ބަޑި ބުރާސްފަތީގެ ''މުގޫ'' މި މަހު 27 ގައި މިނިވަން ވަނީ

Loading

Facebook
Twitter
WhatsApp

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ “މުގޫ“ ކަމަށްވާ ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީއަށް ކޮށްފައިވާ ޖަލު ހުކުމް ތަންފީޒުކޮށް ނިމި, މި މަހުގެ 27 ވަނަ ދުވަހު މިނިވަންވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ބުނެފިއެވެ.

1988 ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާ ނުވަތަ “ބަޑި ބުރާސްފަތީ“ ގެ ހާދިސާއާ ގުޅިގެން ލުޠުފީގެ މައްޗަށް ފުރަތަމަ އިއްވީ މަރުގެ ހުކުމެވެ. ނަމަވެސް އޭރުގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އެ އަދަބު ލުއިކޮށްދެއްވައިި 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލު ކުރެއްވިއެވެ. މި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި, 2010 ޖެނުއަރީ 16 ގައި ލުޠުފީ ބޭސްފަރުވާއަށް އިންޑިއާއަށް ފޮނުވުމުން ފިލިއެވެ.

ފިލައިގެން އުޅުމަށްފަހު 2019 މެއިި 01 ގައިި ލުޠުފީ އަމިއްލައަށް ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ހަވާލުވީ, އޭރު އެ ގައުމުގައި ހިނގި ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން ވިސާ ނެތް މީހުންނާމެދު ވަރަށް ހަރުކަށިކޮށް އަމަލުކުރަމުންދާތީ އެކަމާ ގުޅިގެންނެވެ. އެއާއެކު އެ އަހަރުގެ ޖުލައިމަހުގެ 9 ވަނަ ދުވަހުގެރޭ ލުޠުފީ ރާއްޖެ ގެނައެވެ.

ލުޠުފީ ރާއްޖެ ގެނައުމަށްފަހު, 2021 މާޗު 10 ގައި އޭނާގެ މައްޗަށް 07 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. އެއީ އޭނާ ފިލިކަމުގެ ދައުވާއަށް އިއުތިރާފުވުމުންނެވެ.

ކަރެކްޝަނުން ބުނީ ނޮވެމްބަރު 3 ގެ ބަޣާވާތާ ގުޅިގެން ލުޠުފީގެ މައްޗަށް ކުރި 25 އަހަރުގެ ހުކުމް މިދިޔަ ޖޫން މަހު ތަންފީޒުކޮށް ނިމިފައިވާ ކަމަށާއި, ލުޠުފީ މިހާރު ތަންފީޒު ކުރަމުންދަނީ އޭނާ ފިލި މައްސަލައިގައި ކުރި ހުކުމް ކަމަށެވެ. އަދި މި މަހުގެ 27 ވަނަ ދުވަހު އެ ހުކުމް ތަންފީޒުކޮށް ނިމި މިނިވަންވާނެ ކަމަށެވެ.

ލުޠުފީއަކީ ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އެންމެ އިސް މީހާއެވެ. މި ހަމަލާ ދިނުމުގައި ދިވެހިންގެ ތެރެއިން ބައިވެރިވި ބާޣީންގެ ތެރޭގައި, ސ.ހިތަދޫ/ޕެރިސްހޮލިޑޭ, އަޙްމަދު ނާޞިރާއި, ސ.ހިތަދޫ/ޒަމާނީގެ, ޢަބްދުﷲ ޝާހިދާއި, ހ.ކަރޯގެ, ޢައްބާސް އިބްރާހީމް (ކަރޯ އައްބާސް), މ.ދުއްލިސާގެ, އިބްރާހިމް ނަޢިމާއި (ޕައިލޮޓް ނަޢީމް), މ.ދީފުރަމްއާގެ, ސިއްކަ އަޙްމަދު އިސްމާޢީލް މަނިކާއި, މއ.ތިނަދޫގެ, ޢުމަރު ޖަލާލު ހިމެނެއެވެ.

ލަންކާގެ “ޕްލޮޓް“ ޖަމާއަތާއި ގުޅިގެން އެ ދުވަހު ދިން ހަމަލާގައި 19 ދިވެހިން ޝަހީދުކޮށްލިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް