އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެންގުމާ އެއްގޮތަށް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ހުއްޓާލައިފިއެވެ.
ޕްލޭނިން މިނިސްޓްރީން މިގޮތަށް ނިންމާފައި މިވަނީ އެ މިނިސްޓްރީން ރޭގެ ވަގުތެއްގައި ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އާއްމުކޮށްފައި ވަނިކޮށް ފްލެޓު ދޫކުރުމުގެ މަސައްކަތް ހުއްޓާލުމަށް އޭސީސީން އަންގާފައި ވާތީއެވެ.
އެގޮތުން ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ މާލޭ ސަރަހައްދުން ފްލެޓް ދޫކުރުމަށް ސަރުކާރުން ހިންގާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތްތައް މި ވަގުތު ކުރިއަށް ނުގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.
އެހެންކަމުން އެ ސްކީމްގެ ދަށުން ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތާއި ގުޅިގެން އޭސީސީން ވަކި ގޮތެއް އަންގަންދެން ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.
އޭސީސީން، ޕްލޭނިން މިނިސްޓްރީއަށް މިގޮތަށް އަންގާފައި ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތަކެއް ޝަރުތުހަމަވާ ކަމަށް ކަނޑައަޅައި، އެފަރާތްތަކަށް ޕޮއިންޓް ދީފައިވާކަން ފާހަގަ ކުރެވިފައިވާތީ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އެ ސްކީމުގެ ދަށުން ފޯމްތައް އިވެލުއޭޓް ކުރުމުގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ބައެއް ފަރާތްތަކަށް ޕޮއިންޓްދީފައިވާ ކަމަށް އޭސީސީގެ ތަހުޤީގަށް ފާހަގަވެފައިވާ ކަމަށްވެސް މަޢުލޫމާތު ލިބިފައި ވެއެވެ. އެހެން ކަމުން އޭސީސީން ކަންކަން ބެލުމަށް ފަހު ވަކި ގޮތެއް ކަނޑައަޅަންދެން ފްލެޓުތައް ދޫކުރުމާ ގުޅޭ ހުރިހާ ކަމެއް ހުއްޓާލަން ހައުސިން މިނިސްޓްރީ އަށް ވަނީ އަންގާފައެވެ.