އެމެރިކާއާއި އިންޑިއާއިން ހިއްސާކުރަނީ މަސްލަހަތު, އަޚުލާޤީ އުސޫލުތަކެއް ނޫން

Loading

Facebook
Twitter
WhatsApp

މިއީ އެތައް އަހަރުތަކެއްވާންދެން ކަންކަން ހިނގާފައިވާ ގޮތެވެ. އެމެރިކާގެ ސިޔާސަތުތައް ލިޔާ ފަރާތްތަކުން އިންޑިއާއަށް ދަތުރުކުރާ ކޮންމެ ފަހަރަކު ވެސް އެ ގައުމުގެ ސިޔާސީ އުސޫލުތަކާއި، ގެންގުޅޭ ސިޔާސަތުތަކާއި، ގައުމީ ސިންދަފާތުގެ އިތުރުން ދެ ގައުމުން ހިއްސާކުރާ އަޚްލާޤީ އުސޫލުތަކުގެ ވާހަކަތައް ދައްކައި އެއަށް ސަނާ ކިޔައި އުޅެއެވެ. އެމެރިކާގެ އެތައް ރައީސުންނެއް މީގެ ކުރިން ބުނެފައިވާ ގޮތުގައި ”ދުނިޔޭގެ އެންމެ ދުވަސްވީ ޑިމޮކްރަސީ“ އާއި ”ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ“ ގުޅުވައިދެނީ ދެ ގައުމުން ހިއްސާކުރާ އެއްގޮތް އަޚްލާޤީ މިންގަނޑުތަކުގެ ސަބަބުން ކަމަށެވެ. މިއީ ބޮޑު ވާހަކައެއް ނަމަވެސް، އެމެރިކާއިން އެ ދައްކަނީ ހުސް ވާހަކައެއް ނޫނެވެ. އެމެރިކާގެ ޕޮލިސީ މޭކަރުންގެ ނަޒަރުގައި، އެމެރިކާއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމުގެ އަސާސަކީ ދެ ގައުމުން ހިއްސާކުރާ ތަދުބީރީ، ދިމިގުރާތީ ސިޔާސަތުތަކެއްގެ ނަތީޖާއެވެ. އެފަރާތްތަކުން ގަބޫލުކުރާގޮތުގައި ދުނިޔޭގެ އެންމެ ބޮޑު ދިމިގުރާތީ ދެބާރު ކަމުގައިވާ އިންޑިއާއާއި އެމެރިކާއާ ދެ ގައުމުން ދުނިޔޭގެ އެކި މައްސަލަތަކާ ގުޅޭގޮތުން ގެންގުޅޭ ފިކުރުތަކާއި، ދެ ގައުމުގެ މަސްލަހަތު އެއްގޮތް ނުވުމަކީ ނާދިރު ކަމެކެވެ. 

ދިމިގްރާތީ އުސޫލުތަކަކީ އެމެރިކާ-އިންޑިއާ ގުޅުމުގެ ބިންގާ ކަމުގައި ދެކުމަކީ ގަބޫލުކުރަންދަތި ވިސްނުމެކެވެ. އަދި މިއަދު ހާލަތަށް ރިއާޔަތްކުރާނަމަ ދޯހަޅި ވިސްނުމެކެވެ. އެއީ ދެގައުމު ހިއްސާކުރާ އަޚްލާޤީ އުސޫލުތަކެއް އޮންނަ ވާހަކައަކީ ޅޮސްއުނދޯއްޔަށް އެރުވުން ކަހަލަ ކަމެކެވެ. 

މީގެ 9 އަހަރު ކުރީން އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ މަގާމަށް އިސްވުމަށްފަހު، އިންޑިއާއަކީ ދިމިގުރާތީ ނިޒާމަށް ފެތޭ ގައުމެއްކަމަށް ބުނެވޭނެކަމާމެދު ވަނީ ޝައްކުއުފެދިފައެވެ. ”ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ“ކަމަށް އެބުނާ އިންޑިއާގައި އެގައުމުގެ މުސްލިމް އާބާދީއާއި ދެކޮޅަށް މާރާމާރީއާއި ތަޅާފޮޅުމުގެ މާހައުލެއް އާލާވެ އުފެދިފައިވާއިރު، ސިޔާސީ ވެރިން ގެންދަނީ މިފަދަ ސިޔާސަތުތަކަށް ފާޅުގައި ތާއީދުކޮށް ކުރިއަރުވަމުންނެވެ. އަދި އެތައް މުސްލިމް ރައްޔިތުންގެ ރަށްވެހިކަން ނިގުޅައިގަތުމަށް މަސައްކަތްތަކެއް ކުރެވެމުން އަންނައިރު، ޒިންމާދާރު ނޫސްވެރިކަމަށް ހުރަސްއަޅައި، އިދިކޮޅު ފަރާތްތަކުގެ އަޑުވެސް ކަނޑާލީއެވެ. އެހެންކަމުން، ޑިމޮކްރަސީއަށް ތާއީދުކުރާ ފަރާތްތަކުގެ ބައިވެރިއެއްކަމަށް ދައުވާކުރާ ބައިޑަން އެޑްމިނިސްޓްރޭޝަނުން އިންޑިއާއަކީ އެ ގައުމާއެކު ޑިމޮކްރަސީގެ އަޚްލާޤީ އުސޫލުތަކެއް ހިއްސާކުރާ ގައުމެއް ކަމަށް ބުނާ ކޮންމެ ފަހަރަކީ އެމެރިކާ ސަރުކާރުގެ ސިޔާސަތުތަކާމެދު ސުވާލު އުފެދޭ ހާލަތެއް ކަމަށް ވަނީ ވެފައެވެ. 

އެހެންނަމަވެސް، އަދާހަމައަށް ދާންދެން ވެސް އޭޝިއާ ބައްރުގައި އެމެރިކާގެ ސަލާމަތީ މަސްލަހަތަށްޓަކައި އިންޑިއާ ނޫން އެހެން ގޮތެއް އެމެރިކާއަށް ހޯދިފައެއް ނުވެއެވެ. އެހެންކަމުން، ދިމިގުރާތީ ގުޅުމެއް ކަމަށް ބުނެ ކުރިއަރުވަމުންދާ އެމެރިކާ-އިންޑިއާގެ ރަހުމަތްތެރިކަމުގެ ގުޅުމަކީ ހަމައެކަނި މަސްލަހަތީ ގުޅުމެއްކަން ސާފުކޮށް އެނގެއެވެ. އަދި ޚާއްސަގޮތެއްގައި ފާހަގަކުރެވޭ އަނެއް ކަމަކީ އިންޑިއާއިން އިންޑިއާ ކަނޑު ކޮންޓްރޯލްކުރުމަށް މަސައްކަތްކުރާއިރު، އެމެރިކާގެ މަޤްޞަދަކަށްވަނީ ޗައިނާގެ އަސްކަރީ ބާރަށް ގޮންޖަހާލުމެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް