ހަނގުރާމާގައި އަހަރެމެން ބަލިވަނީ - ޔޫކްރެއިން

Loading

Facebook
Twitter
WhatsApp


އޭ. އެފް. ޕީ. އިން ޚަބަރު ދީފައިވާ ގޮތުގައި އިރުމަތީ ޔޫކްރެއިން ގައި ފިނިގަދަވެގެން ޔޫކްރެއިންގެ ސިފައިންނަށް ހަނގުރާމަ ކުރުން އުދަނގޫވެއްޖެ ކަމަށް ލަޝްކަރުގެ ވެރިން އިންޒާރު ދެމުން އެބަ ގެންދެއެވެ.

ހަނގުރާމައިގެ މައިދާނުގައި ހުރި އެންމެ ސީނިއަރ އޮފިޝަލް ހާމަކުރި ގޮތުގައި ރަޝިޔާއެކު ކުރަމުން ގެންދާ ހަނގުރާމަ މިޙާލަތުގައި ކުރިއަށް ނުގެންދެވޭނެއެވެ. މަޑުމަޑުން އަހަރެމެންނަށް ހަނގުރާމަ ނާކާމިޔާބު ވަމުންދާ ވާހަކަ އަހަރެން މިގެންދަނީ ބުނެދެމުންނެވެ.

މިގޮތަށް ދުވަސްތައް ދިޔަވަރަކަށް އަހަރެމެންނަށް ލިބޭ ގެއްލުން ދާނީ ބޮޑުވަމުންނެވެ. އޭ. އެފް. ޕީ. އަށް ފޯނުން ދިން އިންޓަރވިއު އެއްގައި އޭނާކިޔާދިނެވެ. ޔޫކްރެއިންގެ އިރުމައްޗާއި ދެކުނުގައި ޙަރަކާތްތެރި ވަމުން ގެންދާ ލަޝްކަރުތަކުން އެންމެ ފިޔަވަޅެއްވެސް ކުރިއަކަށް ނޭޅެއެވެ. ހަމައެއާއެކު އަބަދުމެ އޮންނަނީ ރަޝިޔާގެ ޙަމަލާތަކާ ކުރިމަތިލާން ޖެހިފައެވެ.                                     

ޔޫކްރެއިންގެ ހަނގުރާމާގައ ކުރިމަގު ބަންދުވެފައިވާ މަގަކަށް ނިކުމެވިއްޖެ ކަމަށް ބުނެ ހަނގުރާމައަށް ވަމުންދާ ގޮތެއް ބަލަންތިބި އޮބްޒާރވަރުންނަށް ޖެނެރަލް ވޭލަރީ ޒަލޫޒްނީ އޮޅުންފިލުވާ ދިނުން ވެގެން މިދިޔައީ ވަރަށް ބޮޑަށް ޙައިރާން ކުރުވަނިވި ބަޔާނަކަށެވެ.

އިނގިރޭސި ވިލާތުގެ އިކޮނޮމިސްޓް މަޖައްލާ އަކަށް އޭނާ ހާމަކޮށްދިން ގޮތުގައި  މިފަހަރުވެސް މިދިމާވީ ހަމަ ފުރަތަމަ ބޮޑު ހަނގުރާމައިގާވެސް ދިމާވިގޮތެވެ. 

ކުރިޔަށް ދެވިދާނެ ގޮތެއް ފެންނާކަށް ނެތެވެ. ހުޅަނގުން ފޯރުކޮށްދީފައި ހުރި ޒަމާނީ ހަތިޔާރުތަކުގެ ފުނިވަރާއެކުވެސް ޖެނެރަލްގެ ބަޔާނުން ޔޫކްރެއިންގެ ލަޝްކަރުތަކަށް ގަނޑުފެން އެޅިގެން ދިޔަ ކަހަލައެވެ.

އެހެންނަމަވެސް ޔޫކްރެއިނުން މީގެ ކުރިން އަތުލާފައިވާ ސަރަޙައްދެއްގައި ރަޝިޔާގެ ސިފައިންނާއި އެކު ހިނގަމުންދާ ކުރިމަތިލުން ތަކުގައި ޔޫކްރެއިންގެ ސިފައިންނަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބެމުންދާކަން ބެލެވިދާނެއެވެ. 

ޖެނެރަލް ޒަލޫޒްނީގެ ވާހަކައާ ގުޅޭގޮތުން ޔޫކްރެއިންގެ ވަރަށް އިސް އޮފިޝަލަކު ބުނެފައިވަނީ ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމަ ކާމިޔާބު ކުރުމަށްޓަކައި ޔަގީނުންވެސް އެހެން ގޮތްތަކެއް ރާވަން ޖެހިއްޖެ ކަމަށެވެ.

ހަނގުރާމާގައި ދަތި ދުވަސްތަކެއް ކުރިމަތި ވެއްޖެކަމަށް ޔޫކްރެއިންގެ ޕްރެޒިޑެންޝަލް އެއިޑް މިޚައިލޯ ޕޮޑޯލިޔަކްވެސްވަނީ އެއްބަސްވެފައެވެ. ހަމައެއާއެކު ޔޫކްރެއިންގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ އެންމެ އިސްވެރިޔާވެސް ބުނެފައިވަނީ ހަނގުރާމަ ކުރިއަށް ގެންދިއުމަށްޓަކައި އެހެން ވިސްނުން ތަކެއް ގެންނަން ޖެހިއްޖެ ކަމަށެވެ. 

ޔޫކްރެއިނުން މިހާރު ބުނަމުން ގެންދަނީ ރަޝިޔާއަށް ހަނގުރާމަ ކާމިޔާބު ނުކުރެވޭނެ ކަމަށާއި ޔޫކްރެއިނަށް ނާކާމިޔާބުވެސް ނުލިބޭނެ ކަމަށެވެ. އެހެން ގޮތަކަށް ބުނާނަމަ އެއްވެސް ބަޔަކަށް ގޯލެއް ނުޖެހި މެޗް ނިމޭނީއެވެ.

ޒަލޫޒްނީގެ ވާހަކަތަކަށް ޔޫކްރެއިންގެ އާންމު ރައްޔިތުންގެ ބޮޑު ތަރްހީބެއް ވަނީ ލިބިފައެވެ. ހަނގުރާމަ ހިނގަމުންދާ ގޮތުގެ ތެދު ޙަގީގަތް ހާމަކުރީތީއެވެ. ރައްޔިތުންގެ އެދުމަކީ ސިޔާސީ ފަރާތްތަކުން މިޙަގީގަތް ގަބޫލުކޮށްގެން ގައުމުގެ ކުރިމަގު ބިނާކުރުމެވެ. އާންމު ރައްޔަތުން ދެކޭގޮތުގައި ޔޫކުރެއިން އާއި ރަޝިޔާ އަކީ އެއްބައެކެވެ. ތިމާގެ މީހުން ދެގައުމުގައިވެސް ބައިވަރު ކަމަށެވެ.                                           

ބަޚްމޫތު ސަރަޙައްދުން ސިފައިންގެ މީހަކު ކިޔާދިން ގޮތުގައި އެމީހުންނަށް ލިބިދީފައިހުރި ތަމްރީނުން އެއްވެސް އެއްޗެއް ނޭގެއެވެ.

ބޭނުންކުރާނެ ހަތިޔާރެއް ނެތެވެ. ރަޝިޔާގެ ދިފާޢު ފޫއަޅުވާލުމަށް ޓަކައި ކޮންމެހެން ބޭނުންވާ އެފް-16 މަރުކާގެ ހަނގުރާމަ މަތީ ބޯޓުފަހަރާއި ދުރުރާސްތާ މިސައިލް ލިބޭތޯ ޔޫކްރެއިން ސަރުކާރުން ހުޅަނގަށް އާދޭސް ކުރަމުންގެންދާތާ އެތައް ދުވަހެއް ވެއްޖެއެވެ. 

އަދިވެސް ލިބޭގޮތްވެފާ ނެތްކަމަށެވެ. އަހަރެމެން މިތިބީ ހަތިޔާރުގެ ގޮތުން ބަނޑަށް ޖެހިފައެވެ. ބައެއް އާންމު ރައްޔިތުން ބުނަމުން ގެންދަނީ މަރުވެގެންދިޔަ ސިފައިންނާއި އާންމުން އަދި ވިރާނާވެގެން ދިޔަ ޢިމާރާތްތަކާއި މީހުންގެ ދިރިއުޅުން އެއްވެސް އަގެއްނެތް އެއްޗަކަށްވެ ބޭކާރުވެގެން ދިޔައީއެވެ. ކުރިއަށް އޮތްތަނުގައި ގައުމާދޭތެރޭ ވިސްނާނެ ކަމަށް އުންމީދު ކުރާނެ ކަމަށެވެ. ގައުމަކީ ވަކި ޢާއިލާއެއް ނޫނެވެ. ގައުމަކީ މިގައުމުގެ ހުރިހާ ރައްޔިތުންނާއި އެމީހުންގެ މިލްކިއްޔާތެވެ.

ހަނގުރާމައާދޭތެރޭ ރަޝިޔާގެ ބަސް ވަރަށް ތަފާތެވެ. ރަޝިޔާއިން ބުނަމުންގެންދަނީ ހަނގުރާމަ ކުރަންވީގޮތް އެނގޭކަމަށާއި އަދި ހަނގުރާމަ ކާމިޔާބުވެސް ކުރާނެކަމަށެވެ. އަހަރެމެން ހަނގުރާމަ ކުރަމުން މިގެންދަނީ ރޭވުންތެރިކަމާއި އެކުގައެވެ.                                                            

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް