ހުޅުމާލެ ތިނެއްގެ ފުރަތަމަ ބައި ހިއްކައި ނިމި އިތުރު ބިން ހިއްކަން ފަށައިފި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ފުރަތަމަބައި ހިއްކާ ނިމިއްޖެކަމަށް އާބަންކޯއިން ބުނެފިއެވެ.

ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތިދޭން ނިންމާފައިވާ ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކަން ފެށީ މިދިޔަމަހުގެ 22 ގައެވެ. އެ މަޝްރޫޢު ކުރިއަށް ގެންދަނީ ތިން މަރުޙަލާއަކަށް ބަހާލައިގެންނެވެ.

އާބަންކޯއިން ބުނީ ފުރަތަމަ ހިއްކަން ނިންމާފައިވާ ސައިޓް އޭގެ 10 ހެކްޓަރު ބިން މިހާރު ހިއްކައި ނިމިފައިވާ ކަމުގައެވެ.

ސައިޓް ބީގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، އެހެންވެ، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުފަހަރު 22 އޮކްޓޯބަރު ވާ އާދީއްތަ ދުވަހުގެ ކުރިން ނަގައިދިނުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. ސައިޓް ބިން ހިއްކަނީ 53 ހެކްޓަރުގެ ބިމެވެ.

ފޭސް ތިނެއްގެ ގޮތުގައި ހުޅުމާލެ ފަޅުތެރެއިން ހިއްކަން ހަމަޖެހިފައިވަނީ 63 ހެކްޓަރުގެ ބިމެވެ.

އާބަންކޯއިން އެ މަސައްކަތް 259.2 މިލިއަން ޑޮލަރަށް ޙަވާލުކޮށްފައިވަނީ ލަންކާގެ ކެޕިޓަލްމެރިން އެންޑު ސިވިލް ކޮންސްރަކްޝަން ކޮމްޕެނީ (ސިއެމްސީ)އާއިއެވެ. އެ މަޝްރޫޢުގައި ހިމެނެނީ ބިންހިއްކުމުގެ އިތުރުން ރިވެޓްމެންޓް ޖެހުމާއި ހުޅުމާލެ ފޭސް ތިނެއްގެ މަގުތައް ހެދުމާއި ފާލަން ހެދުމާއި ޖެޓީ ހެދުމެވެ.

ސީއެމްސީގެ ޒިންމާއަކީ ކޮންޓްރަކްޓް ފައިނޭންސް އުޞޫލުން އެ ހުރިހާ ސަރަހައްދެއްގައި މަސައްކަތް ކުރުން ކަމަށް ވެސް އާބަންކޯއިން ބުންޏެވެ. އެ މަސައްކަތަށް އެ ކުންފުނިން ސަބްކޮންޓްރެކްޓަރުން ބޭނުން ކުރަމުންދާކަމަށް ވެސް އާބަންކޯއިން ބުންޏެވެ.

އެގޮތުން ބިންހިއްކުން ޙަވާލު ކޮށްފައިވަނީ ބޮސްކާލިސްއާއެވެ.

އެ މަޝްރޫޢުގެ ޖުމްލަ އަގު އަދާކުރަނީ ޕޭމެންޓް ޕްލޭނެއްގެ ދަށުންނެވެ. އެގޮތުން ފައިސާ ހޯދުމަށް ނިންމާފައިވަނީ ހުޅުމާލޭގެ 10 ހެކްޓަރު ބިމާއި ތިލަފުށިން 9.8 ހެކްޓަރުގެ ބިން ހިއްކައިގެން ކަމަށް އާބަންކޯއިން ބުންޏެވެ.

މިސަރުކާރުން ބުނެފައިވާ ގޮތުން މިދައުރު ނިމުމުގެ ކުރިން އެސަރަހައްދު ހިއްކައި މާލޭގެ ރައްޔިތުންނަށް ގޯތި ޙަވާލު ކުރާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް