ޓައިމް މަޖައްލާއިން ހާމަކޮށްފައިވާ ގޮތުގައި ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައަކީ ހުޅަނގުން ކުޅޭ ކުޅިވަރެއް ކަމަށާއި އެމަނިކުފާނަށްވެސް އެންމެފަހުން ލަނޑުދީފި ކަމުގެ އިޙުސާސްތަކެއް ކުރެވެން ފަށާއިފިކަމަށް ރައީސް ޒެލެންސްކީ ވާހަކަފުޅު ދައްކަވައިފިއެވެ.
އޭނާގެ ވާހަކަފުޅުގައި މީގެކުރިން އެމެރިކާއާއި ހުޅަނގުގެ އެހެން ގައުމުތަކުން އެމަނިކުފާނަށް ދެމުންގެންދިޔަ ތާއީދާއި ސަމާލުކަން މިހާރު ނުލިބޭ ކަން ވިސްނި ވަޑައިގެންފިކަން ޓައިމްސް މަޖައްލާއަށް ވިދާޅުވިއެވެ.
އެމަނިކުފާނުގެ އެންމެ އަރިހުގައި އުޅުއްވާ ބޭފުޅުންނަށްވެސް މިކަން ފާހަގަކުރެވި ރައީސް ޒެލެންސްކީ މިހާރު ހުންނަވަނީ ވަރަށްބޮޑަށް މާޔޫސްވެ ވަޑައިގެންފައިކަން ފާހަގަކުރައްވައި ރަޝިޔާއާއި ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމަ ކާމިޔާބު ކުރެވިދާނެ ކަމާއިދޭތެރޭ ކަންބޮޑުވެ ވަޑައިގެންފައިވާ ޙާލުކޮޅެއްގައެވެ.
ރައީސް ޒެލެންސްކީ މި ހުސްވިމަހު ވޯޝިންގްޓަނަށް ކުރެއްވި ރަސްމީ ދަތުފުޅުގައި އެމަނިކުފާނާއި އެމަނިކުފާނުގެ މުޝީރުން ޓައިމް މަޖައްލާއަށް ވާހަކަފުޅު ދައްކަވަމުން ފާހަގަކުރެއްވި ގޮތުގައި މިދިޔަ ޑިސެމްބަރުމަހު ރައީސް ޒެލެންސްކީ ވޯޝިންގްޓަނަށް ވަޑައިގަތުމުން ލިބިވަޑައިގެންނެވީ ބަތަލެއްގެ މަރުޙަބާ ކިއުން ކަމަށާއި އެކަމަކު މިފަހަރު ލިބިވަޑައިގަތީ ކޮރަޕްޓް ގައުމެއްގެ ވެރިއަކަށް ލިބޭނެ ލަގަބު ކަމަށާއި އަދި ކެޕިޓަލް ހިލްއަށް ވަނުމުގެ ހުއްދަވެސް ލިބިވަޑައިނުގެންނެވި ކަމަށެވެ.
ޔޫކްރެއިނަށް ބޭނުންވާ ކޮންމެ އެހީއެއް މެދުނުކެނޑި އަބަދާ އަބަދު ލިބިލިބި ހުންނާނެކަމަށް އެތައްފަހަރަކު މި ހަނގުރާމަ ފެށުމުގެ ކުރީން ރައީސް ބައިޑަން ވަޢުދުވެ ވަޑައިގެންފައި ވެއެވެ.
ނަމަވެސް ރައީސް ޒެލެންސްކީ އެނބުރި ވޮޝިންގްޓަނުން މިފަހަރު ގައުމަށް ވަޑައިގެންނެވިތާ ދިހަ ދުވަސް ފަހުން ލިބިވަޑައިގެންނެވި މި ޚަބަރަކީ މިހާރު ދީފައި އޮތް 6 ބިލިއަން ޑޮލަރަށް ވުރެން އިތުރު އެހީއެއް ދެވެން ނެތް ކަމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ނިންމެވި ޚަބަރެވެ.
ޓައިމްސް މަޖައްލާގެ ފަލަ ސުރުޚިއަކަށް ވެފާއޮތީ ހަނގުރާމަ ކުރެވޭނެ ގޮތެއް ނުދައްކާ ހަމައެކަނި ސަލާމަތް ވެވޭ ވަރު ކޮށްދީފައި ހުޅަނގުގެ ބައިވެރިން ޒެލެންސްކީއަށް ލަނޑު ދީފި ކަމަށެވެ.
މީގައި އެންމެ ނުރައްކާތެރި ކަމަކީ ރަޝިޔާއާއި ޔުކްރެއިންގެ ހަނގުރާމައަށް މުޅިދުނިޔޭގެ ލޯތަށް ތަންމިނަށް ހުޅުވައިގެން ބަލަމުން ގެންދާ ދުވަސްވަރެއްގައި ގޮނޑުދޮށަށް ކައިރިވަމުން އަންނަ ރާޅެއްގެބާރު މަޑުމަޑުން ކުޑަވަމުންދާ ގޮތަށް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ވަރުބަލިވަމުން ގޮސް އިތުރު އެހީ ދެވެން ނެތަކަމަށްބުނެ އަތް އުރާލައިގެން ތިބޭ ތަން ފެނުމެވެ. އެމީހުންނަށް މިއީ ކުޅޭ ކުޅިވަރަކަށް ވިޔަސް ދެވަނަފަހަރު މިގޮތަށް ދިމާވުން އަހަރެންނަށް އެކަންގަބޫލެއް ނުކުރެވޭނެކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
ޔޫކްރެއިންގެ ކައުންޓަރ އޮފެންސިވް ކާމިޔާބުނުވެ ބޮޑެތި ގެއްލުންތަކެއް ޔޫކްރެއިނަށް ލިބެމުންދާކަން ފާހަގަކޮށް ޓައިމްސް އިން ދެންނެވުމުން ރައީސް ޒެލެންސްކީ ވިދާޅުވީ މަސައްކަތް މިކުރަނީ ކާމިޔާބު ލިބޭނެ ކަމުގެ އުންމީދުގައި ކަމަށެވެ.
