''ނަޝީދުގެ މައްސަލަ ނުނިމި އޮތުމަކީ މުޢިއްޒު ހުވާކުރުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް އޮތް ހުރަހެއް ނޫން''

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކޮންމެ ސަބަބަކާހުރެ ނަމަވެސް ނުނިމި އޮތުމަކީ އިންތިޚާބީ ރައީސް މަގާމުގެ ހުވާކުރެއްވުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް އޮތް ހުރަހެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދު ﷲ ދީދީ ވިދާޅުވެއްޖެއެވެ.

ނަޝީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީއިން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ އަންނަ އާދިއްތަ ދުވަހަށް މަޖިލީހުގެ އިދާރާއިން ވަނީ އެޖެންޑާކޮށްފައެވެ.

އެމްޑީޕީގެ މެންބަރުން ވަނީ ނަޝީދުގެ މައްސަލައިގައި ގޮތެއް ނުނިމެނީސް މަޖިލީހުން ކުރިއަށްގެންދާ އެއްވެސް ކަމަކަށް އެއްބާރުލުން ނުދެއްވާނެ ކަމަށާއި މުޢިއްޒު ކުރައްވާ ހުވަޔަކީ ސައްހަ ހުވައެއް ކަމަށް ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މިކަންކަމާ ގުޅިގެން ޑރ.އަޙްމަދު ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 114 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވައިކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާޔަކީ އެ މަޖިލީހުގެ ހިންގުމުގެ ގަވާއިދާ އެއްގޮތަށް ސައްހަ އިޖުރާއާތުގެ ދަށުން ބާއްވާ ޖަލްސާޔަކަށް ވާންވާނެ ކަމަށެވެ. އަދި އެ ޖަލްސާއަށާއި ޖަލްސާގެ އިޖުރާއާތަށް ހުރަސްއެޅުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވާ ކަމަށް ވެސް ޑރ.އަޙްމަދު ވިދާޅުވިއެވެ.

ޑރ.އަޙްމަދު ވިދާޅުވީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ރ)، (ބ)، (ޅ)، (ކ) އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ކަމާބެހޭ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ފާސްކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިގެންވާ ދުސްތޫރީ ބާރެއްކަމުގައިވާއިރު އެކަމަށް ހުރަސްއެޅުމުގެ ގާނޫނީ ހައިސިއްޔަތެއް އެއްވެސް ފަރާތަކަށް ލިބިގެންނުވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާބެހޭ ގޮތުން ބާއްވާ މަޖިލީހުގެ ޖަލްސާ މަޖިލީހުގެ ނާއިބު ރައީސްގެ ރިޔާސަތުގައި ނުވަތަ އެ ނޫން ވެސް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ބާރު މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް ލިބިގެންވާ ފަރާތެއްގެ ރިޔާސަތުގައި ކުރިއަށް ގޮސްގެން މެނުވީ ގާނޫނާ އެއްގޮތަށް އޮމާންކަމާއެކު މަޖިލީހުގެ އިޖުރާއާތު ކުރިއަކަށް ނުދާނެ ކަމަށް ވެސް ޑރ.އަޙްމަދު ވިދާޅުވިއެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު މެންބަރުން ސޮއިކޮށް މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު މަޖިލީހަށް ހުށަހަޅައި ކަނޑައެޅިފައިވާ އިޖުރާއާތުގެ ދަށުން އެ މައްސަލަ މަޖިލީހުގައި ތާވަލުކުރުމަށްފަހު މަޖިލީހުގެ އެއްވެސް ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބެލެހެއްޓުމަކީ ޕާރލަމެންޓަރީ ޕްރެކްޓިސްތަކާ ޚިލާފުކަމެއް ކަމަށެވެ. ސަބަބަކީ މަޖިލީހުގެ އަޣުލަބިއްޔަތު މެންބަރުންގެ އިތުބާރު އަމަލީ ގޮތުން ގެއްލިފައިވާ ފަރާތެއް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަކީ މަޖިލީހުގެ އޮތޯރިޓީއާއި ނިންމުންތަކަށް އުނިކަން ލިބިގެންދާނެ ކަމަކަށް ވާތީކަމަށް ޑރ.އަޙްމަދު ވިދާޅުވިއެވެ.

“ރައްޔިތުންގެ މަޖިލީހުގައި މިހާރު ތާވަލުކުރެވިފައިވާ އެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ކޮންމެ ސަބަބަކާހުރެ ނަމަވެސް ނުނިމި އޮތުމަކީ 17 ނޮވެމްބަރ 2023 ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ރައީސްކަމަށް އިންތިޚާބު ކުރެވިފައިވާ އިންތިޚާބީ ރައީސް މަގާމުގެ ހުވައިކުރުމަށް ބާއްވާ ރައްޔިތުންގެ މަޖލީހުގެ ޖަލްސާ ގާނޫނުއަސާސީއާއި ގާނޫނީ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބޭއްވުމަށް އޮތް ހުރަހެއް ނޫން.“ ޑރ.އަޙްމަދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު އެ ގަރާރާމެދު ގޮތެއް ނިންމުމުގެ ކުރިން މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ގޮތެއް ނިންމުމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 205 ވަނަ މާއްދާގެ (ރ) ތަންދޭ ކަމެއް ނޫނެވެ. އަދި ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ ދަށުން ހުށަހެޅޭ ކަންތައްތަކާ ގުޅިގެން ވެސް މަޖިލީހަށް ގޮތެއް ނިންމޭނީ ހުށަހެޅިފައިވާ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ފަހުގައެވެ.

އެހެންކަމުން ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލައާމެދު ވީހާވެސް އަވަހަށް ގޮތެއް ނިމިގެންދިއުމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު އަމާންކަމާއި އޮމާންކަމާއެކު ހިންގުމަށް ކޮންމެހެން ޒަރޫރަތްތެރި ކަމެއްކަމުގައި ޑރ.އަޙްމަދު ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް