ސަލާމް ބުނަންޖެހޭ ކޮންމެ ފަހަރަކު ސެޓްފިކެޓް ގެންދަން ޖެހުން - މައްސަލައެއްތަ؟

Loading

Facebook
Twitter
WhatsApp

ސަލާމް ބުނަންޖެހޭ ކޮންމެ ފަހަރަކު ސެޓްފިކެޓް ގެންދަން ޖެހޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހު ހުޅައެޅުމާއި އެކު ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެގެން ދިޔައެވެ. މިމައްސަލާގައި ހިޔާލު ދެކަފިވެގެން ދިޔައެވެ.

މުވައްޒަފުން ބަލިވެގެން ސަލާމް ބުނާނަމަ، މެޑިކަލް ސެޓްފިކެޓް ހުށަހަޅަން އޮންނަ އުސޫލު ބަދަލުކުރުމަަށް، ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހުޅައެޅުމާއި އެކު ގިނަ ބަޔެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވެގެން ދިޔައީ ސިވިލް ސާވިޒް މުވައްޒަފުންނަށް އެކަން ތަކުލީފަކަށްވެގެންދާނެތީއެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 42 ވަނަ މާއްދާގެ (ށ) ބަދަލު ކުރަން ހުށަހަޅާފައިވާ ގޮތަކީ ”ބަލީގެ ބާވަތާއި އެބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނުކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓިފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން ނޫނީ، އެ މުވައްޒަފަކަށް ސަލާމަތުގެ ޗުއްޓީ ދިނުން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެންނެއް ނުވެއެވެ.“ މިފަދައިންނެވެ.

މި ހުށައެޅުމާއި އެކު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވަނީ ”އަޅުގަނޑުމެން ކޮންމެ ދުވަހަކު، އޮފީހަށް ނުދާ ކޮންމެ ދުވަހަކު ސަލާމުގެ ސެޓްފިކެޓް ހުށަހަޅަން ޖެހޭ ގޮތަށް ގާނޫނު އިސްލާހުކޮށްފި ނަމަ އޭގެ ނަތީޖާއަކަށް ވެގެން މިދަނީ ކިތަންމެ ކުޑަކުޑަކު ކަމަކާ ގުޅިގެން ވެސް ހޮސްޕިޓަލްތަކަށް ދާން ޖެހުން. އަަޅުގަނޑުމެންގެ މިހާރު ވެސް އޮލްރެޑީ އޯވަލޯޑްވެފައި އޮތް ހެލްތު ކެއާ ސިސްޓަމަށް އިތުރު ބުރަޔަކަށް މިކަން ވެގެންދާނެ.“ކަމަށެވެ.

ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ސަނީފް ވެސް ވަނީ މިއިސްލާހަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ”ރަށް ފުށުގެ ރަށްރަށުގައި ސިއްހީ ހިދުމަތަކީ ގިނަ ފަހަރު ޑޮކްޓަރަކު ވެސް ނުހުންނަ ރަށްތައް އެބަހުރި. އެހެންވީމާ ސަލާމުގެ ސެޓްފިކެޓް ހުށަހެޅުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތެއް ނޫން،“ ސަނީފް ވިދާޅުވެފަވެއެވެ.

އެހެންނަމަވެސް މަޖިލިސްގެ ގިނަ ބޭފުޅުންގެ ރާގު ހުރީ ސިވިލްސާވިސް މުވައްޒަފުން ނާޖާއިޒް ފައިދާ ނަގާކަމުގެ ޝަކުވާއެވެ.

”ދެ ދުވަސް އޮތުމުގެ ސަބަބުން ނާޖާއިޒް ގޮތުގައި ބައެއް ފަހަރު ބައެއް މުވައްޒަފުން ބޭނުންކުރާ ކަން އަޅުގަނޑު ފާހަގަކޮށްލަން. މިސާލަކަށް ހުކުރު ދުވަސް އަންނަ ކަމަށް ވަންޏާ ބުރާސްފަތި ދުވަސް ޗުއްޓީގެ ގޮތުގައި އެބަ ނަގާ. އެހެންނޫނީ އާދީއްތަ ދުވަސް އެބަ ނަގާ،“ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދުގެ ވިދާޅުވެފައިވެއެވެ.

ސަލާމް ބުނަންޖެހޭ ކޮންމެ ފަހަރަކު ސެޓްފިކެޓް ގެންދަން ޖެހުން މިއީ މައްސަލައެއްތޯ ނުވަތަ ނޫންތޯ މިއީ ކުރެވިދާނެ ބަހުސެކެވެ. ޔަގީންވާ ކަމަކީ މުވައްޒަފުންނަށް ތަކުލީފު ޖެއްސުމުގެ ބަދަލުގައި ދާއިމީ ހައްލެއް ގެނެސްގެން ނޫނީ ހަގީގީ މައްސަލައަށް ހައްލު ނުގެނޭނެކަމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް