އިސްރާއީލުން ހަމާސް އާ ދެކޮޅަށް ރަސްމީގޮތުން ހަނގުރާމަ ޢިއުލާން ކޮށްފި

Loading

October 9, 2023
profile
Facebook
Twitter
WhatsApp

އެސޯޝިއޭޓެޑް ޕްރެސް ޓެލްއަވީވުން ޚަބަރުދީފައިވާ ގޮތުގައި  ދެކުނު އިސްރާއީލުގެ މަގުތަކުގައި ހަމާސްގެ ހަނގުރާމަވެރިންނާއި އިސްރާއީލުގެ ސިފައިންގެ ކުރިމަތިލުންތައް ހިނގަމުންދާއިރު އިސްރާއީލުން ގެންދަނީ ގާޒާގެ ޢިމާރާތްތައް ބިމާހަމަކުރަމުންނެވެ.

ހަމައެއާއެކު އިސްރާއީލުގެ އުތުރު ސަރަޙައްދުގައި ލެބަނަންގެ ހިޒްބު ﷲ ގެ ހަނގުރާމަވެރިންނާއި އިސްރާއީލުގެ ސިފައިންނާ ދެމެދު ހިނގާދިޔަ ކުރިމަތި ލުމުގެ ސަބަބުން އެ ސަރަޙައްދުގެ ބޯޑަރުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ.އިސްރާއީލު ސަރުކާރުން މިހާރު ވަނީ ރަސްމީގޮތުން ހަމާސްއާއި ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފައެވެ.

މީގެ ކުރިންވެސް އިސްރާއީލާއި ހަމާސް އަދި ޙިޒްބުﷲ އާއި ދެމެދު އެތައް ހަނގުރާމައެއް ކުރެވިފައި ވެއެވެ. އެހެންނަމަވެސް ހަނގުރާމަ ޢިއުލާން ކޮށްފައި މިވަނީ ހަމައެކަނި މިފަހަރުއެވެ. މިފަހަރު ކަނޑައެޅިގެން ހަނގުރާމަ ޢިއުލާން ކުރި ސަބަބެއް މީޑިއާކަށް ހާމައެއް ނުކުރެއެވެ.

މިހާރު އެންމެބޮޑަށް އުފެދިފައިވާ ސުވާލަކީ އިސްރާއީލުން ގާޒާއަށް އެއްގަމު މަގުން ހަމަލާދޭންވެސް ފަށާފާނެ ތޯއެވެ. މީގެ ކުރިން އެއްގަމު މަގުން ދީފައިވާ ޙަމަލާތަކުން ވަރަށް ބޮޑެތި ގެއްލުންތަކެއް ގާޒާއަށް ވަނީ ލިބިފައެވެ.

ހަމަ އެއާއެކު ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވަނީ މިފަހަރުގެ ހަނގުރާމަ އަވަހަށް ނިންމާލެވިދާނެ ކަމަށް ނުބެލޭކަމަށެވެ. އެހެންނަމަވެސް ޙަމާސްއިން ވަރަށް ބޮޑު އަގެއް މިފަހަރު އަދާކުރަން ޖެހޭނެ ކަމަށެވެ. ހަމަ މިމޭރުމުން ޙަމާސްއިން ބުނެފައިވަނީ އެ ޖަމާޢަތުން ތިބީ ކިތަންމެ ދިގު ހަނގުރާއަކަށްވެސް ތައްޔާރު ވެގެންކަމަށެވެ.                                                             

ގާޒާގެ ހަނގުރާމަ ވެރިން އިސްރާއީލަށް އެއްވެސް އެނގުމަކާނުލައި އިސްރާއީލުގެ ތެރެއަށް ވަދެ ދިން ޙަމަލާއަށް 24 ގަޑިއިރު ފާއިތުވެގެން ދާއިރު ވެސް އިސްރާއީލުގެ ވައިގެ ދިފާއު ފޫއަޅުވާލުމަށްފަހު އެތައް ހާސް ރޮކެޓް ޙަމަލާއަކާއި އިސްރާއީލުން ވަނީ ކުރިމަތިލާން ޖެހިފައެވެ.

މިޙަމަލާތަކުގައި އިސްރާއީލުގެ ސަލާމަތީ ހުރަސްތައް ފުޑުފުޑު ކޮށްލުމަށްފަހު މަދުވެގެން އާންމުންގެ 600 މީހުންނާއި އިސްރާއީލު ސިފައިންގެ 44 މީހުން މަރުވެ 2000 ވަރަކަށް މީހުން ކޮންމެ ފަރާތަކުންވެސް ޒަޚަމް ވެފައިވާ ކަމަށެވެ.

އަދި މުސްކުޅިންނާއި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭގޮތުގައި ވަރަށް ގިނަ ބަޔަކު ރަހީނު ކޮށްގެން ގާޒާގެ ބަނދަރުމަތީގައި ހުންނަ ހަމާސްގެ މިލިޓްރީ އެންކްލޭވްތަކަށް ގެންގޮސްފައި ވާކަމަށް ޚަބަރުތައް ބުނެއެވެ.

އަދި އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފާތިބި ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރުމަށްޓަކައި ރަހީނުކުރެވުނު މީހުން ބޭނުންކުރާނެ ކަމަށްވެސް ޚަބަރުތަކުގައި ބުނެފައިވެއެވެ.

އިތުރު ޚަބަރުތަކުން އެނގިފައިވާ ގޮތުގައި ރަހީނުކޮށްފައިވާ މީހުންގެ ސަލާމަތަށް މަސައްކަތްކޮށް ދިނުމަށް އިސްރާއީލު ސަރުކާރުން ވަނީ މިސްރު ސަރުކާރުގައި އެދިފައެވެ. 

މިއީ ފާއިތުވެގެން މިދާ ޒަމާންތަކުގައިވެސް އިސްރާއީލަށް ފަލަސްތީނުންގެ ފަރާތުން ލިބިދެވިފައި ވާކަހަލަ ގެއްލުމެއް ނޫނެވެ. މީގެ އިތުރުން ގާޒާއިންވެސް 300 މީހުން މަރުވަފައިވާ ކަމަށް ބުނެއެވެ. ސީ. އެން. އެން. އަށް ދެއްވި ބަސްދީ ގަތުމެއްގައި ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވެފައިވަނީ ގިނަ އަދަދެއްގެ އެމެރިކާ ރައްޔިތުންވެސް މަރުވެ ނުވަތަ ގެއްލިފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި އެކަން ދެނެގަތުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އިސްރާއީލަށް މިހާ ބޮޑެތި ގެއްލުމެއް ދެވުނު ސަބަބެއްކަމުގައި ބެލެވެނީ އެގައުމުގެ ކުޑަ ސަރަޙައްދު ރައްކާތެރިކޮށް ބެލެހެއްޓުމުގައި ފަރުވާ ކުޑަކުރެވިފައިވާ މިންވަރާއެކު މާބޮޑަށް އަމިއްލަ ނަފްސަށް އިތުބާރު ބޮޑުވުމެވެ. މިސްރުގެ އިސްކަންދަރިއްޔާގައި ފުލުހުންގެ އޮފިސަރަކު އިސްރާއީލުގެ އަނިޔާވެރިކަންފެނި ރުޅިގަދަވެ އިސްރާއީލުގެ 2 ޓްއަރިސްޓަކު ބަޑިޖަހާ މަރާލާފައިވާ ކަމަށްވެސް ޚަބަރުތަކުގައި ބުނެފައި ވެއެވެ. 

މިސްރާއި އިސްރާއީލަކީ ސުލްޙައިގެ މުޢާހަދާއެއްގެ ދަށުން ދެ ގައުމަށް ޙިމާޔަތް ލިބިދީފައިވާ ދެ ގައުމެވެ. އެހެންނަމަވެސް މިސްރުގެ އާންމު ރައްޔިތުންގެ ވިސްނުމުގައި ޔަހޫދީންނަކީ ހަމަ ދުޝްމިނުންނެވެ.                                                              

ޙަމާސްގެ ޙަމަލާތަކަކީ ޙައްގު ދިފާއެއް ކަމުގައި ވިދާޅުވެ އީރާނުގެ ރައީސް އިބަރާހިމް ރައީސީ ވަނީ ތައުރީފް ކުރައްވާފައެވެ. އީރާނަކީ އަބަދުވެސް ފަލަސްތީނުގެ މަދަދުގާރެކެވެ. އަދި ޙަމާސްގެ ލީޑަރ އިސްމާޢީލް ހަނިއްޔާ އަށާއި އިސްލާމިކް ޖިހާދުގެ ލީޑަރ ޒިޔާދު އައްނަޚަލާއަށް ފޯނުންގުޅުއްވާ ވާހަކަފުޅު ދައްކަވާ ތަޢުރީފުގެ ބަސްފުޅުތައް ރައްދުކުރެއްވިއެވެ.

ހަމާސްގެ މިލިޓްރީ ވިންގް ގެ ލީޑަރ މުޙައްމަދު ދައިފް ވިދާޅުވީ  އޮޕަރޭޝަން އަލް އަގްސާ ސްޓޯމްގެ (އަގްސާ ތޫފާނުގެ) ނަން ދެވިފައިވާ މިޙަމަލާތަކަކީ 16 އަހަރު ވަންދެން އިސްރާއީލުން ގާޒާ ހިސާރު ކޮށްފާ އޮތުމުގެ ބަދަލު ހިފުމެވެ.ނަތީޖާއަކަށް ވާންޖެހޭނީ ފަލަސްތީނު މިނިވަންވުންކަމުގައި ވިދާޅުވިއެވެ.                                               

Loading

One Response

Leave a Reply to Didi Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް