ކައުންސިލްތަކަށް އިދާރީ މުވައްޒަފުން ނެގުމުގެ ހުއްދަ ދީފި

Loading

Facebook
Twitter
WhatsApp

ކައުންސިލް ތަކުގެ އިދާރާތަކުގެ ހުސްކޮށް ހުރި މަޤާމުތަކަށް މުވައްޒަފުން ނެގުމުގެ ހުއްދަ ސިވިލް ސަރވިސް ކޮމިޝަނުން ދީފިއެވެ.

ކައުންސިލް އިދާރާތަކުގެ ހުރި ހުސް މަޤާމުތަކަށް މުވައްޒަފުން ނެގުމާއި، އިދާރާތަކުގައި އައު މަޤާމު އުފައްދުން ވަޤުތީ ގޮތުން މަޑުޖައްސާލުމަށް ސިވިލް ސަރވިސް ކޮމިޝަނުން އަންގާފައި އޮތް އެންގުން އުވާލައި، އިދާރީ މުވައްޒަފުން ހޯދުމުގެ ހުއްދަ އަލުން ދޭން ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ކައުންސިލް އިދާރާތަކުގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލުންނާއި، ޒިންމާދާރު ވެރިންނަށް ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ކައުންސިލްގެ އިދާރީ އޮނިގަނޑުގައި ހުރި ހުސް މަޤާމުތަކަށް މުވައްޒަފުން ނެގުމާއި، އިދާރާތަކަށް ބޭނުންވާ އައު މަޤާމުތަށް އުފައްދައިދިނުން ވަގުތީ ގޮތުން މިއަހަރުގެ ފެބްރުއަރީ 06 ވަނަ ދުވަހު ހުއްޓުމަކަށް ގެނައި ސަރކިއުލާ ނިމުމަކަށް ގެންނަން ސިވިލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހޯދަންޖެހޭ ހުއްދައާއި މާލިއްޔަތާބެހޭ ސަރކިއުލަރގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސުން ހޯދަންޖެހޭ ހުއްދަ ހޯދުމަށް ފަހު، ކައުންސިލްގެ އިދާރާތަކުގެ މަޤާމުތަކަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދެވުމަށް ސިވިލް ސާވިސް ކޮމިޝަންގެ ސިޓީގައި އެދިވަޑައިގެންފައި ވެއެވެ.

ކައުންސިލްތަކަށް އިދާރީ މުވައްޒަފުން ހޯދުމުގެ ހުއްދަ ސިވިލް ސަރވިސް ކޮމިޝަނުން އަލުން ދެއްވިއިރު ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤުތިޞާދު ދަށްވެ ދައުލަތަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް މަދުވެފައިވެއެވެ. ނަމަވެސް ދައުލަތުގެ ޚަރަދުތައް ފާއިތުވި އަހަރަށްވުރެ މަދުވަމުން ނުދާތީ އިޤުތިޞާދީ ދާއިރާގެ ތަޖުރިބާކާރުން ގެންދަވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް