ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލާގައި ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ތާވަލްކޮށްފިއެވެ.
އެގޮތުން މި މަހުގެ ހައެއް ވާ ހޯމަ ދުވަހު ހެނދުނު 10:00 ގައި އެ މައްސަލަ ބާއްވަން ޝެޑިއުލްކޮށް މިހާރު ވަނީ އެ އަޑެހުމަށް ޗިޓް ފޮނުވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުދާ ކަމަށް ބުނެ މި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ އޮކްޓޯބަރު 29 ވަނަ ދުވަހުއެވެ. އަދި މި މައްސަލަ ސްޕްރީމް ކޯޓުން ބަލައިގަނެފައި ވަނީ 30 ވަނަ ދުވަހުއެވެ.
މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ބުނަމުން އަންނަނީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް އެ ޕާޓީން ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގައި އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އެމްޑީޕީއިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ. މީގެ އިތުރުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދެއްވުމަށްވެސް އެމްޑީޕީއިން ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ އެދިފައެވެ.