ރަޝިޔާގެ އަންދާޒަށް ބަލާއިރު މިދިޔަ ޖޫން މަހުންފެށިގެން މިހާތަނަށް ޔޫކްރެއިން ނުވަދިހަ ހާސް ސިފައިން ވަނީ މަރާލާފައެވެ. ރައީސް ޒެލެންސްކީގެ ވަރަށް އަރިސް ބޭފުޅަކު ވިދާޅުވީ އަހަރެމެންނަށް މިއޮތީ މުޅިން އޮޅުވާލާފައި ކަމުގައެވެ.
އަހަރެންނަށް ކާމިޔާބެއް ނުލިބެއެވެ. އެކަމަކު އަހަރެމެން ގަދައަޅާ މަސައްކަތްކުރަމުން މިގެންދަނީ ކާމިޔާބު ރަޝިޔާ ބަލިކުރުމަށެވެ. އަހަރެމެންނަށް އެހެންގޮތެއްވެސް ފެންނާކަށް ނެތެވެ. ރަޝިޔާއާއެކު ސުލްހައިގެ ވާހަކަތަކަށް ދާކަށް އަހަރެމެން ދެން މިހާރަކު ބޭނުމެއް ނޫނެވެ.
ފަލަސްތީން އާއި އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އަހަރެމެންނަށް އަޅާލުން ވަރަށް ކުޑަވެއްޖެ ކަމަށް އޭނާ ބުނެފާވެއެވެ. ވާނީވެސް އެހެންތާއެވެ. އިސްރާއީލު ހިމާޔަތް ނުކޮށް އެމެރިކާއަށް ކުރެވޭނެ އެހެން ކަމެއް ނޯންނާނެއެވެ.
ޔޫ. އެސް. ގެ ހައުސް ސްޕީކަރ މައިކް ޖޯންސަން ވަރަށް ސާފުބަހުން ބުނެފައިވަނީ ޔޫކްރެއިން އޮތްގޮތަށް ބާއްވާފައި ޕެންޓަގަނުން އިސްރާއީލަށް ހުރިހާ މިލިޓްރީ އެހީއެއް ފޮނުވުމަށް ފާސްކޮށްފައި ވާކަމަށެވެ. މައިކް ޖޯންސަން އިތުރަށް ވިދާޅުވެފައިވަނީ ޔޫކްރެއިނަށް އެހީވުމަށްވުރެން އިސްރާއީލަށް އެހީވުން މާބޮޑަށްވެސް މުހިންމު ކަމަށް ޔޫ. އެސް. ހައުސްއިން ފާސްކޮށްފައި ވާކަމަށެވެ.
ރައީސް ޒެންސްކީ ވިދާޅުވީ އެއީ ހަމަވާނެގޮތެވެ. އަހަރެމެންނަށް ކޮންމެގޮތެއް ވިޔަސް އިސްރާއިލު ރައްކާތެރިކުރަން އެމެރިކާއާއި ހުޅަނގަށް މަޖުބޫރެވެ. އެމީހުން ދިން ފޮނި އުންމީދުތަކާއި ހިތްވަރާއި އަދި ނޭޓޯގެ މެމެބްރަކަށް ހަދައިދޭން ވެފައިވާ ވަޢުދުތަކާއި އެ ހުރިހާ ގެއްލުމެއް މި ލިބުނީ ޔޫކްރެއިނަށެވެ.
One Response
ތިޔައީ އާކަމެއްނޫން. އަހަރެމެންގެ ހަޔާތުގައިވެސް ތިޔަކަހަލަ އެތައް ވައުދެއް އުވާލިތަން ފެނިއްޖެ. ވިއެޓްނާމް ކިޔާގަމުކަށް ހެޔޮ އެދިގެން އެތަން ފުނޑާލީ. އިރާގުގެ ރައޔިތުންނަށް ޑިމޮރެސީ ގެނެސްދޭންވެގެން އެގައުމު ބިމާހަމަކޮށްލީ. ލީބިޔާގެ ރައްޔިތުން ކާނަލް ގައްޒާފީގެ އަޅުވެތިކަމުން ރައްކާތެރިކޮށްދޭންވެގެން އެ ގައުމުގެ ރައްޔިތުންނަށް ކޮޅުކެހިދިނީ. އަފްޣާނިސްތާނުގެ ރައްޔިތުންނަށް މިނިވަން ދިރިއުޅުމެއް ގެނެސްދިނުމުގެ ނަމުގައި އެ ގައުމު ވީރާނާ ކޮށްލީ. މިއީ އަދި ކުޑައެތިކޮޅެއް.