އިސްރާއީލާ ދެކޮޅަށް ބެލްޖިއަމުން ފިޔަވަޅުއެޅުމަށް ޑެޕިއުޓީ ބޮޑުވަޒީރު ގޮވާލައްވައިފި

Loading

Facebook
Twitter
WhatsApp

އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލުތަކާއި ރެފިއުޖީ ކޭމްޕުތަކަށް ދިން ބޮމުގެ ހަމަލާތައް ކުށްވެރި ކުރައްވައި, ބެލްޖިއަމުން އިސްރާއީލާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކެއް ނިންމައި އެ މައްސަލަ ބަލަން ޖެހޭކަމަށް އެ ގައުމުގެ ޑެޕިއުޓީ ބޮޑުވަޒީރު ޕެޓްރާ ޑި ސަޓާ ވިދާޅުވެއްޖެއެވެ. 

”އިސްރާއީލާއި ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ. ބޮން އެޅުމަކީ އިންސާނިއްޔަތާ މުޅިން ޚިލާފުކަމެއް. ހަމަލާތައް ހުއްޓާލުމަށް އެދި ބައިނަލްއަޤްވާމީ ގޮވުންތަކަށް އިސްރާއީލުގެ މާބޮޑު ފަރުވާލެއް ނެތްކަން ވަރަށް ސާފު.“ ޑި ސަޓާ ވިދާޅުވިއެވެ. 

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަކީ މިދިޔަ އޮކްޓޫބަރު 7 ވަނަ ދުވަހު އިސްރާއީލުގެ ދެކުނުގެ ސަރަހައްދަށް އަރައި ހަމާސް އިން ދިން ހަމަލާގެ ބަދަލުގައި ދެމުން ގެންދާ ހަމަލާތަކެއް ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ. އެގޮތުން، އިސްރާއީލުން ބުނެފައިވާ ގޮތުގައި ހަމާސްގެ މުޖާހިދުން އެ ދުވަހު 1400 މީހުން މަރާލައި، 240 މީހަކު އަސީރުންގެ ގޮތުގައި ގެންގޮސްފައިވެއެވެ. 

ޑި ސަޓާ އިތުރަށް ވިދާޅުވީ ޔޫރަޕިއަން ޔޫނިއަނުން އިސްރާއީލާއެކު އިޤްތިޞާދީ އަދި ސިޔާސީ ކުރިއެރުމަށް މަސައްކަތް ކުރުމަށް އެކުލަވާލާފައި އޮންނަ އެއްބަސްވުންތައް މިހާރުން މިހާރަށް އުވާލަން ޖެހޭކަމަށާއި، ހިޞާރުކޮށްފައި އޮތް ފަލަސްތީނުގެ ބިމުގައި އުފައްދާ ތަކެތި އެތެރެކުރުން ހުއްޓާލައި، ހިޞާރުކުރި ފަރާތްތަކާއި، އެ ފަސްގަނޑަށް ވެރިވެގަނެގެން އުޅޭ މީހުންނާއި، ސިޔާސީ ފަރާތްތަކާއި، ސިފައިންނަށް އީޔޫއަށް ނުވަދެވޭ ގޮތް ހަދަން ޖެހޭކަމަށެވެ. 

ހަމައެއާއެކު، ޑި ސަޓާ ވަނީ ހަމާސްއަށް މާލީ އެހީ ދިނުމުގެ މަގު ބަންދުކުރުމުގެ އިތުރުން، ބޮން އެޅުމުގެ މައްސަލަ ތަހުގީގުކުރުމަށްޓަކައި ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓަށް ބެލްޖިއަމުން ދޭ މާލީ އެހީތެރިކަން އިތުރުކުރުމަށް ވެސް ގޮވާލާފައެވެ. 

”މިއީ ޓެރަރިސްޓް ޖަމާޢަތެއް. ބިރުވެރިކަން ފެތުރުމަކީ އަގުބޮޑު ވިޔަފާރިއެއް. މިފަދަ ޖަމާޢަތްތަކަށް ފައިސާދޭ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު ވަރުގަދަ ކުރަން ޖެހޭ.“ އޭނާ ވިދާޅުވިއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް