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތީ “ރަތް ރޮނގު“ ދަމައިލާނީ ފިސާރި ފަލަކޮށް ކަމަށާއި ރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ގައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހައްދަވާނެކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު މަގާމުގެ ހުވާކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވީ ދިވެހި ގައުމުގެ ސިޔާސަތު ބިނާވާންވާނީ ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތުގެ މައްޗަށް ކަމަށާއި އެމަނިކުފާނަކީ ދިވެއްސެއް ކަމަށާއި ދިވެހި ރައްޔިތުން އަންނަނީ ލިސްޓުގެ އެއްވަނައަށް ކަމަށެވެ. އަދި އެހެން ގައުމެއްގެ ބަޔަކު އަންނާނީ އޭގެ ފަހަތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ސަރުކާރުން ގައުމުތަކާ ރަހުމަތްތެރިވާނެ ކަމަށާއި ހަތުރުވެރިކަމެއް ހަސަދަވެރިކަމެއް ނުބާއްވާނެ ކަމަށާއި އަވަށްޓެރިންނާއި ދުރު ހިސާބުތަކުގެ ގައުމުތަކަށް ވެސް އިހުތިރާމު ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“އެކަމަކު އަޅުގަނޑު އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން. އެއީ ކޮންމެ ގައުމެއްގައި ވެސް އޮންނާނެ ރަތް ރޮނގެއް. އޮންނަން ވާނެ ވެސް ރަތް ރޮނގެއް. އެހެން ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގަށް ދިވެހި ދައުލަތުން ފުރިހަމައަށް އިހުތިރާމު ކުރާނަން. ދިވެހި ދައުލަތުގެ ރަތް ރޮނގަށް ވެސް އެ ހައްގު އޮންނަން ވާނެ. އެކަމުގައި ކުޑައެއް ބޮޑެއް, ގާތެއް ދުރެއް ތަފާތުވެގެން ނުވާނެ. އިރާދަކުރެއްވިއްޔާ އެ ހައްގު ނިގުޅައިގަންނާކަށް އަޅުގަނޑު ފުރުސަތެއް ނުދޭނަން.“ ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ދިވެހިންނަކީ މިނިވަންކަމުގެ ދަރިން ކަމަށާއި ދޫނި އޭގެ ހާލި ބަލަހައްޓާ ފަދައިން ދިވެހިން މި އަންނަނީ މި ދިވެހި ލޮބުވެތި ފަސްގަނޑު މިނިވަންކަންމަތީ އެތައް ޒަމާނަކަށް ބަލަހައްޓަމުން ކަމަށެވެ. އަދި އެއީ ދިވެހި ރައްޔިތުން އެދޭ ގޮތް ކަމަށާއި ދިވެހީންގެ ނަފުސާއި ފުރާނައިގެ ނިންމުން ކަމަށާއި އެހެންކަމުން ރައްޔިތުންގެ އެ ނިންމުމަށް އަބަދުވެސް ކަމޭހިއްތަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“ހިމޭން ރީތި މިންގަނޑުގެ އެހީގައި އިރާދަކުރެއްވިއްޔާ ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ގައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނަން.“

ގައުމީ ހައިސިއްޔަތުން ބަލާއިރު ދިވެހި ގައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް އެމަނިކުފާނަށް ނެތްކަން ރައްޔިތުންނަށް ކަށަވަރުކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް